Advertisement

އޮން އެރައިވަލް ވިސާ ދިނުން ހުއްޓާނުލާން ބަންގްލަދޭޝްއިން ނިންމައިފި

ބަންގްލަދޭޝްގެ ހަޒްރަތު ޝާހްޖަލާލް އިންޓަނޭޝަނަލް އެއާޕޯޓް: ބަންގްލަދޭޝް އިން އޮން އެރައިވަލް ވިސާ ދިނުން މެދުކަނޑާލަން ނިންމި ނިންމުން ވަނީ ބަދަލުކޮށްފި -- ފޮޓޯ: ހަޒްރަތު ޝާހްޖަލާލް އިންޓަނޭޝަނަލް އެއާޕޯޓް


އޮން އެރައިވަލް ވިސާ ދިނުން ހުއްޓާނުލާން ބަންގްލަދޭޝްއިން ނިންމައިފި

ގިނަ އަދަދެއްގެ ދިވެހިން ތައުލީމު ހާސިލްކުރަން ދިރިއުޅޭ ބަންގްލަދޭޝްގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބާ ދިމާކޮށް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލަން ނިންމި ނިންމުން ބަދަލުކޮށް ކުރިއެކޭ ވެސް އެއްގޮތަށް އޮން އެރައިވަލް ވިސާ ދޫކުރަން ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ބަންގްލަދޭޝް ސަރުކާރުން އޮން އެރައިވަލް ވިސާ މެދުކަނޑާލަން ނިންމި ނިންމުން ބަދަލުކުރުމާއެކު، ބަންގްލަދޭޝްއަށް ދަތުރުކުރާ ދިވެހިންނަށް ކުރިއެކޭ ވެސް އެއްގޮތަށް އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށެވެ.

ބަންގްލަދޭޝް ސަރުކާރުން ކުރިން ނިންމީ މާދަމާއިން ފެށިގެން އެއް މަސް ދުވަހަށް އެ ގައުމުން އޮން އެރައިވަލް ވިސާގެ ހިދުމަތް ދިނުން ހުއްޓާލުމަށެވެ. އެ ނިންމުން ބަންގްލަދޭޝް އިން ބަދަލުކުރި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.

އަންނަ މަހު ބަންގްލަދޭޝްގައި އިންތިހާބު ބާއްވަނީ ޒަމާންތަކެއް ވަންދެން ހުދުމުހުތާރު ވެރިކަމެއް ކުރެއްވި ޝެއިހު ހަސީނާގެ ވެރިކަން ވައްޓާލުމަށް ފަހު އެ ގައުމުގައި ހިންގަމުން އަންނަ ވެރިކަމުގެ އިންތިގާލީ މަރުހަލާ ނިމުމަކަށް ގެނައުމަށެވެ.

އޮގަސްޓު، 2024، އިން ފެށިގެން ބަންގްލަދޭޝްގައި ހިނގަމުން އަންނަނީ ވަގުތީ ސަރުކާރެކެވެ. އެ ސަރުކާރު ހިންގެވުމާ އިސްކޮށް ހަވާލުވެ ހުންނެވީ ނޮބެލް ސުލްހައިގެ އިނާމު ހާސިލުކުރައްވާފައިވާ ޔޫނުސް އެވެ.

ހަސީނާގެ ސަރުކާރާ ދެކޮޅަށް ހިންގި މުޒާހަރާތަކުގައި 1،000 އަށްވުރެ ގިނަ މީހުން މަރުވި އެވެ. އޭނާގެ ސަރުކާރާއި ޕާޓީއަށް ނިސްބަތްވާ މީހުން އިންސާނިއްޔާތާ ދެކޮޅު އެތައް ޖަރީމާއެއް ހިންގާފައިވާ ކަމަށް އދ. ގެ ކޮމިޝަނަކުން ވަނީ ބުނެފަ އެވެ.

ބަންގްލަދޭޝްގައި 173 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅެ އެވެ.