Advertisement

ސްލޮޓް އާއި ސަލާހުގެ މައްސަލައިގައި ޖެރާޑް ދިން ހައްލަށް ސަމާލުކަން

12 ޑިސެންބަރު 2025 - 09:59 0


ސްލޮޓް އާއި ސަލާހުގެ މައްސަލައިގައި ޖެރާޑް ދިން ހައްލަށް ސަމާލުކަން

12 ޑިސެންބަރު 2025 - 09:59 0

ލިވަޕޫލްގެ މިސްރު ތަރި މުހައްމަދު ސަލާހު، އެ ޓީމުގެ ކޯޗު ނެދަލޭންޑްސްގެ އާނާ ސްލޮޓަށް ފާޑުކިޔުމާ އެކު، ލިވަޕޫލް ތެރޭގައި އުފެދިފައި އޮތް މައްސަލަ އަށް އެ ޓީމުގެ ކުރީގެ ލެޖެންޑަރީ ކެޕްޓަން ސްޓީވެން ޖެރާޑް ދިން ހައްލަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިއްޖެ އެވެ.

މި މައްސަަލައިގައި އިނގިރޭސި ގިނަ މީޑިއާތަކުގެ އިތުރުން ބައިނަލްއަގުވާމީ ގިނަ ނޫސްތަކުގައި ވެސް ވަނީ އެކިއެކި ފަރާތްތަކުގެ ވިސްނުން ހިއްސާކޮށްފަ އެވެ. އެ ގޮތުން، ލިވަޕޫލަށް ކުރިން ކުޅުނު ކުޅުންތެރިންނާއި ކޯޗުންގެ އިތުރުން، ފުޓްބޯޅައިގެ ޕަންޑިޓުންގެ އިތުރުން މިސްރު ގައުމީ ޓީމުގެ ކުޅުންތެރިން ވެސް ވަނީ ޝުއޫރުފާޅުކޮށްފަ އެވެ.

ސްލޮޓާއި ސަލާހުގެ މައްސަލަ ފެށުނު ގޮތް

ސްލޮޓާއި ސަލާހާ ދެމެދު މައްސަލަ ޖެހުނު އެންމެ ބޮޑު ސަބަބަކީ އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު، ލީޑްސް ޔުނައިޓެޑް ދަނޑުގައި ލިވަޕޫލުން ފަހު ވަގުތު 3-3 އިން އެއްވަރުވި މެޗަށް ފަހު، ސަލާހު ނޫސްވެރިންނަށް ދިން އިންޓަވިއުއެއްގެ ސަބަބުންނެވެ.

ލީޑްސް މެޗުގައި، ސަލާހަށް އެއްވެސް ވަރަކަށް ކުޅުމުގެ ފުރުސަތު ދީފައިނުވެ އެވެ. އަދި، މިއީ، ސަލާހު ބެންޗުން ފެށި ޖެހިޖެހިގެން ތިން ވަނަ މެޗެވެ. މިއީ، 2017 ވަނަ އަހަރު ލިވަޕޫލަށް ސޮއިކުރި ފަހުން ސަލާހު މި ގޮތަށް ބޭނުންކުރާ ފުރަތަމަ ފަހަރެވެ.

އެ މެޗަށް ފަހު ދިން އިންޓަވިއުއެއްގައި ސަލާހު ބުނީ، ކޮންމެވެސް މީހެއް ބޭނުންވަނީ މިހާރު ލިވަޕޫލް އޮތް ހާލަތުގެ ޒިންމާ އޭނާ ބޮލުގައި އަޅުވަން ކަމަށާއި މީގެ ކުރިން ސްލޮޓާ އެކު ވަރަށް ރަނގަޅު ގުޅުމެއް އޮތް ނަަމަވެސް މިހާރު އެ ގުޅުން ނެތް ކަމަށެވެ.

"އަހަންނަށް މިހާރު ފެންނަ ގޮތުގައި ކޮންމެ ވެސް މީހެއް އަހަރެން މި ކްލަބްގައި ހުންނަން ބޭނުމެއް ނުވޭ. މި ކްލަބުން އަހަރެން ބަސް ދަށަށް އެއްލާލައިފި، އެހެން އަހަންނަށް އިހުސާސް ކުރެވެނީ، ވަރަށް ސާފުކޮށް އެބަ އެނގޭ މީގެ އަހަންނަކީ މައްސަލަ ކަމަށް ހަދަން ބަޔަކު އެބަ ބޭނުންވޭ،" ލިވަޕޫލަށް 420 މެޗުން 250 ލަނޑު ޖަހައިދިން ސަލާހު ބުންޏެވެ.

