Advertisement

ފޮއްދޫ ބަނދަރުން ނަގާ ވެލި އީއައިއޭ އާ ހިލާފަށް އެމްޓީސީސީން ބޭނުންކުރަނީ

ނ. ފޮއްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: އެމްޓީސީސީ


ފޮއްދޫ ބަނދަރުން ނަގާ ވެލި އީއައިއޭ އާ ހިލާފަށް އެމްޓީސީސީން ބޭނުންކުރަނީ

ނ. ފޮއްދޫގެ ފަޅު ފުންކޮށްފައި ނަގާ ވެލި ތިމާވެށްޓަށް އަސަރު ކުރާނެ މިންވަރު ބަޔާން ކޮށްދޭ ރިޕޯޓު (އީއައިއޭ) އާ ހިލާފަށް ބޭނުން ކުރަމުންދާކަން އެނގިއްޖެ އެވެ.

ފޮއްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން ދަނީ އެމްޓީސީސީންނެވެ. އެ މަސައްކަތް ފެށީ މިދިޔަ ޖުލައި މަހު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އެ ރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

އެ މަޝްރޫއުގެ ދަށުން 30,648 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުން ކުރުމާއި 3,990 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުން ކުރާނެ އެވެ.

އެ މަޝްރޫއުގެ އީއައިއޭ ރިޕޯޓުގައި ބަޔާން ކޮށްފައި ވާގޮތުން އެ ރަށު ފަޅު ފުންކުރާއިރު، ނަގާ ވެލި ބޭނުން ކުރާނީ ބަނދަރު ސަރަހައްދުން ނަގާ ބޮޑެތި ރާޅު މަތަ ކުރުމަށް ބްރޭކް ވޯޓާއެއް ހެދުމަށާއި ބަނދަރު ސަރަހައްދު ތަރައްގީ ކުރާއިރު، ހިއްކަންޖެހޭ ސަރަހައްދުތަކަށެވެ.

އެ މަސައްކަތްތައް ކުރުމަށްފަހު ބާކީ ހުންނަ ވެލި އެ ރަށުގެ އިރުދެކުނު ފަރާތުގައި ފުނި ޖަހާފައި ބަހައްޓާނެ ކަމަށް އީއައިއޭ ރިޕޯޓުގައި ބަޔާން ކޮށްފައިވެ އެވެ.

އެ މަސައްކަތަށް ޖުމުލަ 50،401 ކޮޑި މީޓަރުގެ ވެލި ބޭނުންވާ ކަމަށް އީއައިއޭ ރިޕޯޓުގައި ބަޔާން ކޮށްފައިވެ އެވެ. ނަމަވެސް، ފަޅު ފުންކުރާއިރު، ނެގެނީ 48،261 ކޮޑި މީޓަރުގެ ވެލި ކަމަށް އެ ރިޕޯޓުގައި ބަޔާން ކޮށްފައިވެ އެވެ. އެހެންކަމުން، އެ ރަށު ފަޅާއި ނެރު ފުން ކުރާއިރު ނަގާ ވެލީގެ އިތުރަށް ވެސް ބަނދަރު ތަރައްގީކޮށް ނިންމުމަށް ވެލި ހޯދަން ޖެހޭނެ އެވެ.

ފޮއްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އީއައިއޭ ރިޕޯޓުގެ ދެ ސަފުހާއެއް


ނަމަވެސް، ފޮއްދޫ ފަޅާއި ނެރު ފުންކުރާއިރު، ނަގާ ވެލި އެ ރަށު ފުލުހުންގެ މަރުކަޒު އިމާރާތް ކުރުމަށް ބޭނުންވާ ގައު އެޅުމަށް އެމްޓީސީސީން ބޭނުން ކުރަމުންދާ ކަމަށް އެ ރަށުން އަދަދު އާ ވާހަކަދެއްކި މީހުން ބުންޏެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ފޮއްދޫއިން ވާހަކަދެއްކި އެ ރަށު މީހަކު ބުނީ ފުލުހުންގެ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ބަނދަރުގެ މަސައްކަތް ވެސް ކުރާ އެމްޓީސީސީން ކަމަށެވެ. ނަމަވެސް، ފުލުހުންގެ މަރުކަޒު އިމާރާތް ކުރުމަށް ބޭނުންވާ ގައު އަޅަނީ އެ ރަށު އަމިއްލަ ފަރާތަކުން ކަމަށް އޭނާ ބުންޏެވެ.

