Advertisement

ތަދުކަނޑުވާ ބޭހުގެ ނުރައްކާތައް ނައްތާލުމަށް ބޮޑު ކުރިއެރުމެއް ހޯދައިފި

about 23 hours 0


ތަދުކަނޑުވާ ބޭހުގެ ނުރައްކާތައް ނައްތާލުމަށް ބޮޑު ކުރިއެރުމެއް ހޯދައިފި

about 23 hours 0

ތަދު ކަނޑުވައިދޭ ބޭސްތައް ނުވަތަ އޮޕިއޮއިޑްސް ބޭނުންކުރުމުން ފުރާނައަށް ނުރައްކާވާ ފަދަ ނޭދެވޭ އަސަރުތައް ކުރާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ޔޫއެސްއެފް ހެލްތުގެ ސައިންސްވެރިން އުއްމީދީ ހޯދުންތަކެއް ހޯދައިފިއެވެ.

މި ދިރާސާގެ ސަބަބުން، ކުރިމަގުގައި އުފައްދާ މިފަދަ ބޭސްތަކަކީ އޭގެ ނުރައްކާތެރި ސައިޑް އިފެކްޓްތަކުން ސަލާމަތްވެފައިވާ ރައްކާތެރި ބޭސްތަކަކަށް ވުމުގެ ފުރުސަތު ބޮޑެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ދުނިޔޭގެ މަޝްހޫރު ސައިންޓިފިކް މަޖައްލާ "ނޭޗާ" އަދި "ނޭޗާ ކޮމިއުނިކޭޝަންސް" ގައި ޝާއިއުކޮށްފައިވާ މި ދިރާސާތަކުން ދައްކާ ގޮތުގައި، އިންސާނާގެ ހަށިގަނޑުގައި ހުންނަ 'މިއު އޯޕިއޮއިޑް ރިސެޕްޓަސް' މަސައްކަތްކުރާ ގޮތާ ބެހޭ މުޅިން އާ މައުލޫމާތުތަކެއް ވަނީ ފެނިފައެވެ. މި ރިސެޕްޓާތަކަކީ އޯޕިއޮއިޑްސް ބޭނުންކުރުމުން ތަދު ކަނޑުވައިދިނުމުގެ ސިގްނަލްތައް ސިކުނޑިއަށް ފޮނުވައިދޭ މައިގަނޑު ދޮރާށްޓެވެ.

މި ދިރާސާގެ އިސް ސައިންސްވެރިޔާ ޑރ. ލޯރާ އެމް. ބޯން ވިދާޅުވި ގޮތުގައި، މި ދިރާސާގެ މައިގަނޑު މަގުސަދަކީ އޮޕިއޮއިޑްސް ހަށިގަނޑުގައި މަސައްކަތްކުރާ ގޮތް ދެނެގަނެ، ދާއިމީ ތަދުތަކަށް ފަރުވާ ހޯދުމުގައި މިހާރަށްވުރެ ރައްކާތެރި ގޮތްތަކެއް ހޯދުމާއި، އޮޕިއޮއިޑްސްއަށް ދެވިހިފާ މައްސަލައަށް ހައްލެއް ހޯދުމެވެ.

މިހާރު ބޭނުންކުރާ މޯފިން، އޮކްސީކޯޑޯން އަދި ފެންޓަނީލް ފަދަ ބޭސްތަކަކީ ތަދު ކަނޑުވައިދިނުމުގެ އިތުރުން، ނޭވާލާ ނިޒާމަށް ހުރަސްއަޅާ ބޭސްތަކެކެވެ. މިއީ އޮޕިއޮއިޑްސް އޯވަޑޯޒްވެގެން މީހުން މަރުވާ މައިގަނޑު ސަބަބެވެ.

ސައިންސްވެރިންނަށް ފާހަގަކުރެވުނު އެންމެ މުހިންމު އެއް ކަމަކީ، ބޭސް ހަށިގަނޑަށް ދިއުމުން ސެލްތަކުގެ ތެރޭގައި އުފެދޭ ކެމިކަލް ރިއެކްޝަންތައް ނުވަތަ 'ސިގްނަލްތައް' ފަހަތަށް ޖެއްސުމުގެ ފުރުސަތު އޮންނަކަމެވެ.

ޑރ. ބޯންގެ ޓީމުން ވަނީ މިގޮތަށް ރިއެކްޝަން ފަހަތަށް ޖެއްސުމަށް ބާރުއަޅާ ދެ ކެމިކަލެއް ތަހުލީލުކޮށްފައެވެ. މި ކެމިކަލްތައް ބޭނުންކުރުމުން، މޯފިން ފަދަ ބޭސްތަކުން ލިބޭ ތަދު ކަނޑުވައިދިނުމުގެ ބާރު ގަދަވެފައި، ނޭވާލުމަށް ދިމާވާ ނުރައްކާތައް އިތުރު ނުވާކަން ވަނީ ފާހަގަކުރެވިފައެވެ.

މި ދިރާސާގައި ބައިވެރިވި ޑރ. އެޑްވަޑް ސްޓާލް ވިދާޅުވި ގޮތުގައި، މިހާރު ހޯދިފައިވާ މޮލިކިއުލްތަކަކީ ސީދާ ބޭހެއްގެ ގޮތުގައި ބޭނުންކުރެވޭނެ އެއްޗެއް ނޫން ނަމަވެސް، މިއީ ކުރިމަގުގައި ރައްކާތެރި ބޭސްތައް އުފެއްދުމަށް ލިބުނު ވަރަށް މުހިންމު 'ފްރޭމްވޯކް' އެކެވެ.

މި އާ ހޯދުންތަކަކީ ދުނިޔެއަށް، ހާއްސަކޮށް އެމެރިކާއަށް ކުރިމަތިވެފައިވާ އޮޕިއޮއިޑްސްގެ ނުރައްކާތެރި ވަބާއިން ސަލާމަތްވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2024 ވަނަ އަހަރު އޯވަޑޯޒްވެގެން މަރުވި މީހުންގެ 68 ޕަސެންޓު މަރުވަނީ އޯޕިއޮއިޑްސްގެ ސަބަބުންނެވެ.