ލިވަޕޫލަށް އަބަދުވެސް ސަޕޯޓްކުރާނެ ކަމަށާއި އެކަން ބަދަލެއް ނުވާނެ ކަމަށް ސަލާހު ވަނީ ބުނެފަ އެވެ. އަދި، ސަލާހު ބުނީ، އޭނާ ދެކޭގޮތުގައި ލިވަޕޫލްގައި މިހާރު އޮތް މައްސަލަަ އަކީ އޭނާގެ ސަބަބުން ދިމާވެފައި އޮތް ކަމެއް ނޫން ކަމަށެވެ. އަދި، ލިވަޕޫލަށް ޓަކައި އޭނާ ވަރަށް ގިނަ ކަންތައްތަކެއް ކޮށްދީފައިވާނެ ކަމަށާއި އަބަދު އެކަން ސާބިތުކޮށްދޭން ޖެހުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށް ސަލާހު ވަނީ ބުނެފަ އެވެ.

"ކޮންމެ ދުވަހަކު އަހަރެން މަގާމަށް ފައިޓްކުރަން ޖެހޭ ގޮތަށް އޮންނަ އޮތުމަކީ ހަގީގަތެއް ނޫން، އަހަރެންގެ ވެސް އަމިއްލަ މަސަައްކަތުން ހާސިލްކުރި ކަންކަން މި ކްލަބްގައި އޮންނާނެ. އަހަންނަކީ އެއްވެސް މީހަކަށް ވުރެން ބޮޑު މީހެއް ނޫން. އެކަމަކު، އަމިއްލަ މަސައްކަތުން ހޯދި މަގާމު އޮންނާނެ. މިއީ ފުޓްބޯޅައިގެ ވާހަަކަ. މިއީ މިކަން އޮތް ގޮތުގެ ވާހަކަ،" މިދިޔަ ސީޒަނުގައި، ލިވަޕޫލަށް ދެ ވަނަ ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބުކުރުމަށް ފަހު، ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރި ސަލާހު ބުންޏެވެ.


އެ އިންޓަވިއު މައްސަލައިގައި، ލިވަޕޫލުން ސަލާހާ އެކު، ބައްދަލުވުމެއް ބާއްވައި، މި ހަފްތާގައި ޗެމްޕިއަންސް ލީގުގައި އިންޓަ މިލާނާ ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑުން ސަލާހު ބާކީކުރި އެވެ. އިންޓަ އަތުން 1-0 އިން ލިވަޕޫލް މޮޅުވި މެޗުގެ ކުރިންނާއި މެޗުގެ ފަހުން ވެސް ސްލޮޓަށް ވަނީ ސަލާހާ ގުޅޭ ގިނަ ސުވާލުތަކަކަށް ޖަވާބުދޭން ޖެހިފަ އެވެ.

މެޗުގެ ކުރިން ސްލޮޓް ބުނީ، ސަލާހު ދެއްކި ވާހަކަތަކާ ހެދި ލިވަޕޫލުން ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި، މި ފަދަ ހާލަތެއްގައި ފިޔަވަޅެއް ނޭޅޭހާ އޭނާ އަކީ ބަލިކަށި މީހެއް ނޫން ކަމަށް ވެސް ސްލޮޓް ބުނެފައިވެ އެވެ.

އާންމު ގޮތެއްގައި އަހަންނަކީ ވަރަށް ހަމަޖެހިގެން މަޑުން ހުންނަ މީހެއް، އެކަމަކު އޭގެ މާނަ އަކީ އަހަންނަކީ ބަލިކަށި މީހެކޭ އެއް ނޫން،" ސްލޮޓް ބުންޏެވެ.

"ކުޅުންތެރިއަކު އެ ކަހަލަ ގޮތަކަށް އަހަންނާއި ކްލަބާ މެދު ވާހަކަ ދައްކައިފިއްޔާ، އެއީ ރަނގަޅެއް ނޫން، މީޑިއާގައި އެކަން ކުރުމަކީ އޮންނަން ޖެހޭ ގޮތެއް ނޫން، މި ކަންކަމުގެ ނަތީޖާ ފެންނަން އެ އޮތީ އޭނަ އެއް ޓީމަކު ނެތް،"

