Advertisement

މީގެ ހަ މަސްދުވަސް ކުރިން ތިން މަހަށް ބަންދު ކުރި ސަލްޓަން ޕާކު އަދިވެސް ނުހުޅުވާ

ސަލްޓަން ޕާކު: ސަރުކާރުން ކުރިން ބުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ޕާކު އަލުން ހުޅުވާނެ ކަމަށް -- ފޮޓޯ: ޓްރިޕްއެޑްވައިޒާ


މީގެ ހަ މަސްދުވަސް ކުރިން ތިން މަހަށް ބަންދު ކުރި ސަލްޓަން ޕާކު އަދިވެސް ނުހުޅުވާ

މީގެ ހަ މަސްދުވަސް ކުރިން މަރާމާތު ކުރަން ބަންދު ކުރި ވެރި ރަށް މާލޭގެ އެންމެ ބޮޑު ޕާކު ކަމަށްވާ ސަލްޓަން ޕާކު ރޯދަ މަހަށް ވެސް ނުހުޅުވުނެވެ.

ސަލްޓަން ޕާކު ބަންދު ކުރީ އޯގަސްޓް 20، 2025، ގަ އެވެ. އެއިރު އެތަން ބަލަހައްޓަމުން އަންނަ ކޮންސްޓްރަކްޝަން މިނިސްޓްރީ އިން ބުނީ ސަލްޓަން ޕާކު ބަންދު ކުރަނީ އެންމެ ތިން މަސްދުވަހަށް ކަމަށެވެ.

ސަލްޓަން ޕާކު ބަންދު ކުރުމުން މިހާރު މާލޭގައި ހުޅުވާފައި ހުންނަނީ ކުޑަކުދިންގެ ބަގީޗާ އާއި ލޮނުޒިޔާރަތްކޮޅު ޕާކެވެ. އޭގެ ތެރެއިން ކުޑަކުދިން ކުޅޭ ސާމާނު ހުންނަނީ ހަމައެކަނި ކުޑަކުދިންގެ ބަގީޗާގަ އެވެ. މި ހިނގާ ރޯދަ މަހުގެ މި ފާއިތުވެ ތިން ދުވަހު ކުޑަކުދިންގެ ބަގީޗާ އޮންނަނީ ވަރަށް ބޮޑަށް ފުރިފަ އެވެ.

ސަލްޓަން ޕާކު ކުރިން ހިންގަމުން އައީ މާލޭ ސިޓީ ކައުންސިލުންނެވެ. އެކަމަކު، ފެބްރުއަރީ، 2025، ގައި ސަރުކާރުން އަމިއްލައަށް ސަލްޓަން ޕާކާ ހަވާލުވީ އެވެ. ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން ޕާކު ނެގީ ކައުންސިލަށް އެތަން ނުބެލެހެއްޓޭ ކަމަށް ބުނެ އެވެ.

ސަލްޓަން ޕާކު ނުބަލަހައްޓާތީ އެތަނުގެ ވަރަށް ގިނަ ތަންތަން ހުރީ ހަލާކުވެފަ އެވެ. ކުޑަކުދިންގެ ސްލައިޑު ކައިރީ ކުރިން ހުރި ބޮޑު އުނދޯލި ނެތްތާ ވެސް މިހާރު އަހަރަކަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ. އަދި އުސްގެކޮޅު ކައިރީ ހުރި އުނދޯއްޔެއް ވެސް މިހާރު ނެތެވެ.

ޕާކުގައި ހުރި ފެންއަރުވާ ވަޑާން ނުޖައްސާތާ ވެސް ވަރަށް ގިނަ ދުވަސްތަކެއްވެއްޖެ އެވެ. ފެންއަރުވާވަޑާން މަތީގައި ހުންނަ ބޮޑު ސިޑިތަކަށް ވެސް ނޭރެ އެވެ.

ޕާކުގައި ހަނދުގެ ބައްޓަމަށް ދިއްލޭ ގޮތަށް ހަދާފައި ހުރި އުނދޯލިތަކުގެ ތެރެއިން ވެސް އުނދޯއްޔެއް ހުރީ ހަލާކުވެފަ އެވެ. އެކަމަކު އެންމެ ބޮޑަށް ހަލާކުވެފައި ކުޑަކުދިންނަށް އަރައިގެން މަޖާ ކުރެވޭ ގޮތަށް، ލިލީ މަގު ފަޅީގައި ހަދާފައި ހުރި ނެޓާއި އެ ސަރަހައްދުގައި ހުރި ތަކެއްޗެވެ.

ހަލާކުވި ގޮތަށް އެއްވެސް ގޮތަކަށް މަރާމާތު ނުކުރާ ކަމަށް ފާހަގަ ކުރެވެނީ ކުރިން ހައިވަރު މިސްކިތް ހުރި ތަނާ ދިމާލުގައި ހެދި ބޮޑު ސްލައިޑެވެ. ޕާކު އެއްކޮށް ބަދަލު ކުރުމަށްފަހު އޯގަސްޓު، 2017، ގައި ހުޅުވިތާ މާ ގިނަ ދުވަސްތަކެއްނުވެ އެތަން ބަންދު ކުރި އެވެ.