about 2 hours 0
ލީވާން އަލީ ނާސިރު
އެމްޑީޕީގެ ޗެއާޕާސަން ޣަފޫރު
about 2 hours 0
ސަރުކާރުން އުޅެނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓު (ރެފެރެންޑަމް) ވަގަށް ޖަހައިގަންނަން ކަމަށް އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލް ޢަފޫރު މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޣަފޫރު ވިދާޅުވީ މީގެކުރިން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަކަށް ނުފޫޒު ނުފޯރުވާ ވަރަށް އިންތިހާބަށް ނުފޫޒު ފޯރުވައި ސަރުކާރުން އުޅެނީ ކުރިއަށް އޮތް އިންތިހާބު ޖަހައިގަތުމަށް ކަމަށެވެ.
"އަޅުގަނޑުމެންގެ ހަޔާތުގައި ލޯކަލް ކައުންސިލްގެ އިންތިހާބަކަށް ނުފޫޒު ނުފޯރާވަރަށް ނުފޫޒު ފޯރުވަމުން އެބަގެންދޭ. އަނެއްހެން ތެދަށް ބުނަންޏާ އިންތިހާބު ވަގަށް ޖަހައިގަތުމުގެ ވިސްނުމެއްގައި ސަރުކާރުން މަސައްކަތް ކުރަމުން އެދަނީ،" ޣަފޫރު ވިދާޅުވި އެވެ.
ޣަފޫރު ވިދާޅުވީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުން ވަނީ މި އަހަރުގެ މިހާތަނަށް ސަރުކާރުގެ އެކި ކުންފުނިތަކަށް 15،000 އެއްހާ މުވައްޒަފުން ނަގާފައި ކަމަށެވެ.
ވަޒީފާ ދީފައި ތިބި މީހުން ވަކި ގޮތަކަށް ވޯޓު ނުދޭނެތީ ބިރު ދެއްކުމުގެ ގޮތުން އެހެން ތަންތަނަށް ބަދަލުކޮށް، އެކި ގޮތްގޮތުން މުވައްޒަފުންނަށް ބިރު ދައްކަމުންދާ ކަމަށް ޣަފޫރު ވިދާޅުވި އެވެ.
"ގާތްގަނޑަކަށް ސަރުކާރު ކުންފުނިތަކުން މިހާރު މި އަހަރު ތެރޭގައި، ޖެނުއަރީ، ފެބްރުއަރީ މާޗު މަހުގެ ތެރޭގައި 15،000 އެއްހާ މުވައްޒަފުންނަށް ވަޒީފާ ދީފި. އަދި އޭގެ އިތުރަށް ކުރިން ވަޒީފާ ދީފައި މުވައްޒަފުންނަށް ބިރު ދައްކަމުން އެބަގެންދޭ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެއިން ބޭރުގެ އެމްބަސީތަކަށް ސަރުކާރުން ފޮނުވާފައިވާ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އާއިލާތައް އިންތިހާބަށް ސަރުކާރުގެ ހަރަދުގައި ރާއްޖެ ގެނެސްފައިވާކަމުގެ ހެކިވެސް އެބަހުރި ކަމަށެވެ.
ނަމަވެސް އިންތިހާބާ ގުޅިގެން ހުރި ކަންބޮޑުވުންތައް އަދި އެހެނިހެން ކަންބޮޑުވުންތަކާ ގުޅިގެން ވެސް މައްސަލަ ޖައްސާނެ އެއްވެސް މުއައްސަސާއެއް ނެތް ކަމަށާއި ހުރިހާ މުއައްސަސާއެއް އޮތީ ސަރުކާރުގެ ބާރުގެ ދަށުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ޣަފޫރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތަކުން މިއަދު ގާނޫނާ އެއްގޮތަށް އަމަލުނުކޮށް ތިއްބަސް، އެތަންތަނުގައި ތިއްބެވި ބޭފުޅުންނާ ގާނޫނު އަރާ ހަމަކުރާނެ ކަމަށެވެ.
އަންނަ އެޕްރީލް 4، ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއެކު ދެން ބާއްވާ ރެފެރެންޑަމްއަކީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ރައްޔިތުން ދެކޭ ގޮތް ބެލުމަށް ނަގާ ވޯޓެކެވެ.
Comment