ނަދާލް ވަގުތުން އިވާންގާތު އޭނާއާއެކު އަންނާށޭ ބުނެފައި ކާރަށް އެރި އެވެ. އަދި އިވާން އައިސް ކާރުގެ ކުރީ ސީޓުގައި ހަމަޖެހިލުމާއެކު މަގުތަކުން ތަން ދެމުންދިޔަ އެންމެ ހަލުވި ސްޕީޑުގައި ކާރު ދުއްވައިލި އެވެ. ކުންފުނީގެ މައި އޮފީސް ހުންނަ އިމާރާތާ އަރައިހަމަވިއިރު ޕްރެސް ފެށެން ހަމަޖެހިފައިވާ ގަޑީގެ ކުރިއަށް ބާކީ ފަސް މިނަޓުވެސް ނެތެވެ. ވަގުތު ބޭކާރުކުރަން ނަހަދައި ދެމީހުން އެރީ އޮފީހުގެ މީޓިންގްރޫމް ހުންނަ ފަންގިފިލާއަށެވެ. ނަދާލްގޮސް މީޓިންގްރޫމުގެ ދޮރު ހުޅުވައިލިއިރު އަށެއްކަ މީޑިޔާއެއްގެ ނޫސްވެރިން އެތަނުގައި މައިރާގެ އިންތިޒާރުގައި ތިއްބެވެ.
"އޭތް..." އިވާން ދެފަހަރަކު ނަދާލްގެ ކޮނޑުގައި ޖަހައިލުމަށްފަހު ދައްކައިލީ އެދިމާލަށް އަންނަމުންދިޔަ މައިރާ އެވެ. ރީތި ވަރަކަށް ގަޔަށް ހިފާލެވިފައިވާ ކަނޑުނޫކުލައިގެ އޮފީސް ސޫޓުގައި މައިރާގެ ހައިބަތާއި ޝަހްސިއްޔަތު ފެންނަންހުރި ނަމަވެސް އެ މޫނުމަތިން ފެންނަނީ ހިތްތިރިކަމާއި މަޑުމައިތިރި ކަމެވެ. ރަންވޭއެއްގެ މަތިން ހިނގާލާފައި އަންނަ މޮޑެލްއަކަށް ދޫ ނުކުރާނެހާ ފަރި ހިނގުމެއްގައި އައިއިރު އަރައިގެންހުރި އުސް ފައިވާނުގެ އަޑުން އޮފީހުގެ ހިމޭން މާހައުލަށް ދިރުން ގެންނަމުން ދިޔަ އެވެ. މިނިވަންކަމާއެކު ދޫކޮށްލެވިފައިވާ ރާޅުބާނީ އިސްތަށިގަނޑު ފާޑުވެރިކަމާއެކު އެއް ކަންފަތް ކައިރިން އަޅުވާލައިފައިހުރީ ކަންފަތުގައި ލައިފައިވާ ރަންކުލައިގެ ޖަވާހިރަށް އެންމެ ފުރިހަމަ ސަމާލުކަން ލިބޭނެ ފަދައިންނެވެ.
"ނެޑް؟" ނަދާލް ފެނުމާއެކު މައިރާގެ މޫނުމަތީގައިވި ހަމަޖެހުން ގެއްލުނެވެ.\
"ކަމް ހިއަރ!" ނަދާލް ސުކުންތެއްވެސް ލަސްނުކޮށް މައިރާ ގޮވައިގެންގޮސް ވަނީ އެންމެ ކައިރިއަށްހުރި ކެބިން ކަމުގައިވާ ޒާރާގެ ކެބިނަށެވެ. "ގެޓް އައުޓް!" އޭނާ އަމުރު ކުރުމާއެކު ސުވާލަކާނުލައި ޒާރާވެސް އެތަނުން ނުކުމެގެން ހިނގައްޖެ އެވެ.
"އާރ ޔޫ ކްރޭޒީ މައިރާ؟ ހޭވް ޔޫ ފަ*** ލޮސްޓް އިޓް؟ އަހަރެންނާ ދިމާލަށް އަމިއްލައެދުން ބޮޑޭ ބުނަން މައިރާ ރަނގަޅު ދޯ؟ ކީކޭ ހިތަށް އަރައިގެންތަ ތި އުޅެނީ؟ އަމިއްލައަށް ބަދުނާމު ވާނެގޮތެއް ނޭނގިގެންތަ؟" ނަދާލްގެ ދެދަތްޕިލަ ޖައްސައި ބާރުކޮށްލަމުން މައިރާއާ ދިމާލަށް ހަޅޭލަވައިގަތެވެ. މައިރާ ބަލައިލީ އެވަގުތު އެ ކެބިންގެ ދޮރު ހުޅުވައިލުމަށްފަހު އެތެރެއަށް ވަތް އިވާންއަށެވެ. އިވާން ފެނުމާއެކު މައިރާގެ ނަފްސަށް ސާބިތުކަމެއް ލިބުނު ފަދައެވެ. އޭނާ ކުރަން އުޅުނު ކަންތަކުގެ ދިފާއުގައި ވާހަކަދެއްކި އެވެ.
"އަހަރެން.. އަހަރެން ނޫޅެމޭ މާ ބޮޑުކަމެއް ކުރާކަށް. ޕްރެސްއަކަށް ނޫނޭ ޖަސްޓް މީޓިންގްއަކަށޭ ކިއީ.. އައި ޖަސްޓް ވޯންޓް އެމީހުންގާތު ބުނެގެން އިވާންގެ ތުހުމަތާ ގުޅޭގޮތުން ކުރިންހުރި ހަބަރުތައް ނަގާފަ.. ޖަސްޓް.. ކޯޓުން ކުރި ހުކުމުގެ ހަބަރުތައް ޕުޝް ކޮށްލަން. އައި ޖަސްޓް ވޯންޓެޑް ދެމް އެންޑް އެވްރީވަން ޓު ނޯ އިވާން ވޯޒް ފްރޭ-"
"ޖަސްޓް ޖަސްޓް ޖަސްޓް!" ނަދާލް އެތަނުގައިހުރި މޭޒުމައްޗަށް އަތުގެ ބާރު ހަމަލާއެއް ދިނުމަށްފަހު މައިރާއާ ގާތަށް ފިޔަވަޅެއް އަޅައިލި އެވެ. އޭނާގެ އަޑުގައިވަނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. "ޖަސްޓް ގޮސް މި އިމާރާތުގަ ހުޅުޖަހާބަލަ! އެހެރީ މަތީގަ ރެސްޓޯރަންޓް! ޖަސްޓް އެތަނުގަ ރޯކޮށްލަބަލަ! އޭން! އޭރުންވެސް ސުރުހީއެއް ލިބޭނެއެއްނު! މައިރާ އަ-"
"އޭ ހަމަޖެހިބަލަ" އިވާން ދުރު ފިޔަވަޅުތަކެއްގައިގޮސް ނަދާލްގެ ކޮނޑުގައި ހިފެހެއްޓި އެވެ. ނަދާލްގެ ސަބަބުން މައިރާ ސިހި، ފަހަތަށް ޖެހެމުންދިޔަ މަންޒަރު ބެލުން އޭނާއަށް ފަސޭހަ ނުވީ އެވެ.
"ހަމައެއް ނުޖެހެވޭނެއޭ! އަހަރުމެންނާއި، އަހަރުމެންގެ އާއިލާއާއި ނުވިތާކަށް ރައްޓެއްސަކާވެސް ގުޅުންހުރި މީހެއް ނޫނޭ ކަލެއަކީ! ކަލޭ ހިމާޔަތްކުރަން އޭނަ އެ ދަރަޖައިގެ ކަމެއް ކުރީމަ އެމީހުން އާން ހޫން ކިޔާލާފަ އެތަނުން ނުކުމެގެން ގޮސް އެ ބުނާ އާރޓިކަލެއް ޕުޝްކޮށްފަ އެހިސާބުން ނިންމާލާނެ ކަމަށްތަ ކަލޭ ހީކުރީ؟ މައިރާ އެހާވަރަކުން މި މައްސަލަ ދޫކޮށްނުލެވިގެން އުޅޭ ސަބަބާމެދު އެމީހުން ނުވިސްނާނެ ކަމަށްތަ ކަލޭ ހީކުރީ؟ ކަލޭމެންގެ ފުލުސް އޮފީސްތަކު ތިބޭހާ ގަމާރު މީހުންނެއް ނޫނޭ އެއީ! އެ އެމީހުންގެ ރާޑަރަށް އަހަރުމެން ނާރާނެ ގޮތެއް ނޯންނާނެ! ފުލުހުންނަށް އެ ފްރޭމްކުރި ބަޔަކު ހޯދަން ނުފެށެނީސް އެމީހުން އެމީހުންނަށް މި ތަހުގީގު ނިންމާފަ އާންމުންނަށް ދޫކޮށްލާނެ! ހަމަ ޖެހެވޭވަރު ކަންކަންތަ މިއީ؟ އޭން؟" އިވާން ދުރަށް ކޮށްޕައިލުމަށްފަހު ނަދާލް އަނެއްކާވެސް ކުރިމަތިލީ މައިރާއާ އެވެ. "ބުނަން ރަނގަޅު ވާހަކައެއް! މިއަދު އަހަރުމެންގެ އަތްމަތީގަ މިތަން އޮތަކަސް މިތަން މިހިސާބަށް ގެނެވިފަ މިއޮތީ މައިރާގެ ނޫނީ އަހަރެންގެ މަސައްކަތަކުން ނޫން. އަހަރެންގެ ބައްޕައާއި، މައިރާގެ ބައްޕައާއި، އަހަރުމެންގެ ކާފައާއި.. މި މީސްމީހުން އަހަރުމެންނާ ހަވާލުކުރި އަމާނާތެއް މިއީ! ޔޫ ޑޯންޓް ގެޓް ޓު ތްރޯ އޯލް އޮފް އަސް އެންޑް ދިސް ކޮމްޕެނީ އަންޑަރ ދި ބަސް ޓު ކަވަރ އަޕް ޔޯރ އޯން މިސްޓޭކް!" އޭނާ ބުންޏެވެ.
"މައި މިސްޓޭކް؟" މައިރާ ސުވާލުގެ ނަޒަރަކުން ނަދާލްއަށް ބަލައިލި އެވެ.
