Advertisement

ހަލަބޮލި ކެމްޕޭނަކަށްފަހު ކުރިމަތިލުމާ ހަމައަށް؛ އިވުނު އަޑުތަކާއި ދެ އާޒިމްގެ ފަހު ބަސް

ވާދަވެރި ވެގެންދިޔަ، މާލެ ދާއިރާގެ ކެމްޕޭނުގައި މޭޔަރުކަމުގެ ޓިކެޓަށް ވާދަކުރައްވާ ދެ ބޭފުޅުންނަށް ވެސް ތުހުމަތުތައް ކެމްޕޭނު ޓީމުތަކުން އަމާޒުކުރި -- ފޮޓޯ: އަދަދު


ހަލަބޮލި ކެމްޕޭނަކަށްފަހު ކުރިމަތިލުމާ ހަމައަށް؛ އިވުނު އަޑުތަކާއި ދެ އާޒިމްގެ ފަހު ބަސް

ވާދަވެރިކަމާއި ހަލަބޮލިކަމުގެ ކެމްޕޭނަކަށްފަހު އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީން ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީއާ މާދަމާ ކުރިމަތިލާނެ އެވެ.

މާދަމާއަކީ މީގެ ދެ އަހަރު ކުރިން ދެ ފަޅިވި އެމްޑީޕީ އަލުން އެކުވި ހިންމީގައި ފުޓުނި އަޅާންޖެހޭ ދުވަހެވެ. މާދަމާ އަކީ އެމްޑީޕީއަށް ތާރީހީ ދުވަހެކެވެ. އެ ޕާޓީގެ ކުރިމަގާއި ރާއްޖޭގެ މަޑުޖެހިފައި އޮތް ސިޔާސީ މަސްރަހާ ވެސް ގުޅިފައިވާ މުހިންމު ދުވަހެކެވެ.

މާދަމާ އޮންނަ އެމްޑީޕީގެ ކައުންސިލް ޕްރައިމަރީއާ އެ ޕާޓީގެ ކެންޑިޑޭޓުން ކުރިމަތިލާނީ އެކަން ދަނެގެންނެވެ. ޕްރައިމަރީގެ ވޯޓުލުމަށް 24 ގަޑިއިރަަށްވުރެ ކުޑަތަންވެފައިވާއިރު، އެންމެ ހޫނުކޮށް ކެމްޕޭން ކުރިއަށްދިޔަ މާލޭ މޭޔަރު ވާދައިގެ ދިލަ އަދިވެސް މަޑެއް ނުވެ އެވެ.

ހޫނު ގަދަވި ވާދަވެރިކަމުގެ ކެމްޕޭނެއް

މާލެ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނެ ބޭފުޅަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވަނީ މާލެ ސިޓީގެ މިހާރުގެ މޭޔަރު، އާދަމް އާޒިމް އާއި ހެންވޭރު މެދު ދާއިރާގެ ކުރީގެ މެންބަރު، އަލީ އާޒިމް އެވެ.

ކެމްޕޭން ތެރޭގައި ދެ ބޭފުޅުންގެ ޓީމުތަކުން ވެސް އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބޮޑެތި ތުހުމަތުތައް އަމާޒު ކުރި އެވެ.

އަލީ އާޒިމްއަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވީ 2023 ގައި އުފެނު ހިޔާލުތަފާތުވުންތަކާ ގުޅިގެން އެމްޑީޕީ ދޫކޮށް ގޮސް، ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އޭނާ އިސް ދައުރެއް އަދާ ކުރައްވާފައި ވާތީ އެވެ.

އޭގެއިތުރުން އެމްޑީޕީގެ ފުރަތަމަ ވެރިކަމުގެ ދުވަސްވަރު، ޑީއާރުޕީގައި ހުންނަވައިގެން އެމްޑީޕީއާ ދެކޮޅަށް އަލީ އާޒިމް ކުރެއްވި މަސައްކަތުގެ ހަނދާން އައުކޮށް ވެސް ފާޑުކިޔުން އަމާޒުވި އެވެ.

އާދަމް އާޒިމްއަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވީ އޭނާއަކީ މީގެ ކުރިން ޖުމްހޫރީ ޕާޓީގައި އުޅުއްވާފައިވާ ބޭފުޅަކަށް ވާތީ އާއި، ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި ސަރުކާރުގެ ބައެއް މަގާމުތައް ފުރުއްވާފައިވާ ބޭފުޅަކަށް ވާތީ އެވެ.

