about 2 hours 5
ލީވާން އަލީ ނާސިރު
ރިނބުދޫގައި ގަބުރުސްތާނެއް ހުރި ބިމުގައި ކައުންސިލް އިމާރާތެއް އެޅުން -- ފޮޓޯ: ކިޔުންތެރިއެއް
about 2 hours 5
ދ. ރިނބުދޫގެ އައު ކައުންސިލް އިމާރާތް އެ ރަށުގެ ކުރީގެ ގަބުރުސްތާނެއްގައި އަޅާތީ އެ ރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
ރިނބުދޫގެ ކައުންސިލް އިމާރާތް އެޅުމުގެ މަސައްކަތް ހަވާލުކުރީ ރޯޑް ޑިވެލޮކްޕަމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ އެވެ. އާރްޑީސީން އެ މަސައްކަތް ސަބްކޮންޓްރެކްޓްކޮށް ރިނބުދޫގެ ވަލީދު ކޮންސްޓްރަކްޝަންއާ ހަވާލުކުރުމުން މަސައްކަތް ކުރިއަށްގެންދަނީ ވަލީދު ކޮންސްޓްރަކްޝަނުންނެވެ.
ރިނބުދޫއިން އަދަދު އަށް މައުލޫމާތު ދިން މީހަކު ބުނީ ކައުންސިލް އިމާރާތް މިހާރު އަޅަމުންދާ ބިމުން މީގެ ކުރިން މަހާނަ ގާތަކާއި ކަށިތައް ވެސް ފެނިފައިވާ ކަމަށެވެ. އެ ރަށުގެ ދުވަސްވީ މީހުން ވެސް ބުނާ ގޮތުގައި އެ ބިމަކީ ކުރީގެ ގަބުރުސްތާނެއް ކަމަށް އޭނާ ބުންޏެވެ.
"އަހަރުމެންނަށް ވެސް އެތަނުން މަހާނަ ގާތަކާ އެއްޗެހި އެބަހުރި ފެނިފައި ކުރީގައިވެސް. ދެން އެހެން އޮތް ތަނެއް ވަރަށް ގިނަ ދުވަސްވީ މީހުންވެސް އެބަ ބުނޭ ހަނދާން ހުރެއޭ މިތާނގައި މީހުން ވަޅުލާ ހަނދާން. އެތާނގައި އެއީ ކުރީގައި މިސްކިތެއް ހުރިތަނެއް. މިސްކިތާ ވަށައިގެން އޮންނަތަން މި އޮންނަނީ ގަބުރުސްތާނަށް. އެގޮތަށް ބިން ސާފުކުރުމަކާ ނުލައި އިމާރާތް އަޅަމުން އެދަނީ،" އޭނާ ބުންޏެވެ.
ގަބުރުސްތާނުގައި ކައުންސިލް އިމާރާތް އަޅަން ފެށުމުގެ ކުރިން އެތަނުގައި ގަބުރު ހުރިތޯ ބަލަން ހަމައެކަނި ކޮނެފައިވަނީ ދެކުނު ފަރާތުން އެންމެ ހަތަރު ވަރަކަށް ފޫޓުކަން ފާހަގަކޮށް އޭނާ ބުނީ އެ ރަށުގައި މީހުން ވަޅުލަނީ އާންމުކޮށް ހަ ފޫޓަށް ކަމަށެވެ.
ރިނބުދޫގައި ގަބުރުސްތާނެއް ހުރި ބިމުގައި ކައުންސިލް އިމާރާތެއް އެޅުން -- ފޮޓޯ: ކިޔުންތެރިއެއް
މީގެއިތުރުން ގަބުރު ހުރިތޯ ބަލަން ރަނގަޅަށް މުޅި ސަރަހައްދު ކޮނެގެން ބަލާފައި ނުވާ ކަމަށާއި އެންމެ ފަހުން އިމާރާތް އެޅުމުގެ މަސައްކަތް ފަށައިގެން ކުރިއަށްގެންދާ ކަމަށް އޭނާ ބުންޏެވެ.
"އެމީހުން ބުނި ތިމަންނަމެން ގަބުރު އޮތްތޯ ބަލަންވެގެން އެ ބިމުގެ ދެކުނު ކޮޅުގެ ދިމާލަކުން ކޮނުނު ވާހަކަ. ހަތަރު ވަރަކަށް ފޫޓަށް ކުޑަ ތަންކޮޅެއް ކޮނެފައި ބަލާލީ. އެތަނުން މީހަކު ނުފެނުނީމަ ނުފެނުނު ކަމަށް ބެލީ. އެކަމަކު މި ރަށުގެ އެތައް ބައިވަރު މީހުނެއް އެބަތިބި އެތަނުގައި މީހުން އޮންނާނެ ކަމަށް ބުނާ. އެއީ މުޅި ސަރަހައްދުންވެސް ފެނޭ. އެތާ މަގުމަތިވެސް ކޮންނައިރު އެބަ ފެނޭ ކަށި،" އޭނާ ބުންޏެވެ.
ކައުންސިލް އިމާރާތް އަޅާ ބިމުގައި މީގެ އެތައް ޒަމާނެއް ކުރިން ވޮލީ ކުޅުނު ކަމަށާއި އެތަނުގައި ދަނޑުވެރިކަން ވެސް ކުރި ކަމަށެވެ. ނަމަވެސް އެކަން ނުކޮށް ހުއްޓާލީ ކަށިތައް ފެންނާތީ އާއި އެއީ ގަބުރުސްތާނަކަށްވާތީ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ ކައުންސިލުން އިމާރާތް އަޅަން ބިމެއް ދައްކަން އެދުމުން ގަބުރުސްތާނުގެ ބިން ސާފުނުކޮށް ދިނުމުން އެކަމުގެ ޝަކުވާ ގިނަ ބަޔަކު ކައުންސިލަށް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެދެވޭ ހައްލެއް ނުލިބި އެތަނުގައި އިމާރާތް ކުރަމުންދާތީ ރައްޔިތުން ތިބީ ނުރުހިފައި ކަމަށެވެ.
ރިނބުދޫގެ އާ ކައުންސިލް އިމާރާތުގެ ބިންގާ މި އަހަރުގެ ފެބްރުއަރީ 25، ގައި އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ހާޒިރުގައި ލޯކަލް ގަވަމެންޓް މިނިސްޓަރު، އާދަމް ޝަރީފް އެވެ.
ރިނބުދޫގައި ފުލުހުންގެ މަރުކަޒެއް އިމާރާތް ކުރުމަށްޓަކައި އެ ރަށުގެ ފަންނުވެރިކަން ފެންނަ ކުރީގެ މިސްކިތެއް ވެސް ދާދި ފަހުން ވަނީ ތަޅާލާފަ އެވެ.
Comment