17 ފެބުރުވަރީ 2026 - 09:12 0
ރަނާ ލަތީފް
17 ފެބުރުވަރީ 2026 - 09:12 0
ޒެފަން ހުރީ ރުޅި އައިސްފައިކަން ޔަގީންވި ނަމަވެސް އެކަން ފާހަގަ ނުކޮށްވޭތޯ ބަލަމުން ނަދާލް ސިޑީގެ ހަރުފަތެއްހާތަން މައްޗަށް ޖެހިލި އެވެ. އެއާއެކު ދެން ކަންތައް ހިނގައިދިޔައީ މުޅިން ތަފާތު ގޮތަކަށެވެ. މުށްކަވާލެވިފައިވާ ޒެފަންގެ އަތް އޭގެ ހުރި ބާރަކާއެކު ނަދާލްގެ މޫނުމައްޗަށް އަރައިގެންދިޔުމާއެކު ނަދާލް ސިޑި މައްޗަށް ވެއްޓުނެވެ. ހަރުފަތްތައް މަތިން މީހާ ފުރޮޅެން ފެށުމާއެކު އޭނާއަށް އަތް ވިއްދައިލަމުން ސިޑިމަތީގައި ހަށިގަނޑު ހަމަޖައްސައިލެވުނީ ހަމަ ކިރިޔާ އެވެ. ރަނގަޅަށް ދެލޯ ހުޅުވައި ނުލެވެނީސް އަނެއްކާވެސް ޒެފަން އައިސް އޭނާގެ ގިރުއާނުގައި ހިފައި ކޮޅަށް ނެގުމަށްފަހު މޫނުމައްޗަށް ގޮށްމުށުގެ ހަމަލާއެއް ދޫކޮށްލައިފި އެވެ. އެފަދަ ކަމަކަށް ވިސްނައިގެންހުރި ނަދާލްއަށް މިފަހަރު ފައިގެ ހަމަ ހިފަހައްޓައިލަމުން ސިޑިމަތިން ނުވެއްޓި ސަލާމަތް ވެވޭވަރުވި އެވެ.
"އައިމް ނޮޓް ގޮނަ ހިޓް ޔޫ ޒެފް!" އަނގަމައްޗާއި ނޭފަތުން ފައިބައިގަތް ލޭތައް އަތުގެ ނުފުށުން ފޮހެމުން ނަދާލް އުނދަގުލާއެކު ބުންޏެވެ.
"ވެލް ޔޫ އަރ މޯސްޓް ވެލްކަމް ޓު ޓްރައި!" ޒެފަން ހީވީ އަނެއްކާވެސް އައިސް ނަދާލްގެ މޫނުމަތީގައި އެތިފަހަރެއް ވީއްލާލައިފާނެ ހެނެވެ. މެންދުރުގެ އެ ވަގުތަކީ ކެމްޕަހުގެ އޮފީސް އެންމެ ބުރަ އަދި ކްލާސްތައް އެންމެ ގިނަ ވަގުތުކަމުން ގޯތިތެރޭގައި އެ މަންޒަރު ބަލާކަށް މީހުންނެއް ނެތެވެ. ގޭޓު ކައިރީގައިހުރި ދޮރުވާނުވެސް އެދިމާލަށް ހިނގައިގެންފައި ޒެފަން ލޯ އަޅައިލުމާއެކު އަނބުރާ ދިޔައީ އެވެ.
"އައި ނެވަރ ވޯންޓަޑް ޓު ޑޫ ދިސް ޒެފް. ޔޫ ނޯ އިޓް!" ނަދާލް ދިފާއުގައި ބުންޏެވެ.
"ހުރި ހަޔާތް ކުޑަކަން މަގޭ ކޮއްކޮގެ ހިތުގައޭ ކަލޭ ތި ޖެއްސީ! އިފް ޝީ ޑިޑިންޓް ބެގް މީ ޓު ޝޯ ޔޫ މަރސީ ޔޫ ވުޑް އޮންލީ ބީ ކްރޯލިންގް އައުޓް އޮފް ހިޔަރ ވިތް ބްރޯކަން ބޯންސް. ދެޓް އިޒް އިފް ޔޫ ކުޑް.. އިވަން.. ކްރޯލް.. ޔޫ ފަ*** ލޫޒަރ!" ޒެފަން ނަދާލްގެ ގިރުއާނުގައި ހިފައި ކުއްލިއެއް ޖެހުމަށްފަހު ދޫކޮށްލި އެވެ.
"ޒެފް ރުޅި އަންނަން ހައްގުކަން އަހަރެންނަށް އެނގެޔޭ! އެނގޭ މިވަގުތަކު ވާހަކައެއް ނުދެއްކޭނެކަން... ޒާހިރުބެ ކޮބާ؟" ނަދާލް އަހައިލި އެވެ.
"ބައްޕަގާތު ތިމަންނައޭ ގުޅުން ނިންމާލީ ބުންޏަސް އިޒޫ މަށަށް ހުރިހާ އެއްޗެއް ކިޔައިދިނޭ. ތި ގަނޑެއް ގަންނާކަށްނު މާ ބިޒީވެގެން ތި އުޅެނީ. އެހެންވީމަ ނަދާލް މިހާރު އަހަރުމެންގެ ބައްޕައާ ދައްކަންޖެހޭ ވާހަކައެއް ނޯންނާނެ. ވަޓެވަރ ދަ އެސޯސިއޭޝަން ވީ ހެޑް ވިތް ޔޫ އޮޒް އޯވަރ. ވިޔަފާރިއަކަސް ސްކޫލަކަސް.. ދަ ޑީލް އިޒް އޮފް! ހަނދާން ނައްތާލާ!" ޒެފަން ދުރަށް ހިނގައިގަތެވެ.
"ޒެފް! ޑޯންޓް ބީ އިރޭޝަނަލް! ޕްރޮޖެކްޓްގެ އަށްޑިހަ ޕަސެންޓް މިހާރު ނިމިއްޖެ. ފުރަތަމަ ޕްރެސް ރިލީޒްވެސް މިހާރު ނެރެފީމެއްނު؟ ޔޫ ކާންޓް ޑޫ ދިސް.. އިޓްސް ޓޫ މަޗް އޮފް އަ ލޮސް!" ނަދާލް ހުރި ފިޔަވަޅުމަތިން ގޮވައިލި އެވެ. ހާލަތު ކޮންމެ ގޮތަކަށް އޮތަސް ޒެފަންގެ ނިންމުމާ ދެކޮޅަށް ވާހަކަދައްކަން އޭނާއަށް މަޖުބޫރެވެ.
"މަ ގާތު އަހާފަ ކުރިކަމެއްތަ އެއީ؟" ޒެފަންއަށް ދަތްކުނޑި ވިކައިލެވުނެވެ. ފިޔަވަޅުތައް އަނބުރައިލުމަށްފަހު އައިސް ނަދާލްއާ ޖެހޭ ނުޖެހޭހާ ހިސާބު ގާތުގައި މަޑުކޮށްލި އެވެ. "އޭން؟ ތި ޕްރެސް ރިލީޒެއްގެ ކަންތައް؟ ނަދާލް އަމިއްލައަށް ބުއި ބޮނޑިއެއްނު ތިއީވެސް! މަށަށްވެސް ފެނުނީ ހަބަރަށް އެރިފަހުން!" ޒެފަން އެ ބުނީކީ ދޮގެއް ނޫންތާއޭ ނަދާލްގެ ހިތަށްއެރި އެވެ. މައިރާ ސަލާމަތްކުރަން ހަދައިގެން ޒެފަންއާ ވާހަކަވެސް ދައްކައި ނުލައި އޭނާ އެދުވަހު އެހާ މުހިއްމު ނިންމުމެއް ނިންމިއިރު ފަހުން މިހެން ވެދާނެ ކަމާމެދު ވިސްނައިލެވުނުނަމަ އެވެ.
"އެހެންވީމަ ތި ހުރިހާ ކަމަކަށް ކޮމްޕެންސޭޓް ކުރާނެ ގޮތެއް އަމިއްލައަށް ވިސްނާ!" ޒެފަން ފަހުބަސް އިއްވައިލަމުން ސިޑިން ތިރިއަށް ހިނގައިގަތީ އިތުރަށް އެތަނުގައި މަޑުކޮށްފިނަމަ އަތުންފައިން އިތުރު ގޯހެއް ހެދިދާނެކަމަށް ވިސްނަމުންނެވެ.
