Advertisement

މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖް ވަރަށް އުނދަގޫވާނެ

about 15 hours 0

އިޔާދު: މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ވާދޫން ކުޅުނު ފުރަތަމަ މެޗުގައި މޮޅު ކުޅުމެއް ދެއްކި.--- ފޮޓޯ: އިމޭޖަސް.އެމްވީ


މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖް ވަރަށް އުނދަގޫވާނެ

about 15 hours 0

މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖް އެހެން އަހަރުތަކަށް ވުރެން އުނދަގޫވާނެ ކަމަށް ގދ. ވާދޫގެ ތަރި، މުހައްމަދު އިޔާދު އަލީ ބުނެފި އެވެ.

ގދ. އަތޮޅުގެ ޗެމްޕިއަންކަން އެންމެ ފަހުން ހަތަރު ފަހަރު ވެސް ހޯދި ވާދޫން މި ފަހަރުގެ، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި ކުޅުނު ފުރަތަމަ މެޗުގައި ވަނީ ފަހަތުން އަރައި 3-2 އިން މަޑަވެލި އަތުން މޮޅުވެފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ، ބެންޗުން އަރައި ޓީމު މޮޅުކޮށްދޭން ތަފާތު ދެއްކި އިޔާދު އެވެ.

އިޔާދު ބުނީ، ފުރަތަމަ މެޗު ދިޔައީ އެންްމެ ބޭނުންވި ގޮތަކަށް ނޫން ކަމަށެވެ.

"ވާދޫ އަނެއްހެން ބުނާ ކަމަށްވަންޏާމު، ހިތްހަމަޖެހޭ ނަތީޖާއެއް ނޫން ކަންނޭނގެ މުބާރާތުގައި ކުރިއަށްދާއިރު އަސްލު ވަރަށް މުހިންމު މެޗެއް އަސްލު، މި ވަރުގެ ސްކޯއަކުން މޮޅުވީމަ އެހާ ހިތްހަމައެއް ނުޖެހޭ. އެކަމަކު، ޓީމު ކުރި މަަސައްކަތަށް ވަރަށް ހިތްހަމަޖެހޭ. ފަހަތުން އަރައި މެޗު ނެގުނީމަ،" އިޔާދު ބުންޏެވެ.

"މި ފަހަރުގެ މުބާރާތް އެހެން އަހަރުތަކަށް ވުރެން ވަރަށް ހާޑޭ (އުނދަގުލޭ) ބުނެވޭނީ، އަތޮޅު ވެސް ވަރަށް ހާޑްކޮށް (އުނދަގޫކޮށް) މި އޮތީ، ފުރަތަމަ މެޗުން ވެސް އެނގިއްޖެ، ވަަރަށް ހާޑް (އުނދަގޫ) މެޗުތަކެއްކަން ކުރިއަށް އޮތީ،"

އިޔާދު ވަނީ 2023 ވަނަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ. އެ ފަހަރުގެ މުބާރާތުގައި 15 ލަނޑު ޖެހި އިޔާދު ވަނީ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށް ދޭ ރަން ބޫޓު ހާސިލްކޮށްފަ އެވެ. އަދި، އެ ފަހަރުގެ ފައިނަލުގައި ވާދޫން ކުޅުނުއިރު، ގަން އަތުން ބަލިވީ 8-4 އިންނެވެ. މިއީ، ގޯލްޑަން ފުޓްސަލްގެ ތާރީހުގައި ވެސް އެންމެ ގިނަ ގޯލު ފެނުނު އެއް ފައިނަލެވެ.

މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލުން ވާދޫ ކެޓީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކ. ކާށިދޫ އަތުންނެވެ. ކާށިދޫން ވަނީ ވާދޫ އަތުން 4-2 އިން ސެމީ ފައިނަލުގައި މޮޅުވެފަ އެވެ.

މި ފަހަރުގެ މުބާރާތަށް ތަޖުރިބާކާރު ކޯޗު އަބްދުﷲ ނަސީރު (އަބޯ)ގެ އިރުޝާދުގެ ދަށުން ވާދޫން ތައްޔާރުވީ ދޮޅު މަސް ދުވަހުގެ ތަމްރީނުތަކަށް ފަހު އެވެ. ވާދޫން ގްރޫޕް ސްޓޭޖުގައި ކުޅޭ ދެ ވަނަ މެޗުގައި، މިރޭ ބައްދަލުކުރާނީ ގައްދޫއާ އެވެ. ގައްދޫ ވަނީ ފުރަތަމަ މެޗުގައި މަޑަވެލި އަތުން ބަލިވެފަ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ހަތަރު މެޗު އަދި މިރޭ ހަތް މެޗު ކުޅޭނެ އެވެ.

16:00 - ތ. ބުރުނި - ތ. ކިނބިދޫ

16:00 - ތ. ވަންދޫ - ތ. އޮމަދޫ

17:00 - ތ. ހިރިލަންދޫ - ތ. ތިމަރަފުށި

17:00 - ތ. ގާދިއްފުށި - ތ. ވިލުފުށި

--------------------------------------------

20:00 - ވ. ފެލިދޫ - ވ. ފުލިދޫ

21:00 - ޅ. އޮޅުވެލިފުށި - ޅ. ހިންނަވަރު

21:00 - ޅ. ކުރެންދޫ - ޅ. ނައިފަރު

22:00 - ސ. ފޭދޫ - ސ. މަރަދޫ

22:00 - ސ. ހިތަދޫ - ސ. މީދޫ

23:00 - ގދ. ވާދޫ - ގދ. ގައްދޫ

23:00 - ގދ. ހޯނޑެއްދޫ - ގދ. ފިޔޯރީ