އަދި، މޭޔަރުކަމަށް އިންތިހާބުވުމަށްފަހު، އަމިއްލަ މަސްލަހަތު އިސްކުރައްވައި މަގާމުގެ ނާޖާއިޒު ފައިދާ ނަންގަވައިގެން ބައެއް ކަންކަން ކުރެއްވި ކަމުގެ ތުހުމަތާއި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި ހިނގި ބައެއް ކަންކަން ނުބަލައި ދޫކޮށްލާފައިވާ ކަމުގެ ތުހުމަތު ވެސް އޭނާއަށް އަމާޒުވި އެވެ.

ކެމްޕޭން ޓީމުތަކުން ދެ ބޭފުޅުންނަށް ތުހުމަތުގެ އިނގިލި ދިއްކުރިއިރު، އެ ދެ ބޭފުޅުންނަކީ އެމްޑީޕީގައި 2023 ވަނަ އަހަރު އުފެދުނު ދެ ފަޅިން ވާދަކުރައްވާ ދެ ބޭފުޅުން ވެސްމެ އެވެ. އަލީ އާޒިމް ވާދަކުރައްވަނީ ކުރީގެ ރައީސް، މުހައްމަދު ނަޝީދުގެ ތާއީދާއެކު އެވެ. އާދަމް އާޒިމް ފާހަގަކުރެވިގެން ގޮސްފައި ވަނީ ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހުގެ ބޭފުޅެއްގެ ގޮތުގަ އެވެ.

އެހެންކަމުން އެ ދެ ބޭފުޅުންގެ ކެމްޕޭނުގެ ތެރޭގައި ވެސް އެ ހޫނުގަނޑު އެބަހުއްޓެވެ. ނަމަވެސް ދެ އާޒިމު ވެސް ތިއްބެވީ އިންތިހާބާމެދު ވަރަށް ބޮޑަށް ޔަގީން ކުރައްވައިގެންނެވެ.

ދެ އާޒިމްގެ ފަހު ބަސް

މާލެ ސިޓީގެ މޭޔަރުކަމުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ އާދަމް އާޒިމް އާއި އަލީ އާޒިމް ވެސް ފަހު ބަހެއްގެ ގޮތުގައި ވިދާޅުވީ މާލެ ސިޓީގެ މި ހުރި މައްސަލަތަކަށް އޮތް ހައްލަކީ އެ ބޭފުޅުން ކަމަށެވެ. މާލެ ރައްޔިތުންގެ ކިބައިން ދެ ބޭފުޅުން ވެސް އެދިވަޑައިގެންނެވީ ތާއީދުކޮށް ވޯޓު ދެއްވުމަށެވެ.

ފަހު ބަހެއްގެ ގޮތުގައި އާދަމް އާޒިމް ދެއްވީ އެމްޑީޕީއަށް ކާމިޔާބު ހޯދައިދޭން އަބަދުވެސް އެ ޕާޓީގައި ދެމި ހުންނާނެކަމުގެ ޔަގީންކަމެވެ.

"އެމްޑީޕީއަށް ހުރިހާ ގޮތަކުން ވެސް ކާމިޔާބު ހޯދައިދޭން އަބަދުވެސް އެމްޑީޕީގައި އެމްޑީޕީ މެންބަރުންނާ އެކީގައި ކޮންމެ ހާލެއްގައި ވެސް ދެމި ހުންނާނަމޭ، އަޅުގަނޑަށް ވޯޓު ދެއްވާށޭ، ކެންޑިޑޭޓު ނަންބަރު 1، އާދަމް އާޒިމް،" އާދަމް އާޒިމް ވިދާޅުވި އެވެ.

ކެމްޕޭން އޭނާގެ ކެމްޕޭނު ކުރިއަށް ގެންދިޔަ ގޮތާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް އާދަމް އާޒިމް ވިދާޅުވި އެވެ. އޭނާގެ ކެމްޕޭނު ކުރިއަށް ގެންދިޔައީ ރައްޔިތުންނާ ކޮށްދީފައި ހުރި ކަންތައްތަކާއި ކޮށްދޭނެ ކަންކަން ވިއްކައިގެން ކަމަށް އާދަމް އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކެމްޕޭނެއް ކުރަންޖެހޭނީ ކޮށްދޭނެ ކަންތައްތަކާއި ކޮށްދީފައި ހުރި ކަންތައްތައް ވިއްކައިގެން ކަމަށެވެ. ދޮގު ހަދައިގެން ކެމްޕޭނެއް ކުރުމަކީ އެއީ ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށް އާދަމް އާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުގެ މުޅި މި ކެމްޕޭން ބައްޓަން ކޮށްފައި އޮތީ ތެދު ހަދައިގެން އިހުތިރާމު ކޮށްގެން ކެމްޕޭނު ކުރަން، އެހެންވީމާ އަޅުގަނޑު ހިތްހަމަޖެހޭ އަޅުގަނޑުގެ ކެމްޕޭން ޓީމު ކަންތައްތައް ކުރިއަށް ގެންދިޔަ ގޮތާމެދު،" އާދަމް އާޒިމް ވިދާޅުވި އެވެ.

