Advertisement

ގޯލްޑަން ފުޓްސަލް ޗެލެންޖް: ވާދޫން އަތޮޅު ތަށި ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ހޯދައިފި

about 1 hour 0

ވާދޫން ތަށްޓާ އެކު އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ


ގޯލްޑަން ފުޓްސަލް ޗެލެންޖް: ވާދޫން އަތޮޅު ތަށި ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ހޯދައިފި

about 1 hour 0

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ މި ފަހަރުގެ އެޑިޝަން، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދައި ވާދޫން ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް އަތޮޅު ތަށި އުފުލާލައިފި އެވެ.

އެ ގޮތުން، މި ފަހަރުގެ ފައިނަލުގައި ހޯނޑެއްދޫ އަތުން، އަބްދުﷲ ނަސީރު (އަބޯ) ކޯޗުކޮށްދޭ ވާދޫ މޮޅުވީ 6-4 އިންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ވާދޫގެ އަޔާޒް އަހުމަދު (އަޔާ)ގެ އިތުރުން މުހައްމަދު ނާއިލް ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖަހައިފަ އެވެ. ގދ. އަތޮޅުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދި ވާދޫގެ މުސައްނިފު މުހައްމަދު (މުއްސެ) ވަނީ ފައިނަލުގައި ގޯލެއް ޖަހައިފަ އެވެ. އަދި، އެ ޓީމުގެ އަނެއް ލަނޑު ޖެހީ ޔަޒްދާން އިބްރާހިމް އެވެ.

މެޗުގައި ހޯނޑެއްދޫގެ ލަނޑުތައް ޖެހީ، އިސްމާއިލް މަމްދޫހު އާއި މުހައްމަދު ލުފާފް އަބްދުﷲ އެވެ.

ވާދޫން މިދިޔަ އަހަރުގެ އަތޮޅު ތަށި އުފުލާލީ ގައްދޫ އަތުން 3-0 އިން މޮޅުވެގެންނެވެ. އަދި، މިދިޔަ އަހަރު ސެމީ ފައިނަލުގައި ކުޅުނު ވާދޫން ވަނީ ޒޯން ހަތެއްގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. އެއީ، ފުވައްމުލަކު ދަނޑިމަގުގެ މައްޗަށް 1-0 އިން ކުރިހޯދައިގެންނެވެ. މިއީ، ވާދޫން ޒޯން ތަށި އުފުލާލި ތިން ވަނަ ފަހަރެވެ.

މުބާރާތުގެ މިއަދު ހަވީރު ދެ މެޗެއް ކުޅެފައިވެ އެވެ. އެ ގޮތުން، ދ، އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން، ކުޑަހުވަދޫން މި ފަހަރުގެ ފައިނަލުން ޖާގަ ހޯދީ ބަނޑިދޫ އަތުން 3-1 އިން މޮޅުވެގެންނެވެ. ކުޑަހުވަދޫގެ ލަނޑުތައް ޖެހީ އަހުމަދު މުއާދު އާއި މުހައްމަދު އަޔާޒް އަދި ހާރޫން އިބްރާހިމް (ހާންޑޯ) އެވެ. ބަނޑިދޫގެ ލަނޑު ޖެހީ އިސްމާއިލް މާޒް މުހައްމަދު އެވެ.

ބ. އަތޮޅުގެ ޗެމްޕިއަން، އޭދަފުށިން ފައިނަލަށް ދަތުުރުކޮށްފައިވާއިރު، މިއަދު ކުޅުނު މެޗު ވަނީ 1-1 އިން ފެެހެންދޫއާ އެއްވަރުވެފަ އެވެ، މި މެޗުން މޮޅުވެގެން، ފައިނަލަށް ދެވެން އޮތް ފެހެންދޫން އޭދަފުށި 100 ޕަސެންޓް ރެކޯޑަކާ އެކު ފައިނަލަށް ދިޔަ ނުދީ މި ވަނީ ހުއްޓުވައިފަ އެވެ. އޭދަފުށީގެ ލަނޑު އަލީ ނަސީމް (ދިއްލި) ކާމިޔާބުކުރިއިރު، ފެހެންދޫގެ ލަނޑު ޖެހީ ޒައިން އަހުމަދު އެވެ.