"ޔެސް ޔޯރ މިސްޓޭކް! ޔޫ ހެޑް ވަން ޖޮބް މައިރާ! ނޮޓް ޓު ޑްރަގް ހިމް.. ނޮޓް ޓު ޑީލް ވިތް ދަ މަނީ.. ނޮޓް ޓު ޑީލް ވިތް ދަ ޕީޕަލް އިންސައިޑް! އެ ހުރިހާކަމެއް އަހަރެން މައިރާގެ ކޮނޑުމަތިން ނެގީ.. އައި ގޮޓް މައި ހޭންޑްސް ޑަރޓީ ފޯރ ޔޫ! މައިރާއާ އަހަރެން ހަވާލުކުރީ އެންމެ ކަމެއް! އެމީހަކީ ކާކުކަން ހޯދައި ޔަގީން ކުރުން! މައިރާއަށް އެކަން ނުކުރެވުނީމަ އިވާންއާ ދޭތެރޭ އެހާ ބޭއިންސާފުން ހުރިހާ ކަމެއް ހިނގައި ދިޔައީ. ޔޫ މޭޑް އަ މިސްޓޭކް އިން ޖަޖިންގް ހިޒް ކެރެކްޓަރ އެންޑް ދެޓް މިސްޓޭކް ލޭންޑެޑް އަސް އިން ދިސް މެސް!" ނަދާލް ދެއްކީ މައިރާއަށް އަޑުއަހަން ފަސޭހަ ވާހަކަތަކެއް ނޫނެވެ. އެއިން ކޮންމެ ވާހަކައެއްގައިވި ހަގީގަތުގެ ހިތިކަން އޭނާގެ އަރުގައި ލައިގެން ދިޔުމާއެކު މައިރާއަށް އުނދަގޫ ގޮތަކަށް ހިންދިރުވައިލެވުނެވެ. އިވާންއަށްވެސް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. އެގޮތުގައި މާގިނައިރެއް ނުވަނީސް ޒާރާ ކެބިންގެ ދޮރު ހުޅުވައިލައިފި އެވެ.
"މައިރާ މޭމް؟ އެމީހުންނަށް ލަސްވާތީ... ކިހިނެއްތޯ ހަދަންވީ؟" ޒާރާ ޖެހިލުންވެފައިހުރެ އެއިން ކޮންމެ މީހެއްގެ މޫނަށް ވަކިވަކިން ބަލައިލި އެވެ. އެއާއެކު ނަދާލްގެ ނުރުހުންވެފައިވާ ނަޒަރު ދަތުރުކުރީ މައިރާއަށެވެ. މައިރާއަށް ކުރެވުނުހާވެސް ކަމަކީ އެ ނަޒަރަކުން ފިލަން އުޅޭ ފަދައިން އިސްޖަހައިލުމެވެ.
"އޮފްކޯސް. އައި ވިލް ފިކްސް އިޓް! އަބަދުގެވެސް އާދައެއްނު؟ އެކްޓް ވިތައުޓް ތިންކިންގް އެންޑް ލެޓް ނެޑް ޑީލް ވިތް އިޓް!" ނަދާލްގެ ތުންފަތަށް މަސްނޫއީ ހިނިތުންވުމެއް ވެރިކޮށްލަމުން މައިރާއަށް ބަހުގެ ހަމަލާއެއް ފޮނުވައިލި އެވެ. "ޒާރާ ޕްލީޒް ގެޓް މީ އެން އެސްޕްރެސޯ ބައި ދަ ޓައިމް އައިމް ޑަން!" އޭނާ އަވަސް ފިޔަވަޅުތަކެއްގައި އެ ކެބިންއިން ނުކުތެވެ.
މައިރާ ފުން ނޭވާއެއް ދޫކޮށްލިގޮތުން ހީވީ ނަދާލް އެތަނުން ނުކުންނަންދެން ނޭވާ ހިފަހައްޓައިލައިގެން ހުރި ހެނެވެ. "ޒާރާ.. ކެމެރާ" އޭނާ ތެޅިފޮޅިގަންނަމުން ޒާރާއަށް ގޮވައިލި އެވެ.
މައިރާގެ ބަހަށް ބޯ ޖަހައިލަމުން ޒާރާ މޭޒުމަތީގައިހުރި އޭނާގެ ލެޕްޓޮޕް ހުޅުވައިލުމަށްފަހު އޭގެއިން މީޓިންގްރޫމްގެ ލައިވް ފޫޓެޖް އަޅުވައިލި އެވެ. އެއީ އަޑާއެކު އެޅުވިފައިވާ ފޫޓެޖެއްކަމުން މައިރާ މޭޒުދޮށުގައިހުރި ގޮނޑި ދަމައިލުމަށްފަހު އޭގައި އިށީނީ ނަދާލް ދައްކަން އުޅޭ ވާހަކައަށް އޭނާގެ ފުރިހަމަ ސަމާލުކަން ދެމުންނެވެ. އެވަގުތު ޒާރާ އެތަނުން ނުކުތުމުން އިވާންވެސް ނަދާލް ކިޔަން އުޅޭ އެއްޗެއް އެހުމުގެ ޝައުގުވެރިކަމުގައި މޭޒާގާތަށް ޖެހިލަމުން، މައިރާ އިށީނދެ އިން ގޮނޑީގެ ލެގޭބައިގައި އަތް އަޅުވައިލި އެވެ.
މައިރާއަށް ސިހިފައި އިސް އުފުލައިލެވުނުއިރު އިވާންއަށްވެސް ހުރެވުނީ މައިރާއަށް ބަލަހައްޓައިގެނެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވުމާއެކު އިވާން ވަގުތުން ލެޕްޓޮޕުގެ ސްކްރީނާ ދިމާލަށް މޫނު އަނބުރައިލި ނަމަވެސް މައިރާއަށް އަދިވެސް އިވާންއާ ނަޒަރު ވަކިކޮށްލަން ނޭނގިފައި ހުރެވުނީ އެވެ. އިވާންގެ މޫނުމަތިން ފެންނަމުންދިޔަ ވަރުބަލިކަމާއި ދެލޮލުގައިވާ ދުޅަކަމުން އިދާންގެ މަރާމެދު ހިތާމަ ކުރަމުންދާކަމަށް ހެކިދެ އެވެ. މައިރާގެ ހިތުގައި ވަގުތުން އިވާންއާމެދު ކަންބޮޑުވުން އުފެދުނެވެ. އިވާންއަށް ގޮވައިލައި ހާލު އަހައިލަން ބޭނުންވި އެވެ. އެ ފުރުސަތު ނުލިބުނީ އެވަގުތު ލެޕްޓޮޕުން ނަދާލްގެ އަޑު އިވެން ފެށުމުންނެވެ.
"ހައި އަމް.. ސޮރީ ފޯރ ދަ ޑިލޭ" މީޓިންގްރޫމަށް ވަދެގެން ދިޔައިރު ނަދާލްގެ މޫނުމަތީގައިވި ހިނިތުންވުމާއި މެހެމާންދާރީ ފެނުނު މީހަކު އެއީ މީގެ އިރުކޮޅެއް ކުރިން ރުޅިން ފުފިފައިހުރެ އިންސާނެއްކަން ގަބޫލެއް ނުކުރާނެ އެވެ. "އައި ބިލީވް ދަ މީޓިންގް ވޯޒް އޮރިޖިނަލީ ސެޓް އަޕް ވިތް މިސް މައިރާ. އަންފޯރޗުނޭޓްލީ ޝީ އިޒް.. އަ ބިޓް އޮކިއުޕައިޑް އެޓް ދަ މޯމަންޓް. ސޯ އައި ވިލް ބީ ޓޭކިންގް އޯވަރ.. އިފް.. ދެޓް އިޒް ފައިން ވިތް ޔޫ އޮފްކޯސް؟"
ނަދާލްގެ އަޑުގައި ކުޑަވެސް ޖެހިލުންވުމެއް ނެތެވެ. އެހާ ކުއްލި ގޮތަކަށް އެފަދަ ކަމެއް ޖެހުމުންވެސް އޭނާއަށް އެކަންވީ ފެންފޮދެއް ދިރުވައިލުންހާ ފަސޭހަ ކަމަކަށެވެ. އެވަގުތާ އެންމެ މުނާސަބު ބަސްތަކުން ފަރިތަކަމާއެކު އެމީހުންނާ މުއާމަލާތް ކުރަމުން ދިޔައީ އެކަމަށްޓަކައި އަހަރުތަކެއްގެ ތަމްރީނު ހޯދައިފައިވާ މީހަކު ފަދައިންނެވެ. އެހެނަސް އޭރު އެ ނޫސްވެރިން އެތަނަށް ގެނެވުނު ސަބަބާމެދު ނަދާލް ދޭނެ ޖަވާބެއް އެނގުމަށް އިވާންއާއި މައިރާ ތިބީ ކެތްމަދުވެފަ އެވެ.
"އަސްލު މިއަދު ބޮޑަށް ހިއްސާކޮށްލަން ބޭނުންވީ މީގެ ދެމަސް ފަހުން އަޅުގަނޑުމެން ހުޅުވަން ހަމަޖެހިފައިވާ ކަލިނަރީ ސްކޫލާގުޅޭ މައުލޫމާތު. އެނގިވަޑައިގަންނަވާނެ ފަދައިން މި ކުންފުނީގެ ބާނީ، އަޅުގަނޑުގެ ކާފަ، މުޖުތަބާ ނިޔާވުމާ ގުޅިގެން ބައެއް ކަންކަން މަޑުޖައްސައިލަން ޖެހުނީމަ، ސްކޫލް ހުޅުވޭނެ ވަކި ތާރީހެއް ދަންނަވަން ނޭނގޭނެތީ އަޅުގަނޑުމެން ފުރަތަމަ ބޭނުންވީ ހުރިހާކަމެއް ނިމެންދެން މީޑިޔާތަކަށް މި ޕްރޮޖެކްޓާގުޅޭ މައުލޫމާތު ހިއްސާނުކޮށް ލަސްކޮށްލަން. އެކަމަކު ޕަބްލިކް އިންޓްރަސްޓްވެސް ވަރަށް ބޮޑަށް އިންވޯލްވްވާނެ ޕްރޮޖެކްޓެއް ދެއްތޯ މިއީ؟ މިވަގުތު ރާއްޖެއަކު ނެތް ދެއްތޯ އަނެއްހެން މި ދާއިރާއިން ކިޔެވުމުގެ މާގިނަ ފުރުސަތުތަކެއް؟ އެހެންވީމަ ޕްރެސް ރިލީޒް މާރކެޓިންގްގެ ޒަރީއްޔާއިން މި ޕްރޮޖެކްޓް ވައިރަލް ކޮށްލުން ބޭނުމަކީ. ދެން މި ދާއިރާއިން ކިޔަވަން ބޭނުންވާ ކުދިންނަށް އުއްމީދެއް ދީ، އެޑްވާންސްކޮށް އެންރޯލްވާނެ ފުރުސަތު ހުޅުވައިލުމާއި، ސްކޮރލާޝިޕްއާގުޅޭ ކަންކަންފަދަ ބައެއް ކަންކަން ހުންނާނެ ޓައިމްލައިންގަ އަތުރާލަން... ސޯ އެކަމަށް ތިޔަބޭފުޅުންގެ އެހީ ބޭނުންވާނެ. އޯލްސޯ، މިހާރު އަނެއްހެން ކަންޓްރީއަށް ބަލާއިރު ދަ ލީޑިންގް އެޑިއުކޭޝަން ޕްރޮވައިޑަރ.. ސަފާޔާރއާ ގުޅިގެން އަޅުގަނޑުމެންގެ އެކްސްޕަރޓިޒްގެ ބޭނުން އެންމެ ރަނގަޅަށް އިތުރު ބަޔަކަށް ފޯރުކޮށްދިނުމުގެ މަގްސަދުގަ އަޅުގަނޑުމެން ފަށާ ކަމެއް މިއީ. އެހެންވީމަ އެ ވާހަކަ ހުރިހާ އިޝޫއެއްގަވެސް ހައިލައިޓް ކޮށްލަން ވާނެ.. ދެން.."
