Advertisement

ބަޖެޓާ ހިލާފަށް ސަރުކާރުން ހަރަދުކުރާތީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

17 ފެބުރުވަރީ 2026 - 09:11 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ): ބަޖެޓާ ހިލާފަށް ސަރުކާރުން ކުރާ ކަންކަމާ ގުޅޭގޮތުން އޭނާ ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައި -- ފޮޓޯ: މަޖިލިސް


ބަޖެޓާ ހިލާފަށް ސަރުކާރުން ހަރަދުކުރާތީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

17 ފެބުރުވަރީ 2026 - 09:11 0

ދައުލަތުގެ މާލިއްޔަތު ގާނޫނާއި ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނާއި ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނުގައި އެކަށައަޅާފައިވާ އުސޫލުތަކާއި ހަމަތަކާއި މަޖިލީހުން މި އަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓާ ހިލާފަށް ސަރުކާރުން ހަރަދުކުރަމުންދާތީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި ގަރާރުގައި ވިދާޅުވީ އެ ގަރާރު ހުށަހެޅުއްވީ ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި ޖަވާބުދާރީކުރުވަން މަޖިލީހާ މަތިކޮށްފައިވާ ދުސްތޫރީ ވާޖިބު އަދާކުރުމަށް ކަމަށެވެ.

ކުޑޫ ވިދާޅުވީ އުސޫލާ ހިލާފަށް ފައިސާ ނެގުމުގެ ބޭނުމުގައި، ޕެންޝަން ފަންޑް މެދުވެރިކޮށް ނާޖާއިޒް މުއާމަލާތެއް ހިންގުމަށްފަހު، އެ ފައިސާ ސަރުކާރަށް ނެގުމަށް މަސައްކަތްކުރަމުންދާ ކަމަށް މައުލޫމާތު ލިބެމުންދާ ކަމަށެވެ.

"މިކަމަކީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ، 2026 ވަނަ އަހަރުގެ ދައުލަތުގެ ބަަޖެޓުގައި، ދައުލަތަށް ފައިސާ ހޯދާނެ ކަމަށް މިނިސްޓާ އޮފް ފިނޭންސް އެންޑް ޕްލޭނިން ބަޔާންކޮށްފައިވާ ކަންކަމާ ހިލާފަށް އެކަންކަމުގެ ބޭރުން، ރައޔްިތުންގެ މަޖިލީހުގެ ހުއްދަ ހޯދުމަކާ ނުލައި ނުވަތަ ރައްޔިތުންގެ މަޖިލީހަށް އެންގުމަކާ ނުލައި ސަރުކާރުން ކުރާ ކަމެއް،" ކުޑޫ ވިދާޅުވި އެވެ.

އެފަދަ މުއާމަލާތެއް ހިންގައިގެން ޕެންޝަން ފަންޑުން ސަރުކާރަށް ފައިސާ ނެގުމަކީ ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނުގައި ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތައް އެއްފަރާތްކޮށް، އެ ހަމަތަކާއި އުސޫލުތަކާއި ކަނޑައެޅިގެން ހިލާފަށް ސަރުކާރުން ކުރާ ކަމެއްކަން ފާހަގަކޮށް ޕެންޝަން ބޯޑުގެ ޗެއާމަން ހިމެނޭގޮތަށް ގިނަ ބަޔަކު އިސްތިއުފާ ދެއްވިކަން ވެސް ކުޑޫ ފާހަގަކުރެއްވި އެވެ.

ސަރުކާރުގެ މި އަމަލުގެ ސަބަބުން، ޕެންޝަން ފަންޑުގައި ފަހަށް ރައްކާކޮށްފައި ހުރި ރައްޔިތުންގެ ފައިސާ އެގޮތް މިގޮތަށް ހަރަދުކޮށް، ހުސްކޮށްލަމުންދާކަން ފާޅުކަންބޮޑުކޮށް ފެންނަން އޮތްކަން ފާހަގަކުރައްވާ ކުޑޫ ވިދާޅުވީ ޕެންޝަން ފަންޑުގެ މިނިވަންކަން ގެއްލި، އެކަމުގެ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖޭގެ މުޅި މާލީ ނިޒާމުގެ އިތުބާރު ގެއްލިގެން ހިނގައިދާނެ ކަމަށެވެ.

މީގެއިތުރުން ކުޑޫ ވިދާޅުވީ މިކަމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ދަށްވެ، ބޭރު ފައިސާގެ އަގު އިންތިހާއަށް މަތިވުމުގެ ނަތީޖާއެއްގެ ގޮތުން، މުދަލާއި ހިދުމަތުގެ އަގުތައް ނުހަނު ބޮޑަށް އުފުލުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ދައުލަތާއި ރައްޔިތުންގެ މާލީ ކަންކަން ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެފަދަ ކަމެއް ކަމަށެވެ.

ސަރުކާރުން މަސައްކަތް ކުރަނީީ 2.4 ބިލިއަން ރުފިޔާ ޗާޕު ކުރާށެވެ. އެކަން ކުރަން އުޅޭ ގޮތަކީ، ޕެންޝަން އޮފީހުން ސަރުކާރުގެ ބޮންޑުތަކަކަށް އިންވެސްޓުކޮށްގެންނެވެ. އެ އިޖުރާއަތްތައް ކުރިއަށްގެންދާ ގޮތުން އިގްތިސާދުގައި ދައުރުވާ ފައިސާ އިތުރުވާނެ އެވެ.