about 3 hours 0
about 3 hours 0
ލަންޑަން (ފެބްރުއަރީ 11) - މި ފަަހަރުގެ އިނގިރޭސި ޕްރިމިއާ ލީގުގައި ރަނގަޅު ހިސާބެއްގައި ނިންމައިގެން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ލިވަޕޫލް ކޮލިފައިނުވެއްޖެނަމަ މިއީ ލިވަޕޫލަށް ދަށް ސީޒަނެއް ކަމަށް އެ ޓީމުގެ ކޯޗަކަށް ހުރި ނެދަލެންޑްސްގެ އާނާ ސްލޮޓް ބުނެފި އެވެ.
ޗެމްޕިއަންސް ލީގަށް އާންމު ގޮތެއްގައި، ޕްރިމިއާ ލީގުން ހަތަރު ޓީމު ކޮލިފައިވާއިރު، މި ފަހަރުގެ ލީގުގެ ގަދަ ފަހަކަށް ޗެމްޕިއަންސް ލީގުގެ ޖާގަ ލިބެ އެވެ.
މި ވަގުތުގެ ޕޮއިންޓް ތާވަލަށް ބަލާއިރު، ހަތަރެއްގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 26 މެޗުން 45 ޕޮއިންޓް ލިބިފައިވާއިރު، ޗެލްސީ، ފަސް ވަަނައިގައި އޮތީ 26 މެޗުން 44 ޕޮއިންޓާ އެކު އެވެ. ހަ ވަނައިގައި އޮތް ލިވަޕޫލަށް 25 މެޗުން 39 ޕޮއިންޓް ލިބިފައިވާއިރު، ހަތް ވަނައިގައި އޮތް ބްރެންޓްފޯޑަށް ވެސް ވަނީ 25 މެޗުން 39 ޕޮއިންޓް ލިބިފަ އެވެ. ލިވަޕޫލުން މިރޭ ސަންޑަލެންޑާ ކުޅޭއިރު، ބްރެންޓްފޯޑުން ބައްދަލުކުރާނީ ލީގުގެ އެއް ވަނައިގައި އޮތް އާސެނަލާ އެވެ.
ސަންޑަލެންޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ސްލޮޓް ބުނެފައިވަނީ، ލީގުގައި ބާކީ ހުރި މެޗުތަކުގައި ވަރަށް ރަނގަޅަށް ކުޅެގެން ނޫނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގަ ޔަގީންކުރަން އުނދަގޫވާނެ ކަމަށެވެ.
"އަހަރެމެންނަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފުރުސަތު ނުލިބިއްޖެނަމަ، މިއީ، އަހަރެމެންނަށް ރަނގަޅު ސީޒަނެއް ނޫން،" ސްލޮޓް ބުންޏެވެ.
ލިވަޕޫލްގެ ކޯޗަކަށް ނުވަ އަހަރު ހުރި ޔާގަން ކްލޮޕް އެ ޓީމު ދޫކޮށްލުމުން، އެ ޒިންމާއާ ހަވާލުވެ، ފުރަތަމަ ސީޒަނުގައި ސްލޮޓް ވަނީ ލިވަޕޫލަށް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ. އަދި، އޭގެ ފަހުން، މި ސީޒަނުގައި ޓީމު ވަރުގަދަކުރަން 500 މިލިއަން ޑޮލަރަށް ވުރެން އިތުރަށް ހަރަދުކުރި ނަމަވެސް، ލިވަޕޫލްގެ ނަތީޖާ ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. އަދި، މި ދަށް ނަތީޖާތަކާ ހުރެ، ސްލޮޓަށް ވަނީ މަގާމުގެ ޕްރެޝަރު ވެސް ބޮޑުވެފަ އެވެ.
މި ސީޒަނުގައި ލީގުގައި ކުޅުނު މެޗުތަކުން 11 މެޗުން މޮޅުވިއިރު، އަށް މެޗުން ބަލިވެ، ހަ މެޗުން ވަނީ އެއްވަރުވެފަ އެވެ. ކުރިން ފެޔަނޫޑަށް ކޯޗުކޮށްދިން ސްލޮޓް ބުނީ، މިއީ ކޯޗިން ކެރިއަރުގައި އޭނާ އަށް އެންމެ ޗެލެންޖިން ސީޒަން ކަމަށެވެ.
ލިވަޕޫލާ ދެކޮޅަށް މިރޭގެ މެޗުގައި ކުޅޭ ސަންޑަލެންޑުން އަދި މި ސީޒަނުގައި އަމިއްލަ ދަނޑުގައި ލީގުގެ މެޗަކުން ބަލިވެފައިނުވެ އެވެ. މި އަހަރު (2026) ފެށި ފަހުން ލީގުގައި ލިވަޕޫލަށް ލިބުނީ އެންމެ މޮޅެކެވެ.
Comment