Advertisement

ވަކިކުރިތާ 24 ގަޑިއިރު ނުވަނީސް ޝަމާހްގެ މައްސަލައެއް އޭސީސީން ބަލަން ފަށައިފި

ސްޓެލްކޯގެ އެމްޑީ ކަމުން ވަކިކުރި ޝަމާހު: އޭނާގެ މައްސަލައެއް އޭސީސީން ބަލަމުންދާ ކަމަށް ވަނީ ބުނެފައި


ވަކިކުރިތާ 24 ގަޑިއިރު ނުވަނީސް ޝަމާހްގެ މައްސަލައެއް އޭސީސީން ބަލަން ފަށައިފި

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުން އަހްމަދު ޝަމާހު ރަޝީދު ވަކިކުރިތާ 24 ގަޑިއިރު ނުވަނީސް އޭނާގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް އައިޝަތު ސަމާ އަދަދު އަށް ވިދާޅުވީ ސްޓެލްކޯގެ ކުރީގެ އެމްޑީއެއްގެ މައްސަލަ އެ ކޮމިޝަނުން ބަލަން ފަށާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮންއެމްޑީއެއްކަން އެ ކޮމިޝަނުން މިހާތަނަށް ހާމައެއް ނުކުރެ އެވެ.

ނަމަވެސް އަދަދު އަށް އެނގިފައިވާ ގޮތުގައި އޭސީސީން ބަލަން ފަށާފައިވަނީ ޝަމާހްގެ މައްސަލައެކެވެ.

ސްޓެލްކޯގެ އެމްޑީކަމުން ޝަމާހު އިއްޔެ ވަކިކުރިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން އިއުލާންކުރިއިރު، އޭނާ ވަކިކުރީ ކީއްވެގެން ކަމެއް އެތަނުން ނުބުނެ އެވެ. އޭގެއިތުރުން މިހާތަނަށް ސަރުކާރުން ވެސް އޭނާ ވަކިކުރި ސަބަބެއް ހާމައެއް ނުކުރެ އެވެ.

ސްޓެލްކޯގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) ޑރ. އަލީ އަޒްވަރު އެވެ. އޭނާ މަގާމާ ހަވާލުވުމަށްފަހު އެ ކުންފުނީގެ ޕްރޮކިއުމަންޓް ހެޑް، އަޒްހަދު ރަމީޒް ވަނީ މަގާމުން ވަކިކޮށް، އެތަނުގެ ހިންގުން ވަގުތީގޮތުން ބިއުރޯ ހެޑް އަސްފާ ހުސައިންއާ ވަނީ ހަވާލުކޮށްފަ އެވެ.

ސްޓެލްކޯގެ އެމްޑީއަކަށް ޝަމާހް އައްޔަންކުރީ އެ މަގާމުގައި ހުންނެވި ހުސައިން ފަހުމީ ވަކިކޮށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު 7، ގަ އެވެ. އެގޮތުން ޝަމާހް މަގާމުން ވަކިކޮށްފައި މިވަނީ އައްޔަންކުރިތާ ހަތަރު މަސް ފަހުންނެވެ.

ޝަމާހްއަކީ 2024 ވަނަ އަހަރު މިފްކޯގެ ސީއީއޯ ކަމުން ވެސް ވަކިކުރި ބޭފުޅެކެވެ. އޭނާ އެ މަގާމުން ވަކިކުރީ މެއި 21، 2024 ގަ އެވެ. ޝަމާހު މަގާމުން ވަކިކުރުމުގެ ކުރިން، ކޯޕަރޭޓް ގަވަނެންސްއާ ގުޅޭ މައްސަލަތަކެއް ގައި އޭނާ ދެ ފަހަރެއްގެ މަތިން ސަސްޕެންޑުކުރި އެވެ.

މިފްކޯގައި ޝަމާހު ހުންނެވިއިރު ތުހުމަތުކުރެވުނު މައްސަލަތަކުގެ ތެރޭގައި ކުންފުނީގެ ވަޒީފާތަކަށް ގާތް ތިމާގެ މީހުން ނެގުމާއި ކުންފުނީގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހިމެނެ އެވެ. އެކަމަކު މި މައްސަލައިގައި އެސްއޯއީ ކޮމިޓީން ޕީސީބީ ވެސް ހާޒިރުކޮށްގެން ބޭއްވި ކޮމިޓީ ބައްދަލުވުމެއްގައި ޝަމާހު މި ތުހުމަތުތައް ދޮގުކޮށްފައިވެ އެވެ.

މިފްކޯގެ ސީއީއޯގެ މަގާމުން ވަކިކުރުމަށްފަހު ޝަމާހު ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ވެސް ހުންނެވި އެވެ.