ފަހު ބަހެއްގެ ގޮތުގައި އަލީ އާޒިމް އެދިވަޑައިގެންނެވީ މާލެއަށް ހެޔޮ ބަދަލެއް ގެންނަން ބޭނުންވާ ނަމަ، އޭނާއަށް ވޯޓު ދެއްވުމަށެވެ.

"މާލެއަށް ބަދަލެއް ގެންނަން ބޭނުންވާ ކަމަށް ވަންޏާ އަޅުގަނޑަށް ވޯޓުދެއްވާށޭ، މާލެއަށް ގެންނާންޖެހޭ ބަދަލު ގެނެސްދޭނަމޭ، ކޮމްޕްރޮމައިޒް ނުވާނެ މީހަކީ ހަމަ އަޅުގަނޑޭ،" ފަހު ބަހެއްގެ ގޮތުގައި އަލީ އާޒިމް ވިދާޅުވި އެވެ.

އަލީ އާޒިމް ވިދާޅުވީ ކެމްޕޭނު ކުރިއަށްދިޔަ ގޮތާމެދު އެއްގޮތަކުން ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އެހެންނަމަވެސް، ޕާޓީގެ ފަރާތުން އިދާރީ ކަންކަން ކުރިއަށް ގެންދިޔަ ގޮތާމެދު ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހުން އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކެމްޕޭން، އެއްފަޅިން ހިތްހަމަޖެހޭ، އަނެއްފަޅިން ބަލާއިރުގައި އެމްޑީޕީގެ އިދާރީ ކަންކަން އެހައި ރަނގަޅަކަށް ނޫން ދިޔައީކީ، މިސާލަކަށް ގަވާއިދާ އެއްގޮތަށް ނުދާ ކަންކަން އެބަހުރި، މިއީ އަޅުގަނޑު އަބަދުވެސް އެމްޑީޕީގައި ހުއްޓަސް ވަކާލާތު ކުރާނެ، އެމްޑީޕީގައި ނެތަސް ވަކާލާތު ކުރާނެ ކަންކަން،" އަލީ އާޒިމް ވިދާޅުވި އެވެ.

އަލީ އާޒިމް ވިދާޅުވީ އިންތިހާބެއްގައި ވޯޓު ލެވޭނީ އެ އިންތިހާބެއް އިއުލާނުކުރާ ދުވަހަކާ ހަމައަށް އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބޭ ބަޔަކަށް ކަމަށް އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބަޔާން ކޮށްފައި އޮންނަ ކަމަށެވެ.

އެހެންނަމަވެސް، އިންތިހާބާ ބެހޭ ކޮމިޓީއެއް ހަދައިގެން އެ ދުވަސް ބަދަލު ކުރުމުގެ ސަބަބުން ވޯޓުތަކެއް ގެއްލިގެންދިޔަ ކަމަށް އެނާ ވިދާޅުވި އެވެ.

"އެކަމަކު އެ ދުވަސް ބަދަލުކުރީ ކޮމިޓީއެއް ހަދައިގެން އަޅުގަނޑަށް ގެއްލޭ ކަހަލަ ގޮތަކަށް، މިސާލަކަށް އޭގެން ބަލާއިރު، ގެއްލިގެންދިޔަ 80 ވަރަކަށް ވޯޓު،" އަލީ އާޒިމް ވިދާޅުވި އެވެ.

މޮޅުވާ ކެންޑިޑޭޓުގެ ފަހަތަށް އަރައި ބޮޑު އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކުރައްވާނަންތޯ ސުވާލު ކުރުމުން އަލީ އާޒިމް ވިދާޅުވީ ބަލި ވާންޖެހޭ ސަބަބެއް ނެތް ކަމަށާއި ބަލި ވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"ތިޔަ ސުވާލަށް އަޅުގަނޑު އެއްބަސްވެއްޖެއްޔާ އޭގެ މާނައަކީ ބަލިވިއްޔޭ، ބަލިވެއްޖެއްޔާމުން، ކޮންމެ މީހަކު އެ ސުވާލުކުރި ކަމުގައިވިޔަސް ބުނަން އެހެން ނުބުނާށޭ، ބަލިބވެއްޖެއްޔާ، ގަބޫލުކުރެވުނީއޭ ބަލިވީ ކަމަށް، އަޅުގަނޑު އެމްޑީޕީން ކަނޑާލަންދެން އެމްޑީޕީގައި ހުންނާނަން، އެއީ ޔަގީންކަމެއް،" އަލީ އާޒިމް ވިދާޅުވި އެވެ.

