Advertisement

ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ރިވިއުގައި ރާއްޖެއިން ބައިވެރިވެ މައުލޫމާތުދީފި

ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ރިވިއުގައި ރާއްޖެއިން ބައިވެރިވުން


ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ރިވިއުގައި ރާއްޖެއިން ބައިވެރިވެ މައުލޫމާތުދީފި

ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާގެ ދަށުން 2021 ވަނަ އަހަރު ރާއްޖެއިން ހުށަހަޅާފައިވާ 6-7 ވަނަ ޕީރިއޮޑިކް ރިޕޯޓު، އދ. ގެ ކޮމިޓީ އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް ކޮމިޓީން ރިވިއުކުރަން ބޭއްވި ސެޝަންގައި ރާއްޖެއިން ބައިވެރިވެ މައުލޫމާތު ދީފި އެވެ.

ދެ ސެޝަނަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ އެ ރިވިއުގައި މުއާހަދާ ތަންފީޒުކުރުމަށް 2016 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ރާއްޖެއިން ޖަވާބުދީފައިވެ އެވެ.

މި ރިވިއުގައި ބައިވެރިވި ރާއްޖޭގެ ވަފުދުގެ ވެރިޔާގެ ހައިސިއްޔަތުން އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ބައިވެރިވެވަޑައިގެން ވިދާޅުވީ ކުޑަކުދިންނަކީ ގައުމުގެ މުސްތަގުބަލު ކަމަށާއި ކޮންމެ ކުއްޖެއްވެސް ބޮޑުވަނީ ކަރާމާތާއި ރައްކާތެރިކަން ލިބިގެން ކަމާއި، އެ ކުދިން ދެކޭގޮތް ބަލައިގަންނަ މާހައުލެއްގައިކަން ކަށަވަރުކޮށްދިނުމަކީ ރާއްޖެއިން އިސްކަމެއްދޭ ކަމެއް ކަމަށެވެ.

ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާއަކީ ރާއްޖޭގެ ގާނޫނުތަކާއި، ސިޔާސަތުތަކާއި، ތަރައްގީގެ މަސައްކަތްތަކަށް މަގުދައްކައިދޭ މުއާހަދާއެއްކަން ފާހަގަކުރައްވާ ކަމާބެހޭ ނިޒާމުތައް ހަރުދަނާކޮށް، ކުޑަކުދިންނަށް ރައްކާތެރި، އެ ކުދިންނަށް އިހްތިރާމްކުރާ އަދި އެ ކުދިންގެ ކުރިއެރުމަށް ބާރުވެރި މާހައުލުތައް ހޯދައިދިނުމަށް މި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް އުޝާމް ވިދާޅުވި އެވެ.

ރާއްޖެއިން ހުށަހެޅި ރިޕޯޓުގައި ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާގައި ބަޔާންކޮށްފައިވާ ހައްގުތައް ލިބިދިނުމާ ގުޅޭގޮތުން ކޮމިޓީން ރާއްޖެއަށް ހުށަހަޅާފައިވާ ހުށަހެޅުންތަކާއި، 2016 އިން 2021 ގެ ނޮވެމްބަރުގެ ނިޔަލަށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް، ހިމާޔަތްކުރުމާ ގުޅޭގޮތުން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިމަނާފައިވެ އެވެ.

މި ރިވިއުގައި ރާއްޖެ ތަމްސީލްކުރެއްވި ވަފްދުގައި އުޝާމްގެ އިތުރުން ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އާއި ޖެންޑާ މިނިސްޓްރީގެ ބޭފުޅުންނާއި އެޑިއުކޭޝަން މިނިސްޓްރީ ބޭފުޅުންނާއި ޖެނީވާގައި ހުންނަ އދ. ގެ އޮފީހަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.