ހަށިގަނޑުން ހާމައަށް ފެންނަ ހިސާބެއްގައި ފާހަގައެއް ޖެހުމަކީ އެވޭލާ މިސްރު މީހުންނާއި ޖަޕާނު މީހުން އަދި ޕޮލިނޭޝިއާ ގައުމުތަކާއި ސެލްޓިކް (ޔޫރަޕާއި އެނެޓޯލިއާގައި އުޅޭ އިންޑޯ-ޔޫރަޕިއަން) ދަރިކޮޅުގެ މީހުންގެ މެދުގައި އިހު ޒަމާނުގައި ވަރަށް އާންމު ކަމެކެވެ. ކަޅު ކުލައިގެ ދެއްޔަކުން އެމީހުން ހަށިގަނޑުގައި ފާހަގަ ޖަހަމުން އައީ، ވަކި ގަބީލާއެއްގެ ނުވަތަ ވަކި ވަންހައެއްގެ މީހުންކަން، އެހެން މީހުންނަށް އެންގުމުގެ ގޮތުންނެވެ.
މިހާރު ފެޝަނެއްގެ ގޮތުން ހަށިގަނޑުގައި ޖަހަމުން އަންނަ ޓެޓޫގެ ފެށުމަކީ އެއީ އެވެ. މިހާރު ތަފާތު ކުލަތަކުންނެވެ. އިހު ޒަމާނުގައި އެކަމަށް ބޭނުންކުރި ދެއްޔަކީ އެކަމަށް ހާއްސަކޮށް، ފަތްޕިލާވެލީގެ ކޮންމެވެސް ބާވަތަކުން ނުވަތަ ގަހެއްގެ މުލުން އުފައްދާ ދެއްޔެކެވެ. ނަމަވެސް މިހާރު ޓެޓޫ ޖެހުމަށް ބޭނުންކުރާ ބައެއް ބާވަތުގެ ކުލަތަކަކީ، ކޮމްޕިއުޓަރު ޕްރިންޓަރުތަކުގައި ބޭނުންކުރުމަށާއި، އިންޖީނުލީ އެއްގަމު އުޅަނދުތަކުގައި ކުލަ ލުމަށް ބޭނުންކުރާ ދެއްޔެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި މިހާރު ޓެޓޫ ޖެހުމަށް ބޭނުންކުރާ ބައެއް ބާވަތުގެ ކުލަ ދެލީގައި އެކުލެވޭ ބައެއް ޕިގްމެންޓްތަކަކީ ހަންގަނޑުން ވަކިވެގެން ހަށިގަނޑުގެ ތެރެއަށް ދަތުރުކޮށް ލިމްފް ނޯޑްތަކުގައި ހާލިހަދާ އެއްޗެކެވެ. މި ޕިގްމެންޓްތައް ލިމްފް ނޯޑްތަކަށް ވާސިލުވުމަކީ، އެކްޒީމާ (ހަންގަނޑު ރަތްވެ، ފަޅައިގެން ގޮސް، ހަންގަނޑު ހިރުވައި ކަހާ ބައްޔެއް) އާއި ނޭވާ ހިއްލާ ބައްޔާއި، ސިލިއެކް ޑިސީޒް (ކުޑަ ގޮހޮރަށް މައްސަލަ ކުރިމަތިކުރުވާ ހަޖަމުކުރާ ނިޒާމުގެ ބައްޔެއް) ތަހައްމަލުކުރާ މީހުންނަށް އިތުރު އުނދަގޫތައް ކުރިމަތިކުރުވާނެ ކަމެއް ކަމަށް ދިރާސާތަކުން ދައްކައެވެ.
ދާދި ފަހުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ހަށިގަނޑުގައި ޓެޓޫ ޖަހާ މީހުންގެ ތެރެއިން ހަ ޕަސެންޓް މީހުން، ފުރަތަމަ ހަ މަސް ދުވަހު އުޅެން ޖެހެނީ، ޓެޓޫގެ ސަބަބުން ކުރިމަތިވާ ސިއްހީ އެހެން މައްސަލަތަކުގެ ތެރޭގައެވެ. ވަކިން ހާއްސަކޮށް މި އުނދަގޫތައް ތަހައްމަލުކުރަން ޖެހޭ މީހުންގެ ތެރޭގައި، ރަތް ކުލައިން ޓެޓޫ ޖަހާ މީހުން ފާހަގަކުރެވެއެވެ.