މެޗަށް ފަހު، ނެދަލެންޑްސްގެ ލެޖެންޑަރީ ތަރި ކްލަރެންސް ސީޑޯފް ކުރި ސުވާލަކަށް ޖަވާބުދެމުން ސްލޮޓް ބުނެފައިވަނީ، ކްލަބެއްގެ ތެރޭގައި ކަންކަން އަބަދުވެސް ހިނގާނެ ކަމަށާއި އެކަމަކު، ކުޅުންތެރިންނާއި ކޯޗު ވެސް ހިމާޔަތްކުރަން ޖެހޭނީ ކްލަބް ކަމަށެވެ. އެކަމަކު، ސަލާހުގެ މި އިންޓަވިއުގެ ކަންކަމުގައި ގެއްލުން ލިބުނީ ކްލަބަށް ކަމަށް ސްލޮޓް ވަނީ ބުނެފަ އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޕްރިމިއާ ލީގުގައި ބްރައިޓަންއާ ދެކޮޅަށް ލިވަޕޫލް ދަނޑުގައި މާދަމާރޭ ކުޅޭ މެޗުގެ ޓީމު ފައިނަލް ކުރުމުގެ ކުރިން ސަލާހާއި ސްލޮޓް އަދި ލިވަޕޫލްގެ ޓީމު މެނޭޖްމަންޓްގެ ސީނިއާ މީހުންނާ ބައްދަލުވުމެއް އޮންނާނެ އެވެ. މިއީ، މި މަހު 15 ވަނަ ދުވަހު އެފްރިކަން ކަޕްގައި މިސްރަށް ކުޅެން ދިއުމުގެ ކުރިން ސަލާހު، ލިވަޕޫލާ އެކު ހުންނާނެ ފަހު މެޗެވެ. ޖެނުއަރީ ޓްރާންސްފާ މާކެޓްގައި ސަލާހު ލިވަޕޫލުން ވިއްކާލާނަމަ، މިއީ، އޭނާ ލިވަޕޫލްގައި ފެންނާނެ ފަހު މެޗު ކަމަށް ވެސް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.


ޖެރާޑް ހުށަހެޅި ހައްލު

ލިވަޕޫލްގެ އެންމެންގެ އިހުތިރާމް ލިބިފައިވާ ތަރި، ޖެރާޑް ވަނީ "ޓީއެންޓީ ސްޕޯޓްސް" ގައި ވާހަކަ ދައްކަމުން ލިވަޕޫލްގައި މި ވަގުތު އެ އޮތް ހާލަތާ ބެހޭގޮތުން ވާހަކަ ދައްކައި، މާޒީން އިބްރަތް ހޯދައި މި ކަން ހައްލުކުރުން މުހިންމު ކަމަށް ބުނެފަ އެވެ.

ޖެރާޑް ބުނީ، ސަލާހު ދިން އިންޓަވިއުގައި އޭނާ ދައްކާފައި ހުރި ބައެއް ވާހަކަތަކަކީ ކުޅުމުގެ ފުރުސަތު ނުލިބޭތީ ޖަޒުބާތުގައި ޖެހިގެން ދެއްކިފައި ހުރި ވާހަކަތަކެއް ކަމަށެވެ. އެކަމަކު، ކޯޗާ ގުޅޭގޮތުން ދައްކާފައި ހުރި ވާހަކަ ތަކަކީ ކްލަބެއްގައި ހުރެ ކޮށްގެންވާނެ ކަމެއް ނޫންކަން ޖެރާޑް ފާހަގަކުރި އެވެ.

އޭނާ ބުނީ، ސަލާހާއި ސްލޮޓާ ދެމެދު ޖެހިފައިވާ މި ކަންތައްތަކުގައި ކެޕްޓަނެއްގެ ހައިސިއްޔަތުން ވާޖިލް ވެން ޑައިކް ވެސް މަަސައްކަތްކުރަން ޖެހޭނެ ކަމަށެވެ. އެކަމަށް މިސާލު ޖެހުމުގެ ގޮތުން، ޖެރާޑް ބުނެފައިވަނީ، މީގެ ކުރިން، ލިވަޕޫލްގެ ކޯޗަކަށް ބްރެންޑަން ރޮޖާސް ހުރިއިރު، އޭރު ލިވަޕޫލްގެ ތަރި ލުއިސް ސުއަރޭޒާ ވެސް މައްސަލަތަކެއް ކުރިމަތިވެ، އެކަންކަން ހައްލުކުރަން އަމިއްލަ އަށް އެހީތެރިވި ކަމަށެެވެ.

ސަލާހު އެ ދިން ޒާތުގެ އިންޓަވިއުއެއް ޖަޒުބާތުގައި ޖެހިގެން އޭނާ ވެސް ދީފައިވާނެ ކަމަށް ޖެރާޑް ބުނެފައިވެ އެވެ. އެއީ، 30 އަހަރު ފުރިގެން އެ ފަހުން، އައި ކެރިއަރުގެ ދުވަސްތަކުގެ ތެރޭގައި، މެންޗެސްޓާ ޔުނައިޓެޑާ ކުޅެގެން ރަތް ކާޑު ދެއްކި ފަހަރެއްގައި އޭނާ އަށް ވެސް ގޯހެއް ހެދުނު ކަމަށެވެ.

