Advertisement

ރިނބުދޫ ކައުންސިލް އިމާރާތް އަޅަނިކޮށް ގަބުރުތަކެއް ފެނިއްޖެ

7 ޖަނަވަރީ 2026 - 14:33 15

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރިނބުދޫ ކައުންސިލް އިމާރާތް އަޅާ ބިމުން ގަބުރު ފެނުން -- ފޮޓޯ: ކިޔުންތެރިއެއް


ރިނބުދޫ ކައުންސިލް އިމާރާތް އަޅަނިކޮށް ގަބުރުތަކެއް ފެނިއްޖެ

7 ޖަނަވަރީ 2026 - 14:33 15

ދ. ރިނބުދޫގެ އައު ކައުންސިލް އިމާރާތް އަޅަނިކޮށް ގަބުރުތަކެއް ފެނިއްޖެ އެވެ.

ރިނބުދޫއިން އަދަދު އާ ވާހަކަ ދެއްކި މީހަކު ބުނީ ކައުންސިލް އިމާރާތް އަޅަނިކޮށް ގަބުރު ފެނުނީ އެ ބިމުގައި ގަބުރު ނުހުންނާނެ ކަމަށް ކައުންސިލުން ބުނެފައި ވަނިކޮށް ކަމަށެވެ.

"ކައުންސިލް އޮފީސް އަޅާތަނުން ގަބުރު ފެނިގެން އުޅެނީ. އެކަމަކު ކައުންސިލުން ބުނަނީ ނުުހުންނާނެ ކަމަށް އެތަނުގައި ގަބުރެއް،" އޭނާ ބުންޏެވެ.

ރިނބުދޫއިން ކުރިން ވާހަކަ ދެއްކި މީހަކު އަދަދު އަށް ބުނީ ކައުންސިލް އިމާރާތް މިހާރު އަޅަމުންދާ ބިމުން މީގެ ކުރިން މަހާނަ ގާތަކާއި ކަށިތަކެއް ވެސް ފެނިފައިވާ ކަމަށެވެ. އެ ރަށުގެ ދުވަސްވީ މީހުން ވެސް ބުނާ ގޮތުގައި އެ ބިމަކީ ކުރީގެ ގަބުރުސްތާނެއް ކަމަށް އޭނާ ބުންޏެވެ.

"އަހަރުމެންނަށް ވެސް އެތަނުން މަހާނަ ގާތަކާ އެއްޗެހި އެބަހުރި ފެނިފައި ކުރީގައިވެސް. ދެން އެހެން އޮތް ތަނެއް ވަރަށް ގިނަ ދުވަސްވީ މީހުންވެސް އެބަ ބުނޭ ހަނދާން ހުރެއޭ މިތާނގައި މީހުން ވަޅުލާ ހަނދާން. އެތާނގައި އެއީ ކުރީގައި މިސްކިތެއް ހުރިތަނެއް. މިސްކިތާ ވަށައިގެން އޮންނަތަން މި އޮންނަނީ ގަބުރުސްތާނަށް. އެގޮތަށް ބިން ސާފުކުރުމަކާ ނުލައި އިމާރާތް އަޅަމުން އެދަނީ،" އޭނާ ބުންޏެވެ.

ކައުންސިލް އިމާރާތް އަޅާ ބިމުގައި މީގެ އެތައް ޒަމާނެއް ކުރިން ވޮލީ ކުޅުނު ކަމަށާއި އެތަނުގައި ދަނޑުވެރިކަން ވެސް ކުރި ކަމަށެވެ. ނަމަވެސް އެކަން ނުކޮށް ހުއްޓާލީ ކަށިތައް ފެންނާތީ އާއި އެއީ ގަބުރުސްތާނަކަށްވާތީ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ކައުންސިލުން އިމާރާތް އަޅަން ބިމެއް ދައްކަން އެދުމުން ގަބުރުސްތާނުގެ ބިން ސާފުނުކޮށް ދިނުމުން އެކަމުގެ ޝަކުވާ ގިނަ ބަޔަކު ކައުންސިލަށް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެދެވޭ ހައްލެއް ނުލިބި އެތަނުގައި އިމާރާތް ކުރަމުންދާތީ ރައްޔިތުން ތިބީ ނުރުހިފައި ކަމަށް އޭނާ ބުންޏެވެ.

ރިނބުދޫގެ ކައުންސިލް އިމާރާތް އެޅުމުގެ މަސައްކަތް ހަވާލުކުރީ ރޯޑް ޑިވެލޮކްޕަމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ އެވެ. އާރްޑީސީން އެ މަސައްކަތް ސަބްކޮންޓްރެކްޓްކޮށް ރިނބުދޫގެ ވަލީދު ކޮންސްޓްރަކްޝަންއާ ހަވާލުކުރުމުން މަސައްކަތް ކުރިއަށްގެންދަނީ ވަލީދު ކޮންސްޓްރަކްޝަނުންނެވެ.

ރިނބުދޫގެ އާ ކައުންސިލް އިމާރާތުގެ ބިންގާ މިދިޔަ އަހަރުގެ ފެބްރުއަރީ 25، ގައި އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ހާޒިރުގައި ލޯކަލް ގަވަމެންޓް މިނިސްޓަރު، އާދަމް ޝަރީފް އެވެ.