ޒެފަން ދިޔުމުން ނަދާލްއަށް ސިޑިމަތީގައި އިށީނދެލެވުނެވެ. ގައިގައި ހުރި ރިހުމާއި، ބޮލަށް އަރާފައިހުރި އެނބުރުމުގެ ސަބަބުން ކޮޅަށް ހުންނާނެހާ ހިތްވަރު ނެތުނީއެވެ. ނޭފަތާއި އަނގަމަތިން ފަޅައިގެން ގޮސްފައިވާ ހިސާބުގައިހުރި ލޭތައް ގަމީހުގެ އަތުކުރިން ފޮހެލުމަށްފަހު އަނެއްކާވެސް ތެދުވަން މަސައްކަތްކުރި އެވެ. އެކަން އޭނާ ހީކުރިހާ ފަސޭހަ ކަމަކަށްނުވި އެވެ. ގޭޓު ކައިރީގައިހުރި ދޮރުވާނަށް އެކަން ވިސްނުނީ ކަހަލަ އެވެ. ޒެފަންގެ ކާރު މަގުކޮޅުން އޮބައިލަންދެން ބަލަން ހުރުމަށްފަހު އޭނާ އައިސް ނަދާލްއަށް އެހީވުމަށް އަވަސްވެގަތެވެ. ސައިކަލާ ހަމައަށް ގެންގޮސްދިނުމުގެ ބަދަލުގައި މަގުމަތިން ހުއްޓުވި ޓެކްސީއަކަށް ނަދާލް އެރުވުމަށްފަހު ހޮސްޕިޓަލަށް ގެންދިޔުމަށް އިރުޝާދު ދިނެވެ.
"ފާމަސީއަކަށް އޯކޭވާނެ ބޭބޭ" ކާރު ނައްޓައިލުމާއެކު ނަދާލް އެ އިރުޝާދު ބަދަލުކޮށްލި އެވެ. ބޭސް ގަނެގެން ހަމަ އެ ކާރުގައި ގެއަށް އައިސް އޭނާ ފުރަތަމަ ދިޔައީ މަލަކްމެން އުޅޭ ފަންގިފިލާއަށެވެ. މަލަކް އަދި މާޒިޔާވެސް ނޫޅޭ ދުވަސްކޮޅަކަށް ވާތީ އިހަކަށް އެބައިގައި މަޑުކޮށްލެވޭނެ ކަމަށެވެ. ނަމަވެސް އެބައި ތަޅުލާފައި ހުރުމުން ފޫހިކަމުގެ އަޑެއް ލައްވައިލުމަށްފަހު އޭނާ އުޅޭ ފަންގިފިލާއަށް ދިޔުމަށް ލިފްޓަށްއެރި އެވެ. އިތުރު މީހަކާ ބައްދަލު ނުވޭތޯ ހިތާހިތުން ދުޢާ ކުރަމުންނެވެ. މީހެއްގެ ސުވާލަކާ ކުރިމަތިލާކަށް އޭނާ ތައްޔާރެއް ނޫނެވެ. ވުމާއެކު، ދޮރު ހުޅުވައިލިއިރު ފަޅުކޮށް އޮތް އެޕަރޓްމެންޓް ފެނި ނަދާލްއަށް ދޫކޮށްލެވުނީ ހަމަޖެހުމުގެ ނޭވާއެކެވެ. އެތަނުގައި ނުސްރާގެ ހިލަމެއްވެސް ނެތުމުން، އައިލީން ވާނީ ނިދާފައި ނޫނީ ނުސްރާމެންގާތު އެ އެޕަރޓްމެންޓްގައި ކަމަށް ނިންމިއެވެ.
ބަނޑުގައި އަތް އަޅައިގެންހުރެ، ފާރާއި ފަރުނީޗަރުތަކުގައި ހިފަހައްޓަމުންގޮސް ނަދާލް ހުއްޓުނީ ބަދިގޭގެ ސިންކު ކައިރިއަށެވެ. ރަނގަޅަށް އަތާއި މޫނު ދޮވެލުމަށްފަހު، މަތީ ކެބިނެޓުން ހޯދައިލި ފަސްޓް އެއިޑް ފޮށްޓާއި، ފިހާރައިން ގެނައި ބޭސް ކޮތަޅު ހިފައިގެން ސޯފާއާ ދިމާލަށް ހިނގައިގަތެވެ. އޭނާގެ ފިޔަވަޅުތައް ހުއްޓުނީ ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވައިލި އަޑު އިވުމުންނެވެ. ނުކުތީ ކާކުތޯވެސް ބަލައިލުމަކާ ނުލައި ހަށިގަނޑު ސީދާކޮށްލަމުން ކޮޓަރީގެ ދޮރަށް ފުރަގަސްދިނެވެ.
"ނެޑް؟" އައިލީންގެ ގޮވައިލުމަށް ބީރު ކަންފަތެއް ދެމުން ނަދާލް ކުރިއަށް ދިޔައީ އިހުނަށްވުރެ ހިތްވަރު ކޮށްގެނެވެ. އެހެނަސް އެ ހިނގުމުގައިހުރި ކޮރުޖެހުން ފާހަގަކުރެވި އައިލީންގެ ދެބުމަ ގޮށް ޖެހުނެވެ. ސުވާލުގެ ނަޒަރަކުން ނަދާލްއަށް ބަލަހައްޓައިގެން ހުއްޓައި ފެނުނީ ސޯފާގައި އިށީންނަށް އުޅުނުހިނދު ނަދާލްގެ ހަށިގަނޑު ކޮންޓްރޯލު ނުވެގެން ސޯފާމައްޗަށް ވެއްޓުނު ތަނެވެ.
"ނަދާލް؟" ނަދާލްގެ އަނގަމަތި ފަޅައިގެން ގޮސްފައިވާތަން ފެނި އައިލީންއަށް އެދިމާލަށް ދެވުނު ގޮތްވެސް ނޭނގުނެވެ.
"ކި.. ކިހިނެއްވެފަ މިހިރީ؟" ނަދާލްގެ މޫނުގައި ދެއަތުން ހިފަހައްޓައިލިއިރު އައިލީންގެ އަތުގައި މަޑު ތުރުތުރުލުމެއް ހުއްޓެވެ. "ކީއް ކޮށްފަ ހެއްޔޭ މިއީ؟ ކޮންތާކުން ތި އައީ؟" އޭނާގެ އަޑު ހިނދެއްހިނދަކަށް ބާރުވަމުން ދިޔައެވެ.
"އަ- ޝި- އައިމް ފައިން" އަނގަ ހުޅުވައިލުމާއެކު ތުންފަތަށް ވެގެންދިޔަ ތަދުން ނަދާލްއަށް ވާހަކަދެއްކުނީ އުނދަގުލުންނެވެ.
"ކާކު ކުރިކަމެއް މިއީ؟ ނަދާލް! ޓެލް މީ! ހޫ ޑިޑް ދިސް ޓު ޔޫ؟" އައިލީންގެ އަޑުގައިވާ ކަންބޮޑުވުން އިވި ނަދާލްއަށް ގަބު އަރާފައި އިނދެވުނީ އެވެ. ހޮސްޕިޓަލުގައި ހޭދަކުރެވުނު ދިގު ވަގުތުތަކު އެ އަޑުން ފާޅުވި ބީރައްޓެހިކަމުގެ ޒައްރެއްގެ މިންވަރުވެސް މިހާރަކު ނެތެވެ. އާއިލާއާއި ރަހްމަތްތެރިން އޭނާއަށް މުހާތަބުކޮށް އުޅޭ ވަނަން ދޫކޮށްލުމަށްފަހު ކުރިއެކޭ އެއްގޮތަށް އޭނާގެ ފުރިހަމަ ނަމުންވެސް އެ ގޮވައިލީ ދެތިން ދުވަސް ފަހުންނެވެ. ހަށިގަނޑުގައިވި ވޭނާއެކުވެސް ނަދާލްގެ ހިތަށް ލިބުނީ ބަޔާންކުރަންދަތި ހަމަޖެހުމެކެވެ.
"މައިޝާންތަ؟" ނަދާލްގެ ފަރާތުން ޖަވާބެއް ނުލިބި ލަސްވާން ފެށުމުން އައިލީންއަށް އަހައިލެވުނެވެ. ނަދާލްދެކެ މައިޝާންއަށްވުރެ ބޮޑަށް ހަސަދަވެރިވާ ނުވަތަ ރުޅިއަންނަ އިތުރު މީހަކު ހުންނަ ކަމެއް އޭނާއަކަށް އެނގިފައެއް ނެތެވެ.