ނަދާލްގެ ވާހަކަ އެހިސާބަށް ދިޔުމުން އިވާންއަށް ހަށިގަނޑު ސީދާކޮށްލަމުން މޭޒާ ދުރަށް ޖެހިލެވުނުއިރު މައިރާވެސް ހަމަޖެހުމުގެ ނޭވާއަކާއެކު ލެޕްޓޮޕް ލައްޕައިލި އެވެ. އޭނާ ގޮނޑިން ތެދުވެ އިވާންގެ އަތުގައި ހިފައިލި އެވެ. އިވާން އޭނާއާ ބަދަލުކޮށްލި ނަޒަރުން އެކަނިވެސް މައިރާގެ ހިތްވަރު އެލުނެވެ. އޭނާ ހީކުރީ އިވާން ހިތްހަމަނުޖެހި އޭނާ ދުރުކޮށްލާނެ ކަމަށެވެ. އެހެނަސް އިވާންގެ ނިތްކުރީގައިވާ ރޫތައް މަދުވަމުންގޮސް އޭނާ ބަލަބަލައި ހުއްޓައި އެ ނަޒަރުގައި އޯގާތެރިކަމުގެ ސިފަ ޖެހިގެންދިޔަ އެވެ.
"މައިރާ.." މައިރާގެ އަތުގައި ހިފައި ފިތައިލަމުން އިވާން މަޑުމަޑުން ގޮވައިލި އެވެ.
"އިވާން. އައި ޓްރައިޑް ޓު ސޭވް އަސް. އިވާންއަށް ފެނިއްޖެއެއްނު އަހަރެން މަސައްކަތް ކުރިކަން.. އެކަމަކު ނެޑް.. ނެޑް ދުވަހަކުވެސް އަހަރެން އެކަމުގެ ޒިންމާ ނެގިޔަ-"
"ޝްޝްޝް" އިވާން އަތުގެ ބޮޑުވައި އިނގިލި މައިރާގެ ތުންފަތްމަތިން ހުރަސްކޮށްލަމުން މައިރާގެ ވާހަކަ މެދުކަނޑައިލި އެވެ.
"ޑޯންޓް ޑޫ ދިސް މައިރާ. ދެއަރ އިޒް ނޯ ސޭވިންގް އަސް. އެކަން އެކްސެޕްޓް ކޮށްބަލަ. ގެއްލިގެންދިޔަ އެއްޗެއް ހޯދާށޭ ކިޔާފަ އަތުގަ އޮތް އެއްޗެއް ގެއްލުވާލަނީ ކީއްކުރަން؟ ނަދާލް އެކަންޏެއް ނޫން.. އަހަރެންވެސް މައިރާ މިވަރުގެ ކަމެއް ކުރާތަން ބަލާކަށް ނުހުންނާނަން. އައި ވޯންޓް ލެޓް ޔޫ ޓޭކް ދިސް ފޯލް! އަހަރެން މައިރާގާތު ނުބުނަންތަ؟ އަހަރެން ވެއްޓެން ދާއިރުވެސް މައިރާ ސަލާމަތް ކުރާނަމޭ؟"
އިވާން މައިރާއަށް ހަނދާން ކޮށްދިނީ މައިރާއަށް ލޯބި ހުށަހެޅި ރޭ އެ ކޮޓަރީގެ ބެލްކަނި ހުރަސްކުރި ވަގުތު އޭނާ ބުނެލި ޖުމްލައެވެ. އެރޭ އެ ޖުމްލައިގައި މާނައެއް ނެތްހެން ހީވި ނަމަވެސް އިވާން އެ ކުޑަ ވަގުތުކޮޅުގެ ތެރޭގައިވެސް އޭނާއަށް އެ ވީ ކިހާ ބޮޑު ވައުދެއް ހެއްޔެވެ؟ އިސާހިތަކު އެ ހިތި ހަނދާނާއެކު މައިރާއަށް ދެލޯ މަރައިލަމުން އިސްޖަހައިލެވުނެވެ. "
ޔޫ ސޭވްޑް މީ އިވާން... ޔޫ އޯލްވޭޒް ސޭވް މީ" މައިރާވެސް މިފަހަރު ރައްދުގައި ދިނީ ހަމަ އެރޭގެ ޖަވާބެކެވެ. އެ ދެމެދަށް ވެރިވެގެންދިޔަ ހިމޭންކަމަށް ނިމުމެއް އައީ ސޫޓުގެ ޖީބުގައި އޮތް މައިރާގެ ފޯނު ރިންގުވާން ފެށުމުންނެވެ.
"ހަލޯ؟ ކީކޭ ކުޑާއްތާ؟" އިވާންއާ ދެތިން ފިޔަވަޅު ދުރަށް ޖެހިލަމުން މައިރާ މާޒިޔާގެ ކޯލަށް ޖަވާބުދިނެވެ. ދެވަނަ ސިކުންތުގައި އޭނާ ދެލޯ ބޮޑުކޮށްލަމުން އިވާންއަށް ބަލައިލުމާއެކު މާޒިޔާ އެ ދިނީ ރަނގަޅު ހަބަރެއް ނޫންކަން އިވާންއަށް ޔަގީން ކުރެވުނެވެ. މައިރާ ފޯނު ކަނޑައިލަމުން ހަލުވި ފިޔަވަޅުތަކެއްގައި ކެބިންއިން ނުކުތެވެ. ކަން ދިމާކުރިގޮތުން އޭނާގޮސް މުޑިއެރީ ބައްދަލުވުން ނިންމައިލުމަށްފަހު މީޓިންގްރޫމުން ނުކުތް ނަދާލްއާ އެވެ.
"މިހާރު އަނެއްކާ ކޮންތާކު ރޯކޮށްލީ؟" ނޫސްވެރިންނާ ވާހަކަދެއްކިއިރު ނަދާލްގެ އަޑުގައިހުރި މެހެމާންދާރީއެއް މިހާރަކު ނެތެވެ. އަދިވެސް ހުރީ މައިރާދެކެ ހިތްހަމަނުޖެހިފަ އެވެ.
"ނެޑް... މަލް..." މައިރާ މާގިނަ ވާހަކަދައްކާކަށް ނޫޅުނެވެ. ހަމައެކަނި އެހެން ބުނެލުމަށްފަހު ލިފްޓާ ދިމާލަށް ދުއްވައިގަތެވެ. އިވާންވެސް މައިރާގެ ފަސްފަހަތުން ދިޔަ އެވެ.
"ފަންޓާސްޓިކޯ!" ނަދާލްއަށް ލިބިގެންދިޔަ ނުތަނަވަސްކަމުގެ އަމާޒު ފަތްގަނޑަކަށްވީ އޭނާ އެދުނު ކޮފީ ހިފައިގެން އައިސް ކައިރިއަށް ހުއްޓިލި ޒާރާ އެވެ. "ކޭން އަ މޭން ކެޗް އަ ބްރެތް ޒާރާ؟" ޒާރާ ގެނައި އެސްޕްރެސޯ އެއްފަހަރުން ދަމައިލަމުން އޭނާ ބުނެލި އެވެ. އަދި އަތުގައި އޮތް އައިޕެޑާއެކު އެ ޖޯޑު ޒާރާގެ އަތަށް ދިނުމަށްފަހު ލިފްޓާ ދިމާލަށް ދުއްވައިގަތެވެ.
------------
"މައިރާ!" ބާރު ދުވެލީގައި ހައިވޭމަތިން ދުއްވަމުންދިޔަ ކާރުގެ ހުންގާނުގައި އިން ނަދާލް އަނެއްކާވެސް ކުރީ ސީޓުގައި އިން މައިރާއަށް ގޮވައިލި އެވެ. ނަމަވެސް ފޯނުން މާޒިޔާއަށް ނުވަތަ ޒުހޫރަށް ގުޅޭތޯ މަސައްކަތް ކުރަމުންދިޔަ މައިރާއަށް އެ އަޑު ނީވޭ ކަހަލަ އެވެ.
"އަޖައިބެއް ނުވާނެތަ މީހަކު އަޅެ؟ ވާހަކައެއް ދެއްކީމަ ދޯ ވާނުވާއެއް އެނގޭނީ؟ މަލަކްއަށް ވީ ކިހިނެއްހޭ؟ ކުޑާއްތަ ކީކޭތަ ބުނީ؟" ނަދާލްގެ ރުޅިގަނޑު ފަޅައިގެންގޮސް އެންމެފަހުން މައިރާގެ އަތުގައި އޮތް ފޯނު ޖަހައިގަތެވެ.
"ނެޑް ކިހިނެއް ވެގެންތަ ތި އުޅެނީ؟ ކުޑާއްތަ ބުނީ މަލްއަށް ދާނު ނިޔާވި ވާހަކަ އިވިގެން ވަރަށް ސަކަރާތްވެގެންނޯ މި އުޅެނީ. ތި ރީއްޗަށް މަގަށް ބަލައިގެން ދުއްވަބަލަ" މައިރާ ފޯނު އަލުން އަތުލި އެވެ.
"ކީކޭ؟ ކުޑާއްތަ ކީއްކުރަންތަ މިހާ އަވަހަށް މަލްގާތު ބުނީ؟" ނަދާލްއަށް ޗޮކެއް ކަނޑައިލެވުނެވެ.
"މަލް މާވަރަކަށް ރޮއެފަ ދާނުގާތަށް ގެންދާށޭ ކީމަ ކުޑާއްތައަށް ގޮތް ހުސްވީއޯ" މައިރާ ބުނެލި އެވެ. އެދެމީހުން ވާހަކަދައްކަމުން ދިޔައިރު ފަހަތު ސީޓުގައި އިވާން އިންކަންވެސް އެމީހުންގެ ހަނދާނުގައި ނެތްކަހަލަ އެވެ. އެހާވެސް ބޮޑަށް ދެމީހުން ތިބީ މަލަކްގެ ހާލާމެދު ކަންބޮޑުވެފަ އެވެ.
