އާޓިފިޝަލްކޮށް ސްވީޓްނާގެ ބާވަތްތަކާއި "ޑައިޓް" ބުއިންތަކުގައި ބޭނުންކުރާ ސުގަ ސަބްސްޓިޓިއުޓްތަކުގެ ސަބަބުން، އިންސާނާގެ ސިކުނޑި މުސްކުޅިވުން އަވަސްވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
އެމެރިކަން އެކަޑެމީ އޮފް ނިއުރޮލޮޖީގެ ސައިންޓިފިކް ޖާނަލް "ނިއުރޮލޮޖީ" ގައި ޝާއިޢުކޮށްފައިވާ މި ދިރާސާއިން ދައްކާ
ގޮތުގައި، އާޓިފިޝަލް ފޮނިކަން ބޭނުންކުރުމުގެ ސަބަބުން ހަނދާން ބަލިވުމާއި ވިސްނުމުގެ ބާރު ދަށްވުން ފަދަ ކަންކަން ކުރިމަތިވެއެވެ. މި ބަދަލުތަކަކީ އާންމު ހާލަތެއްގައި ސިކުނޑި 1.6 އަހަރު ދުވަހުގެ ތެރޭގައި މުސްކުޅިވާ މިންވަރާ އެއްވަރުގެ ބަދަލުތަކެއްކަން ދިރާސާގައި ފާހަގަކޮށްފައިވެއެވެ.
މި ދިރާސާގައި ބަލާފައިވާ ބާވަތްތަކުގެ ތެރޭގައި އެސްޕާޓޭމް، ސެކަރިން، އެސިސަލްފޭމް-ކޭ އަދި ސުގަ އަލްކަހޯލްގެ ބާވަތްތައް ކަމަށްވާ އެރިތްރިޓޯލް، ޒައިލިޓޯލް އަދި ސޯބިޓޯލް ހިމެނެއެވެ.
އެންމެ ގިނައިން މިފަދަ ތަކެތި ބޭނުންކުރާ މީހުން ދުވާލަކު އެވްރެޖްކޮށް 191 މިލިގްރާމް ނުވަތަ ގާތްގަނޑަކަށް އެއް ސައިސަމުސަލުގެ އާޓިފިޝަލް ފޮނިކުރާ ތަކެތި ބޭނުންކުރެއެވެ.
މީގެ މިންވަރު ވަޒަންކޮށްލުމަށް ބަލާއިރު، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ބުނާ ގޮތުގައި އެސްޕާޓޭމް ބޭނުންކޮށްގެން ފޮނިކޮށްފައިވާ އެންމެ ޑައިޓް ސޯޑާ ދަޅެއްގައިވެސް ގާތްގަނޑަކަށް 200 އާއި 300 އާ ދެމެދުގެ މިލިގްރާމް ހިމެނެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިލިއަނުން މީހުން މިފަދަ ބާވަތްތައް ބޭނުންކުރާއިރު، ހާއްސަކޮށް ހަކުރު ބަލި ހުންނަ މީހުން ހަކުރުގެ ބަދަލުގައި މި ތަކެތި ބޭނުންކުރާ މިންވަރު އިތުރެވެ. އެއީ ލޭގައި ހަކުރު ހުންނަ މިންވަރު ކުއްލިއަކަށް މަތިވިޔަނުދީ ހިފެހެއްޓުމަށެވެ.
އެމެރިކާގެ އެފްޑީއޭ އިން މި ބާވަތްތަކަކީ ބޭނުންކުރުން ރައްކާތެރި ތަކެތި ކަމަށް ކަނޑައަޅާފައިވީ ނަމަވެސް، ފަހުގެ ދިރާސާތަކުން ދައްކަނީ ދިގު މުއްދަތަކަށް މި ތަކެތި ބޭނުންކުރުމުން ސިއްހަތަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމަށެވެ.
މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ބްރެޒިލްގެ ޔުނިވަސިޓީ އޮފް ސައޮ ޕައުލޯ މެޑިކަލް ސްކޫލްގެ އެސިސްޓަންޓު ޕްރޮފެސަރު ޑރ. ކްލައުޑިއާ ސުއެމޯޓޯ ވިދާޅުވި ގޮތުގައި، މި ހޯދުންތަކާއެކު އާންމުންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް ވަނީ އުފެދިފައެވެ.
ނަމަވެސް، މީގެ މާނައަކީ މި ބާވަތްތައް ބޭނުންކުރުން މުޅިން ހުއްޓާލުންތޯ ނުވަތަ ނޫންތޯ ނިންމުމުގެ ކުރިން އިތުރު ދިރާސާތަކަށް ބޭނުންވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޑރ. ސުއެމޯޓޯ އަކީ ސިކުނޑި މުސްކުޅިވުމާއި ޑިމެންޝިއާ އާ ގުޅޭގޮތުން ގިނަ ދިރާސާތަކެއް ކުރައްވާފައިވާ، އަދި ލެޓިން އެމެރިކާގެ އެންމެ ބޮޑު "ބްރެއިން ބޭންކް" ކޯޑިނޭޓް ކުރައްވާ ބޭފުޅެކެވެ.
މި ދިރާސާގެ ސަބަބުން، ހަކުރުގެ ބަދަލުގައި ބޭނުންކުރާ އާޓިފިޝަލް ފޮނިކަމަކީ ހަގީގަތުގައިވެސް "ސިއްހީ ގޮތުން ރަނގަޅު" އިހުތިޔާރެއްތޯ މިހާރު ވަނީ ސުވާލު އުފެދިފައެވެ.
Comment