"ވަޓް؟ ނޯ ވައި.. އާހް" ނަދާލް އަނެއްކާވެސް ވާހަކަދައްކަން ފެށުމަށްފަހު ތުންފަތުގައިވި ޒަހަމުގެ މަތިން އަތް ހިންގައިލި އެވެ. "ވައި ވުޑް ޔޫ ތިންކް އޮފް ހިމް؟" އޭނާގެ ސުވާލު ފުރިހަމަކޮށްލި އެވެ.
"މައިޝާންގެ ގޮތް އަހަރެންނަށްވުރެ ބޮޑަށް އެނގޭނެ މީހަކު ހުންނާނެތަ؟ އެއީ އަހަރެންގެ ކުރީގެ ފިރިމީ-"
"ޑޯންޓް..." އައިލީންގެ ވާހަކަ މެދުކަނޑައިލަމުން ނަދާލް އަތް ހިތްލައިލި އެވެ. "ފިނިޝް ދެޓް ސެންޓެންސް!" ވެފައިހުރި އަނިޔާއާއެކުވެސް ނަދާލްއަށް ކަތުރު ކަށިގަނޑަށް ބާރުކޮށްލެވުނެވެ. ލޯމައްޗަށް އަނދިރިވެގެންދާހާ ތޫނު ތަދެއް މުޅި މޫނަށް އަރައިގެންދިޔަ އެވެ. އަތުގައި އޮތް ބޭސްކޮތަޅުގެ މަތިން އޭނާ ހަނދާންވީ އެ ހިސާބުންނެވެ.
"އަހަރެން ނުބަލަން މައިޝާންއަކީ ލޫނާއާ ގުޅުމެއްހުރި މީހެއް ކަމަކަށް. ޔޫ ވިލް ނޮޓް ތިންކް އޯރ ސްޕީކް އޮފް ހިމް! އިންފެކްޓް ޑޯންޓް އިވަން ސޭ ހިޒް ނޭމް! ޑޫ ޔޫ އަންޑަރސްޓޭންޑް މީ؟" ފަސްޓް އޭނާ އެއިޑް ފޮށި ހުޅުވައިލުމަށްފަހު މޭޒުމަތީގައި ފަތުރައިލި އެވެ.
"އެހެންނޫނަސް އޭނަ އަހަރެންނަށް މިވަރު ކުރަން އަހަރެން ދޫކޮށްލައިގެން ހުންނާނެތަ؟ އެރޭ ބައްޕަމެން އަހަރެން ނުހުއްޓުވިނަމަ ހީ ވުޑް ނޮޓް ހޭވް ވޯކްޑް އައުޓް އޮފް ދެއަރ އަލައިވް ލޫނާ. ވަޓް މޭކްސް ޔޫ ތިންކް ދެޓް ރޭޖް އިޒް އެނީ ޑިފަރެންޓް ނައު؟" ނޫހަކުން ސުރުހީއެއް ކިޔާލާހާ އާދައިގެ ރާގެއްގައި އެހެން ބުނެލިއިރު ނަދާލްއަށް މި ދެއްކެނީ މީހެއްގެ ފުރާނަ ދުއްވާލާ ވާހަކަކަންވެސް ނޭނގޭ ކަހަލަ އެވެ.
"ލެޓް މީ" ނަދާލްގެ އަތުން ޑިސްއިންފެކްޓް ފުޅި އަތުލަން މަސައްކަތް ކުރަމުން އައިލީން ބުނެލި އެވެ.
"ނޯ އަ-"
"ނަދާލް ލެޓް މީ!" ނަދާލްއަށް އިންކާރު ކުރުމުގެ ޖާގައެއް ނުދީ އައިލީން އެ ފުޅި އަތުލުމަށްފަހު އޭގެން އެތިކޮޅެއް ކަފަކޮޅަކަށް އަޅައިލި އެވެ. ނިވާލައިފައި އޮތް ސިޓިންގްރޫމަށް ބެލްކަނިން ފުރޭނިގެން އެޅިފައިވާ ފަނޑު އަލީގެ ތެރެއިން ނަދާލްގެ މޫނުގައިވި ޒަހަމުތައް ރަނގަޅަށް ފެންނާނެހެން އޭނާ އެ ކަފަކޮޅާއެކު ނަދާލްއާ ގާތަށް ޖެހިލި އެވެ. އެކަމުގެ ތެރޭގައި އޭނާއަށް ހުސްކޮށް އޮތް އަތުން ނަދާލްގެ ކޮނޑުގައި ހިފަހައްޓައިލެވުނެވެ.
"ޓްސްސް އާހް" ނަދާލްއަށް ކުއްލިއަކަށް އައިލީންގެ އަތް ކޮނޑާ ދުރު ކޮށްލެވުނެވެ. ގަސްތުގައެއް ނޫނެވެ. ސިޑިމަތިން ފުރޮޅިގެން ދިޔައިރު ގައިގެ އެތަން މިތަނަށް ލިބުނު އަނިޔާގެ ތެރެއިން އެ ކޮނޑަށްވެސް އަނިޔާވެފައި ހުރީތީ އެވެ.
"ސްޓްރިޕް!" ނަދާލްގެ ޒަހަމުތައް ހުރީ މޫނުގައި އެކަނި ނޫންކަން ރޭކައިލުމާއެކު އައިލީންގެ ދުލުން އެ ބަސް ނުކުތީ ބޭއިޙްތިޔާރުގަ އެވެ.
"ވަޓް؟" ނަދާލްއަށް އައިލީން ބުނި ބަސް ރަނގަޅަށް ނަގައި ނުގަނެވެނީސް އައިލީންގެ އަތުގެ ހިމަހޯލި އިނގިލިތައް ފަރިތަކަމާއެކު ގޮށްފަތީގެ މަތިން ހިންގާލައިފައިގޮސް ނަދާލްގެ ގަމީހުގެ ހުރިހާ ގޮށެއް ނައްޓައިލައިފި އެވެ.
ނަދާލްއަށް ހީވީ އޭނާ އެތެރެއަށް ދަމައިލި ނޭވާވެސް އަރުގައި ތާށިވެގެންދިޔަ ހެނެވެ. އެ ހަސްއަސް ވަގުތު ކޮޅުގައިވެސް އޭނާގެ ހިޔާލުތަކުގެ މިސްރާބު ބަދަލުވާން ފަށައިފި އެވެ. އައިލީންއާއެކު ކުރިން ހޭދަކުރެވުނު ގާތްގޯޅި ވަގުތުތަކުގެ ހަނދާންތައް ސިކުނޑީގެ ކަނެއްގައި ކޮށްޓަން ފެށުމާއެކު ހިތުގެ ތެޅުން މެކުހަށް ޖެހި އެވެ.
"އަމްމް.. ލޫނާ؟ ލޫނާ... އައިލީން ސްޓޮޕް އިޓް" އައިލީން ނަދާލްގެ ކޮނޑުމަތިން ގަމީސް ފޭކޮށްލަން އުޅުމުން ނަދާލް އަވަހަށް އައިލީންގެ އަތުގައި ހިފެހެއްޓި އެވެ. ނަމަވެސް އޭރު މާ ބޮޑަށްވެސް ލަސްވެއްޖެ އެވެ. ނަދާލްގެ ހަށިގަނޑުގެ އެތަން މިތަން ނޫފައިގެންފައިވާތަން ފެނި އައިލީންގެ ދެލޯވަނީ އިތުރަށް ބޮޑުވެފަ އެވެ. ފެންކަޅިވެފައިވާ ދެލޮލުން އޭނާ ނަދާލްއަށް ބަލައިލީ ޖަވާބަކަށް އިންތިޒާރު ކުރަމުންނެވެ.
"ޒާހިރުބެ ގުޅާފަ އޮތީމަ ސަފާޔަރއަށް ދިޔަތަނާ ޒެފްއާ ދިމާވީ. ވަރަށް ހިތްހަމަނުޖެހިފަ ހުރީ.. އެންޑް.. އައި.. އައި ކާންޓް ބްލޭމް ހިމް" ނަދާލްއަށް ގޮތް ހުސްވެ، އެންމެފަހުން ހަގީގަތް ހާމަކުރި އެވެ.
"ދެން. ދެން އެކަމަކު މިވަރު ކޮށްލަން ހެޔޮވާނެތަ؟" އައިލީންގެ އަޑު ނުކުތީ ކިރިޔަކިރިޔާ އެވެ.
"ޒެފް އެންމެ ދެފަހަރުއޭ ޖެހީ.. ނުވިސްނާ ހުރީމަ ސިޑިމަތިން ކައްސާލީ" ނަދާލްގެ ޖަވާބާއެކު އައިލީންގެ ދެލޯ އިތުރަށް ބޮޑުކޮށްލި އެވެ.
