Advertisement

ތިމަރަފުއްޓާއި ކިނބިދޫ އަތޮޅު ސެމީ އަށް

about 6 hours 0

ލަނޑު ޖެހުމަށް ފަހު ތިމަރަފުށީގެ އާދަންނާ އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ


ތިމަރަފުއްޓާއި ކިނބިދޫ އަތޮޅު ސެމީ އަށް

about 6 hours 0

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގައި މިއަދު ހަވީރު ކުޅުނު މެޗުތަކުން މޮޅުވެ، ތިމަރަފުއްޓާއި ކިނބިދޫން ބާކީ މެޗެއް އޮއްވައި، އަތޮޅު ފައިނަލުން ޖާގަ ޔަގީންކޮށްފި އެވެ.

ތ. އަތޮޅު ޗެމްޕިއަންކަން ހަތް ފަހަރަށް ހޯދި ތިމަރަފުށިން މި ފަަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗުން ވަނީ މޮޅުވެފަ އެވެ. އެ ގޮތުން، ފުރަތަމަ މެޗުން 3-0 އިން ވަންދޫ އަތުން މޮޅުވި ތިމަރަފުށި މިއަދު ވަނީ 2-1 އިން ހިރިލަންދޫ އަތުން މޮޅުވެފަ އެވެ. މިއީ، މިދިޔަ އަހަރުގެ އަތޮޅު ފައިނަލުގައި ވެސް ހިރިލަންދޫ އަތުން ތިމަރަފުށި މޮޅުވި ނަތީޖާ އެވެ.

ކުޅުނު ދެ މެޗުން މޮޅުވި ތިމަރަފުއްޓަށް ހަ ޕޮއިންޓް ލިބިފައިވާއިރު، އެ ގްރޫޕްގެ ދެ ވަނައިގައި އޮތީ ދެ މެޗުން ދެ ޕޮއިންޓް ހޯދާފައިވާ އޮމަދޫ އެވެ. ތިން ވަނައިގައި އޮތް ހިރިލަންދޫ އާއި ހަތަރެއްގައި އޮތް ވަންދޫ އަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.

ތިމަރަފުށިން މެޗު ފަށައިގެން މާ ލަސްތަކެއް ނުވެ، އާދަމް ނާސިހު (އާދަންނާ) ޖެހި ގޯލުން ލީޑުނެގިއިރު، އޭގެ ކުރިން، ހިރިލަންދޫން ސާއިން ފޮނުވާލި ބޯޅައެއް ގޯލުގެ ދަނޑިއަށް އަމާޒުވި އެވެ. ދެ ވަނަ ހާފުގައި ކުޅުން ފަށައިގެން، އަހުމަދު އަފްލާޒް ވަނީ ތިމަރަފުށީގެ ދެ ވަނަ ގޯލު ޖަަހައިފަ އެވެ. އޭގެ އިރުކޮޅެއް ފަހުން ހިރިލަންދޫން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު ޖެހީ، މުހައްމަދު ޝަމްހާން އެވެ.

މި ގްރޫޕްގެ އަނެއް މެޗުން އޮމަދޫގެ މުހައްމަދު އުނޭޝް އެ ޓީމަށް ލީޑު ހޯދައިދީފައިވަނިކޮށް، ވަންދޫން ވީޑިއޯ ސަޕޯޓް ބެލުމަށް ހުށަހަޅައިގެން، އޭގެއިން ބަލައިގެން، ރެފްރީ ދިން ޕެނަލްޓީއެއް ކާމިޔާބުކޮށް އެއްވަރުކުރި އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަހުމަދު ޝަބީން އެވެ.

ކިނބިދޫ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ


މީގެ ކުރިން ތ. އަތޮޅުގެ ޗެމްޕިއަންކަން ހޯދާފައިވާ ކިނބިދޫން ވަނީ ކުޅުނު ފުރަތަމަ 3-2 އިން ގާދިއްފުށި ބަލިކޮށްފަ އެވެ. ދެ ވަަނަ މެޗުގައި މިއަދު ބުރުނިއާ ކުޅެގެން ކިނބިދޫ މޮޅުވީ 6-2 އިންނެވެ. ކިނބިދޫގެ އާދަމް ފަރުހާން އާއި މުހައްމަދު ޝާފިއު ދެ ގޯލު ޖެހިއިރު، އަނެއް ދެ ލަނޑަކީ ބުރުނީގެ މުހައްމަދު ޝާމް އާއި މުހައްމަދު ނާހިލް އަތުން ބައިކޮޅަށް ވަން ގޯލުތަކެކެވެ. ބުރުނީގެ ލަނޑުތައް ޖެހީ ނާހިލް އާއި ހުސެއިން މަމްދޫހު އެވެ.

މި ގްރޫޕްގައި ގާދިއްފުއްޓާއި ވިލުފުށި ކުޅުނު މެޗު ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ގާދިއްފުށީގެ ހުސެއިން ޒާހިރު އެ ޓީމުގެ ލަނޑު ޖެހިއިރު، ވިލުފުށީގެ ލަނޑު ޖެހީ، މޫސާ ފަތުހީ އެވެ.

ކިނބިދޫން އެ ގްރޫޕްގެ އެއް ވަަނައިގައި އޮތީ ދެ މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ވިލުފުއްޓަށް ވަނީ ދެ މެޗުން ދެ ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ގާދިއްފުއްޓަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ. އަދި، ފުލުގައި އޮތް ބުރުނީގެ ވެސް ޕޮއިންޓެއް އެބައޮތެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ހަތް މެޗު ކުޅޭނެ އެވެ.

20:00 - ވ. ފެލިދޫ - ވ. ފުލިދޫ

21:00 - ޅ. އޮޅުވެލިފުށި - ޅ. ހިންނަވަރު

21:00 - ޅ. ކުރެންދޫ - ޅ. ނައިފަރު

22:00 - ސ. ފޭދޫ - ސ. މަރަދޫ

22:00 - ސ. ހިތަދޫ - ސ. މީދޫ

23:00 - ގދ. ވާދޫ - ގދ. ގައްދޫ

23:00 - ގދ. ހޯނޑެއްދޫ - ގދ. ފިޔޯރީ