ގާތްގަނޑަކަށް ދިހަވަރަކަށް މިނަޓުގެ ދަތުރަކަށްފަހު ގެއަށް އާދެވިއްޖެ އެވެ. މާޒިޔާމެން އުޅޭ ފަންގިފިލާއަށް ލިފްޓުގެ ދޮރު ހުޅުވުމާއެކު އިވެން ފެށީ މަލަކްގެ ހަޅޭކުގެ އަޑުފަށްގަނޑެވެ. ތިން މީހުންނަށްވެސް ކަންބޮޑުވެފައި އެކެއް އަނެކެއްގެ މޫނަށް ބަލައިލެވުނެވެ. ލިފްޓުގެ ތެރެއިން އެންމެ ފުރަތަމަވެސް ދުވެފައި ނުކުތީ މައިރާ އެވެ.
"ދޫކުރޭ! ދޫކުރާށޭ! އަހަރެން ދާނަމޭ! ހިފެހެއްޓިޔަސް ދާނަމޭ! އަޑެއް ނީވޭތަ ބައްޕާ! ދޫކުރާށޭ!" މަލަކް މަސައްކަތްކުރީ ޒުހޫރާއި މާޒިޔާގެ އަތުތެރެއިން މިނިވަންވެގެން އެޕަރޓްމެންޓުން ނުކުތުމަށެވެ. އެމީހުންނަށް މަލަކް ހިފަހައްޓައިލެވެނީ ކިރިޔާ އެވެ. އެދެމީހުންގެ މޫނުމަތިން ހިތާމައިގެ ކުލަވަރު ފާޅުވާން ހުރިއިރު އެތަނަށް އައިސްތިބި މާޖިދުގެ ދެމަފިރިންނާއި، މުރުޝިދުގެ ދެމަފިރިންގެ މޫނުމަތިންވެސް ފާޅުވާން ހުރީ ކަންބޮޑުވުމެވެ.
"މައި! މައި!!!" މައިރާ ފެނުމާއެކު މަލަކްގެ ހަޅޭކުގެ އަޑު ވީ ބާރެވެ. މައިރާ ސިއްރުސިއްރުން މާޒިޔާއާއި ޒުހޫރަށް ބަލައި ބޯ ޖަހައިލީ މަލަކް ދޫކޮށްލާށޭ ބުނާ ފަދައިންނެވެ. އޭނާ ހީކުރި ގޮތަށް، ހަމަ ދޫކޮށްލުމާއެކު މަލަކް ދުވެފައި އައިސް އޭނާގެ އަތުގައި ހިފި އެވެ.
"މައި.. އެއީ ދޮގެއް ދޯ؟ ދާނު މަރެއް ނުވެއެއްނު. ބުނެބަ ދާނު މަރެއް ނުވެއޭ. މަންމަ އެ އުޅެނީ އަހަރެން ދާނުގާތަށް ނުފޮނުވަން.. އަނެއްކާވެސް އަހަރެން ގޭގަ ބަންދުކޮށްގެން ގެންގުޅެން. މަންމަ އުޅެނީ އަބަދުވެސް އަހަރެން ކުޑަ ކުއްޖަކަށް ހަދައިގެނޭ މައި! އަހަރެން މިހާރު ބޮޑުވެއްޖެއޭ މައި! މަންމަ ކައިރި ބުނެބަލަ ދޮގު ނަހަދާށޭ"
މަލަކްގެ ވާހަކަ ހުރިގޮތުން މައިރާއަށް ބަދަލުކޮށްލެވުނީ ހަމްދަރުދީއާއި މާޔޫސްކަމުން ފުރިފައިވާ ނަޒަރެކެވެ. އިދާންގެ މަރުގެ ހަބަރު މަލަކްއަށް ގަބޫލު ނުކުރެވިގެން އުޅޭއިރު އެކަން އޭނާގެ ދުލުން ބުނެ ސާބިތު ކޮށްދޭނެހާ ހިތްވަރު އޭނާގެ ކިބައިގައި އެބަހުރިބާއޭ މައިރާގެ ހިތަށް އެރިއެވެ. އެހެނަސް އޭނާގެ މޫނުމަތިން މަލަކްއަށް އެ އަސަރުތައް ދެނެގަންނަން ނޭނގޭނެކަން ޔަގީންވާތީ މައިރާއަށް ވާހަކަދައްކަން މަޖުބޫރުވި އެވެ.
"މަލް.. މަލް އައިމް ސޮރީ.. މަލްއަށް ފެނުނެއްނު ދާނު އޮތް ހާލު.. އިޓްސް އޯކޭއޭ މަލް.. ހީ އިޒް އެޓް އަ ބެޓަރ ޕްލޭސް ނައު" މަލަކް މަސަލަސްކުރުމަށް މައިރާއަށް އެހެން ބުނެވުނީ އެތަނުގައި އިވާން ހުރިކަން އަނެއްކާވެސް ހަނދާން ނައްތައިލާފަ އެވެ.
"ވަޓް ޑިޑް ޔޫ ސޭ؟" އިވާންއަކަށް މިފަހަރު މަޑަކުން ނުހުރެވުނެވެ. އޭނާގެ ކޮއްކޮ ދުނިޔެއާ ވަކިވެގެން ދިޔުމަކީ އެންމެ ރަނގަޅު ގޮތްކަން ނިންމަން މައިރާއަކީ ކާކު ހެއްޔެވެ؟
"ނޫން.. ނޫން ނުވާނެ އެހެނެއް! އަހަރެން އެތަނަށް ގެންދޭ! އަހަރެން ދާނު ގާތަށް ގެންދެބަލަ ޕްލީޒް!" މައިރާގެ އަތުން ދޫކޮށްލަމުން މަލަކް ދެން ހިފައިލީ އެތަނުގައި ހުރި އިވާންގެ އަތުގަ އެވެ. އެއަށްފަހު ނަދާލްގެ އަތުގަ އެވެ.
އިވާންއަށް މަލަކް ސިފަވީ އިދާންގެ ހަނދާނެއްގެ ގޮތުގަ އެވެ. އެއީ އޭނާގެ ކޮއްކޮ ދުނިޔެމަތީގައި ލޯބިވި ހަމައެކަނި އަންހެންކުއްޖާ އެވެ. ވުމާއެކު އޭނާއަށް މަލަކްއާމެދު ކުރެވެން ފެށީވެސް އަމިއްލަ ކޮއްކޮއަކާމެދު ކުރެވޭފަދަ އިހުސާސެކެވެ. މަލަކް ރޮއެ ރޮއެފައި އެންމެގާތު އާދޭސްކުރަމުން ދިޔަ ގޮތްފެނި އޭނާގެ ހިތަށް ނުހަނު އަސަރު ކުރިއެވެ.
"މަލް.." އެންމެފަހުން ކުރިއަށް ޖެހިލައި މަލަކްގެ އަތުގައި ހިފައިލި އެވެ.
"އެއީ ތެދެއް ނޫން ދޯ؟ ދޮގެއް އެއީ!" ގިސްލެވޭ ހާލުގައިވެސް މަލަކް އަހައިލި އެވެ.
"މަލް.. ލެޓްސް ޓޯކް ދޯ" އިވާންގެ ޖަވާބު އައީ މަލަކް އުއްމީދުކުރި ގޮތަކަށް ނޫނެވެ. މި ހުރިހާއިރު އެންމެން އެހާ ސާފު ސީދާކޮށް ބުނަމުންދިޔަ ވާހަކަ އިވާންގެ ނުސީދާ އެންމެ ޖުމްލައަކުން އޭނާއަށް ސާބިތުވެއްޖެ އެވެ. އިސާހިތަކު އޭނާގެ ލޮލުން އޮހޮރެމުންދިޔަ ކަރުނަތަކާއެކު މުޅި ދުނިޔެވެސް ހުއްޓުނުފަދަ އިހުސާސެއް ކުރެވުނެވެ.
އިވާންގެ އަތުން ދޫކޮށްލަމުން ފަހަތަށް ފިޔަވަޅެއް އަޅައިލި އިރު މަލަކްގެ ގިސްލުމުގެ އަޑުވެސް މަޑުމަޑުން ކެނޑެމުންގޮސް އެކީ ފަނޑުވެއްޖެ އެވެ. އޭނާގެ ނަފްސަށް ވެރިވެގެންދިޔައީ އާދަޔާ ހިލާފު ހިމޭންކަމެކެވެ. އެ ހިމޭންކަން އެތަނުގައިތިބި އެންމެންގެ ގައިން ހީބިހި ހިލުވައިލި އެވެ. އެ ހިމޭންކަމުގެ ނުރައްކާ އެމީހުންނަށް އެނގެ އެވެ.
"ދަރިފުޅާ.." "މަލަކް.." "މަލް.."
އެންމެންނަށް އެއްފަހަރާ މަލަކްގެ ގާތަށް ހިނގައިގަނެވުނު އިރު އެތަނުގައި ވާނުވާ ނޭނގޭ މީހަކަށް ހުރީ ހަމައެކަނި އިވާން އެވެ. އޭނާއަށް ފިޔަވަޅު އަޅައިލެވުނީ ފަހަތަށެވެ. އެވަގުތު މަލަކްގެ ޑަކްޓަރަށް ގުޅަން މަސައްކަތްކުރަމުން އެޕަރޓްމެންޓުން ނުކުންނަންދިޔަ ނަދާލް ފެނި އިވާން އޭނާ ހުއްޓުވި އެވެ.
"ކިހިނެއްތަ މިވީ؟ ކީއްވެތަ އެންމެން ކުއްލިއަކަށް އެހާ ހާސް މިވީ؟" އިވާންގެ ސުވާލާއެކު ނަދާލް އެ ދުވަހު އައިސްފައިހުރި ރުޅިއަށް ތެޔޮ އެޅުނު ކަހަލަ އެވެ.
"އަދި ކިހިނެއް ވީހޭ އެބަ އަހައެއްނު؟ ކަލޭ ކޮންމެހެން ދެފަޔަށް ހިނި އަރައިގެން މަލަކްއާ ބައްދަލުކުރަން ނައިނަމަ މިއިން އެއްވެސް ކަމެއް ނުވީހެއްނު! އިދާން ވީ ތަނެއް ނޭނގުނަސް އޭރު މަލަކް ވޯޒް ރިކަވަރިންގް ޕަރފެކްޓްލީ! މިހާ ދުރަށް އާދެވިފަ ހުއްޓާ އަހަރެއް ވަންދެން އަހަރުމެން ކުރި މަސައްކަތޭ ތި ފެނަށް ދުއްވާލީ!" ނަދާލް ހިތްހަމަނުޖެހިފައިހުރެ ފޯނު ކަންފަތުގައި ޖަހަމުން ސިޑިން ތިރިއަށް ފޭބި އެވެ.