"ސިޑިންނޭ؟ ސިޑި.. ސިޑިމަތީގަ އެހެން ހަދާކަށް ނުވާނެއެއްނު. ވެއްޓުނު ގޮތަކުން ބޯ ޖެހުނު ނަމައޯ؟ ހޮސް.. ހޮސްޕިޓަލަށް ދާންވީނު؟" އައިލީންގެ ދެލޮލަށް ގިނަވެފައިވި ކަރުނަތައް އޭގެ މަގާމު ދޫކޮށް ފައިބައިގެންފި އެވެ.
"ބޭސް ގަނެގެން މި އައީ. އިޓްސް ފައިންއޭ ލޫނާ.. ރިއަލީ.. އައިމް އޯކޭއޭ" ނަދާލް ހާސްވެފައި އިނދެ އައިލީންގެ އަތުގައި ހިފަހައްޓައިލަމުން އައިލީން މަސަލަސް ކުރެވޭތޯ އުޅުނެވެ.
އައިލީން ނޭފަތް ދަމައިލުމަށްފަހު އަވަހަށް ބޯ ޖަހައިލި އެވެ. ކަމަކަށް ތައްޔާރުވެލާ ފަދައިން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އަނެއްކާވެސް ނަދާލްގެ ގައިގައި ބޭސް އަޅައިދިނުމުގެ މަސައްކަތް ފެށޭތޯ އުޅުނެވެ. އެހެނެއްކަމަކު އޭނާ ގެންގުޅުނު ކަފަކޮޅު ޒަހަމަކާ ގާތްކޮށްލާ ކޮންމެ ފަހަރަކު ތިރިކޮށްލެވެ އެވެ.
ދެތިން މިނަޓު ފާއިތުވެ ދިޔައިރު ނަދާލްގެ އެންމެ ޒަހަމެއްގައިވެސް އައިލީންއަކަށް އަތެއް ނުލެވުނެވެ. ހިމޭންކަމާއެކު ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލަ ފޮހެލައި އިނީ އެވެ. އޭނާ އުޅޭގޮތުން ނަދާލް ގާތަށް ހިނި އައެވެ.
"ކިހިނެއްވީ؟" އައިލީންއަށް އަހައިލެވުނެވެ.
"ކަމެއް ނުވޭ" ނަދާލް ހެމުންހެމުން ދެފަރާތަށް ބޯ ހޫރައިލި އެވެ. "އަދި ކިހާ އިރަކު އިނދެގެންބާ ތި ބޭސްކޮޅު އެޅޭނީ"
"އިޓް ހަރޓްސް އޯކޭ؟" އައިލީންގެ އަޑު ކުރެހެން ފެށި އެވެ.
"ވަޓް؟" ނަދާލްއަކަށް ނުވިސްނުނެވެ. އެންމެފަހުން އައިލީންއަށް އެކަން ނުވާނެކަމަށް ނިންމަމުން ނަދާލް ކަފަކޮޅާއެކު އައިލީންގެ އަތުގައި ހިފައި ގެނެސް އޭނާގެ ތުންފަތުގެ ފަޅައިގެން ގޮސްފައިވާ ހިސާބުގައި ޖައްސައިލި އެވެ. އެއާއެކު އައިލީން ދެލޯ މަރައި ތަގުޅިކޮށްލުމަށްފަހު "މަންމާއޭ" ކިޔައި ރޮއެގަތް ގޮތުން ނަދާލްއަށް ހަމަ ރަނގަޅަށްވެސް އޮޅުނެވެ. އަޖައިބެކެވެ. އަނިޔާވެގެން މި އުޅެނީ އޭނާއަކަށް ނޫން ހެއްޔެވެ؟ އައިލީންއަށް ތަދުވާންވީ ކޮން ކަމަކާ ހެއްޔެވެ؟
"އޭތް. ލޫނާ؟ ހަމަޖެހިބަލަ؟ މިއީ އެހާވަރު ކަމެއް ނޫނެއްނު.. ބަލަ" އައިލީންގެ އަތުން ކަފަކޮޅު އަތުލުމަށްފަހު ނަދާލް އަމިއްލައަށް ހުރިހާ ޒަހަމެއްގައި ބޭސް އަޅަމުންދިޔަ އެވެ.
"އެކަމަކުވެސް ތަދުވޭ" އައިލީން އަނެއްކާވެސް ނޭފަތް ދަމައިލަމުން ދެލޯ ފޮހެލި އެވެ.
"ރިއަލީ؟ އަހަރެންނަށް މިހާރު އޮޅިއްޖެ އަނިޔާވީ ކާކަށް ކަންވެސް" ނަދާލް ހިނި އައިސްފައި އިނދެ ދެފަރާތަށް ބޯ ހޫރައިލި އެވެ.
"އަހަހަހަ އައި މިސްޑް ޔޫ.. ކަމް ހިޔަރ ކްރޭޒީ ގަރލް" ބޭސް އަޅައި ނިމުނު އިރުވެސް އައިލީން އެ އިންގޮތަށް ތުން ބިންދާލައިގެން އިންތަން ފެނި ނަދާލް އައިލީންގެ އުނަގަނޑުގައި ހިފައި އޭނާއާ ގާތްކޮށްލި އެވެ.
"ދެން ނުދާތި ދުވަހަކުވެސް ޒެފަންއާ މީޓްކުރަން" އައިލީން ފާޑަކަށް ނެގިމަޑުވެފައި އިނދެ ބުނެލި އެވެ.
ނަދާލް އެކަމަކަށް ވައުދެއް ނުވި އެވެ. އައިލީންގެ ނިތްކުރީގައި ތުންފަތް ޖައްސައިލުމަށްފަހު އޭނާ ފެށީ މުޅިން އެހެން ވާހަކައެކެވެ. "ލޫނާ.. ޔޫ ރިއަލީ ޑޫ ލަވް މީ" އޭނާގެ އަޑުގައިވަނީ ޔަގީންކަމެވެ.
އައިލީންއަށް ރައްދުގައި ބުނާނެ އެއްޗެއް ނޭނގުމުން އަވަސްއަވަހަށް ނަދާލްއާ ދުރަށް ޖެހިލި އެވެ. "އެއްޗެއް.. އެއްޗެއް ކައިފިން؟" އޭނާ ބެލީ ނަދާލްއާ ހަތަރުކަޅި ހަމަނުކޮށް ވޭތޯ އެވެ.
"ނޫން.. ޗޭންޖް ކޮށްލައިގެން ތިކަމާ އުޅޭނީ" ނަދާލް ކުޑަ ހިތްވަރަކާއެކު ސޯފާއިން ތެދުވެ ހަމަ އިސްކޮޅަށް ދެމިލި އެވެ.
"އޯކޭ އަހަރެން އެއްޗެއް އޯޑަރ ކޮށްލާނަން. ކޯއްޗެއް ބޭނުމީ؟" އައިލީން އަހައިލި އެވެ.
"އޮނެސްޓްލީ؟ އައިވެ ނެވަރ ފެލްޓް މޯރ ފުލްފިލްޑް" އައިލީން އެ ދެއަތް ދުރުކޮށްލުމުންވެސް މިފަހަރު ނަދާލްގެ ހިނިތުންވުން ފަނޑެއް ނުވި އެވެ. އައިލީން އޭނާދެކެ ވާ ލޯބި އައިލީންގެ އަމަލުތަކުން މިއަދު ބޭޒާރުވެއްޖެ އެވެ. އެހެނަސް އައިލީންގެ ދުލުން އެކަމަށް އެއްބަސް ނުވާހާ ހިނދަކު އިތުރަށް އެ މައުޟޫއު ނަގައިގެން އައިލީން ލަދުގަންނަވާލާކަށް ނަދާލް ބޭނުމެއް ނުވި އެވެ.
"ލޫނާ ބޭނުން އެއްޗެއް އޯޑަރކޮށްލާ.. މިއޮތީ ކާރޑް. އެބަ އަންނަން އެނގޭ" ޖީބުން ނެގި ވޮލެޓު އައިލީންގެ އަތަށް ދިނުމަށްފަހު އޭނާ ލަސް ފިޔަވަޅުތަކެއްގައިގޮސް ކޮޓަރިއަށް ވަނެވެ.
