Advertisement

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުގައި މަޖިލީހަށް ޕެޓިޝަނެއް


ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުގައި މަޖިލީހަށް ޕެޓިޝަނެއް

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވަމުން އަންނަ ގޮންޖެހުންތައް ހިމަނައި އެ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ވެލްފެއާ ސްކީމުގައި ރަޖިސްޓްރީވެފައިވާ 100 އަށްވުރެ ގިނަ މީހުންގެ ފަރާތުން މި ޕެޓިޝަން މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. އެފަދަ މީހުންނަށް ފާއިތުވި ނުވަ އަހަރު ހިލޭ ސާބަހަށް ވެދެމުން ގެންދާ އެހީތެރިކަމުގައި ދިމާވާ ދަތިތަކާ، ހުރި ކަންބޮޑުވުންތައް އެ ޕެޓިޝަނުގައި ވަނީ ހިމަނާފަ އެވެ. އެއީ؛

  • މޫދުގެ ކަސްރަތުތައް ކުރުމަށް މޫދަށް އެރި އުޅެވޭ ގޮތަށް ހުރި ބީޗް އެކްސެސިބަލް ސްލިޕްވޭތައް ބޭނުންނުކުރެވޭ ހާލަތުގައި ހުރުން
  • ޑިސްއެބިލިޓީ ވީލްޗެއާ އެކްސެސިބަލް ފާހާނާތައް ބޭނުންނުކުރެވޭ ހާލަތުގައި ހުރުން
  • ވީލްޗެއާ އެކްސެސިބަލް ސިމެންތި ގައު ހަދާފައިވާ ގޮތުން ރޭމްޕުތަކަށް އެކްސެސް ނުވެވުން
  • ޕޭވްމަންޓުތަކުގައި ރައްކާތެރިކަމާއެކު ވީލްޗެއާ ނުދުއްވުން
  • ވާސޯ ކްލިނިކް ގެ ހިލޭ މެޑިކަލް އަދި ވާސޯ ވެލްފެއާގެ ހިލޭ ވީލްޗެއާ މަރާމާތު ކުރާނެ އެކަށީގެންވާ ތަންކޮޅެއް އެޗްޑީސީން ފޯރުކޮށްދީފައި ނުވުން
  • ސަރުކާރުގެ އަދި އެހެނިހެންވެސް ހިދުމަތްދޭ ގިނަތަންތަނުން ނުކުޅެދުންތެރިކަން ކަށަވަރުކޮށް ކާޑު އޮންނަ ބަލި ފަރާތްތަކަށް އިސްކަން ނުދީ ކިއުގައި މަޑުކުރުވުން
  • ސޯޝަލް ޑިވެލޮޕްމަންޓު މިނިސްޓަރާއި، މޯލްޑިވްސް ޑިސްއެބިލިޓީ ކައުންސިލްގެ ރައީސް އާއި އަދި އެންސްޕާ ގެ ސީއީއޯއާ ބައްދަލުނުކުރެވުން

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބަލަހައްޓަމުން ގެންދާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14,412 މީހުން ރަޖިސްޓްރީވެފައިވެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ އެހީތެރިކަމެއް ދިނުމުގެ ޕްރޮގްރާމެއް ތައާރަފުކޮށް, އެ ޕްރޮގްރާމުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ މީހަކަށް މަހަކު 2,000ރ. ގެ އިނާޔަތެއް ދޭން ފެށީ 2011 ވަނަ އަހަރެވެ. އެ އިނާޔާތް 3،000ރ. އަށް ބޮޑުކުރީ މިދިޔަ ސަރުކާރުގަ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް 2011 ވަނަ އަހަރު ތައާާރަފުކުރި އިރު, އެ އެލަވަންސް ލިބޭ 3,560 މީހުންނާއެކު އެކަމަށް ސަރުކާރުން ހަރަދުކުރީ 79.3 މިލިއަން ރުފިޔާ އެވެ.