about 1 hour 0
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ދިއްދޫ އާއި ވަށަފަރު ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
about 1 hour 0
މިހާރު ކުރިއަށްދާ ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި، މެޗުތަކުގައި ހިނގައިދިޔަ ކަންތައްތަކުގެ ސަބަބުން ހއ. ވަށަފަރާއި ދިއްދޫ، ލ. ކުނަހަންދޫ އާއި ލ. މުންޑޫ އަދި ށ. ފުނަދޫގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ފިޔަވަަޅު އަޅައިފި އެވެ.
އެ ގޮތުން، 119 ޓީމާ އެކު ކުރިއަށްދާ މި ފަހަރުގެ ގޯލްްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރުގެ ކުޅުން މިހާރު ނިމުމަކާ ގާތްވެފައިވާއިރު، އެކި މެޗުތަކުގައި ކުޅިވަރުގެ ރޫހާ ހިލާފު އަމަލުތައް ހިނގާފައިވާތީވެ، ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ މައްސަލަ ބަލައި، ފިޔަވަޅުތަކެއް އަޅައިފަ އެވެ.
އެ ގޮތުން، ވަށަފަރާއި ދިއްދޫ ބައްދަލުކުރި މެޗުގައި ހިނގައިދިޔަ ހަމަނުޖެހުމުގެ މައްސަލަތައް ބަލައި، މެޗުގައި ދެއްކި ރަތް ކާޑުގެ އިތުރުން ވަނީ ވަށަފަރުގެ އަލީ ޔަޒްދާން ރަޝީދު ދެ މެޗަށް ސަސްޕެންޑްކުރިއިރު، އަހުމަދު މާއިޝް ރަޝީދު (މާއި) ވަނީ މެޗަކަށް ސަސްޕެންޑްކޮށްފަ އެވެ. އަދި، ދިއްދޫގެ އަބްދުﷲ އަޝްފާގު ދެ މެޗަށް ސަސްޕެންޑްކުރިއިރު، ފާއިގު އަހުމަދު ވަނީ އެއް މެޗަށް ސަސްޕެންޑްކޮށްފަ އެވެ.
ދިއްދޫ އާއި ވަށަފަރުން މިއަދު އަތޮޅުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކަށް ނުކުންނައިރު، ސަސްޕެންޝަންގައި ތިބި މުހިންމު ކުޅުންތެރިންނަށް ނުކުޅެވޭނެ އެވެ.
ލ. މުންޑޫ އާއި ލ. ކުނަހަންދޫ ކުޅުނު މެޗުގައި ހިނގައިދިޔަ ކަންތައްތަކުގެ މައްސަލަ ޑިސިޕްލިނަރީ ކޮމިޓީން ބަލާފައި ނިންމާފައިވަނީ، މެޗުގައި ދެއްކި ރަތް ކާޑުގެ ސަބަބުން، ކުނަހަންދޫގެ މުހައްމަދު އަޒްމޫން އެއް މެޗަށް އަދި ޝަހީމް އަބްދުލް ގާދިރު ދެ މެޗަށް ސަސްޕެންޑް ކުރުމަށެވެ. އަދި، މުންޑޫގެ އަލީ ޒިޔާން ދެ މެޗަށް ސަސްޕެންޑްކުރިއިރު، އިބްރާހިމް ދައިޝަމް އެއް މެޗަށް ސަސްޕެންޑްކޮށްފައިވެ އެވެ.
މީގެ އިތުރުން، ށ. ފުނަދޫ އާއި ށ. ގޮއިދޫ ކުޅުނު މެޗުގައި ހިނގައިދިޔަ ހަމަނުޖެހުމަށް ފަހު، ފުނަދޫގެ މުހައްމަދު ޒިޔާމް ވަނީ އެއް މެޗަށް ސަސްޕެންޑްކޮށްފަ އެވެ.
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ބުނެފައިވަނީ، މި ސަސްޕެންޝަނުގައި މެޗުގެ އަދަދަށް ކުޅުންތެރިންގެ އަދަބު ތަންފީޒުކުރުން މި މުބާރާތުގެ އިތުރުން ކުރިއަށް އޮތް މުބާރާތުގައި ވެސް ކުރިއަށްދާނެ ކަމަށެވެ.
Comment