-------------
ރަށްފުށުގެ ހިމޭން މާހައުލުގައި ހޭދަވި ދެތިން ދުވަހުގެ ތެރޭގައިވެސް މަލަކްގެ ހާލަތު ބޮޑުތަނުން ރަނގަޅުވާން ފަށައިފި އެވެ. މީހަކަށް ބަރޯސާނުވެ ދުވާލު އެކަނިމާއެކަނި ގޭދޮށު މަގުތަކަށް ނުކުމެ އުޅެން ފަށައިފާއިރު، ކުރިން މީހުންނާމެދު އުފެދިފައި އޮތް ބިރުވެރިކަން މަޑުމަޑުން ފިލައިދާން ފަށައިފި އެވެ. މާޒިޔާގެ އިތުރުން އިވާންއަށްވެސް ދިޔައި މަލަކްގެ މިޒާޖަށް އަންނަމުންދާ ބަދަލުތައް ފާހަގަ ކުރެވެމުންނެވެ. އެހެންކަމުން ހަމަޖެހިފައިވާ މުއްދަތަށްވުރެ އިތުރަށްވެސް އެމީހުން އެރަށުގައި މަޑުކުރަން ނިންމި އެވެ.
ދުވަސްވަރަކީ ރަށުގެ ބަނބުކެޔޮ މޫސުން ކަމަށްވެސް ވާތީ، މާޒިޔާވެސް އާޝިޔާއާ އެއްބައިވެގެން ގަވައިދުން އެ ގޭދޮށުގައި ބަނބުކެޔޮ ތެއްލުމުގެ މަސައްކަތް ކުރަމުންދެ އެވެ. މިރޭވެސް މިއީ އެކަހަލަ ރެއެކެވެ. އާޝިޔާމެން ގޭދޮށުގައި އާޝިޔާގެ އަވަށްޓެރިން ކޮޅަކާއެކު މާޒިޔާއާއި މަލަކްވެސް އުޅުނީ ބަނބުކެޔޮ ކޮށުމުގަ އެވެ. އެކަމުގައި މަލަކްގެ މާބޮޑު މަސައްކަތެއް ނެތަސް އޭނާވެސް ފޯނުން ގޭމެއް އަޅުވައިލައިގެން ޖޯއްޔެއްގައި އޮށޯވެލައިގެން އޮތެވެ. އޭނާއަށް ހަމަހޭވެރިކަމެއް ވީ ފޯނުން ޗާޖު ހުސްވެގެން ނިވޭ ހިސާބަށް ދިޔުމުންނެވެ. އޭނާ ފޫހިކަމާއެކު އެ ގޭގެ ބަދިގޭގައިހުރި ބޮޑު ގަޑިއަށް ބަލައިލި އެވެ. ގަޑިން އަދި ރޭގަނޑު އަށެއް ޖެހީ އެވެ.
"މަންމާ.. ކޮން އިރަކުން ގެއަށް ދަނީ؟ ޗާޖަރު ގެނައިންތަ؟" ބާރައިގެ ކުރިން މަންމަމެންގެ މަސައްކަތް ނިންމާ ނުލާނެކަން އެނގިހުރެ މަލަކް ފޫހިކަމާއެކު އަހައިލި އެވެ.
"ދަރިފުޅާ މިރޭ މިއީ އެންމެފަހު ރޭކަމަށް އާޝިޔާއްތަ އަންގަނީ.. ކިހިނެއް އަވަހަށް ނިންމާލާނީ؟" މާޒިޔާ ޖަވާބުން މަލަކް މާޔޫސްވި އެވެ. ދެން މުޅި ރޭ އޭނާ މި ވީ ކަމެއް ނުކޮށް އެ ހޫނު ބަދިގޭގައި އިންނަން ހެއްޔެވެ؟
"ދައްތާ.. ޗާޖަރެއް އެބަ އޮތްތަ؟" މަލަކް ދެން ސުވާލުކޮށްލީ އާޝިޔާއާ އެވެ.
"ތިއޮތީ ދައްތަގެ ފޯނު މޭޒުމަތީގަ. ހިއެއް ނުވޭ ދައްތަ ގެންގުޅޭ ޗާޖަރަށް ޖެހޭނެ ހެނެއް. ދޭބަލަ ޝާވިންގާތު އަހާލަން އޭނަ ގެންގުޅޭނެ ކަންނޭނގެ ތިކަހަލަ ފޯނެއް" އާޝިޔާ ފަރުވާތެރިކަމާއެކު މަލަކްގެ ފޯނަށް ބަލައިލުމަށްފަހު ޖަވާބުދިނެވެ. މަލަކް ޖެހިލުންވެފައި ހުރެ ގޭގެ ސިޓިންގްރޫމަށް ވަނުމަށް ހިނގައިގަތެވެ. މީގެ ކުރިން އެކި ފަހަރުމަތިން ޝާވިންއާ ބައްދަލުވެފައިވިޔަސް އަދި ދުވަހަކުވެސް ޝާވިންއާ ވާހަކައެއް ދެކެވިފައެއް ނުވާތީ އެ މޫނުން ނުތަނަވަސްކަން ފާޅުވާން ހުއްޓެވެ. އާޝިޔާ ބުނި ފަދައިން ކޮޓަރިތައް ހުރި ހޯލްވޭގެ އެންމެ އެތެރޭގައިހުރި ދޮރުގައި ޓަކި ޖަހައިލިއިރު އޭނާގެ ހިތް ނެގިނެގިފައި ޖެހެމުންދިޔަ އެވެ. ދެތިން ފަހަރަކު ޓަކި ޖެހިއިރުވެސް ޝާވިންގެ ހަބަރެއް ނުވުމުން އޭނާގެ ހިތްވަރު އެލުނެވެ. އެތަނުން ދާން ހިނގައިގަތް ވަގުތު ކޮޓަރީގެ ތަޅު ހުޅުވުނު އަޑު އިވި އޭނާ ފަސްއެނބުރި ބަލައިލި އެވެ.
"ޔެސް؟" ޝާވިން ދެއަތުން މޫނުގައި އަތް ހިންގައިލުމަށްފަހު ދެލޯ ހުޅުވޭތޯ މަސައްކަތް ކުރަމުން ގޮވައިލި އެވެ. އޭނާގެ ތަރުތީބު ގެއްލިފައިވާ އިސްތަށިގަނޑާއި، ރޫ ޖެހިފައިވާ އޮފީސް ގަމީހަށް ބަލައިލުމާއެކު މަލަކްއަށް އޭނާ ނިދާ އެ ހޭލީ އަދި ކިރިޔާކަން އެނގުނެވެ.
"މިއީ.. ފޯ.. ފޯނު ޗާޖަށް ޖަހާލަންވެގެން..." މަލަކް ބީރައްޓެހިކަމާއެކު ވާހަކަދެއްކި އެވެ.
"އޯހް. އަމްމް. ޗާޖަރު ދޭންވީތަ؟ ނޫނީ އެތެރޭގަ މަޑުކޮށްލިޔަސް އޯކޭ" ނިދީގެ ސަބަބުން ބަރުވެފައިވާ ޝާވިންގެ އަޑު ކަންފަތުގައި ޖެހުމާއެކު މަލަކްގެ ހަށިގަނޑުގެ ހުރިހާ ލޯލިތައް ކޮޅަށް ޖެހިލި އެވެ. ޖަވާބުދޭނެ ގޮތެއް ނޭނގިފައި ހުއްޓައި ޝާވިން ހިތް ކަތިލާފަދަ ހިނިތުންވުމަކާއެކު ކޮޓަރީގެ ދޮރު އިތުރަށް ހުޅުވައިލަމުން މަލަކްއަށް ދައުވަތު ދިނެވެ. އިސާހިތަކު ކޮޓަރީގައިވާ އޭސީގެ ފިނި ބޭރަށް ފެތުރިލައި، މަލަކްގެ ހަށްޓަށް ވެފައިހުރި ހޫނުގެ އަސަރުވެސް ފިލައިގޮސްފި އެވެ. އެ ފިނިކަމުން ދުރަށް ދާކަށް އޭނާ ބޭނުމެއްނުވި އެވެ. ބިރާއި ޖެހިލުންވުން ހިތުގައި އޮވެމެ، އެކި ދުވަސްމަތިން ސެޝަންތަކުގައި ދެކެވުނު ވާހަކަތަކާއި، އިވާންގެ ފަރާތުން އިވިފައިވާ ޝާވިންގެ ވާހަކަތަކަށް ވިސްނައިލުމަށްފަހު އޭނާ ނޭވާ ހިފަހައްޓައިލަމުން ކޮޓަރީގެ ތެރެއަށް ދެމިގަތެވެ.