އިވާން އަނެއްކާވެސް ފުން ނަޒަރަކުން އެޕަރޓްމެންޓްގެ ތެރެއަށް ބަލައިލި އެވެ. އޭރު އެންމެންވެގެން މަލަކް ގޮނޑިއެއްގައި ބައިންދައިގެން އިނދެ މަލަކްއާ ވާހަކަދައްކަން މަސައްކަތް ކުރާތަން ފެނެ އެވެ. ނަމަވެސް މަލަކް އެއިން މީހަކާ އަނގައިން ބުނެ ނުލާތަނުގައި އެއިން މީހަކަށް ބަލައިލާކަށްވެސް ނޫޅުނެވެ. މުޅި ކުއްޖާ އިނީ ހުއްޓުން އަރައިފަ އެވެ. އިވާންގެ ސިކުނޑި ސުމަކަށް ދިޔައެވެ. އެވަގުތު އެތަނުގައި މަޑުކުރުމަކީ އެންމެ ރަނގަޅުގޮތް ނޫންހެން ހީވެ، އޭނާ ނިންމީ އެތަނުން ދާށެވެ.
-------------
"އާން.. އާން އޯކޭ އަހަރެން ބުނާނަން" އެނދުގެ ހެޑްބޯޑުގައި ލެގިލައިގެން އިން ކިޔާރާ ފޯނު ކަނޑައިލުމަށްފަހު އޭނާއާ ޖެހިގެން ނިދާފައި އޮތް މައިޝާންއަށް ބަލައިލި އެވެ. ފޫހި ގޮތަކަށް ތުން އަނބުރައިލުމަށްފަހު އަތުގައި އޮތް ސިނގިރޭޓު އަރިމަތީ މޭޒުގައިހުރި އަޅިކެނޑީގެ ތެރެއަށް ނިވައިލަމުން އޭނާ މައިޝާންއަށް ގޮވަން ފެށި އެވެ.
"މައިޝާން.. މައިޝާން އޭތް ތެދުވެބަލަ!" ކިޔާރާ ގަދަކަމުން ކަހަލަ ގޮތަކަށް މައިޝާން ހޭލެއްވި އެވެ.
"ހްމްމް. ކިހިނެއްތަ ވީ؟" މައިޝާން ދެލޯ އުނގުޅައިލަމުން ކިޔާރާގެ އުނަގަނޑުގައި ހިފައި ގާތަށް ދަމައިލި އެވެ.
"ޕިސް މައިޝާން. ދެން ހޭލަބަލަ! ސީރިއަސް ކަމެއްގައޭ މި ގޮވަނީ!" ކިޔާރާ ހިތްހަމަނުޖެހުނެވެ.
"ކޮންކަމެއްތަ؟ ވަޓް ކޭން ބީ މޯރ ސީރިއަސް ދޭން ދިސް" މައިޝާން އަދިވެސް ބެލީ ކިޔާރާއާ ގާތްވެވޭތޯ އެވެ.
"މައިޝާން! މައިޝާންގެ ކޮއްކޮ ބަލިވެގެނޭ އުޅެނީ!" ކިޔާރާގެ ޖުމްލައާއެކު މައިޝާންއަށް ދެލޯ ބޮޑުކޮށްލަމުން އެނދުން ތެދުވެ އިށީނެވެ. "މައިރާ؟" އޭނާއަށް އަހައިލެވުނެވެ.
"ނޫނެކޭ! މަލަކް! ދެންމެ އަހަރެންގެ ރައްޓެއްސަކު ގުޅާފަ އެ ބުނީ ކުރީދުވަހު ހޮސްޕިޓަލުން ދެކުނީމޯ!" ކިޔާރާ ބުންޏެވެ.
"މަލް އެއީ އެހެން ބަލިކޮށް އުޅޭ ކުއްޖެކޭ! ދެން އަހަރެންނަށް ކީއްތަ؟ އެވަރު ކަމަކާތަ ކިޔާރާ އަހަރެންގެ ނިދި ތި ހަރާބު ކޮށްލީ؟" މައިޝާން އަނެއްކާވެސް މޫނުމަތީގައި ބާލީސް އަޅައިލަމުން އޮށޯތް މަންޒަރުފެނި ކިޔާރާގެ ލޭ ކެކިގަތެވެ.
"ތެދުވޭ! ހަމަ މިހާރު ތެދުވޭ! މައިޝާންއަށް ވަރަށް ފަސޭހައެއްނު އާއިލާއާ ގުޅުން ކަނޑާލާފަ ލޯލާރިއެއްވެސް ނުލާ މިތާ ކަޓު ރަށަކަށް އައިސް ތިހެން އޮންނަން" ކިޔާރާއަށް ހަޅޭއްލަވައިގަނެވުނެވެ. އިސާހިތަކު މައިޝާންގެ ނިދިވެސް ފިލައިދިޔަ އެވެ.
"ޕިސްޕިސް ކިޔާ! ކިހާ ދެރަކަމެއްތަ ތިއީ ދެން؟" މައިޝާންއަށް ނިތްކުރީގައި ހިފަހައްޓައިލެވުނެވެ. "އަހަރެން ކަމެއް ނުކޮށެއް ނޫނެއްނު މިތަނަށް އައިސް މި އޮންނަނީ! ކިޔާއަށް އަދިވެސް ހީވެގެން ތި އުޅެނީ އަހަރެންނަކީ މޮޔައެކޭތަ؟ އަހަރެންނަށް އެނގޭ ކިޔާ ބޭނުންވި ގޮތެއް ނޫންކަން އަހަރެން ލީން ވަރިކޮށްލާފަ އާއިލާއާ ވަކިވެގަތުމަކީ. އެކަމް ޓްރަސްޓް މީ ބޭބީ! އަހަރެން އެބަ ގޮތެއް ހޯދަމޭ! ނެޑްއަށް އެ ޝަރުތު ހުށަހަޅައިގެން އޭނަ ކޮމްޕެނީއިން ދުރަށް ފޮނުވައިލުން އެއީ އަދި އަހަރެން މި ކުރާ ކަންތަކުގެ ފުރަތަމަ ހަރުފަތް!"
"ކީ.. ކީކޭ؟ އަހަރެންނާ ހިއްސާނުކޮށް މައިޝާން އަމިއްލަ އަމިއްލައަށް އަނެއްކާ ކީއްކުރަން ތި އުޅެނީ؟" ކިޔާރާއަށް އަހައިލެވުނެވެ. މައިޝާން ވަކި އެއްޗެކޭ ނުބުންޏެވެ.
"މައިޝާން... ޓެލް މީ..." ކިޔާރާ އަކުރުތަކަށް ދަމައިލަމުން ތުން ބިންދައިލުމާއެކު މައިޝާންއަކަށް މާ ގިނައިރު ގޮތުގައި ހިފަހައްޓައިގެނެއް ނުހުރެވުނެވެ. ހިނިތުންވެލަމުން ކިޔާރާގެ އަތުގައި ހިފައި އޭނާއާ ގާތަށް ދަމައިލީ ހުރިހާކަމެއް ހިއްސާކުރުމަށް ނިންމަމުންނެވެ.
-------------
ޖެހިގެން އައި ދުވަހެވެ. މަސައްކަތުގެ ތެރެއަށް ސިކުނޑި ހުސްކޮށްލަން ބޭނުންވިއެއްކަމަކު އިވާންއަށް އަދިވެސް ވިސްނެމުން ދިޔައީ އޭނާގެ ކުރިމަތީގައި އިއްޔެ މަލަކްއަށް ވެގެންދިޔަގޮތާ މެދުގަ އެވެ. ނަދާލް އެންމެފަހުން ބުނެލި ބަސްތައް ސިކުނޑީގައި ތަކުރާރުވަމުން ދިޔައިރު، މައިރާއަށް ގުޅައި މަލަކްގެ ހާލު އޮޅުން ފިލުވަން ކިތަންމެހާވެސް ބޭނުންވި އެވެ. އެއީ މަރުވެފައިވާ އޭނާގެ ކޮއްކޮއަށްޓަކައި ކޮށްދެވޭނެ އެންމެ ކުޑަ މިންވަރުކަން ގަބޫލުކުރި އެވެ. އެހެނަސް އެހިޔާލު ދޫކޮށްލީ އޭނާ އަމިއްލައަށް އިސްނަގައިގެން މައިރާއަށް ގުޅަން ބޭނުން ނުވީތީ އެވެ.
އައުޒަމްގެ ހުއްދައާއެކު އިވާން މަސައްކަތުން ހުސް ވަގުތުކޮޅެއް ނެގުމަށްފަހު ތާޒާވެލައިގެން ހ.ފްލޮރެންސްއާ ދިމާލަށް ހިނގައިގަތީ އެދުވަހުގެ އިރު އޮއްސުމާ ގާތްވެފައި ވަނިކޮށެވެ. އެވަގުތަކީ މައިރާވެސް އޮފީސް ނިންމައިލުމަށްފަހު ގެއަށް އައި ވަގުތުކަމުން ދެމީހުންނަށްވެސް ގޭގެ ދޮރާ ހަމައަށް އާދެވުނީ އެކުއެކީގަ އެވެ. އިވާން ފެނުމާއެކު މައިރާއަށް އޭނާ އެތަނަށް އައިސްހުރި ސަބަބު ދެނެގަނެވުނެވެ. ސުވާލަކާނުލައި އިވާން ވަނުމަށްޓަކައި ގޭގެ މައިދޮރާށި ހުޅުވައިލައި ދިނެވެ.
ލިފްޓަށް އެރުމަށްފަހު އިވާންއެކޭ އެއްފަދައިން މައިރާގެ އަތްވެސް ދަތުރުކުރީ އެއް ނަންބަރަކާ ދިމާލަށެވެ. ފަޅި ސިކުންތަކަށް ދެއަތް ބީހިލި ހިނދު އެދެމެދުގައި ކަރަންޓުގެ އޮއެވަރެއް ދަތުރުކޮށްލި އެވެ.
އިވާން އަވަސްކަމާއެކު އަތް ދުރުކޮށްލި ނަމަވެސް އޭނާއަށް ލޮލުގެ ހިމަކޮޅުން މައިރާއަށް ބަލައިލެވުނެވެ. ދޫކޮށްހުރި މުށިކުލައިގެ އޮފީސް ހަރުވާޅުގެ ދަށަށް ޖަހާލެވިފައިވާ ކްރީމްކުލައިގެ ސެޓިން ގަމީހުގައި މައިރާ ފެންނަނީ ވަރަށްވެސް ފުރިހަމަ ކޮށެވެ. ވައަތުން ދަބަސް ހިފަހައްޓައިލައިގެން ހުރިއިރު ކަނާއަތުގައި މުށިކުލައިގެ އޮފީސް ސޫޓެއް އަޅުވައިލެވިފަ އެވެ.