"ރަށު ރައްޔިތުންނަށް މަނާކަމެއް އެއީ ރަށުގެ އެއްވެސް ސަރަހައްދަކުން ވެލި ނެގުމަކީ، ދެން ބަނދަރު ސަރަހައްދުން ނަގާ ވެލި އަސްލު ބޭނުން ކުރަންޖެހޭނީ އެ މަޝްރޫއުއަށް ދޯ؟ އެކަމަކު އެ ވެލި މި ބޭނުން ކުރަނީ ގައު އަޅަން،" ފޮއްދޫއިން ވާހަކަދެއްކި މީހާ ބުންޏެވެ.

އެ ރަށުން ވާހަކަދެއްކި އެހެން މީހަކު ބުނީ ފުލުހުންގެ މަރުކަޒު އިމާރާތް ކުރުމަށް ބޭނުންވާ ގައު އަޅަނީ ގަލެއް 14ރ. ގެ ރޭޓުން ކަމަށެވެ. ނަމަވެސް، ގައު އަޅައިދޭނެ ފަރާތެއް ހޯދަން އެމްޓީސީސީން މަސައްކަތް ކުރުމުން، 13ރ. އަށް ގަލެއްގެ މަގުން އެ މަސައްކަތް ކޮށްދިނުމަށް އެ ރަށު އެހެން ބަޔަކު ހުށަހެޅި ކަމަށެވެ.

އެހެންނަމަވެސް، އެމީހުންނަށް އެ މަސައްކަތް ހަވާލުނުކޮށް 1ރ. ބޮޑުކޮށް ހަވާލުކުރި ފަރާތުން އެ މަސައްކަތް ކުރަމުންދަނީ ރަށުން ނަގާ ވެލި ބޭނުން ކޮށްގެން ކަމަށް އެނާ ބުންޏެވެ.

"މިއީ މި ރަށު ރައްޔިތުންގެ ކަންބޮޑުވުން ވަރަށް ބޮޑަށް އޮތް މައްސަލައެއް، ރަށު ރައްޔިތުންނަށް ނުކުރެވޭ ކަމެއް، މަނާކަމެއް ވަކި އެމްޓީސީސީއަކަށް ވެސް ކުރެވިގެން ނުވާނެތާ،" އެ ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.

ފޮއްދޫ ކައުންސިލްގެ ރައީސް، މުހައްމަދު މޫސާ ވެސް ވިދާޅުވީ އެ ރަށު ބަނދަރު ސަރަހައްދުން ނަގާ ވެލި އެމްޓީސީސީން ބޭނުން ކުރާ ކަމަށެވެ. ނަމަވެސް ކައުންސިލުން މަނާ ކޮށްފައި އޮންނަނީ ރަށުގެ ގޮނޑުދޮށުން ވެލި ނެގުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ރަށުގައި މަނާ ކޮށްފައި މި އޮންނަނީ ގޮނޑުދޮށުން ވެލިނެގުން، އެ މީހުން އެ ހުންނަނީ ފަޅުން ވެލި ނަގާފައި، ކޮންނަ ސަރަހައްދުން ވެލި ނަގާފައި،" މޫސާ ވިދާޅުވި އެވެ.

ފޮއްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 145 މީޓަރުގެ ބޭރު ތޮށިލައި 165 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 130 މީޓަރުގެ ދިގު އެއްގަމު ތޮށިލުމާއެކު 125 މީޓަރު ދިގު 6 މީޓަރު ފުޅާ ޖެޓީއެއް ހެދުމުގެ އިތުރުން 600 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމާއި ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.

އެ މަޝްރޫއުއަކީ 49.77 މިލިއަން ރުފިޔާ ހަރަދު ކުރަން ނިންމާފައިވާ މަޝްރޫއު އެކެވެ.

ފޮއްދޫ ފުލުހުންގެ މަރުކަޒު އިމާރާތް ކުރުމުގެ މަޝްރޫއު ވެސް ސަރުކާރުން ހަވާލު ކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ވެސް ފެށީ ރައީސުލްޖުމްހޫރިއްޔާގެ ހާޒިރުގައި މިދިޔަ ޖުލައި މަހު އެވެ.