Advertisement

ގޯލްޑަން ފުޓްސަލް ޗެލެންޖު: މާރަންދޫ، ކެލާ، ދުވާފަރު އަދި އިނގުރައިދޫ އަތޮޅު ފައިނަލަށް

about 1 hour 0

އަލީ ހާފިޒު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ


ގޯލްޑަން ފުޓްސަލް ޗެލެންޖު: މާރަންދޫ، ކެލާ، ދުވާފަރު އަދި އިނގުރައިދޫ އަތޮޅު ފައިނަލަށް

about 1 hour 0

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026ގެ ހއ. އަތޮޅުގެ ސެމީ ފައިނަލް މެޗުތަކުން މޮޅުވެ، މާރަންދޫ އާއި ކެލާ އިން އަތޮޅު ފައިނަލަށް ދަތުރުކުރިއިރު، ރ. އަތޮޅުގެ ލީގު ބުރުގެ ފަހު މެޗުތަކުން މޮޅުވެ، ދުވާފަރާއި އިނގުރައިދޫން ފައިނަލުގައި ބައްދަލުކުރަން ޖެހިއްޖެ އެވެ.

އެ ގޮތުން، ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ހއ. ސެމީ ފައިނަލުގައި މާރަންދޫން ވަނީ 3-1 އިން ފިއްލަދޫ ބަަލިކޮށްފަ އެވެ. އަދި، މުރައިދޫ އަތުން ކެލާ މޮޅުވީ 2-1 އިންނެވެ. މާރަންދޫގެ ލަނޑުތައް ޖެހީ ހުމައިދު ހުސެއިން ދެ ގޯލާއި ޝަނީމް މޫސާ އެވެ. ފިއްލަދޫގެ ލަނޑު ޖެހީ މުހައްމަދު ޔާމިން އެވެ. މުރައިދޫގެ އަބްދުﷲ ހިޝާން ލަނޑު ޖެހިއިރު، ކެލާ މޮޅުވި ގޯލުތައް ޖެހީ އަބްދުﷲ އިހުސާން އާއި ގާސިމް އަތޫފް އެވެ.

ރ. އަތޮޅުގައި ރޭ އަލިފުށި އަތުން އިނގުރައިދޫ 4-1 އިން މޮޅުވިއިރު، ލަނޑުތައް ޖެހީ އަހުމަދު މަޝީދު ދެ ގޯލާއި އަލީ ހާފިޒް (ހާއްޕެ) އާއި އަހުމަދު އައިހަމް (އައިހު) ލަނޑެެކެވެ. އަދި، މި އަތޮޅު އަނެއް މެޗުގައި، ފައިނު އަތުން 7-1 އިން ދުވާފަރު މޮޅުވިއިރު، މުހައްމަދު އިސާމް (ޝަންޓެ) އާއި އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ)، ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހުމުގެ އިތުރުން ލަނޑުތައް ޖެހީ އިބްރާހިމް އަޒްމޫން، އިސްމާއިލް އަހުމަދު އަދި އަހުމަދު އީސާ އެވެ. ފައިނުގެ ހަމައެކަނި ލަނޑު ޖެހީ ރިލްވާން ޝަރީފް އެވެ.

ރ. އަތޮޅުގެ މެޗުތައް ނިމުނުއިރު، ތިން ޓީމަކަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ފައިނަލަށް ދާ ޓީމުތައް ކަނޑައެޅީ ލަނޑުގެ ތަފާތުންނެވެ. ރ. އަތޮޅުގެ އެއް ވަނަ ހޯދި ދުވާފަރަށް ހަ ޕޮއިންޓާއި ފައިދާ އަށް ގޯލު އެބައޮތެެވެ. ދެ ވަނަ ހޯދި އިނގުރައިދޫ އާއި އަލިފުށި ހަ ޕޮއިންޓުން އެއްވަރުވިއިރު، ލަނޑުގެ ތަފާތުން ފައިދާ ގޯލު ވެސް ވީ އެއްވަރެވެ. އިނގުރައިދޫ ފައިނަލަށް ދިޔައީ، ޖެހި ގޯލުން އަލިފުއްޓަށް ވުރެން އެއް ލަނޑު އިތުރުވުމުންނެވެ. މި ގްރޫޕްގެ ފުލުގައި އޮތީ ތިން މެޗުން ވެސް ބަލިވި ފައިނު އެވެ.