އިވާންއާ ހިލާފަށް މައިރާގެ ނަޒަރުގައި އެއްވެސް ސިއްރިއްޔާތު ކަމެއް ނެތެވެ. އޭނާ ލަސްލަހުން އިވާންއާގާތަށް ފިޔަވަޅު އަޅަން ފެށްޓެވެ. އެއިން ކޮންމެ ފިޔަވަޅަކާއެކު ފަހަތަށް ޖެހެމުންގޮސް އިވާންއަށް ލިފްޓުގެ ކަނަކަށް ލެގިލެވުނެވެ. މައިރާގެ ތުންފަތަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ކަނާއަތުގައި އޮތް އޮފީސް ސޫޓު ވައަތަށް ބަދަލުކޮށްލުމަށްފަހު އެ އަތުން އިވާންގެ ގަމީހުގެ ގޮށްފަތީގައި ހިފަހައްޓައިލި އެވެ.
"ޔޫ ސްމެލް ގުޑް" މައިރާގެ މޫނު ނުރައްކާތެރި ދަރަޖައަށް ކައިރިވެގެން ދިޔަހިނދު އިވާންއަށް ހިންދިރުވައިލެވުނެވެ. އެވަގުތު ހަވަނަ ފަންގިފިލާއަށް ލިފްޓުގެ ދޮރު ހުޅުވިގެން ދިޔުމަކީ ކާކުގެ ނަސީބެއް ކަމެއް ނޭނގެ އެވެ. މައިރާ އިވާންގެ ގައިން ދޫކޮށްލުމަށްފަހު ލިފްޓުން ނުކުތެވެ. އިވާންއަށް ހިފަހައްޓައިގެންހުރި ނޭވާ ދޫކޮށްލެވުނީ އެހިސާބުންނެވެ. އޭނާވެސް މައިރާގެ ފަހަތުން ހިނގައިގަތެވެ.
"ހީވާކަހަލަ މަލް ހަމަ ކުރީގެ ހާލަތަށް ވެއްޓުނީއޭ. އިއްޔެއިއްސުރެން އެއްވެސް މީހަކާ ވާހަކައެއް ނުދައްކާ. މީހަކު ކިޔާ އެއްޗެއް އަޑުވެސް އަހަނީކީ ނޫން" މައިރާ ކޮންމެވެސް ވަރަކަށް މަލަކްގެ ހާލަތު އިވާންއަށް ހުލާސާ ކޮށްދިނެވެ. ދެމީހުން މަލަކްގެ ކޮޓަރިއާ އަރައި ހަމަވިއިރު އެތެރެއިން މާޒިޔާގެ އަޑު އިވެމުންދިޔަ އެވެ. މައިރާއާއި އިވާން ފެނުމާއެކު މާޒިޔާ މަލަކްއާ ދައްކަމުންދިޔަ ވާހަކަ ހުއްޓައިލުމަށްފަހު އެ ދެމީހުންނާ ދިމާލަށް ހިނގައިގަތެވެ.
"ހެނދުނުއްސުރެން ވަރަށް މަސައްކަތް ކުރެވިއްޖެ ވާހަކަ ދެއްކޭތޯ... މައި އަޅެ މަސައްކަތް ކޮށްލަބަލަ" މާޒިޔާގެ ވާހަކައަށް މައިރާ ބޯ ޖަހައިލުމާއެކު އޭނާ އެތަނުގައިހުރި އިވާންއަށް ހިނިތުންވެލުމަށްފަހު ކޮޓަރިން ނުކުތެވެ.
"މަލް.. އޮފީސް ނިންމާލިގޮތަށް މި އައީ. ހާދަ ބަނޑުހައޭ! ހިނގާބަ މިރޭ ކޮންމެވެސް އެއްޗެއް ކާލަން ދާން!" މައިރާ މަލަކްގާތު އިށީނދެލަމުން މަލަކްއާ އެކި ވާހަކަ ދެއްކޭތޯ މަސައްކަތްކުރި އެވެ.
"މަލަކް..." މައިރާގެ މަސައްކަތް ބޭކާރުވަމުން ދާތަން ފެނި އިވާންވެސް މަލަކްއަށް ގޮވައިލީ މާބޮޑު އުއްމީދެއް ނެތި އެވެ. އެހެނަސް އެ ދެމީހުންނަށްވެސް ހައިރާންކަމެއް ލިބުނީ އިވާން ގޮވައިލުމާއެކު މަލަކް އިސްއުފުލާލައި އިވާންއާ ހަތަރުކަޅި ހަމަކޮށްލުމުންނެވެ. އެމީހުންނަށް ނޭނގުނު ކަމަކީ އިވާންގެ އަޑު މަލަކްގެ ކަންފަތާ ހަމައަށް ފޯރީ އިދާންގެ އަޑުގެ ގޮތުގައި ކަމެވެ. އެ ސިފަ ހަމަލޮލަށް ފެންނާން ހުރުމުންވެސް މަލަކްގެ ހިތަށް ލިބެމުންދިޔައީ އާދަޔާހިލާފު ހިތްހަމަޖެހުމެކެވެ. ކުރެވެނީ އިދާންއާ ގާތުގައި ހުރެވޭކަމުގެ އިހުސާސެކެވެ.
"މަލް... އަހަރެންނަށް އެނގޭ މިއީ ކިތަންމެ ޝުގަރކޯޓްކޮށްފަ ދެއްކިޔަސް އަޑުއަހަން ފަސޭހަވާނެ ވާހަކަތަކެއް ނޫންކަން" މަލަކްގެ ފަރާތުން ކުޑަވެސް ރައްދެއް ލިބުން ވެގެންދިޔައީ އިވާންއަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރަކަށެވެ. ޖެހިލުންވެފައި އިން ނަމަވެސް މަލަކްގެ އަތުގައި ހިފައިލަމުން އެ ހިތްވަރުން މަލަކްއަށްވެސް ހިވްވަރެއް ދެވޭތޯ މަސައްކަތްކުރި އެވެ.
"އިދާން އިޒް ނޯ މޯރ މަލް. އަހަރުމެން ޖެހޭނީ އެކަން އެކްސެޕްޓްކުރަން. ހަނދާން ނައްތާލާކަށް ނޫން މި ބުނަނީ އެކަމަކު ހަނދާންތަކާއެކުވެސް.. އަހަރުމެން ޖެހޭނީ މޫވް އޮން ކުރަން. މިހެން ބުންޏަސް އެނގޭ ފަސޭހައެއް ނުވާނެކަން. އަންޑަރސްޓޭންޑްވޭ މަލް ދެރަވާނެވަރު. ވަކިވެގެންދިޔައީ އަހަރެންގެވެސް ކޮއްކޮ. ވީ.. ވީ ހޭވް ޓު ބީ ސްޓްރޯންގް މަލް. އަހަރެންނަށްވެސް.. މަލްއަށްވެސް އަންނާނެ ދުވަހެއް އެއީ" އިވާން ލަސްލަހުން މަލަކްއަށް ވިސްނައިދެވޭތޯ މަސައްކަތްކުރި އެވެ. އެއާއެކު އެ ހުރިހާއިރު ފާޑަކަށް ގަނޑުވެފައި އިން މަލަކްގެ ލޮލުން ކަރުނަ ތިތްކެއް ނީރައިލި އެވެ.
"ދެޓްސް ލިޓެރަލީ އޯލް އައި ވޯންޓެޑް.. އަހަރެން ބޭނުންވިހާވެސް ކަމަކީ ތިއީ.." މަލަކް އިސްޖަހައިލުމަށްފަހު ނޭފަތް ދަމައިލި އެވެ. "އަހަރެން ބޭނުމޭ ހަގީގަތް ގަބޫލުކުރަން. އެކަމަކު އަހަރެންނަށް ހަގީގަތް ވިސްނައިދޭން ބޭނުންވާ އެކަކުވެސް ނެތް. އިވާން އެކަނި ދާނުގެ ވާހަކަ އަހަރެންނާ ދައްކާ މީހަކަށްވެސް ހުރީ. އެންމެންވެސް ބޭނުންވަނީ މި ކަންތަކުން އަހަރެން ޑިސްޓްރެކްޓް ކުރަން. އިޓްސް އޯލްވޭޒް 'މަލް ލެޓްސް ވޮޗް އަ މޫވީ' އޯރ 'މަލް ލެޓްސް ގޯ ސަމްވެއަރ ޓު އީޓް'. ދެއި ވޯންޓް ލެޓް މީ ފީލް ދިސް ސިޗުއޭޝަން އިވާން.. ދެއި ވޯންޓް ލެޓް މީ ގްރީވް ހިމް. އެއްވެސް އިރަކު އަހަރެން ބޭނުންވާ މިނިވަންކަމެއް މި ގޭތެރެއަކު ނޯވޭ. މަންމަމެންނަށް އަދިވެސް ހީވާ ކަހަލަ އަހަރެންނަކީ ކުޑަކުއްޖެކޭ. އެހެންވެ އޭރުވެސް އަހަރެންނާއި ދާނުގެ ގުޅުން ސިއްރުކޮށްގެން އުޅެން ޖެހުނީ.. ނައު ދެޓް ހީ އިޒް ގޯން... ދެއި އާރ ސްޓިލް ނޮޓް އިވަން ލެޓިންގް މީ ގްރީވް ފޯރ ހިމް. މަލް ދެރަވީމަ އެ ހިތާމައިގަ ބައިވެރިވާން ބޭނުންވާ އެކަކުވެސް ނޫޅޭ. އެ ފީލިންގްސް ވެލިޑޭޓްކުރާ އެކަކުވެސް ނޫޅޭ. މަލްވެސް ދެރަވާނެ ފުރުސަތު ދީބަލަ. ކިހިނެއްތަ އަބަދު ހުރިހާ ކަމެއް ނުވާކަމަކަށް ހަދައިގެން ހުންނާނީ؟ އައި ޑޯންޓް ވޯންޓް ޓު ސްޓޭ ހިޔަރ އޭ! މަލް މިތަނުން ގެންދާނަމޭ ކިޔާފަ ދާނު ކީއްވެތަ މަލް ގޮވައިގެން ނުދިޔައީ؟" މަލަކްގެ ރުއިމުގެ އަޑު ހިނދެއް ހިނދަކަށް ބާރުވަމުންގޮސް ގިސްލުމަކަށް ބަދަލުވި އެވެ.
