Advertisement

ކޯމޯ ބަލިކޮށް މިލާނުން ފަރަގު ކުޑަކޮށްފި

16 ޖަނަވަރީ 2026 - 09:35 0


ކޯމޯ ބަލިކޮށް މިލާނުން ފަރަގު ކުޑަކޮށްފި

16 ޖަނަވަރީ 2026 - 09:35 0

މިލާން (ޖެނުއަރީ 16) - އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުން ފަހަތުން އަރައި 3-1 އިން ކޯމޯ ބަލިކޮށް އޭސީ މިލާނުން ލީގުގެ އެއް ވަނައިގައި އޮތް އިންޓަ މިލާނުގެ ލީޑު ކުޑަކޮށްފި އެވެ.

އެއް ވަނައިގައި އޮތް އިންޓަ އަށް 20 މެޗުން 46 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އޭސީ މިލާނަށް 20 މެޗުން ވަނީ 43 ޕޮއިންޓް ލިބިފަ އެވެ.

ކޯމޯގެ ދަނޑުގައި ކުޅުނު މި މެޗުގެ 10 ވަނަ މިނިޓްގައި އެ ޓީމުން ވަނީ ލީޑުނަގައިފަ އެވެ. މިއީ، މާޓިން ބަޓުރީނާ ނެގި ހުރަހަކުން މާކް ކެމްޕްފް ބޮލުން ޖެހި ގޯލެކެވެ. އޭގެ ފަހުން، ކޯމޯ އަށް ލީޑުފުޅާކޮށްދޭން ނިކޯ ޕަޒް އާއި ލޫކަސް ޑަ ކޫންޏާ ފޮނުވާލި ހަމަލާތައް މިލާން ގޯލުގައި މޮޅު ކުޅުމެއް ދެއްކި، ލޫކަސް މައިންނޯން ވަނީ މަތަކޮށްފަ އެވެ.

މިލާނުން އެއްވަރުކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ އަކުން ކްރިސްޓޮފާ އެންކުންކޫ ޖެހި ގޯލުންނެވެ. ދެ ވަނަ ހާފު ފަށައިގެން، ކޯމޯ އިން ލީޑުނަގަން ޕަޒް ފޮނުވާލި ހަމަލާ ކީޕަރު މައިންނޯން ހުއްޓުވިއިރު، އެޓޭކަށް ބޯޅަ ހިފައިގެން ގޮސް، މިލާންގެ އޭޑްރިއަން ރަބިއޯ ވަނީ ގޯލަށް ބޯޅަ ފޮނުވާލައި މިލާނަށް ލީޑުނަގައިދީފަ އެވެ.

ކޯމޯ އަށް ދެ ވަނަ ހާފުގައި ލަނޑެއް ޖަހައިދޭން ޕަޒް ފޮނުވާލި އިތުރު ހަމަލާއެއް ހުރަސްދަނޑިއަށް އަމާޒުވި އެވެ. މެޗުގެ ތިން ޕޮއިންޓް މިލާނުން ކަށަވަރުކުރި ލަނޑު ޖެހީ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ވަނިކޮށް ރަބިއޯ ޖެހި ގޯލުންނެވެ.

މި ނަތީޖާއާ އެކު، ސެސްކް ފަބްރެގަސް ކޯޗުކޮށްދޭ ކޯމޯ ލީގުގެ ހަ ވަނައިގައި އޮތީ 20 މެޗުން 34 ޕޮއިންޓް ހޯދައިގެންނެވެ.