Advertisement

އެންމެ ފަސް ހިއްސެއް ނޫން، 33 ހިއްސު ހިމެނޭ

about 2 hours 0


އެންމެ ފަސް ހިއްސެއް ނޫން، 33 ހިއްސު ހިމެނޭ

about 2 hours 0

އިންސާނާ ކަންކަން ތަސައްވަރު ކުރާ ދާއިރާގައި ހިމެނޭ ކަމަށް އަހަރެމެން ގަބޫލުކުރަނީ އެންމެ ފަސް ހިއްސެވެ. އެއީ އިވުމާއި ފެނުމާއި ވަސްދުވުމާއި ރަހަލުމާއި ބީހުން އިހްސާސްވުމެވެ. އަހަރެމެންގެ ވަށައިގެންވާ މާހައުލުގެ ފުރިހަމަ ތަސައްވުރެއް އަހަރެމެންގެ ސިކުނޑީގައި ކުރަހައިދެނީ މި ހިއްސުތަކުން ބުނެދޭ ބުނެދިނުންތަކުގެ މައްޗަށް ބިނާކޮށެވެ.

އެފަދަ އެއް މިސާލަކީ ފިނިހޫނުމިން ބަލައިގަންނަ ގޮތެވެ. އެއް ކޮޓަރިއެއްގައި ތިބޭ ދެމީހަކު އެ ކޮޓަރީގެ ފިނިހޫނުމިނާ މެދު ބުނާ ބުނުން ތަފާތުވެދާނެއެވެ. އެކަކު ބުނަނީ އެއީ ފިނި ކޮޓަރިއެއް ކަމަށެވެ. އަނެކަކު ބުނަނީ ހޫނު ކޮޓަރިއެއް ކަމަށެވެ. އަދި ތިން ވަނަ މީހަކު ހުރި ނަމަ، އާދައިގެ ފިނިހޫނުމިނެއްގައި ހުރި ކޮޓަރިއެއް ކަމަށް ވެސް ބުނެފާނެއެވެ.

މި ތަނުގައި ކޮންމެ މީހަކު ވެސް އެ ކޮޓަރީގެ ހާލަތު އެ ބުނެދެނީ އޭނާގެ ހިއްސުތައް ތަސައްވަރު ކޮށްދޭ ގޮތެވެ. އެހެންކަމުން، ރަހަތަކާއި ހަރަކާތްތަކާއި މަންޒަރުތައް ވެސް އަހަރެމެން ދެނެގަންނަނީ، އަހަރެމެންގެ ފަސް ހިއްސު ބުނެދޭ ގޮތަކަށެވެ.

ނަމަވެސް ސުވާލަކީ، އަހަރެމެންގެ ވަށައިގެންވާ ހުރިހާ މަންޒަރާއި، އަހަރެމެންނަށް ފެންނަ ގޮތުންނާއި ނުފެންނަ ގޮތުގައި އަހަރެމެންގެ ވަށައިގެން ހިނގާ ކަންކަމާއި އުފެދޭ އަޑުތަކާއި އެނޫން އެންމެހައި ކަންކަން ދެނެގަތުމަކީ ހަމަ އެންމެ ފަސް ހިއްސަށް ކުރެވޭނެ ކަމެއް ހެއްޔެވެ؟ ސައެންސް ބުނަނީ މުޅިން އެހެން ވާހަކައެކެވެ.

ފަހުގެ ހޯދުންތަކަށް ބުރަވެ ސައެންސްވެރިން ބުނަނީ އަހަރެމެންގެ ހަށިގަނޑުގައި ފަސް ހިއްސަށް ވުރެ މާ ގިނަ ހިއްސުތައް އެކުލެވޭ ކަމަށެވެ. އިނގިރޭސި ވިލާތުގެ އޮކްސްފޯޑްގައި ހުންނަ ކްރޮސްމޮޑެލް ލެބޯރެޓެރީގެ ސައެންސްވެރިޔާ ޕްރޮފެސަރު ޗާލްސް ސްޕެންސް ބުނާ ގޮތުގައި ކޮންމެ އިންސާނެއްގެ ހަށިގަނޑުގައި ވެސް 22 އާއި 33 އާ ދެމެދުގެ އަދަދަކަށް ހިއްސުތައް ހުރެއެވެ.

އޭގެ ތެރެއިން އެއް ހިއްސަކީ، ތިމާގެ ހަށިގަނޑު ހުންނަ ތަނާއި ގޮތް އެނގޭ އެނގުމެވެ. އިނގިރޭސި ބަހުން ޕްރޮޕްރިއޯސެޕްޝަން (proprioception) އެވެ. މި ހިއްސުން ދެނެގަންނަ ކަންތަކުގެ އެއް މިސާލަކީ، ދެ ލޯ މަރައިގެން ހުންނަ ހިނދުވެސް، ތިމާގެ ގުނަވަންތައް ހުންނަ ތަން އެނގޭ އެނގުމެވެ. މިސާލަކަށް، ދެ ލޯ މަރައިގެން ހުންނަ އިރުވެސް، ތިމާގެ ކަނާތް އޮތީ ވާތު ކިހިލިފަތް ދޮށުގައި ނަމަ، އެ ގުނަވަން އޮތް ތަން އެނގުމެވެ.

