ދިއްފުށީ ޓީމުގެ ޒައިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
މިހާރު ކުރިއަށްދާ ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގެ ކ. އަތޮޅު ސެމީ ފައިނަލުގެ ފަހު ޖާގަތައް ދިއްފުއްޓާއި ކާށިދޫން ހޯދައިފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، ކާށިދޫން މި ފަހަރުގެ މުބާރާތުގެ އަތޮޅު ސެމީ ފައިނަލުން ޖާގަ ހޯދީ ރޭ ކުޅުނު ގްރޫޕް ބީގެ މެޗުން 3-0 އިން ކ. ގުޅި ބަލިކޮށްގެންނެވެ. އަދި، މި ގްރޫޕްގެ އަނެއް މެޗުގައި، ކ. ގުރައިދޫ އަތުން ދިއްފުށި ވަނީ 6-5 އިން މޮޅުވެފަ އެވެ.
މި ގްރޫޕުގެ އެއް ވަނަ ހޯދި ދިއްފުއްޓަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. އަދި، ދެ ވަނަ އަށް ދިޔަ ކާށިދޫ އަށް ފަސް ޕޮއިންޓް ލިބުނުއިރު، ގުޅިން ތިން ޕޮއިންޓް އަދި ފުލަށް ދިޔަ ގުރައިދޫ އަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.
ދިއްފުށީގެ ކެޕްޓަން، ޒައިން ޒަފަރު އާއި އަހުމަދު މާޒިން، ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހިއިރު، އިބްރާހިމް ޝިނާޒް ގޯލެއް ޖެހި އެވެ. ގުރައިދޫގެ މުހައްމަދު މުސްއަފް އިބްރާހިމް އަތުން ވަނީ ބައިކޮޅަށް ގޯލެއް ވަދެފަ އެވެ. މި މެޗުގައި، ދިއްފުށީގެ ކީޕަރު، އިބްރާހިމް މުއިއްޒު އަތުންވެސް ބައިކޮޅަށް ގޯލެއް ވަންއިރު، ގުރައިދޫގެ އަނެއް ލަނޑުތައް ޖެހީ، މުހައްމަދު އަހުޒަމް އަހުމަދު ވަދީއު، މުހައްމަދު ޝަޔާން ޝިފާއު، މުހައްމަދު މާހިލް އަރީފް އަދި އާލިމް އަބްދުލް ގައްޔޫމް އެވެ.
ކާށިދޫ މޮޅުވި ލަނޑުތައް ޖެހީ، އަހުމަދު މަޖީދު ދެ ގޯލާއި އަޖުލާން އަބްދުލް ހަންނާން ގޯލެކެވެ.
ކާށިދޫ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
ކ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން، މާފުށި އަތުން 4-0 އިން މޮޅުވެ، ގާފަރު ގްރޫޕްގެ އެއް ވަނަ ހޯދި އެވެ. އަދި، ތިން ޓީމު ވާދަކުރި މި ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގައި ސެމީ އަށް ދިޔަ މާފުއްޓަށް ތިން ޕޮއިންޓް ވަނީ ލިބިފަ އެވެ. އަދި، ފުލަށް ދިޔަ ހިންމަފުށި ކެޓީ ދެ މެޗުން ބަލިވެގެންނެވެ. ގާފަރުގެ ލަނޑުތައް ޖެހީ، ނާއިހު މުފީދު (ނާހު) ދެ ގޯލާއި ޝަނާން ރަޝާދު އަދި ސާމިން މުހައްމަދު ނަސީރު ގޯލެކެވެ.
ސެމީ ފައިނަލުގައި ގާފަރުން ކާށިދޫއާ ޖެހޭއިރު، ދިއްފުށި ކުޅޭނީ މާފުއްޓާ އެވެ.
މުބާރާތުގައި އިއްޔެ ހަވީރު، އއ. ބޮނޑުފޮޅުދޫން ވަނީ 6-1 އިން މާޅޮސް ބަލިކޮށްފަ އެވެ. އަދި، ތޮއްޑޫ އަތުން މަތިވެރި ވަނީ 3-0 އިން މޮޅުވެފަ އެވެ. ބޮޑުފޮޅުދޫގެ ލަނޑުތައް ޖެހީ، މުހައްމަދު ޝިރުހާން އާއި ޔޫނުސް ރަޔާން، ކޮންމެ ކުޅުންތެރިއަކު ދެ ގޯލާއި ރުކްޝާން ޖަމީލް އާއި އަހުމަދު މާއިން ގޯލެކެވެ. މާޅޮހުގެ ލަނޑު ޖެހީ އަހުމަދު އާރިފް އެވެ. މަތިވެރީގެ އަލީ އަލްސަން ދެ ގޯލު ޖެހިއިރު، ދެން ކާމިޔާބުކުރި ގޯލަކީ، ތޮއްޑޫގެ އަލީ މަނާލް މުސްތަފާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ފަސް ޓީމު ކުޅޭ އއ. އަތޮޅުގެ އެއް ވަނައިގައި މަތިވެރި އޮތީ ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބޮޑުފޮޅުދޫ، ތިން ވަނައިގައި އޮތް ހިމަންދޫ އަދި ހަަތަރެއްގައި އޮތް ތޮއްޑޫގެ ތިން ޕޮއިންޓް އެބައޮތެވެ. އަދި، ފުލުގައި، އޮތް މާޅޮހަށް ވެސް ޕޮއިންޓެއް ލިބިފަ އެވެ.