މި ދިރާސާގައި ބުނެފައިވާ ގޮތުން ޕޮލެންޑްގެ އުމުރުން 36 އަހަރުގެ ފިރިހެނަކު، ގިނަ ކުލަތައް އެކުލެވޭ ޓެޓޫއެއް ޖެހުމުން އެތައް ސިއްހީ މައްސަލަތަކެއް ކުރިމަތިވިއެވެ. އެންމެ ފުރަތަމަ ކުރިމަތިވީ ހަންގަނޑު ހިރުވުމުގެ މައްސަލައެވެ. އެއަށް ފަހު، މުޅި ގައިގެ އެތަން މިތަނުގައި ރަތް ކުލައިގެ ފިތްގަނޑުތަކެއް ނެގިއެވެ. އަދި މަޑުމަޑުން ބޮލުގެ އިސްތަށިތައް ފައިބަމުން ގޮސް މުޅި ބޯ ތަލަވިއެވެ. އޭގެ ފަހުގައި ނިޔަފަތިތައް ރީނދޫވެ ލިމްފް ނޯޑްތައް ދުޅަވެ، ދާހިއްލުން މުޅިން ހުއްޓުނެވެ.
މި ހާލަތު މެދުވެރިވިތާ ދެ އަހަރު ފަހުން، އޭނާގެ ހަންގަނޑުގެ ދިފާއީ ބާރު މުޅިން ނެތި، ހުދު ބަލި ޖެހުނެވެ. މި ކަމާ ގުޅިގެން ޑޮކްޓަރުންނާއި ސައެންސްވެރިން ގުޅިގެން ކުރި ދިރާސާއަށް ފަހު ޝައްކު ކުރެވުނީ، އޭނާގެ ހަށިގަނޑުގައި ޖަހާފައިވާ ޓެޓޫގައި އެކުލެވޭ ރަތް ކުލައިގެ ސަބަބުން، އޭނާގެ ލިމްފް ނޯޑްތައް ހަލާކުވެފައިވާ ކަމަށެވެ.
މި ދިރާސާއަށް ފަހުގައި، އޭނާއަށް ދިމާވި ސިއްހީ މައްސަލަތައް ހައްލު ކުރުމަށް އަށް އޮޕަރޭޝަނެއް ކޮށްގެން، އޭނާގެ ހަށިގަނޑުގައިވާ ޓެޓޫތައް ފިލުވިއެވެ. އަދި ޓެޓޫތައް ނެގި ތަންތަނުގައި ހަށިގަނޑުގެ އެހެން ތަންތަނުން ހަން ނަގައިގެން ހަން އެޅިއެވެ. މިގޮތަށް ހެދުމުން، އޭނާގެ ބޮލުގައި އަލުން އިސްތަށި ފަޅަން ފެށިއެވެ. އަދި މުޅި ހަށިގަނޑަށް ހުދު ބަލި ފެތުރުން ވެސް ހުއްޓުނެވެ.
އެހެން ނަމަވެސް، ދާ ހިއްލުމުގެ ގްލޭންޑްތައް މުޅިން ހަލާކުވެފައިވާތީ، ދާ ހިއްލުން މެދުކެނޑުމުގެ މައްސަލަ ހައްލެއް ނުކުރެވުނެވެ. އެކަމުގެ ސަބަބުން އޭނާއަށް ވަނީ ހީޓް ސްޓްރޯކް ޖެހުމުގެ ނުރައްކާ ވަރަށް ބޮޑުވެފައެވެ. އެހެންކަމުން، އޭނާއަށް މިހާރު މަޖުބޫރުވެފައިވަނީ އަސްކަރީ ހިދުމަތުން ރިޓަޔާކޮށް، ހަށިގަނޑު ފިނި ކުރުމަށްޓަކައި އިރުއިރުކޮޅުން ހަށިގަނޑަށް ފެން ސްޕްރޭ ކުރުމަށެވެ.
Comment