Advertisement

ދިރާގާއި ސްޕާކްހަބް ގުޅިގެން ރާއްޖޭގައި ބާއްވާ ފުރަތަމަ ޖެނެރޭޓިވް އޭއައި ހެކަތޯން އަންނަ މަހު


ދިރާގާއި ސްޕާކްހަބް ގުޅިގެން ރާއްޖޭގައި ބާއްވާ ފުރަތަމަ ޖެނެރޭޓިވް އޭއައި ހެކަތޯން އަންނަ މަހު

އަލަށް ވިޔަފާރިއެއް ފަށަން ބޭނުންވާ ފަރާތްތަކާއި، ވިޔަފާރިވެރިންނަށާއި އުފެއްދުންތެރިންނަށް އޭއައި މެދުވެރިކޮށް ކުރިއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ދިރާގާއި ސްޕާކްހަބް ގުޅިގެން ރާއްޖޭގެ ފުރަތަމަ ޖެނެރޭޓިވް އޭއައި ހެކަތޯން އަންނަ މަހުގެ 6، އިން 8، ގެ ނިޔަލަށް ބޭއްވުމަށް ނިންމައިފި އެވެ.

މި ހެކަތޯންގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ތިން މެންބަރުން ފެށިގެން ފަސް މެމްބަރުންގެ ޓީމްތަކަށް ހުޅުވައިލައިފަ އެވެ. ފުރުސަތު ލިބޭނީ އެންމެ ފުރަތަމަ ރަޖިސްޓަރީކުރާ ފަރާތްތަކަށެވެ.

ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މަރކެޓިންގ ކޮމިއުނިކޭޝަންސް، މިރްޝާން ހަސަން ވިދާޅުވީ މި ހެކަތޯނަށް އެއްބާރުލުން ދިނުމަކީ ދިވެހި އުފެއްދުންތެރިންނަށް އޭއައިގެ އެހީގައި ހައްލުތައް ހޯދައި، ތަކެތި އުފެއްދުމަށާއި، އެ އުފެއްދުންތައް ތަޖުރިބާކޮށް، ތައާރަފްކުރުމުގެ ގާބިލުކަން އަށަގެންނެވުމަށް ދިރާގުން ދޭ އިސްކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.

"ޖެނެރޭޓިވް އޭއައި ހަލުއިކަމާއެކު ތަރައްގީވަމުން އަންނަ ޒަމާނެއްގައި، މި ވަސީލަތްތައް ބޭނުންކުރުމަށް ވީހާވެސް ގިނަ ބަޔަކު އަހުލުވެރިކުރުވުމަކީ ވަރަށް މުހިންމުކަމެއް،" އޭނާ ވިދާޅުވި އެވެ.

ސްޕާކްހަބްގެ ސީއީއޯ އަދި ކޯ-ފައުންޑާ، ހުސައިން ޖިނާން ވިދާޅުވީ އާންމު ހެކަތޯންތަކާ ތަފާތުކޮށް ކުރިއަށްގެންދާ ޖެންއޭއައި ހެކްގެ އަމާޒަކީ ހަމައެކަނި ކޮންސެޕްޓްތަކެއް ހުށަހެޅުމުގެ ބަދަލުގައި، އަސްލު ޕްރޮޑަކްޓްތަކެއް އުފައްދައި، އެ ތަކެތި ތައާރަފްކުރުމަށް އެހީތެރިވުން ކަމަށެވެ.

ދިރާގުން ބުނީ މި ހެކަތޯންގެ ޒަރިއްޔާއިން ޒުވާން އުފެއްދުންތެރިންތަކެއް އެއް ތަނަކަށް ގެނެސް، 48 ގަޑިއިރުގެ ތެރޭގައި އެ ފަރާތްތަކުގެ އުފެއްދުންތެރި ހިޔާލުތައް ޖެނެރޭޓިވް އޭއައި ޓޫލްސް އަދި ޕްލެޓްފޯމްތަކުގެ އެހީގައި ހަގީގީ އުފެއްދުންތަކަށް މަދު ވަގުތެއްގެ ތެރޭގައި ބަދަލުކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ.

"ޕްރޮޑަކްޓްތައް އުފެއްދުމުގެ ހުރިހާ މަރުހަލާއަކުން ފެށިގެން ޕްރޮޑަކްޓް ތައާރަފްކުރުމާ ހަމައަށް އޭއައިގެ ދާއިރާގެ ތަޖުރިބާކާރުންގެ ސެޝަންތަކުގެ ތެރެއިން އެ ފާރަތްތަކުގެ އެހީއާއި އެއްބާރުލުން ލިބިގެންދާނެ،" ދިރާގުން ބުންޏެވެ.

ޖެންއޭއައި ހެކްގައި ބޭނުންކުރާނީ އޯޕަން ކެޓެގަރީ ފޯމެޓެއްކަން ފާހަގަކޮށް ދިރާގުން ބުނީ ހެކަތޯންގެ ބައިވެރިން އުފައްދާނީ މި ހެކަތޯނަށް ހާއްސަކޮށްގެން މުޅިން އަލަށް އުފައްދާ ޕްރޮޑަކްޓްތަކެވެ.

ދިރާގާއި ސްޕާކްހަބް ގުޅިގެން ކުރިއަށްގެންދާ މި ހެކަތޯންގެ ކޯ-ޕާޓްނަރަކީ ސިނެޓެކްސް އެވެ.

"ނޯ ޝިޕިން، ނޯ ޕިޗިން" ޕްރިންސިޕަލްގެ ދަށުން ބައިވެރިވާ ޓީމުތަކުގެ ފައިނަލް ޕިޗުގެ ކުރިން އެ ޓީމުތަކުން ހަދާ ޕްރޮޑަކްޓް އާންމުންނަށް ތައާރަފްކުރަންޖެހޭއިރު، ސްލައިޑް ޑެކް ނުވަތަ ކޮންސެޕްޓުއަލް ޑެމޯގެ ބަދަލުގައި ޖަޖުން ބަލާނީ އާންމުންނަށް ތައާރަފްކުރާ ފުލް ފަންކްޝަނަލް ޕްރޮޑަކްޓްތަކެވެ.