"އިޓްސް އަ ބިޓް މެސީ.. ޑޯންޓް މައިންޑް އެނގޭ. މިދުވަސްކޮޅު މަންމަވެސް އަހަރެންވެސް ބިޒީކަމުން ސާފު ނުކުރެވިގެން މި އުޅެނީ. މިއަދުވެސް އޮފީހުން އައިސް އެނދުގަ ޖައްސާލިތަނާ ނިދިއްޖެ. އެ އޮތީ އެނގޭ ޗަރޖަރ" އެނދުގެ ހެޑްބޯޑާވީ ދިމާލުގައިހުރި ސްވިޗެއް މަލަކްއަށް ދައްކައިލުމަށްފަހު ޝާވިން ކޮޓަރިތެރެ ތަރުތީބު ކޮށްލެވޭތޯ އުޅުނެވެ. އާނއެކެވެ. މަޑު ނޫކުލައިގެ ފާރުތަކާއި އަޅިކުލައިގެ ފަރުނީޗަރުން ފަޅު ފިލުވާލައިފައިވާ އެ ކޮޓަރި ކިތަންމެ ފުރިހަމައެއްކަމަކު އެ ތަނެކޭ ކުޑަވަރެއްގެ ނަގޫ ރޯޅިއެއް އަރައިފައި އޮތް ތަނެކޭ ތަފާތެއް ނެތެވެ. އަންނައުނާއި ކުނިބުނިން ސަލާމަތްވެގެން ބިންމަތީގައި ފައި ޖައްސައިލާނެ ޖާގައެއްވެސް ނުލިބެ އެވެ. އެނދުގައި އޮތް ބެޑްޝީޓު އެއްފަޅިން ނެއްޓިގެން ބިންމައްޗަށް ފައިބާފައި އޮތްއިރު ކުޑަމިނުން ހެދުން އަލަމާރީގެ ދޮރުވެސް ލައްޕާލައިފައި ހުރީކީ ނޫނެވެ. ކޮޓަރީގެ ކަނަކަށް ވާގޮތަށް ހުރި ބޮޑު ޓީވީން އެންމެ ފަހުން އެޅުވި ޕްލޭ ސްޓޭޝަން ގޭމު އަދިވެސް ނިއްވާ ނުލައި ހުރިއިރު އެ ޓީވީ ހަރުގައިވާ ސީޑީތަކާއި، އެދިމާލުގައި ބެހެއްޓިފައިވާ ބީންބޭގްތައްވެސް ހުރީ އެގޮތް މިގޮތަށެވެ. ކޮންމެއަކަސް ތަނުގެ ހާލަތުން މަލަކްގެ ބޮލުގައި ރިއްސައިލި އެވެ. އެހެނެއްކަމަކު އޭނާ ބަހަކުން ބަހެއް ބުނެނުލައި އިނދެވޭތޯ މަސައްކަތްކުރި އެވެ.
"އިވާން އެބައޮތް މެސެޖު ކޮށްފަ.. ޕީ.އެސް ހިފައިގެން އެގެއަށް އަންނާށޯ. އަދިވެސް ރިއްސާ ވަރަށް ބޮލުގަ. މަލްމެން ދާއިރު ފޮނުވާލަންވީ ކަންނޭނގެ. މަންމަމެން އަދިވެސް ނޫޅޭ ދޯ ނިންމާކަށް؟" މަލަކްގެ ބަސްމަދު މިޒާޖުގެ ސަބަބުން މާހައުލުގައިވި ނުތަނަވަސްކަން ފިލުވައިލުމަށްޓަކައި ޝާވިންއަށް ޖެހުނީ އެ ދެމީހުންނަށް ވާވަރަށް ވާހަކަ ދައްކާށެވެ.
"ހިއެއްނުވޭ މިރޭ ބާރަ ޖެހިޔަސް ނިމޭނެހެން. މަލް ފޫހިވެގެން ގެއަށް ދާން ބުނީމަވެސް ދާކަހަލަ ހިޔާލެއްގައެއް ނޫން މަންމަ ހުރީ" މަލަކް މަޑުމަޑުން ބުނެލި އެވެ.
"އޯކޭ. އެހެންވިއްޔާ މަލްވެސް ރެޑީވޭ އަހަރެންނާއެކު ދާން. ފެންވަރާލައިން މި ނުކުންނަނީ. ނުވާނެ ލަހެއް" ޝާވިން ހަރުގައި އޮތް ޖީންސާއި ތުވާލި ހިފައިގެންގޮސް ފާހަނައަށް ވަނެވެ.
މަލަކްގެ ސަމާލުކަން އަނެއްކާވެސް ހުއްޓިގެން ދިޔައީ ތަރުތީބު ގެއްލިފައި އޮތް ކޮޓަރިއަށެވެ. ކަމަކާމެދު ފުންކޮށް ވިސްނަމުންދާ ފަދައިން މިނެޓެއްހާއިރު ކޮޓަރީގެ ކަނުން ކަނަށް ނަޒަރު ހިންގުމަށްފަހު އޭނާ އިންތަނުން ތެދުވެލި އެވެ. އޭނާގެ ހިތަށް އެރީ ކީކޭކަމެއް ނޭނގުނެވެ. މާ ގިނަދުވަހު ކަމެއް ނުކޮށް އުޅުމުން ކުއްލިއަކަށް މަސައްކަތެއް ކޮށްލާ ހިތްވީ ކަންނޭނގެ އެވެ. އޭނާގެ ފުރަތަމަ މިސްރާބަކަށް ވީ އެތަނުގައިހުރި ޓީވީ ހަރުގަނޑެވެ. އޭގައިހުރި ސާމާނުން ފެށިގެން އެނދުގެ ބެޑްޝީޓާ ހަމައަށް ތަރުތީބު ކުރެވެން އޮތް އެންމެ ބޮޑަކަށް ކޮޓަރިތެރެ ތަރުތީބު ކޮށްލުމަށްފަހު، ބިންމަތީގައިވި އަންނައުނުތައް ނަގައި، ކުނިތައްވެސް އެއްފަރާތް ކޮށްލި އެވެ. ކުރެވުނު މަސައްކަތާމެދު ހިތްހަމަޖެހިފައި ހުރެ ކުރިންވެސް އިން ތަނުގައި އައިސް އިށީނދެލިއިރު އޭނާގެ ތުންފަތުގައިވަނީ ލުއި ހިނިތުންވުމެކެވެ.
ތުނބުން މަޑު ރާގެއް ފުމެމުން ފާހަނައިން ނުކުތް ޝާވިންއަށް ކޮޓަރިތެރެ ފެނުމާއެކު ފައި ކައްސާލައިގެން ނުވެއްޓުނީ ހަމަ ކިރިޔާ އެވެ. ފެނުނު މަންޒަރު ގަބޫލުނުކުރެވިފައިހުރެ އަނެއްކާވެސް ފާހަނައަށްވަދެ ދޮރު ލައްޕައިލުމަށްފަހު އަނެއްކާވެސް ދޮރު ހުޅުވައިލި އެވެ. އެންމެ ދިހަ ވަރަކަށް މިނަޓުތެރޭ ކޮޓަރިއަށް އައިސްފައިވާ ބަދަލާމެދު އަންތަރީސްވެފައި ހުރެ އޭނާ މަލަކްއަށް ބަލައިލަމުން އެއް ބުމަ ހިއްލައިލި އެވެ.
"އައި.. އައި ވޯޒް ބޯރޑް" މަލަކް ޖެހިލުންވެފައި އިނދެ ބުނެލި އެވެ. އަނެއްކާ އޭނާ އެ ކުރި ކަންތަކާމެދު ޝާވިން ހިތްހަމަ ނުޖެހުނީ ބާއެވެ؟ އެ މޫނުމަތިން ހިނިތުންވުމެއް ފެންނަން ހުއްޓަސް އެއީ އޭނާއަށް ހީވާ ހީވުމަކަށް ވުންވެސް އެކަށީގެންވެ އެވެ. މަލަކް އަދިވެސް ދިޔައީ އޭނާއަށް މީސްމީހުންގެ މޫނުމަތިން ކުލަވަރު ނަގައިގަނެވެނީ ރަނގަޅަށްތޯ އަމިއްލަ ނަފްސާ ސުވާލު ކުރެވެމުންނެވެ.