މިއަށް ވުރެ ވެސް ތަފްސީލުކޮށް މި ހިއްސުގެ މިސާލަކަށް ބަލަމާ ހެއްޔެވެ. ފައިގެ ތަންކޮޅެއް ކަހައިގަންނަ ހިނދު، އެ ހިރުވައިގަންނަ ސީދާ ތަންކޮޅު ލޮލަކަށް ނުފެނެއެވެ. ނަމަވެސް ކަނާތުން އެތަންކޮޅު ކަހައިލަން ބޭނުންވުމުން، ސީދާ ކަނާތުގެ އިނގިލިތަކުން އެތަންކޮޅު އެބަ ކަހައިލެވެއެވެ. މުޅި ފައިގައި އަތް ކާތްތައިގެން، އެތަންކޮޅު ހޯދުމުގެ ބަދަލުގައި، ސީދާ އެތަންކޮޅު އެބަ ދެނެގަނެވެއެވެ.

އަހަރެމެންގެ ހަށިގަނޑު ދެ ފަރާތަށް ވަޒަން ހަމަކޮށް ހިފަހައްޓައިދެނީ ވެސް ވަކި ހިއްސަކުންނެވެ. އެމީހަކު ކުރަން ބޭނުންވާ ކަމަކަށް އެކަމަކާ ގުޅޭ ގުނަވަންތައް ހަރަކާތް ކުރުވަނީ ވެސް ހިއްސަކުންނެވެ. ވަކި ތަނަކަށް ބަލަން ބޭނުންވުމުން، ކަނދުރާގައިވާ ނާރުތަކާއި މަސްތަކުގެ ޒަރީއާއިން އެމީހެއްގެ މޫނު އެ ދިމާލަކަށް އަނބުރުވައި، އެމީހެއްގެ ލޯ އެ ދިމާލަކަށް އަމާޒުކުރުވަނީ ވެސް ވަކި ހިއްސަކުންނެވެ.

އަހަރެމެންގެ ހަށިގަނޑުގައިވާ މުހިންމު އަނެއް ހިއްސަކީ، އެތެރެ ހަށީގެ ގުނަވަންތަކުގެ މުއާމަލާތްތަކާ ގުޅިފައިވާ (interoception) އެވެ. ހިތާއި ގޮހޮރާއި ފުއްޕާމެޔާއި ފުރަމެޔާއި އެނޫން ވެސް އެތެރެ ހަށީގެ ގުނަވަންތަކާއި ސިކުނޑިއާ ދެމެދު މުއާމަލާތު ކުރަނީ މި ހިއްސުންނެވެ. ގޮހޮރުގެ ހާލަތު ދެނެގަތުމަށް ފަހު، ބަނޑުހައިކަމުގެ އިހްސާސް ކުރުވައި، ކާންވެއްޖެ ކަމަށް ސިކުނޑިން ތިމާއަށް އަންގައިދެނީ މި ހިއްސުންނެވެ. ކަރު ހިއްކުން އިހްސާސް ކުރުވައި، ފެން ބޯންވެއްޖެ ކަމާއި، މަސާނާ ފުރެން ފެށުމުން، ކުޑަކަމު ދާންވެއްޖެކަން ސިކުނޑިން ތިމާއަށް އަންގައިދެނީ ވެސް މި ހިއްސުންނެވެ.

މީގެ އިތުރުން ބައެއް ކަހަލަ އިހްސާސްތަކަކީ އެއް ހިއްސަށް ވުރެ ގިނަ ހިއްސު ގުޅިގެން ކުރުވާ އިހްސާސްތަކެވެ. އޭގެ މިސާލަކީ މީހުމެވެ. ބީހުމުގެ އިހްސާސްގައި ތަދު، ފިނިހޫނުމިން، ބީހުން، ހިރުވުން ފަދަ އެތައް އިހްސާސެއް ބައިވެރިވެއެވެ. އެއްޗެއްގެ ރަހަ ބަލާއިރު، އެއީ ތިން ހިއްސެއްގެ ގުޅިފައިވާ ހަރަކާތެކެވެ. ބީހުމާއި ވަހާއި ރަހައިގެ ހިއްސު ގުޅިގެން މެނުވީ ރަހަ ބެލުމުގެ އިހްސާސް ފުރިހަމައަކަށް ނުކުރެވޭނެއެވެ.