"ޑޯންޓް ސޭ ދެޓް. މަލް ވިސްނާލަބަ. އެންމެންވެސް މަލްދެކެ ލޯބިވާތީ... މަލް އުފަލުގަ ހުންނަތަން ދެކެން ބޭނުންވާތީ މަލް ދެރަވާކަހަލަ ވާހަކަ ނުދައްކަނީއޭ! ވީ އަރ ނޮޓް އިންވެލިޑޭޓިންގް ޔޯރ ގްރީފް މަލް" މައިރާއަކަށް މަޑަކުން ނީނދެވުނެވެ. މަލަކްގެ މޫނު ދެއަތުގެ ތެރޭގައި ހިފަހައްޓައިލަމުން އޭނާއާ ދިމާލަށް އަނބުރައިލި އެވެ. "އެކަމަކު ގްރީވް ކުރާށޭ ކިޔާފަ މަލް ތިގޮތަށް ދިރިއުޅުމާމެދު އުއްމީދު ކަނޑާލައިގެން އިންނަން އަހަރުމެންގެ އިތުރުން ދާނުވެސް ބޭނުންވާނެތަ؟" އޭނާ އަހައިލި އެވެ.
"އެ ތެދެއް މަލް. ހުރިހާ ކަމަކަށްވެސް ހިތްވަރު ކުރަންވާނެ ދުނިޔެއަކީ ދިރިތިބީންނަށް އޮތް ތަނެއް. ބުނެ އުޅެއެއްނު ލައިފް އިޒް ފޯރ ދަ ލިވިންގް އޭ. އެނގޭތަ ދާނު އަބަދުވެސް އަހަރެންނަށް މަލްގެ ވާހަކަ ކިޔައިދޭއިރު ބުނާނެ، ވަރަށް ޖޯއިފުލް ކުއްޖެކޭ.. ވަރަށް ސްޓްރޯންގް ކުއްޖެކޭ.. މަލް ތިއީ އަދިވެސް ހަމަ އެ ކުއްޖާއެއްނު ދޯ؟ ދުނިޔަވީ ހަޔާތަކީ ކުރު ހަޔާތެއް. ހަމަ ކުޑަ ދުވަސްކޮޅެއް ވަންދެން ކޮންމެ މީހަކުވެސް އެމީހަކަށް ކުރިމަތިވާ އިމްތިހާނުތަކަށް ކެތްތެރިވެލަން ޖެހޭނީ. ސޯ ކެން ޔޫ ޑޫ ދެޓް؟ ޖަސްޓް ފޯރ އަ ލިޓްލް ލޯންގަރ" އިވާންވެސް އޭނާގެ އަތުތެރޭގައި އޮތް މަލަކްގެ އަތަށް ފިތައިލަމުން ބުންޏެވެ.
މަލަކް ކުޑަކުއްޖަކު ފަދައިން ތުންބިންދާލައިގެން އިނދެ އޭނާއާ ވާހަކަދައްކަމުންދިޔަ އިވާންއާއި މައިރާއަށް ބަލައިލި އެވެ. ގަރުނަކަށް ދެމިގެންދިޔަހެން ހީވާފަދަ ހިމޭންކަމަކަށްފަހު އޭނާ ބޯ ޖަހައިލީ އިވާންއާއި މައިރާގެ ނަސޭހަތް ގަބޫލުކުރާ ފަދައިންނެވެ.
"މަލް ވަރަށް ވިސްނައިފިން. މަލްވެސް ބޭނުމެއްނޫން ދާނު އެހާލުގަ އޮވެ ސަފަރ ކުރާތަން ދެކޭކަށް. އިވާން ބުނިހެން މިއީ ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެއް. ދާނުގެ ޓައިމް ހަމަ ތަންކޮޅެއް އަވަހަށް އައީ" މަލަކް ގިސްލެމުންދިޔަ ހާލުގައިވެސް ވާހަކަ ދެއްކޭތޯ އަވަސްކުރި އެވެ. "އެންޑް އިޓްސް އޯކޭ.. އިންޝާﷲ މަލް ދުޢާކޮށްދޭނަން ދާނުއަށް. މަލް ސްޓްރޯންގް ވާނަން.. ޕްރޮމިސް.."
އިވާން އާއި މައިރާގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ. މައިރާ އުފަލާއެކު މަލަކްގެ ގައިގައި ބައްދައިލުމާއެކު މަލަކްވެސް އަތް އުފުލައިލަމުން މައިރާގެ ހަށިގަނޑުގައި ވަށައިލި އެވެ. އޭނާ އިވާންއާ ދިމާލަށް އެއް އަތް އުފުލައިލުމާއެކު އިވާންވެސް ލުއި ހިނިތުންވުމަކާއެކު ކުރިއަށް ޖެހިލަމުން މައިރާއާއެކު މަލަކްގެ ގައިގައި ބައްދައިލި އެވެ.
------------
ހަފްތާއެއް ފާއިތުވެގެން ދިޔައިރު އިވާން ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަގުތެއް ހޯދައިލަމުން މަލަކްއަށް ޒިޔާރަތް ކުރަނީ މަލަކްގެ އެކަނިވެރިވާނޭ ފުރުސަތު ނުދިނުމަށެވެ. މަސައްކަތް ހުންނަ ގޮތުން މިފަހަކަށް އައިސް އޭނާއަށް އެ ގެއަށް ދެވެނީވެސް މައިރާ އޮފީހުގައި ހުންނަ ވަގުތުތަކުގަ އެވެ. މިހާރު އެ ގޭތެރެއަކުން އޭނާއަކަށް އެއްވެސް ބީރައްޓެހިކަމެއް އިހުސާސެއް ނުކުރެވެ އެވެ. އެގޭގެ އެންމެން، އަދި ހާއްސަކޮށް މަލަކްގެ މައިންބަފައިން އޭނާއަށް މަރުހަބާ ކިޔަމުންދިޔައީ ހިތްހެޔޮ ކަމާއެކުގަ އެވެ. އޭނާގެ ސަބަބުން މަލަކްގެ ހާލަތު ކުރިއަރަމުން ދާކަން ގަބޫލުކުރެވޭތީ އެވެ.
--------------
ކުންފުނިން އޭނާއަށްޓަކައި ހުސްވަމުންދިޔަ އާ މަގާމަށް ތައްޔާރުވަމުން ދާތީއާއެކު މަލަކްއާއެކު ހޭދަކުރެވޭ ވަގުތުތައް މަދުވެފައިވި ނަމަވެސް މައިރާއަށްވެސް މަލަކްގެ މިޒާޖާއި ނަފްސާނީ ދުޅަހެޔޮކަމަށް އަންނަ ކުރިއެރުން ފާހަގަ ކުރެވެން ފަށައިފި އެވެ. އެކަމާ ހިތްހަމަޖެހުނު ވަރުން މައިރާއަށް އެވާހަކަ މާޒިޔާމެންނާވެސް ހިއްސާ ކުރެވުނެވެ.
"މަލް މިހާރު ހާދަ ބަރާބަރޭ ދޯ. އަލްހަމްދުލިއްﷲ" މާޒިޔާމެންނާއެކު އެއްދުވަހެއްގެ ހަވީރުގެ ސައިގައި ބައިވެރިވަމުންދިޔަ މައިރާއަށް ބުނެވުނެވެ. އޭރު މަލަކް ސައިބޮއި ނިންމައިލުމަށްފަހު ކޮޓަރިއަށް ވަދެއްޖެ އެވެ.
"ހްމްމް. އިވާން އައިމަ ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަރަކަށް ހަމަޖެހިލާ. އިވާން ދިޔައިމަ ކުޑަކޮށް މަޑުމޮޅިވެލާފަ ހުންނަނީ.. އެކަމަކުވެސް ކުރިއަށްވުރެ ރަނގަޅު" މާޒިޔާ އުފާވެރި ރާގެއްގައި ބުނެލި އެވެ.
"އިވާން؟ އިވާން އާދޭތަ މި ގެއަށް؟" މައިރާއަށް އެ ހަބަރު ވެގެންދިޔައީ މުޅިން އާ ހަބަރަކަށެވެ.
"ހްމްމް. ކޮންމެ ދުވަހަކު އައިސް މަލަކް ގޮވައިގެން ޓެރަހަށް އަރާލާ ވާހަކަދައްކައިލާ އުޅެފަ ދާނީ. ހާދަ ރަނގަޅު ކުއްޖެކޭ ދޯ އެއީ މާޝާﷲ. މިޒަމާނުގަ އެކަހަލަ ހިތްހެޔޮ ކުދިން ވަރަށް މަދުވާނެ. އެނގޭތަ އިވާން މިކޮޅުގަ އުޅެނީ ވަގުތީ ވަޒީފާއެއްގަ އޯ. މި އަންނަ ހަފްތާތެރޭގަ ކޮންޓްރެކްޓް ހަމަވެގެން ރަށަށް ދާކަހަލަ ވާހަކައެއް ދެއްކި ޒުހޫރުބެގާތު. ދައްތަ އެބަ ވިސްނަން މަލް ގޮވައިގެން ދުވަސްކޮޅަކަށް އިވާންއާއެކު އެ ރަށަށް ގޮސްލަން. މިހާރު ޑަކްޓަރުވެސް ބުނެފަ އޮތީ ދިޔުމަކުން މައްސަލައެއް ނޫނޭ. މަލްއަށްވެސް ރަނގަޅުވާނެއޭ މާހައުލު ބަދަލު ކޮށްލީމަ"
މާޒިޔާގެ ވާހަކަ އެހިސާބަށް ދިޔައިރު މައިރާގެ މޫނުމަތި ބަނަވާން ފަށައިފި އެވެ. މަލަކްއަށް ކިތަންމެ ހެޔޮ އެދުނު ކަމަށްވިޔަސް އިވާން އޭނާއާ ނުބާއްވާ ގުޅުމެއް މަލަކްއާ ބަދަހިކުރަން ފަށައިފިކަމުގެ ހިޔާލުން މައިރާއަށް އުނދަގޫވި އެވެ. ސައިބޯ ހިތްވެސް ކެނޑުމާއެކު މާޒިޔާ ދައްކަމުންދިޔަ ވާހަކައިގެ މެދުތެރެއިން އޭނާ މޭޒު ދޫކޮށް ތެދުވެއްޖެ އެވެ.
"މައި.. ދަރިފުޅު ސައިބޮއި ނިމުނީތަ؟" މާޒިޔާއަށް އަހައިލެވުނެވެ.
"އާން ކުޑާއްތާ ވަރަށް ވަރުބަލި. ދެން މަލްގާތު އިރުކޮޅަކު އިނދެލާފަ ނިދާލަން ދާނީ" މައިރާ ޖަވާބުދިނެވެ. މަސްނޫއީ ހިނިތުންވުމަކާއެކު އޭނާ ގޮސް ވަނީ މަލަކްގެ ކޮޓަރިއަށެވެ. އޭރު މަލަކް ފޯނުން އަޅުވާލެވިފައިވާ ގޭމަކަށް ސަމާލުކަށް ހުއްޓާލައިގެން އިނެވެ.
"ކޯއްޗެއްތަ ތި ކުޅެނީ ދައްކަބަލަ. ހޫން! މަލް ޕަބްޖީ ކުޅެން ފެށީތަ؟" މައިރާ މަލަކްގެ ފޯނަށް ލޯ ދިއްކޮށްލުމަށްފަހު މަޑުމަޑުން މަލަކްގެ ބޮލުގައި ޖަހައިލި އެވެ.