"ޔޫ! އާރ! އަ! ޖެމް! ހަމަ ތެދެއް މި ބުނީ! ޔޫ ނޯ ވަޓް؟ އައިމް ގިވިންގް ޔޫ އަ ޓްރީޓް! ހަމަ ބޭނުން އެއްޗެއް ބުނަންވީ!" ޝާވިންގެ ޖަވާބު އިވި މަލަކްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އެހާ ދުވަހަށްފަހު މީހަކަށްޓަކައި ކުޑަ ނަމަވެސް ކަމެއް ކޮށްދެވުނީތީ ނަފްސަށް ލިބިގެންދިޔައީ ބަޔާންކުރަންދަތި އުފާވެރި ކަމެކެވެ.
މަލަކް ލަދުރަކި ހިނިތުންވުމަކާއެކު އިސްޖަހައިލި އެވެ. އެ ހީލުމާއެކު މަލަކްގެ ދެކޮލަށް އެޅިގެންދިޔަ ރީތި އަޑިކޮޅު ޝާވިންއަށް ފާހަގަ ކުރެވުނެވެ. ދެން ފެނުނީ ހަމަ ކުއްލިއަކަށް ޝާވިންގެ މޫނުމަތީގައިވި ހިނިތުންވުން ފިލައިދިޔަ މަންޒަރެވެ. އެއްވެސް ހާލެއްގައި އޭނާ މަލަކްދެކެ ރުޅިއައީތީކީ ނޫނެވެ. މަލަކްގެ ހީލުމުން އޭނާއަށް ކުރުވި ގޮތްނޭނގޭ އަސަރު ޝާވިންއަށް ކަމު ނުދިޔައީ އެވެ. އެ ހީލުން ފެނި އޭނާގެ ބަނޑުގައި ކޮކާ އުދުހެން ފެށިކަމަށް ހީވި ހީވުމަކީ ކުށްހީއަކަށް ވޭތޯ ދުޢާ ކުރަމުން ޝާވިން އަނެއްކާވެސް މަލަކްއަށް ބަލައިލި އެވެ. މިފަހަރުވެސް އެ ހިނިތުންވުން އޭނާގެ ހިތުގެ ތެޅުމަށް ބަދަލު ގެނުވައިފި އެވެ. ލިބުނު ހާސްކަމުގައި ޝާވިންގެ މިޒާޖަށް ބަސްމަދުކަން ވެރިވި އެވެ. ޓީވީއަށް ގުޅާފައިވާ ޕްލޭ ސްޓޭޝަން ނައްޓާލައި ކޮތަޅަކަށްލައި ބަންދު ކޮށްލުމަށްފަހު އަލަމާރިން ނެގި އަޅި ކުލައިގެ އަތްކުރު ޓީޝާޓު ބޮލުން މަހައިލަމުން ކޮޓަރިން ނުކުތެވެ. ނަމަވެސް ދެވަނަ ސިކުންތުގައި މަލަކް އެތަނުގައި ބައިންދާފައި ނުކުމެވުނުކަން ހަނދާންވެ ހަލުވިކަމާއެކު ފަހަތަށް އެނބުރިލި އެވެ. މަލަކް ހުރީ އޭނާއާ ޖެހޭ ނުޖެހޭހާ ހިސާބު ގާތުގަ އެވެ.
"އައު" ޝާވިންގެ ކޮނޑު މަލަކްގެ ނޭފަތުގައި ޖެހުމާއެކު މަލަކްއަށް ނޭފަތުގައި އަތް އަޅައިލެވުނެވެ.
"ސޮރީ ސޮރީ. ނޭނގެ ނުކުތް ކަމެއް. ސޮ-" ޝާވިންގެ ވާހަކަ ފުރިހަމަ ނުކުރެވެނީސް މަލަކް ފުލުފުލުގައި ކިނބިހި އަޅަމުންގޮސް މުޅި މޫނާއި ނޭފަތްވެސް ރަތްވާން ފަށައިފި އެވެ. އޭނާ މަޑުމަޑުން ނޭފަތުގައި އަތް އަޅައިގެންހުރެ ޝާވިންއަށް ދެލޯ އަޅައިލި އެވެ. ޝާވިންއަށް ހަދާނެ ގޮތެއް ނޭނގިފައިހުރެ ބޯ ކަހައިލެވުނެވެ. އިތުރަށް އެންމެ ސިކުންތަކުވެސް އެތާ މަޑުނުކޮށް އަވަސް ފިޔަވަޅު ތަކެއްގައިގޮސް ބަދިގެއަށް ބޯ ދިއްކޮށްލި އެވެ.
"މަންމާ.. އިވާންމެން ގެއާ ދިމާލަށް މި ދަނީ. މަލް ފޫހިވެގެން އުޅޭތީ މަލް ގޮވައިގެން" ޝާވިންގެ ވާހަކައަށް އާޝިޔާ ހޫން ލައްވައިލިއިރު މާޒިޔާއަށް ބަދިގެއިން ނުކުމެވުނީ މަލަކް ވީ ހިސާބެއް ހޯދައިލުމަށެވެ. މަލަކްއަށް ދިމާވި ހާދިސާއަށްފަހު މަލަކް އޭނާއާ ވަކިން ބޭރަށް ފޮނުވަން މާޒިޔާ އަދިވެސް ޖެހިލުންވެ އެވެ.
"ދަރިފުޅޫ.. ގެއަށް ދަނީތަ؟ ކިހިނެއްވީ މޫނަށް؟" މަލަކްގެ ރަތްވެފައިވާ މޫނުފެނި މާޒިޔާގެ ސުވާލުތައް އިތުރުވި އެވެ.
"ކުޑަކޮށް ރޯގާ ޖެހުނީ. މަންމަ ނޫޅެމެއްނު ގެއަށް ދާކަށް" މަލަކް ޝަކުވާކޮށްލި އެވެ.
މާޒިޔާ ކަންބޮޑުވެފައިހުރެ މަލަކްގެ ބޮލުގައި ފިރުމައިލުމަށްފަހު ޝާވިންއަށް ބަލައިލި އެވެ. އޭނާ ޝާވިންއަށް އިތުބާރު ކުރަން ބޭނުންވާ ކަހަލަ އެވެ. "މަލް.. މަލްއަށް ބަލައި ދޭތި. ދައްތަގެ ހުރި ހަމައެކަނި ފުރާނަ އެއީ" ޝާވިންގެ އަތުގައި ހިފައިލިއިރު އޭނާގެ އަޑުގައިވަނީ އާދޭހެވެ. ހަގީގަތުގައި ޝާވިންއަކަށް އެ ޖުމްލަ އެހާ "ސީރިއަސް" ކޮށެއް ނުނެގުނެވެ. އޭނާ މަލަކް ގެންދަން މި އުޅެނީ މާ ދުރަކަށްވެސް ނޫން ވިއްޔާ އެވެ. ނަމަވެސް ޔަގީންކަން ދިނުމަށްޓަކައި ބޯ ޖަހައިލަމުން މަލަކް ގޮވައިގެން އެ ގެއިން ނުކުތެވެ.
"އަދިވެސް އޯކޭއެއް ނުވޭތަ؟" ސައިކަލާ އަރައި ހަމަވި ވަގުތު މަލަކް ކިނބިއްސެއް އަޅައިލުމާއެކު ޝާވިންއަށް އަހައިލެވުނެވެ. އެހެނަސް ކުރިއެކޭ އެއްފަދައިން މަލަކް ލޯ އަޅައިލުމާއެކު އަނގަ ބަންދުކޮށްލި އެވެ.
ހިމޭންކަމާއެކު ދެ ޒުވާނުން ސައިކަލުގައި ދުއްވަމުންދިޔައީ ޝާވިން އެހެންޏާވެސް އިވާންމެންގެ ގެއަށް ދިޔުމަށްޓަކައި ދުއްވާ މަގުތަކުންނެވެ. އެ މަގުތަކަކީ މާޒިޔާއާއެކު ގެއަށް ދާއިރުވެސް ފެންނަ މަގުތަކަށް ވާތީ މަލަކް އިނީ ފުދޭ ވަރަކަށް ހަމަޖެހިލާފަ އެވެ. ކަންތައްތައް ބަދަލުވެގެން ދިޔައީ އޭނާއާ މުޅިން ބީރައްޓެހި މަގަކަށް ޝާވިންގެ ސައިކަލު ގޯޅި އެޅުމުންނެވެ. މީހުން ދިރިއުޅޭ އެންމެ ގެއެއްވެސް ނުހުންނަ އެ މަގުގައިހުރި ހަމައެކަނި މަގުބައްތިވެސް ހުރީ ނިއްވައިލާފަ އެވެ. ރޭގަނޑުގެ ކަނު އަނދިރިކަމުގައި އެ މަގުން ކިރިޔާވެސް ފާޅުވާ އަލިކަމަކީ ޝާވިންގެ ސައިކަލުން އެޅޭ އަލި ކަމެކެވެ.
