އިންޑިއާއިން ފެނުނު ޓައިފޮއިޑުގެ އާ ވައްތަރަކީ ޓައިފޮއިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތްތަކަށް ކުރިމަތިވި ހުރަހެއް.
އެންމެ ބާރުގަދަ އެންޓިބަޔޮޓިކްތަކަށް ވެސް ނުގުޑާ ޓައިފޮއިޑް ހުމުގެ ނުރައްކާތެރި އާ ވައްތަރެއް ދެކުނު އޭޝިއާގެ ސަރަހައްދުގައި ފެތުރެމުންދާތީ، މުޅި ދުނިޔެ ސިއްހީ ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ހުށަހެޅިއްޖެ އެވެ. ސިއްހީ މާހިރުން އިންޒާރު ދޭ ގޮތުގައި، މި ބަލި މިހާރު ދަނީ 21 ވަނަ ގަރުނުގެ ބޮޑު ނުރައްކަލަކަށް ބަދަލުވަމުންނެވެ.
އާންމުކޮށް ބަލިތަކަށް ފަރުވާކުރުމުގައި ބޭނުންކުރާ ހުރިހާ ބޭހަކަށް ނުގުޑުމުން، އެންމެ ފަހުގެ ހަތިޔާރެއްގެ ގޮތުގައި ޑޮކްޓަރުން ބޭނުންކުރާ އެންޓިބަޔޮޓިކްގެ ބާވަތެއް ކަމަށްވާ "ކާބަޕެނެމްސް" އަށް ވެސް މި ބަލި ނުގުޑަ އެވެ.
މި ވަރުގަދަ ޑައިފޮއިޑުގެ ވައްތަރު ފެނުނީ އިންޑިއާގެ އެކި ހޮސްޕިޓަލްތަކުން ނެގި 32 ސާމްޕަލަކުންނެވެ. މިއީ ބެކްޓީރިއާތަކުގެ މެދުގައި ވަރަށް ހަލުވިކަމާއެކު ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ޖީނެކެވެ.
2016 ވަނަ އަހަރުން ފެށިގެން ޕާކިސްތާނުން އެކަނި ވެސް ބޭހަށް ނުގުޑާ ޓައިފޮއިޑްގެ 15,000 އަށްވުރެ ގިނަ ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. މީގެ އިތުރުން، ބަންގްލަދޭޝް، ނޭޕާލް އަދި އިންޑިއާއިން އަޒިތްރޯމައިސިން" ފަދަ ބާރުގަދަ އެންޓިބަޔޮޓިކްތަކަށް ނުގުޑާ ވައްތަރުތައް ވެސް ދަނީ ފެންނަމުންނެވެ.
މި ބަލި މިހާރު ވަނީ އިނގިރޭސިވިލާތް، އެމެރިކާ، އޮސްޓްރޭލިއާ އަދި ކެނެޑާ ފަދަ ގައުމުތަކަށް ވެސް ދަތުރުވެރިންގެ ފަރާތުން ފެތުރިފައެވެ.
އިމްޕީރިއަލް ކޮލެޖް ލަންޑަންގެ ކްލިނިކަލް ލެކްޗަރާ ޑރ. މާލިކް ގިބާނީ ވިދާޅުވީ، މިއީ ކުރިއަށް އޮތް ބޮޑު ނުރައްކަލެއްގެ ކުރިން ލިބުނު އިންޒާރެއް ކަމަށެވެ. "މިއީ އަދި މުޅިން ފަރުވާ ނުކުރެވޭ ބައްޔެއް ނޫން، އެކަމަކު ފަރުވާ ދިނުން މިހާރު މިވަނީ ކުރިއަށްވުރެ އެތައް ގުނައެއް އުނދަގޫވެފައި،" އޭނާ ވިދާޅުވިއެވެ.
"އެންޓިބަޔޮޓިކް ނުއުފައްދާ ޒަމާނުގައި ޓައިފޮއިޑް ޖެހޭ މީހުންގެ ތެރެއިން 10 އިންސައްތައާއި 20 އިންސައްތައާ ދެމެދުގެ އަދަދަކަށް މީހުން މަރުވޭ. ބޭހަށް ނުގުޑާ ވަރު އިތުރުވުމަކީ އެ ބިރުވެރިކަން އަލުން އިއާދަވުން،" އޮކްސްފޯޑް ޔުނިވަސިޓީގެ ޕްރޮފެސަ ކަލްމަން މެކްލެނަން ވިދާޅުވި އެވެ.
މި ނުރައްކަލުން ސަލާމަތްވުމަށް އޮތް އެންމެ ބޮޑު އުންމީދަކީ "ޓައިފޮއިޑް ކޮންޖުގޭޓް ވެކްސިން" އެވެ. މި ވެކްސިނަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ އެއްޗަކަށް ވާތީ، އެންޓިބަޔޮޓިކާ ހިލާފަށް ބެކްޓީރިއާއަށް މީގެން ރެކިގަތުމަކީ އުނދަގޫ ކަމެކެވެ.
މި ބަލީގެ ނުރައްކާ ދުނިޔެއަށް ބޮޑުވަމުންދާއިރު، ބަލި ދެނެގަތުމުގެ ނިޒާމުތައް ވަރުގަދަކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ ކަމެއް ކަމަށް ސިއްހީ އިދާރާތަކުން ބުނެއެވެ.
ޓައިފޮއިޑަކީ ފަރުވާ ނުދީފިނަމަ ފުރާނައަށް ނުރައްކާވެދާނެ ބައްޔެކެވެ. މި ބަލި އާންމުކޮށް ފެތުރެނީ ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުންނާއި، ބެކްޓީރިއާއިން ތަޣައްޔަރުވެފައިވާ ކާބޯތަކެއްޗާއި ފެނުގެ ޒަރީއާއިންނެވެ.
Comment