ފަސް ޓީމު ވާދަކުރާ މ. އަތޮޅުގައި ރޭ ކުޅުނު މެޗުތަކުން ކޮޅުފުށި އަތުން 4-2 އިން ނާލާފުށި މޮޅުވިއިރު، މުލައްގެ މައްޗަށް މަޑުއްވަރީން ވަނީ 2-0 އިން ކުރިހޯދައިފަ އެވެ. ނާލާފުށީގެ ލަނޑުތައް ޖެހީ، އިބްރާހިމް ރަފާހު ދެ ގޯލާއި މުހައްމަދު ފަޒީލް އާއި އިބްރާހިމް ޝައްފާން، ކޮންމެ ކުޅުންތެރިއަކު ގޯލެކެވެ. ކޮޅުފުށީގެ ލަނޑުތައް ޖެހީ އަބްދުﷲ ގައްސާން އަހުމަދު އާއި އަހުމަދު އައްޒާމް އެވެ. އަދި، މަޑުއްވަރީ ޓީމުން ހުސެއިން ފަލާހު އާއި ތޮލާލް ނަސީރު (ތޮއްލެ) ވަނީ ލަނޑު ޖަހައިފަ އެވެ.
މަޑުއްވަރީން ލީގު ބުރުގެ ކުރީގައި އޮތީ ތިން މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ދިއްގަރަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ނާލާފުއްޓަށް ދެ މެޗުން ތިން ޕޮއިންޓް އަަދި ހަތަރެއްގައި އޮތް މުލަކަށް ތިން މެޗުން ތިން ޕޮއިންޓް ލިބިފައިވެ އެވެ. އަދި، ކޮޅުފުށި ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ.
ފަސް ޓީމުގެ ކުރިމަތިލުމެއް ފެންނަމުން އަންނަ ފ. އަތޮޅަށް ބަލާއިރު، ރޭ ބިލެއްދޫން ވަނީ ފީއަލި އަތުން 5-0 އިން މޮޅުވެފަ އެވެ. އަަދި، ދަރަނބޫދޫ އަތުން މަގޫދޫ ވަނީ 4-1 އިން މޮޅުވެފަ އެވެ. ލީގު ތާވަލުގެ އެއް ވަަނައިގައި އޮތް ނިލަންދޫ އާއި ދެ ވަނައިގައި އޮތް މަގޫދޫ އަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ބިލެއްދޫ އަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވެ އެވެ. އަދި، ހަތަރެއްގައި އޮތް ދަރަނބޫދޫގެ ދެ މެޗުން ޕޮއިންޓެއް އޮތްއިރު، ފީއަލީ ވަނީ ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެވެ.
ރޭގެ މެޗުގައި ބިލެއްދޫގެ މުހައްމަދު ޒީދާން ހެޓްރިކެއް ހެދިއިރު، މުނީފް އަބްދުﷲ އާއި ރިމާން އަލީ ކޮންމެ ކުޅުންތެރިއަކު ލަނޑެއް ޖެހި އެވެ. މަގޫދޫގެ މުހައްމަދު އަލްޔާނު އަބްދުﷲ ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑުތައް ޖެހީ، މޫސާ އަސްއަދު އަންވަރާއި އުލޫފް އަހުމަދު އެވެ. ދަރަނބޫދޫގެ ހަމައެކަނި ލަނޑު ޖެހީ، ސާއިން އަލީ އެވެ.
ގއ. އަތޮޅުގެ ގްރޫޕް ބީގައި ރޭ ކުޅުނު މެޗުގައި، ވިލިނގިލިން ލަނޑެއް ނުޖެހި، 0-0 އިން ނިލަންދޫއާ އެއްވަރުވި މެޗަށް ފަހު، ވިލިނގިލިން ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަހަރު 119 ޓީމުން ކުޅޭއިރު، މުބާރާތުގައި މިއަދު ހަވީރު ހަތަރު މެޗު އަދި މިރޭ އަށް މެޗު ކުޅޭނެ އެވެ.
16:00 - ހދ. ނޮޅިވަރަން - ހދ. މަކުނުދޫ
16:00 - ހދ. ނައިވާދޫ - ހދ. ނެއްލައިދޫ
17:00 - ހދ. ނޭކުރުންދޫ - ހދ. ހަނިމާދޫ
17:00 - ހދ. ކުމުންދޫ - ހދ. ވައިކަރަދޫ
--------------------------------------------
20:00 - ށ، ކަނޑިތީމު - ށ، ފޯކައިދޫ
20:00 - ށ، މަރޮށި - ށ. ފީވައް
21:00 - ށ. މިލަންދޫ - ށ. ފުނަދޫ
21:00 - ށ. ކޮމަންޑޫ - ށ. ގޮއިދޫ
22:00 - ހއ. ބާރަށް - ހއ. ކެލާ
22:00 - ހއ. ހޯރަފުށި - ހއ. ތުރާކުނު
23:00 - ހއ. މުރައިދޫ - ހއ. އުތީމު
23:00 - ހއ. މާރަންދޫ - ހއ. ދިއްދޫ
Comment