މަލަކްގެ މެއަށް ބާރުވާން ފެށި އެވެ. މަސްހުނިވެފައިވާ އަޑުތަކެއްގެ ގޮތުގައި ދެ އަހަރު ކުރީގެ ބިރުވެރި ހަނދާންތަކެއް ސިކުނޑީގައި ކޮށްޓަން ފެށްޓެވެ. ދެލޯ މަރައި ތަގުޅިކޮށްލުމާއެކު ކުލަވާން ފެށި މަންޒަރުތަކުން ބޮލަށް އެނބުރުން އަރައިގަތެވެ. ދެ ތުންފަތް ފޫ އަޅުވާލައި ނުކުތް އާހުގެ އަޑާއެކު އޭނާގެ ދެލޯ ފުރި ބަންޑުންވި އެވެ. ސައިކަލުގެ ކުރީގައި އިން ޝާވިންއާ ދެމެދުގައި އޮތް ޖާގަ ނައްތައިލަމުން ޝާވިންގެ ކޮނޑުގައި ބޯ އަޅައިލެވުނީ ބޭ އިޙްތިޔާރުގަ އެވެ. އެފަދަ ކަމަކަށް ތައްޔާރު ނުވެ އިން ޝާވިންއަށް ކުއްލިއަކަށް ސައިކަލުގެ ބުރަކި ޖައްސައިލެވުނެވެ.
"މަލް؟" ޝާވިންގެ އަޑުގައިވަނީ ހާސްކަމެވެ. މަލަކްގެ ޖަވާބެއް ނުލިބުމުން އޭނާ ސައިކަލުން ފޭބި އެވެ. މަލަކްއަށް ވެގެން އުޅޭގޮތެއް ސާފުކޮށްލުމަށްޓަކައި ފޯނުން މަލަކްގެ ކޮނޑުގައި އަތް ޖަހައިލަމުން މޫނަށް އަލިކޮށްލި އެވެ.
"ނޫން" މަލަކް ސިއްސައިގެންގޮސް އޭނާއާ ދުރަށްދާން ތެޅިގަތްތަން ފެނި ޝާވިންގެ ދެބުމަ ގޮށްޖެހުނެވެ. މަލަކް ސައިކަލުން ވެއްޓުމުގެ ކުރިން އޭނާ މަލަކްގެ ގައިގައި ހިފަހައްޓައިލެވުނެވެ. އޭނާއަށް ނޭނގުނީ އެއީ އޭނާއަށް ހެދުނު ބޮޑު ގޯހެއް ކަމެވެ. އެ މާހައުލުގެ އަނދިރިކަމުގައި ފިރިހެނެއްގެ ބީހުން އެފަދައިން އިހުސާސްވުމާއެކު މަލަކްގެ ހާލަތު އިތުރަށް ގޯސްވި އެވެ. އޭނާގެ ބިރު އިންތިހާއަށް އިތުރުވެ، ޝާވިންގެ ނިޔަތާމެދު ވަހުމުތައް އުފެދެން ފެށި އެވެ. އެ ވަހުމާއި ހަގީގަތް ސިކުނޑީގައި ފުށޫ އަރަން ފެށުމާއެކު ހާލަތާއި ޒަމާން ވަކިކުރަން މަލަކްގެ ސިކުނޑި ނުކުޅެދުނެވެ. އޭނާ ހިތުން އޭނާއަށް އަދިވެސް ހުރެވުނީ ހަމަ މީގެ ދެ އަހަރު ކުރިން އެ ހާދިސާ ހިނގައިދިޔަ ތަނުގަ އެވެ.
"މަލް.. މަލަކް އޭތް. ހަމަޖެހިބަލަ" ޝާވިންގެ ގައިގައި އަތްއަޅައި ދުރަށް ކޮށްޕަމުން ދިޔަ ނަމަވެސް ޝާވިން ދުލެއްދޭ ކޮންމެ ފަހަރަކު މަލަކް ސައިކަލު މަތިން އަރި އަޅައިލާ ގޮތުން ޝާވިންއަށް އިނީ ދޫކޮށްލަން ނުކެރިފަ އެވެ.
"ނޫން ނޫން ޕްލީޒް.. ޕްލީޒް ނަހަދާ ތިހެން.. ޕްލީޒް" މަލަކް ގިސްލަގިސްލާފައި ރޮމުން ދިޔަ އެވެ.
ޝާވިންގެ ސިކުނޑި ސުމަކަށް ދާންފެށި އެވެ. މި ޖެހުނީ ކިހާ ދެރަ ކަމެއް ހެއްޔެވެ؟ އެ މަގުގައި އެފަދަ ގޮތަކަށް ތިއްބައި ބަޔަކަށް ފެނިއްޖެނަމަ ދެން ހަތަރެސްކަން ހަމަވީ އެވެ. މަންޒަރު ފެންނަ ބަޔަކަށް ހީވާނީ އޭނާގެ ސަބަބުން މަލަކްއަށް ގެއްލުމެއް ލިބެނީ ކަމުގައިކަން ޝާވިންއަށް ޔަގީން ކުރެވުނެވެ. އެފަދަ ގޮތަކަށް ކަން ހިނގައިފިނަމަ އޭނާގެ އާއިލާއަށް ޖެހޭ ހާލު އިވާންއަށް ޖެހުނު ހާލަށްވުރެ އެންމެ ތަންފުކެއްވެސް ދެރައެއް ނުވާނެ އެވެ. އެހެނަސް، ގޮތް ނޭނގޭ ސަބަބަކާހުރެ އެ ނުތަނަވަސް ހިޔާލަށްވުރެވެސް ބޮޑަށް ޝާވިންގެ ހިތަށް އުނދަގޫވަމުން ދިޔައީ މަލަކްގެ ރުއިމުގެ އަޑުންނެވެ. "މަލް.. މަލް ކޭން ޔޫ ޕްލީޒް ސްޓޮ-"
"ނޫނެކޭ ޕްލީޒް.. ތިހެން ނަހަދާ އަހަރެން ދޫކޮށްލަބަލަ.." މަލަކްގެ ދެލޯ ހުޅުވާކަށް ގަސްތެއް ނުކުރި އެވެ. ޝާވިންގެ އަތުތެރެއިން ސަލާމަތްވެވޭތޯ ތެޅިފޮޅެމުންދިޔަ އެވެ. އެހިސާބުން ޝާވިންއަށްވެސް މަލަކްގެ ގައިން ދޫކޮށްލަން ޖެހިއްޖެކަން ގަބޫލު ކުރެވުނެވެ. އެހެންކަމުން، މަލަކް ވެއްޓިދާނެކަމުގެ ބިރުގައި އޭނާ އަވަސް ހަރަކާތަކާއެކު މަލަކް ސައިކަލު މަތިން އުފުލައިލި އެވެ. އެއާއެކު އިވިގެންދިޔަ މަލަކްގެ ތޫލި ހަޅޭކުގެ އަޑުން ޝާވިންގެ ކަންފަތްވެސް ބައްވި އެވެ. އޭނާއަށް މަލަކްގެ ފައި ރަނގަޅަށް ބިންމަތީގައި ޖައްސައި ނުލެވެނީސް މަލަކް ދެލޯ ހުޅުވައިލަމުން އޭނާގެ އަތު ތެރެއިން ވީއްލިގަތެވެ. ދެން ފެނުނީ މަލަކް ދުން ޖަހާފައި މަގުގެ އަނެއް ފަރާތަށް ދުއްވައިގަތް ތަނެވެ. ހިނގައިދިޔަ ކަންތަކުން ލިބިފައިހުރި ޝޮކުގައި ޝާވިންއަށް ހަރަކާތެއްވެސް ކޮށްލަން އެނގުނީ މަލަކް އެ އަނދިރި މަގުން ނުކުމެގެންގޮސް ލޮލުގެ ކޮޅަށް އޮބައިލި ފަހުންނެވެ.
"މަލް.. މަލްއަށް ބަލައި ދޭތި. ދައްތަގެ ހުރި ހަމައެކަނި ފުރާނަ އެއީ" ސައިކަލަށް އަރައި ބާރު ދުވެލީގައި މަލަކްދިޔަ ދިމާލަށް ދުއްވައިލިއިރު މާޒިޔާ ބުނި އެންމެފަހު ޖުމްލަ ޝާވިންގެ ކަންފަތް ދޮށުގައި ތަކުރާރުވޭވޭ ހުއްޓެވެ.
- ނުނިމޭ -
Comment