"ހްމްމް. މިއީ މަލް ފޫހިވާތީ އިވާން އަޅައިދިން ގޭމެކޭ. އިވާން ކުރިން ކުޅުނު އައިޑީވެސް މަލްއަށް ދީފަ މިއޮތީ. މިހާރު ޓައިމެއް ނުވެޔޯ އިވާން ބުނީ ގޭމް ކުޅޭކަށް" މައިރާގެ މޫނުމަތިން ހިނިތުންވުން ފިލައިދާކަށް ސުކުންތެއްވެސް ނުނެގި އެވެ. އެކަމަކު ގޭމަށް ގެއްލިފައި އިން މަލަކްއަށް އެކަން ފާހަގައެއް ނުކުރެވުނެވެ.
"އިވާން ވަރަށް ގިނައިން އާދޭ ދޯ މިގެއަށް؟ މަލްއާ މިހާރު ފްރެންޑް ދޯ؟" މައިރާ އާދައިގެ ރާގެއްގައި އަހައިލި އެވެ. މަލަކް އިރުކޮޅެއް ވަންދެން އެއްޗެކޭ ނުބުނެ އިންއިރު މައިރާގެ ހިތް ދިޔައީ ނެގިނެގިފައި ޖެހެމުންނެވެ. އޭނާ ބިރުގަންނަމުން ދިޔައީ މަލަކްއާއި އިވާންގެ މެދުގައި ރަހުމަތްތެރިކަމަށްވުރެ ގާތް ގުޅުމެއް އުފެދިފައި އޮވެދާނެތީ އެވެ. އިވާން ކުރިން މަލަކްއާމެދު ދެއްކި ވާހަކަތަކަށް ވިސްނައި އިވާންއާމެދު ކޮންމެވެސް ވަރެއްގެ އިތުބާރެއް އޮތް ނަމަވެސް މަލަކްގެ ނަފްސާނީ ހާލަތު ހުރިގޮތުން އޭނާއަކަށް މަލަކްއާމެދު އެއްވެސް އިތުބާރެއް ނެތެވެ. އެހެންނޫނަސް ހިތަކީވެސް އެނބުރޭ ވަހުތާނެއްފަދަ އެއްޗެކޭ ބުނާ މީހުން މަދެއް ނޫނެވެ. މަލަކްއާއި އިވާން ހިއްސާ ކުރަމުންދަނީ އެއް ހިތާމައެކެވެ. ދެހިތަށްވެސް ބޭނުންވެފައި ވަނީ އެއް ފަރުވާ އެކެވެ. އެ ފަރުވާ ހޯދުމުގެ ތެރޭގައި ދެމީހުންގެ ހިތް އެކަކު އަނެކަކަށްޓަކައި ލެނބުމަކީ ހަމަ ވެދާނެކަމެއް ނޫން ހެއްޔެވެ؟
"މަލް.. ތިދެމީހުން ދެން ކޮން ވާހަކަތަކެއްތަ ދައްކަނީ؟" މޫނުމަތިން ހަމަޖެހޭގޮތް ދައްކަން މަސައްކަތްކުރި ނަމަވެސް މައިރާގެ ހިތް ދިޔައީ ތެޅި ފޮޅެމުންނެވެ. މަލަކް ފޯނު ބާއްވައިލުމަށްފަހު މައިރާއާ ދިމާލަށް އެނބުރިލިގޮތުން ހީވީ ބޮޑު ވާހަކައެއް ދައްކަން ތައްޔާރުވެލި ހެންނެވެ.
"ވަރަށް ގިނަ ވާހަކަ ދެކެވޭ. އިވާން އަހަރެންނާ ދޭތެރޭ ޓްރީޓެއް ނުކުރެއޭ އަހަރެން މިއީ ނުވިސްނޭ ކުޑަކުއްޖެއްހެން. އަބަދުވެސް އަހަރެންނަށް ކިޔައިދެނީ ދުނިޔޭގެ ހަގީގަތް. މައި. އަހަރެން ސީކްރެޓެއް ބުނަންތަ؟" މަލަކްގެ ސުވާލަށް ބޯ ޖަހައިލިއިރު މައިރާއަށް އިނދެވުނީ ހަމަ ރަނގަޅަށްވެސް ނޭވާ ހިފަހައްޓައިލައިގެނެވެ.
"މައިއަށް އެނގޭތަ އަހަރެންނަށް އިދާންއާއެކު ހުރެވޭ ވަގުތުތަކުގަ ވަރަށް އެހެން ކަހަލަ އިހުސާސެއް ކުރެވެނީ. ހިއެއްނުވޭ ދާނު ހުރީ އަހަރެންނާ މާ ދުރުގައެކޭ. އިވާންގެ އަޑު އިވުނީމަ.. އިވާން ފެނުނީމަ ހީވަނީ ހަމަ ދާނުގާތު ހުރެވޭހެން. މައި.. ޑޫ ޔޫ ތިންކް ދެޓް އިޒް ވިއަރޑް؟ މައިއަށް ހީވޭތަ އިފް އައި ލައިކް ހިމް.. އަހަރެންނަށް ދާނުއާ ދޭތެރޭ އަންފެއަރ ވެވެނީހެން؟" މަލަކް އަހައިލި އެވެ. މައިރާގެ ހިތް ގެނބިގެންދިޔަ އިހުސާސެއް ކުރެވުނެވެ. މަލަކް ހަމަ ރަނގަޅަށްވެސް އިވާންއާ ގަޔާވާން ފެށީތާއޭ ހިތަށް އެރި އެވެ.
"މަލް.. ހިތަކީ ކޮންމެފަދަ ވަގުތެއްގަވެސް ބަދަލުވެދާނެ އެއްޗެއް. މީހެއްދެކެ ހަމަ ހަގީގަތުގަވެސް ލޯބިވެވުމަކީ މައްސަލައެއް ނޫން. އެކަމަކު ކީއްވެ އިވާން؟ އައި މީން.. އިވާން މަލްއާ ދޭތެރޭގަ ނުދެކޭނެ ކަންނޭނގެ އަމިއްލަ ކޮއްކޮގެ ލޯބިވެރިޔާ ނޫން ގޮތަކަށް. ޔެސް.. އިވާންގެ އަޑާއި ސިފަ ހަމައެކަނި ދާނުއާ ވައްތަރުވިއޭ ކިޔާފަ މަލް ތިގޮތަށް އިވާންއާމެދު ދެކުން އެއީ ދާނުގެ އިތުރުން އިވާންއަށްވެސް ވެވޭނެ ބޮޑު ބޭއިންސާފެއް. ޔޫ ހޭވް ޓު ލަވް ޕީޕަލް ފޯރ ހޫ ދެއި އާރ. އަޑަށާއި ސިފައަށް ބަލާފަ ލޯބިވާ އެހެން މީހަކާ ވައްތަރުވީމައެއް ނޫން" މަލަކްގެ އަތުގައި ހިފައިލަމުން މައިރާ ބުންޏެވެ.
"ހްމްމް.. މައި ތި ބުނީ ރަނގަޅަށް" މަލަކް އިރުކޮޅަކު ވިސްނައިލުމަށްފަހު ބުނެލި އެވެ. "އައި ޑޯންޓް ލައިކް އިވާން.. އިވާންގެ އަޑާއި ސިފަ ދާނުއާ އެއްގޮތްވީމަ އަހަރެންނަށް ބައެއްފަހަރު ކޮންފިއުޒް ވަނީ. އަހަރެން އަދިވެސް ހަގީގީ ލޯބިވަނީ ދާނުދެކެ" އޭނާގެ އަޑަށް މާޔޫސީކަން ވެރިވި އެވެ. މައިރާ އޯގާތެރިކަމާއެކު މަލަކްގެ ބުރަކަށީގައި ފިރުމައިލި އެވެ.
ދެތިން މިނަޓުވަންދެން މަލަކްއާ ވާހަކަދައްކަން މަޑުކޮށްލުމަށްފަހު މައިރާ އެގެއިން ނުކުތްއިރު އޭނާގެ ހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބިފައިވެ އެވެ. ނަމަވެސް އަމިއްލަ ކޮޓަރީގެ ހަތަރުފާރު ތެރޭގައި ބަންދުވެވުނު ހިނދު ހިތުގައިވާ ޝަކުވާތައް އަނެއްކާވެސް އެ ތަސައްލީގެ މައްޗަށް ކުރި ހޯދަންފެށި އެވެ. އިވާން އެންމެ ފުރަތަމަ މަލަކްއާ ބައްދަލުކުރަން އައި ދުވަހުވެސް އެކަން ކުރީ އޭނާގެ ހާޒިރުގަ އެވެ. އެފަހުންވެސް އިވާން މާވަރަކަށް މަލަކްގެ އާއިލާއާ ގުޅުން ބަދަހިކުރަން މަސައްކަތް ކޮށްފައެއް ނުވެ އެވެ. އިދާން މަރުވުމާއެކު ހަމަ ކުއްލިއަކަށް މި އައީ ކޮންފަދަ ބަދަލެއް ހެއްޔެވެ؟ އިވާން މަލަކްއާ މާ ގާތް ގުޅުމެއް އުފައްދަން މި މަސައްކަތް ކުރަނީ ކީއްވެ ހެއްޔެވެ؟ އޭނާ ކަހަލަ "ގޯސް" މީހެއްގެ ބަދަލުގައި މަލަކް ކަހަލަ "ރަނގަޅު" ކުއްޖަކު އިވާންގެ ހަޔާތަށް ގެންނަން ބޭނުންވީ ހެއްޔެވެ؟
އެނދުގެ އަރިމައްޗަކަށް އިށީނދެލައިގެން އިންއިރު މައިރާގެ އަތަށް ދިޔައީ ބެޑުޝީޓު ބޮނޑި ކުރެވެމުންނެވެ. އޭނާއަށް ބަލައިލެވުނީ އެނދާ އިންވެގެންހުރި ސައިޑް ކަބަޑުގެ މަތީގައި ބަހައްޓާފައިހުރި ކަޅުކުލައިގެ ކަރުދާސް ކޮތަޅަށެވެ. އެއީ އިވާން އެގެއަށް އައި ފުރަތަމަ ދުވަހު އޭނާއަށް މޭވާ ގެނެސްދިން ކޮތަޅެވެ. މިހާރު ހުސްކޮށްހުރި ކޮތަޅެވެ. މައިރާގެ ގަޔަށް އަރައިގެންދިޔަ ބާރާއެކު ކުޑަކޮށް ހަޅޭލަވައިގަންނަމުން އެ ކޮތަޅުގައި އަތުން ޖަހައި ދުރަށް ހޫރައިލި އެވެ.
- ނުނިމޭ -
Comment