about 2 hours 0
މުހައްމަދު ޝަހްޒާން
ހައުސިން، ޕްލޭނިން އަދި އެންވަރަމެންޓު މިނިސްޓްރީގައި އަލިފާން ރޯވެފައި -- ފޮޓޯ: އަދަދު
about 2 hours 0
ޑިސެމްބަރު 12، 2024، ގައި ހައުސިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އަދި އެންވަރަމެންޓް މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތްތަކުގައި އަލިފާން ރޯވެ އަނދައި ހުލިވި ހާދިސާއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގުގެ އަދާހަމައެއް ދޭން ދެކޮޅު ހަދައިފި އެވެ.
އެ އަލިފާނުގެ ހާދިސާގެ ތަހުގީގާ ގުޅޭގޮތުން އަދަދު އިން ތަކުރާރުކޮށް ފުލުހުންނާ ސުވާލު ކުރަމުންދިޔަ ނަމަވެސް އެ މުއައްސަސާއިން މިކަމާ ގުޅިގެން އެއްޗެއް މިހާތަނަށް ބުނެފައެއް ނުވެ އެވެ.
ތިން މިނިސްޓްރީ އަނދައިގެން ދިޔަ ހާދިސާއާ ގުޅިގެން ފުލުހުން ހިންގަމުންދާ ތަހުގީގުގެ އަޕްޑޭޓަކީ ކޮބައިތޯ ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް އިއްޔެ ވިދާޅުވީ އޭގެ އަޕްޑޭޓެއް ބަލައިލާނެ ކަމަށެވެ.
"ތިޔަ މައްސަލައިގެ އަޕްޑޭޓު ބަލާލައިފައި އަޅުގަނޑު އަޕްޑޭޓެއް ދޭނަން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ނަމަވެސް، މި ހަބަރު ޝާއިއު ކުރުމާ ހަމައަށް ވެސް އެއްވެސް ޖަވާބެއް ފުލުހުން ދީފައެއް ނުވެ އެވެ.
ތިން މިނިސްޓްރީ އަނދައިގެން ދިޔަ ހާދިސާގެ ތަހުގީގަށް އާންމުންގެ އެހީތެރިކަން ހޯދަން ޑިސެމްބަރު 17، 2024 ގައި ފުލުހުން އިއުލާނު ކުރި އެވެ. އެ ދުވަހު ފުލުހުން އެދުނީ ތިން މިނިސްޓްރީ އެނދި އަލިފާނުގެ ތަހުގީގަށް ބޭނުންކުރެވިދާނެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެ ހިދުމަތުގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓާ ހިއްސާކުރުމަށެވެ.
އޭގެފަހުން، އަލިފާނުގެ ހާދިސާގެ ތަހުގީގަށް އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމަކުން ފަންނީ އެހީތެރިކަން ދެމުންދާ ކަމަށް ޑިސެމްބަރު 20، 2024 ގައި ފުލުހުން ބުނެފައިވެ އެވެ.
ފުލުހުންގެ ތަހުގީގަށް އެހީތެރިކަން ފޯރުކޮށްދޭން އައި އިންޑިއާގެ ޓީމު ރާއްޖޭގައި ދެ ދުވަހު ހަރަކާތްތެރިވުމަށްފަހު ފުރައިގެން ދިޔައީ ޑިސެމްބަރު 22، 2024 ގަ އެވެ. އެކަން ފުލުހުން ހާމަކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 27، ގަ އެވެ. ނަމަވެސް އެހާ އަވަހަށް އެ ޓީމު ފުރައިގެންދިޔައީ ކީއްވެގެން ކަމެއް ފުލުހުން އެ ދުވަހު ހާމައެއް ނުކުރެ އެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިދިޔަ ޖޫން 24، ގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ފުލުހުން މަސައްކަތްކުރި އެވެ. އެކަމަކު އެ ނޫސްވެރިންގެ ބައްދަލުވުން އެންމެ ފަހުވަގުތު ވަނީ ސަބަބު ވެސް ހާމަނުކޮށް ކެންސަލްކޮށްފަ އެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ އިމާރާތް އެއްކޮށް އަނދައި ހުލިވެ، އެ އިމާރާތްތަކުގައި ހުރި މުހިންމު ބައެއް ލިޔުންތަކާއި ބައެއް ސާވާތައް ސަލާމަތް ކުރެވިފައެއް ނުވެ އެވެ.
އެނދި މިނިސްޓްރީތަކުގެ ހިދުމަތް ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލު ކޮށްފައިވާއިރު، ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ މިހާރު ވަނީ އެއްކޮށްލައިފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment