Advertisement

ލަންކާ ހޮސްޕިޓަލްސް އިން އާސަންދައިގެ ހިދުމަތް ދިނުން ހުއްޓާލައިފި

7 ޖަނަވަރީ 2026 - 19:35 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ލަންކާ ހޮސްޕިޓަލްސް


ލަންކާ ހޮސްޕިޓަލްސް އިން އާސަންދައިގެ ހިދުމަތް ދިނުން ހުއްޓާލައިފި

7 ޖަނަވަރީ 2026 - 19:35 1

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ އަދި ގިނަ ދިވެހިން ބޭސްފަރުވާއަށްދާ ސްރީލަންކާގެ ލަންކާ ހޮސްޕިޓަލްސް އިން އާސަންދައިގެ ހިދުމަތް ދިނުން މި މަހުން ފެށިގެން ހުއްޓާލައިފި އެވެ.

އާސަންދައިގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) އައިމިނަތު ޒީނިޔާ އަދަދު އަށް ވިދާޅުވީ ލަންކާ ހޮސްޕިޓަލްސް އިން އާސަންދައިގެ ހިދުމަތް ދިނުން ހުއްޓާލީ އެ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މިދިޔަ އަހަރު ހަމަވެ، އެ އެއްބަސްވުން އާ ނުކުރެވި އޮތުމުން ކަމަށެވެ.

"އާދެ މިވަގުތު ވެލިޑް އެގްރީމަންޓެއް ނެތީމަ ދެން ޓެމްޕަރަރީކޮށް ހަމަ ކަނޑާލާފައި އެ އިނީ. އެގްރީމަންޓެއް ނެތި ހިދުމަތެއް ނުދެވޭނެތާ ދެއްތޯ،" އޭނާ ވިދާޅުވި އެވެ.

ޒީނިޔާ ވިދާޅުވީ އެއްބަސްވުމުގެ މުއްދަތު ހަމަވި ފަހުން ލަންކާ ހޮސްޕިޓަލްސް އިން އާސަންދައިގެ ހިދުމަތް ދިނީ ދެ ކުންފުނި ދޭތެރޭގައި ވެވުނު އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. ނަމަވެސް އެއްބަސްވުމެއް ނެތި ގިނަ ދުވަސްވާތީ، ހިދުމަތް ދިނުން މި ވަގުތަށް ހުއްޓާލީ އެއްބަސްވުމަކާއެކު އަލުން ހިދުމަތް ދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު ކުރީކޮޅު ވެސް ލަންކާ ހޮސްޕިޓަލްސް އިން އާސަންދައިގެ ހިދުމަތް ދިނުން ހުއްޓާލި އެވެ. އެކަމަކު ފަހުން އެ ދިމާވި މައްސަލައެއް ހައްލުކޮށް، އަލުން އާސަންދައިގެ ހިދުމަތް ދޭން ފެށި އެވެ. އެ ފަހަރު ދިމާވީ ކޮން މައްސަލައެއް ކަމެއް ނޭނގެ އެވެ.

ލަންކާ ހޮސްޕިޓަލްސްގެ އިތުރުން އެ ގައުމުގައި އާސަންދަ ލިބޭ އިތުރު ހޮސްޕިޓަލްތައް ހުރެ އެވެ. އޭގެ ތެރޭގައި ކޮލަމްބޯގައި ހުންނަ ފަސް ހޮސްޕިޓަލަކާއި ނިގަންބޯގައި ހުންނަ ދެ ހޮސްޕިޓަލެއް ހިމެނެ އެވެ.

ލަންކާއިން އާސަންދަ ލިބޭ ހޮސްޕިޓަލްތަކުގެ ތެރޭގައި ހިމެނެނީ ޑާޑަންސް ހޮސްޕިޓަލް، ނަވަލޯކާ ހޮސްޕިޓަލް، އާސިރީ ސެންޓްރަލް ހޮސްޕިޓަލް އަދި ސޭލިންކޯ ހެލްތުކެއާ ސާވިސް އެވެ.

ރާއްޖެ މީހުން އެންމެ ގިނައިން ބޭސްފަރުވާ ކުރުމަށް ދަނީ އިންޑިއާއަށެވެ. އެ ގައުމުގެ ބައެއް ހޮސްޕިޓަލްތަކުން ވެސް އާސަންދައިގެ ހިދުމަތް މެދުކަނޑާލާފައިވެ އެވެ.