މެޑްރިޑް (ޖެނުއަރީ 17) - އަލްވާރޯ އާބެލޯއާ ހަވާލުވި ފަހުން ރެއާލް މެޑްރިޑުން ސްޕެނިޝް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި 2-0 އިން ލެވަންޓޭ އަތުން މޮޅުވެއްޖެ އެވެ.
ޒަބީ އަލޮންސޯ، ހަތް މަސް ތެރޭ ރެއާލްގެ ކޯޗުކަމުން ވަކިކުރުމަށް ފަހު، އެ ޓީމުން ގެނައި ކޯޗު، އަލްވާރޯ އާބެލޮއޯގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ) ގައި ދެ ވަނަ ޑިވިޝަނުގެ އަލްބަސެޓޭ އަތުން ބަލިވެ ވަނީ ކަޓައިފަ އެވެ.
އަލްބަސެޓޭ އަތުން ބަލިވި މެޗުގައި އަރާމްކުރަން ފުރުސަތުދިން ގިނަ ކުޅުންތެރިންތަކެއް ލެވަަންޓޭއާ ދެކޮޅަށް ވަނީ ކުޅެފަ އެވެ.
ރެއާލްގެ އާ ކޯޗު އާބެލޯއާ: ކުރިން ރެއާލަށް ކުޅުނު އާބެލޯއާ ހުރީ ރެއާލްގެ ބީ ޓީމުގައި.
ފްރާންސްގެ ނޫސްތަކުން ވަނީ، ރެއާލްގެ ކީލިއަން އެމްބާޕޭ، ކަކުލަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން އެއްކޮށް ފިޓްނުވަނިސް ދެން މެޗެއްގައި ނުފެންނާނެ ކަމަށް ރިޕޯޓްކޮށްފަ އެވެ. އެކަމަކު، އެއްކޮށް ފިޓްކަމަށް ބުނެ، އެމްބާޕޭ ވަނީ މި މެޗުގައި ކުޅެފަ އެވެ.
ރެއާލުން ލީޑުނެގީ މެޗުގެ 58 ވަނަ މިނިޓްގައި އެމްބާޕޭ ޖެހި ޕެނަލްޓީންނެެވެ. މިއީ، އެމްބާޕޭ އަށް އޭރިއާތެރެއިން ލެވަންޓޭގެ އެޑްރިއަން ޑެ ލަ ފުއެންޓޭ ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. މިއީ، މި ފަހަރު ސްޕެނިޝް ލީގުގައި އެމްބާޕޭ ޖެހި 19 ވަނަ ގޯލެވެެ.
ފުރަތަމަ ގޯލު ޖެހިތާ ހަތް މިނިޓް ފަހުން، ރެއާލުން ދެ ވަނަ ގޯލު ޖެހީ 65 ވަނަ މިނިޓްގައި ރައުލް އަސެންސިއޯ އެވެ. މިއީ، ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރި އާޑާ ގުލާ ނެގި ކޯނަރަކުން އަސެންސިއޯ ބޮލުން ޖެހި ގޯލެކެވެ.
މި ނަތީޖާއާ އެކު، ރެއާލުން ވަނީ އެއް ވަނައިގައި އޮތް ބާސެލޯނާއާ އެއް ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެވެ. އެ ގޮތުން، 19 މެޗުން 49 ޕޮއިންޓާ އެކު ބާސެލޯނާ އެއް ވަނައިގައި އޮތްއިރު ދެ ވަނައިގައި އޮތް ރެއާލަށް ވަނީ 20 މެޗުން 48 ޕޮއިންޓް ލިބިފަ އެވެ.
Comment