އެ ސުވާލުގެ ޖަވާބުގައި އާދަމް އާޒިމް ވިދާޅުވީ އެމްޑީޕީއަށް ކުރިއެރުން ހޯދައިދޭން ކުރަންޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީ މިހައި ވާދަވެރިކޮށް ބޭއްވުމުން އެ ޕާޓީއަކީ ކިހައި ވަރުގަދަ ސިޔާސީ ޕާޓީއެއްކަން ހާމަވެފައިވާ ކަމަށާއި އެކަމާ އުފާ ކުރައްވާ ކަމަށް ވެސް އާދަމް އާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމްޑީޕީ ކުރިއަށް ގެންދިޔުމަށްޓަކައި ކޮށްދޭން ޖެހުނު ކޮންމެ ކަމެއް އަޅުގަނޑު ކޮށްދޭނަން،" އާދަމް އާޒިމް ވިދާޅުވި އެވެ.

އެމްޑީޕީ ތައްޔާރު، އެދެނީ ސުލްހަވެރިކަމާއެކު ވޯޓުލުން ކުރިއަށް ގެންގޮސް ނިންމައިލަން

ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީ ކުރިއަށް ގެންދިޔުމަށް އެކުލަވައިލި އިންތިހާބީ ކޮމިޓީގެ މުގައްރިރު، މުހައްމަދު ފަލާހު ވިދާޅުވީ މާދަމާ އޮންނަ އެމްޑީޕީގެ ޕްރައިމަރީގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށެވެ.

އެގޮތުން މިހާރު ކުރިއަށް ދަނީ އިންތިހާބު ކުރިއަށް ގެންދާ މަރުކަޒުތަކުގައި ވޯޓުފޮށިތައް ބެހެއްޓުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ވޯޓު ފޮށިތައް ރެޑީ ކުރުމުގެ ކަންކަން ކުރިއަށް ދަނީ، އެހެން ހުރިހާ އިންތިޒާމުތަކެއް ހުރީ ތައްޔާރަށް،" ފަލާހު ވިދާޅުވި އެވެ.

މާދަމާ ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި މުޅި ރާއްޖޭގައި ޖުމުލަ 65 ވޯޓު ފޮށި ބަހައްޓާނެ އެވެ. އޭގެތެރެއިން 31 ވޯޓު ފޮށި ހުންނާނީ ވެރިރަށް މާލޭގަ އެވެ.

ފަލާހު ވިދާޅުވީ އެމްޑީޕީއަކީ ފެށުނީއްސުރެ ވެސް ޕްރައިމަރީ ބާއްވައިގެން ކެންޑިޑޭޓުން ކަނޑައަޅާ ޕާޓީއެއް ކަމަށާއި އެމްޑީޕީގެ 20 އަހަރުވީ މާޒީގައި ވެސް ދައްކާފައި ވަނީ އެ ނަމޫނާ ކަމަށެވެ. އަދި، މާދަމާ އޮންނަ ޕްރައިމަރީއަކީ ވެސް ހަމަ އެފަދަ ސިޔާސީ ވަރުގަދަ ހަރަކާތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މާދަމާގެ ވޯޓާ ގުޅޭގޮތުން ފަލާހު ވިދާޅުވީ، އެންމެ ބޮޑަށް އެދިވަޑައިގަންނަވަނީ އާންމު މެންބަރުންގެ އެއްބާރުލުމަށް ކަމަށެވެ.

"އަޅުގަނޑުމެން މި އިންތިހާބު އޮމާންއަމާންކޮށް ކުރިއަށް ގެންދިޔުމަށްޓަކައި އެ ބޭފުޅުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވޭ، އެމްޑީޕީގެ ހުރިހާ މެންބަރުން ވެސް ނުކުމެ ސުލްހަވެރިކަމާއެކު މާދަމާގެ އިންތިހާބުގައި ވޯޓު ދެއްވުމަކީ އިންތިހާބީ ކޮމިޓީގެ ވަރަށް ބޮޑު އެދުމެއް،" ފަލާހު ވިދާޅުވި އެވެ.

މާދަމާ އޮންނަ ޕްރައިމަރީގައި، އެންމެ ހޫނުގަދަވި މާލެ ދާއިރާގެ މޭޔަރުކަމުގެ ޕްރައިމަރީގައި 5475 މީހަކު ވޯޓުލާނެ އެވެ. އެހެންކަމުން އެއްވެސް ސުވާލަކާ ނުލާ އިންތިހާބު ކާމިިޔާބު ކުރެއްވީ 2700 އަށްވުރެ ގިނަ ވޯޓު ހޯއްދަވާ ބޭފުޅަކަށެވެ.