"އަހަރެމެން އެންމެނަށް ވެސް ޖަޒުބާތުގައި ޖެހިގެން ގޯސް ހެދޭ ފަހަރު އަންނާނެ. އަހަންނަށް ވިސްނޭ ގޮތުގައި ސަލާހަށް ވެސް މި ކަމުގައި ފަހުން ވިސްނޭނެ، އޭނަ ބުނެގެން ނުވާނެ އެއްޗެއް ބުނެވިފައިވާކަން. އެއީ މި ކަން ޖެހޭނީ ކްލަބްގެ ނަޒަރުން ވިސްނަން،" ޖެރާޑް ބުންޏެވެ.

ޖެރާޑް ބުނީ މި ކަމުގައި އެންމެ ރަނގަޅު ގޮތަކީ، އެންމެނަށް ވެސް ފެންނަން އޮތް ގޮތަށް ލިވަޕޫލަށް ސަލާހުގެ ބޭނުންތެރިކަން ބޮޑު ކަމަށާއި މި ކަމުގެ ހައްލު އަވަހަށް ހޯދުން ވެސް މުހިންމުކަން ކަމަށެވެ. އަދި، މި ކަމަށް ހައްލެއް ނުލިބި މި އޮތް މައްސަލަ ދިގުލައިދާނަމަ، މީގެ ފަހަތުގައި އާންމުންނަށް ނޭނގޭ ކަންތައްތަކެއް ހިނގާކަމަށް ޖެރާޑް ވަނީ ބުނެފަ އެވެ.


ސައުދީ އަަރަބިއްޔާގެ ކްލަބްތަކުގެ ހުށަހެޅުންތައް ސަލާހަށް

މިދިޔަ ސީޒަނަށް ފަހު ލިވަޕޫލްގެ ކޮންޓްރެކްޓް ހަމަވާ ގޮތަށް އޮތް ސަލާހު ވަނީ އެ ޓީމާ އެކު ދެ އަހަރަށް އެއްބަސްވުން އާ ކޮށްފަ އެވެ. އެކަމަކު، މިހާރު އެ ޓީމުގައި ކުރިމަތިވެފައި އޮތް މައްސަލައާ ހެދި ސަލާހު، އަންނަ މަހުގެ ޓްރާންސްފާ މާކެޓްގައި ލިވަޕޫލް ދޫކޮށްލުމުގެ ވާހަކަތައް މީޑިއާގައި އަންނަނީ ދެކެވެމުންނެވެ.

އެކަމަކު، އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ލިވަޕޫލްގެ ވިސްނުމަކީ ސަލާހު މަޑުކުރުވުމެވެ. އެކަމަކު، ސަލާހުގެ އޭޖެންޓް ރެމީ އައްބާސް، ސައުދީ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ ކްލަބްތަކާ ވާހަކަ ދައްކާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ސައުދީ ޕްރޯ ލީގުގެ ޗީފް، އޮމާރު މުގާބެލް ވިދާޅުވީ، ސަލާހަކީ އެ ލީގުގެ ކްލަބްތައް ޝައުގުވެރިވާ ކުޅުންތެރިއެއް ކަމަށާއި އަދި ލީގުގެ ހައިބަތު ބޮޑުކުރުމަށްޓަކައި ގެންނަން ޖެހޭ ލިސްޓުގައި ހިމެނޭ ވެސް ކުޅުންތެރިއެއް ކަމަށެވެ. އެކަމަކު، ސަލާހު ގެންނަން ޖެހޭނީ އޭނާ ވެސް މި ޕްރޮޖެކްޓަށް އެހީވެ، ސައުދީގައި ކުޅުމުގެ ވިސްނުމާއި ޝައުގުވެރިކަން ފުރިހަމަ އަށް ހުރިކަމަށްވާނަމަ ކަމަށް މުގާބެލް ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ އަހަރު އަލް ހިލާލް އިން ވަނީ ސަލާހަށް 160 މިލިއަން ޑޮލަރުގެ ބިޑެއް ކޮށްފަ އެވެ. އެކަމަކު، އޭނާ ވަނީ މިދިޔަ ސީޒަނުގައި ލިވަޕޫލަށް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިދޭން ބޮޑު ހިއްސާއެއް އަދާކޮށް އެ ޓީމާ އެކު، ހަދާފައިވާ އެއްބަސްވުން އާ ކޮށްފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން، އަލް ހިލާލުން އަންނަނީ ޖެނުއަރީގައި 50 މިލިއަން ޑޮލަރުގެ ޑީލެއްގައި ސަލާހުގެ ސޮއި ހޯދަން މަސައްކަތް ކުރަމުންނެވެ. އަދި، އެ ކްލަބުން ސަލާހުގެ އެޖެންޓް، ރެމީ އައްބާސްއާ އެކު ކުރިއަށް އޮތް ދުވަސްތަކުގައި ބައްދަލުވުންތަކެއް ބާއްވާނެ ކަމަށް ވެސް ސައުދީގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.