އއ. އަތޮޅުގައި އިއްޔެ ބޮޑުފޮޅުދޫން 5-1 އިން ހިމަންދޫ ބަލިކުރިއިރު، ތޮއްޑޫން ވަނީ 4-1 އިން މާޅޮސް ބަލިކޮށްފަ އެވެ. ބޮޑުފޮޅުދޫގެ އަހުމަދު މާއިން އާއި ޔޫނުސް ރައްޔާން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހިއިރު، އަނެއް ލަނޑު ޖެހީ ހުސެއިން ނަވާޒް އެވެ. ހިމަންދޫގެ ހަމައެކަނި ލަނޑު ޖެހީ އަހުމަދު މާއިޝް ޖަލީލް އެވެ. ތޮއްޑޫގެ އަލީ މިރުސާލް ދެ ގޯލު ޖެހިއިރު، އަނެއް ލަނޑުތައް ޖެހީ އަހުމަދު ރާއިން މުހުތާރު އާއި އަލީ މަނާލް މުސްތަފާ އެވެ. މާޅޮހުގެ ލަނޑު ޖެހީ އަލީ ފަލާހް އެވެ.

އއ. އަތޮޅުގެ ފައިނަލުގެ ދެ ވަނަ ޖާގަ ހޯދީ ބޮޑުފޮޅުދޫންނެވެ. މަތިވެރިން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދީ ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނަ އަށް ދިޔަ ބޮޑުފޮޅުދޫ އާއި ތިން ވަނައިގައި ނިންމި ތޮއްޑޫ އަށް ހަތަރު މެޗުން ހަ ޕޮއިންޓް ލިބުނުއިރު، ބޮޑުފޮޅުދޫން ފައިނަލަށް ދިޔައީ ލަނޑުގެ ތަފާތުންނެވެ. ހިމަންދޫ އަށް ހަތަރު ޕޮއިންޓް ލިބުނުއިރު، ފުލަށް ދިޔަ މާޅޮހުގެ އޮތީ ދެ ޕޮއިންޓެވެ.

ނ. އަތޮޅު ބުރުގައި ކުޅުނު ފަހު މެޗުތަކަށް ބަލާއިރު، ވެލިދޫ އަތުން ހެނބަދޫ 3-0 އިން މޮޅުވިއިރު، ހޮޅުދޫ އަތުން މާޅެންދޫ ވަނީ 2-1 އިން މޮޅުވެފަ އެވެ. މި ނަތީޖާއާ އެކު، މާޅެންދޫ ލީގު ތާވަލުގެ ކުރީގައި އޮތީ ހަތް ޕޮއިންޓާ އެކު އެވެ. އަދި ދެ ވަނައިގައި އޮތް ހޮޅުދޫ އަށް ހަ ޕޮއިންޓް ލިބިފައިވާއިރު، މި ދެ ޓީމުން އަތޮޅު ފައިނަލުގައި ބައްދަލުކުރާނެ އެވެ. ތިން ވަނައިގައި އޮތް ހެނބަދޫ އަށް ތިން ޕޮއިންޓް އަދި ފުލުގައި އޮތް ވެލިދޫ އަށް ޕޮއިންޓެއް ލިބިފައިވެ އެވެ.

ވ. އަތޮޅުގައި ރޭ ކުޅުނު މެޗުން ކެޔޮދޫ އަތުން ފެލިދޫ ބަލިވީ 1-0 އިންނެވެ. މި މެޗުގައި ކެޔޮދޫގެ ހަމައެކަނި ލަނޑު ޖެހީ އަޒްޔާން އާދަމް ރަޝީދު އެވެ. ފައިނަލުގަައި ކެޔޮދޫން ކުޅޭނީ ފުލިދޫއާ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިހާރު ކުރިއަށްދަނީ އަތޮޅު ބުރުގެ ފަހު މެޗުތަކެވެ. އެ ގޮތުން، މިރޭ ހަތަރު އަތޮޅެއްގެ ފައިނަލް މެޗު ކުޅެވިގެންދާނެ އެވެ.

މިރޭ ކުޅެން ހަމަޖެހިފައިވާ މެޗުތައް:

20:00 - ތ. އަތޮޅު ފައިނަލް: ތިމަރަފުށި - ކިނބިދޫ

20:00 - ތ. އަތޮޅު ފައިނަލް: އިސްދޫ - ގަން

22:00 - އދ. އަތޮޅު ފައިނަލް: މަހިބަދޫ - މަންދޫ

22:00 - ކ. އަތޮޅު ފައިނަލް: މާފުށި - ގާފަރު