Advertisement

ދަތް އުނގުޅުމުގެ މުހިންމުކަން: އަނގައިގެ ބެކްޓީރިއާގެ ސަބަބުން ޕާކިންސަންސް ބައްޔަށް މަގުފަހިވާކަން ހާމަވެއްޖެ

about 22 hours 0


ދަތް އުނގުޅުމުގެ މުހިންމުކަން: އަނގައިގެ ބެކްޓީރިއާގެ ސަބަބުން ޕާކިންސަންސް ބައްޔަށް މަގުފަހިވާކަން ހާމަވެއްޖެ

about 22 hours 0

ދަތް އުނގުޅުމަކީ ހަމައެކަނި ދަތްތަކުގެ ސަލާމަތަށް ކުރަންޖެހޭ ކަމެއް ނޫންކަން ދެކުނު ކޮރެއާގެ ސައިންސްވެރިން ކުރި އާ ދިރާސާއަކުން ހާމަވެއްޖެ އެވެ.

ދެކުނު ކޮރެއާގެ ޕޯސްޓެކް އާއި ސަންގްކްޔަންކްވާން ޔުނިވަސިޓީ އަދި ސޯލް ނޭޝަނަލް ޔުނިވަސިޓީގެ ތަޖުރިބާކާރުން ގުޅިގެން ކުރި މި ދިރާސާ ވަނީ މަޝްހޫރު ސައިންޓިފިކް ޖަރނަލް "ނޭޗާ ކޮމިއުނިކޭޝަންސް" ގައި ޝާއިއުކޮށްފައެވެ.

މި ދިރާސާއިން ދައްކާ ގޮތުގައި، އަނގައިގައި ހުންނަ ބެކްޓީރިއާ ގޮހޮރަށް ގޮސް، އެއަށްފަހު ސިކުނޑީގެ ސެލްތަކަށް ނުފޫޒު ފޯރުވައި، ޕާކިންސަންސް ބަލި ޖެހުމަށް މަގުފަހިކުރެ އެވެ.

ޕާކިންސަންސް އަކީ އުމުރުން ދުވަސްވީ މީހުންނަށް އާންމުކޮށް ޖެހޭ، ހަށިގަނޑު ތުރުތުރުލުމާއި ހަރަކާތްތައް މަޑުޖެހުމަށް މެދުވެރިވާ ނުރައްކާތެރި ބައްޔެކެވެ.

ސައިންސްވެރިން ހޯދިގޮތުގައި، ދަތް ފަނިކެއުމަށް މެދުވެރިވާ ބެކްޓީރިއާއެއް ކަމަށްވާ ސްޓްރެޕްޓޮކޮކަސް މިއުޓަންސް ޕާކިންސަންސް ބަލި ހުންނަ މީހުންގެ ގޮހޮރުގައި ގިނަ އަދަދަކަށް ހުރެއެވެ. މި ބެކްޓީރިއާގެ ސަބަބުން އިމިޑަޒޯލް ޕްރޮޕިއޮނޭޓް ކިޔާ މާއްދާއެއް އުފެދެއެވެ. މިއީ ލޭގެ ތެރެއިން ދަތުރުކޮށް ސިކުނޑިއަށް ފޯރައި، ހަރަކާތްތައް ކޮންޓްރޯލްކުރާ ޑޯޕަމިން ސެލްތައް ހަލާކުކޮށްލާ މާއްދާއެކެވެ.

މިކަން އިތުރަށް ކަށަވަރު ކުރުމަށްޓަކައި މީދާ ބޭނުންކޮށްގެން ކުރި ތަޖުރިބާތަކުން އެނގުނު ގޮތުގައި، މި ބެކްޓީރިއާ ގޮހޮރަށް ފޮނުވުމުން މީދަލުގެ ލޭގައްޔާއި ސިކުނޑީގައި އިމިޑަޒޯލް ޕްރޮޕިއޮނޭޓްގެ މިންވަރު މަތިވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން މީދަލުގެ ސިކުނޑި ދުޅަވެ، ހަށިގަނޑު ތުރުތުރުލުމާއި ހަރަކާތްތައް މަޑުޖެހުން ފަދަ ޕާކިންސަންސް ބައްޔާ ގުޅުންހުރި އަލާމާތްތައް ފެންނަން ފެށިއެވެ. އަދި ސިކުނޑީގައި އަލްފާ-ސިނޫކުލިން ކިޔާ ޕްރޮޓީނެއް ޖަމާވާން ފެށިއެވެ.

މި ދިރާސާގެ އެންމެ އުންމީދީ ނަތީޖާއަކީ، މި ބެކްޓީރިއާގެ ސަބަބުން ސިކުނޑިއަށް ލިބޭ ގެއްލުންތައް ވަކި ކަހަލަ ބޭހެއް ބޭނުންކޮށްގެން ހުއްޓުވިދާނެކަން ސާބިތުވުމެވެ. ޕްރޮފެސަ އަރާ ކޯ ވިދާޅުވި ގޮތުގައި، މި ހޯދުމުގެ ސަބަބުން ގޮހޮރުގައި ހުންނަ ބެކްޓީރިއާއަށް އަމާޒުކޮށްގެން ޕާކިންސަންސް ބައްޔަށް އާ ފަރުވާތައް ހޯދުމުގެ އާ މިސްރާބެއް ވަނީ ކަނޑައެޅިފައެވެ.

މި ދިރާސާއަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ ސެމްސަންގް އިލެކްޓްރޯނިކްސްގެ ރިސާޗް ފަންޑިން ސެންޓަރާއި ދެކުނު ކޮރެއާގެ މިނިސްޓްރީ އޮފް ސައިންސް އެންޑް އައިސީޓީ އިންނެވެ.