about 2 hours 0
އަމަން ހަލީމް
ގޯތަމް ސިންހާނިއާގެ ސިނގިރޭޓު ރޭސިން ބޯޓު: މިއީ 80 ނޮޓަށް ވުރެ ބާރަށް ދުވާ ލޯންޗުތަކެއް --- ފޮޓޯ: އަދަދު
about 2 hours 0
އިންޑިއާގެ ބިލިއަނަރު ގޯތަމް ސިންހާނިއާގެ ލޯންޗު އެކްސިޑެންޓު ހާދިސާގެ ތަހުގީގު ނުނިމެނީސް އޭނާ ފުރައިގެން ދާން ހުއްދަ ދިން މައްސަލައިގައި ފާޑުކިޔުން އަމާޒުވަމުން ދަނިކޮށް، އެ ހާދިސާގައި އަނިޔާވި ތިން މީހަކު އިންޑިއާއަށް ފުރީ ބޭސް ފަރުވާއަށް ފުލުހުން މިއަދު ބުނެފި އެވެ.
ލޯންޗު އެކްސިޑެންޓު ހާދިސާއާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި ފުލުހުން ވަނީ ފުރައިގެން ދިޔަ މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާ ނިސްބަތްވާ ދެ ފިރިހެނުންނާއި އިނގިރޭސިވިލާތަށް ނިސްބަތްވާ އަންހެނެއް ކަމަށެވެ.
މި ތިން މީހުންގެ ތެރެއިން އިންޑިއާއަށް ނިސްބަތްވާ އެކަަކާއި އިނގިރޭސިވިލާތަށް ނިސްބަތްވާ އަންހެން މީހާ ފުރީ އިއްޔެ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުންގެ ނޫސް ބަޔާނުގައި އެއްވެސް މީހެއްގެ ނަން ބަޔާންކޮށްފައި ނެތް ނަމަވެސް، އިއްޔެ ފުރައިގެން ދިޔަ އިންޑިއާގެ މީހަކީ ގޯތަމް ކަމަށް އަދަދު އިން ވާނީ ކުރިން ވެސް ރިޕޯޓުކޮށްފަ އެވެ.
ފުލުހުން ބުނީ މިއަދު ފުރައިގެން ދިޔަ އިންޑިއާ މީހާގެ އަތެއް ބުރިވެ، ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. މި ވަގުތު ރާއްޖޭގައި ފަރުވާ ހޯދަމުން އަންނަ ދެ މީހުންނަށް ފަރުވާ ދެމުން އަންނަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ކަމަށް ފުލުހުން ބުންޏެވެ.
ފުރައިގެން ދިޔައީ ބޭސް ފަރުވާއަށް ކަމަށް ފުލުހުން ކަށަވަރު ކޮށްދިން ނަމަވެސް ލޯންޗު ދުއްވަން ހުރި ކަމަށް މައުލޫމާތު ލިބިފައިވާ ގޯތަމް ފުރީ ފުލުހުން ހުއްދަ ދިން ފަހުންތޯ ނޫނީ އޭގެ ކުރިންތޯ ކަށަވަރެއް ނުވެ އެވެ.
މި ސުވާލު އުފެދުނީ ގޯތަމް ފުރިކަން ފުލުހުންނަށް އެނގުނީ މާ ފަހުން ކަމަށް މި ނޫހަށް މައުލޫމާތު ލިބިފަައިވާތީ އެވެ. މިކަން ކަށަވަރުކުރަން ފުލުހުންނާ ސުވާލުކުރި ނަމަވެސް އަދި އެ މައުލޫމާތެއް ނުލިބެ އެވެ.
ބުރާސްފަތި ދުވަހު ވ. ކެޔޮދޫ ކައިރިން ހިނގި މި ނުރައްކާތެރި ހާދިސާ ހިނގަން މެދުވެރިވީ ގޮތުގެ މާ ގިނަ ތަފުސީލުތަކެއް ނުލިބުނު ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ހާދިސާ ހިނގި ވަގުތު ލޯންޗު ދުއްވަން ހުރީ ގޯތަމް އެވެ.
ގޯތަމް ދުއްވަން ހުރި ސިނގިރޭޓު ރޭސިން މަރުކާގެ ލޯންޗުތަކަކީ ކަނޑު އުޅަނދުފަހަރުގެ ތެރެއިން އެންމެ ބާރަށް ދުވާ އުޅަނދުތަކުގެ ތެރޭގައި ހިމެނޭ ލޯންޗެކެވެ. މީގެ އެންމެ ބާރަށް ދުވާ މޮޑެލްތަކުގެ ގަޑިއިރަކު 100 ނޯޓިކަލް މޭލު (189 ކިލޯމީޓަރު) ދުވާ ލޯންޗުތައް ވެސް ހުރެ އެވެ.
މި ލޯންޗު ބަންޑުންޖަހާލި ވަގުތު އެ އުޅަނދުގައި ހަތް މީހުން ތިއްބެވެ. އެއީ ގޯތަމް އާއި އިންޑިއާއަށް ނިސްބަތްވާ ހަތަރު ފިރިހެނުންނާއި އިނގިރޭސިވިލާތަށް ނިސްބަތްވާ އަންހެން މީހާ އާއި ރަޝިއާއަށް ނިސްބަތްވާ އަންހެނެކެވެ. މި ހާދިސާގައި ގެއްލިގެން ހޯދަމުން އިންޑިއާ ދެ ފިރިހެނުންނެވެ.
މި މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. އެމްއެންޑީއެފްއިން އެންމެ ފަހުން ހިއްސާކުރި މައުލޫމާތުގައި ބުނީ ގެއްލުނު މީހުން ފެނޭތޯ ކަނޑުމަގުން 3450 ނޯޓިކަލް މޭލުގެ ސަރަހައްދަކާއި ކަނޑުއަޑިން ފީނައިގެން 7،000 ސްކޮޔާ މީޓަރުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.
ލޯންޗު ހާދިސާއާ ގުޅިގެން ގޯތަމްގެ ތަރުޖަމާނު ނެރުނު ބަޔާނެއްގައި ވެސް ބުނެފައިވަނީ، އެކްސިޑެންޓެއްގައި އޭނާއަށް ކުދިކުދި އަނިޔާތަކެއް ލިބިފައިވާ ކަމަށާއި މިހާރު އޭނާ މުމްބާއީގައި ފަރުވާ ހޯދަމުންދާ ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ގާތްގަނޑަކަށް 1.4 ބިލިއަން ޑޮލަރުގެ މިލްކިއްޔާތެއް އޮންނަ ގޯތަމް އަކީ ބާރު ސްޕީޑުގައި ދުއްވާ ކާރާއި ލޯންޗު ފަދަ ތަކެއްޗަށް ލޯބިކުރާ މީހެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މީހެކެވެ.
Comment