6 ޖަނަވަރީ 2026 - 09:05 1
ސާއިފް ޝިޔާދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ
6 ޖަނަވަރީ 2026 - 09:05 1
ރައްޔިތުންގެ ދައުރުން ބޭރުން ބާއްވާ ކުއްލި ޖަލްސާތަކަކީ ހަގީގީ "ކުއްލި" ހާލަތްތަކަށް ހާއްސަ ކުރެވިފައިވާ ކަމަކަށް ވީނަމަވެސް، މިއަދު އެކަން ވެސް ރައީސް މުހައްމަދުގެ މުއިއްޒުގެ ސިޔާސީ މަންފާއަށްޓަކައި ބޭނުން ކުރަން ފަށައިފި އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށް ގާނޫނުއަސާސީ ބަދަލުކުރުމަށާއި، ޕެންޝަން އޮފީސް މެދުވެރިކޮށް ނުސީދާ ގޮތެއްގައި ފައިސާ ޗާޕުކުރެވޭ ގޮތަށް ޕެންޝަން ގާނޫނު ބަދަލުކުރަން މުއިއްޒު ބޭނުންވުމުން ހުށަހަޅާފައިވާ ބިލްތައް ކުރިއަށް ގެންދިޔުމަށް ދައުރުން ބޭރުން އިއްޔެ ބާއްވަން ފެށި ޖަލްސާތައް ގާނޫނުއަސާސީއާ ހިލާފު ކަމަށް އެމްޑީޕީގެ މެންބަރުން ތުހުމަތުކޮށް، ޖަލްސާތައް ބޮއިކޮޓްކުރަން ވަނީ ނިންމައިފައެވެ.
މި ކަންބޮޑުވުން އިއްޔެގެ ޖަލްސާގައި ވެސް އެމްޑީޕީގެ މެންބަރުން ފާޅުކުރެއްވި އެވެ. ނަމަވެސް، ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދެއްވީ ޒިންމާދާރުކަން ކުޑަ ޖަވާބެކެވެ.
"މަޖިލީހުގެ ގަވާއިދާ ވެސް އަދި ގާނޫނުއަސާސީއާ ވެސް އެއްގޮތްވާ ގޮތުގެ މަތީން ކުރިއަށް ގެންދެވޭ ޖަލްސާއެއް ކަމުގައި ދަންނަވަން. އާދެ! 14 ދުވަހުގެ ތެރޭގައި، 14 ދުވަހުގެ ތެރޭގައި ބާއްވަން އިހުތިޔާރު ދެނީ. އެހެންވީމާ، 14 ދުވަހުގެ ތެރޭގައި މި އޮތީ ބާއްވާފައި،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ދައުރުން ބޭރުން ޖަލްސާތައް ބޭއްވުމަށް ހުށަހަޅުމުގެ އިހުތިޔާރު ދީފައި އޮތީ ގައުމަށް ދިމާވާ ބޮޑެތި ކަންކަމުގައި ބަހުސްކޮށް، ރައްޔިތުންގެ އަޑު އިއްވުމަށާއި، ކަންކަން ނިންމުމަށެވެ. އެކަމެއްގައި ކުއްލި ހާލަތެއް އޮންނަންޖެހެ އެވެ.
ނަމަވެސް، މިއަދު ފެންނަމުން މިދަނީ މުއިއްޒު ބޭނުންވާ ކަންކަމުގައި، މަޖިލީހުގެ މެންބަރުންގެ ފުރިހަމަ ބައިވެރިވުން ހަނިކޮށް، ބިލްތައް ހުށަހަޅައިގެން ދައުރުން ބޭރުން ޖަލްސާތައް ކުރިއަށް ގެންދާ ތަނެވެ. މިއީ ގާނޫނުއަސާސީގެ ރޫހެއް ނޫނެވެ.
މަޖިލީހުގެ ދައުރުން ބޭރުގައި ބާއްވާ ޖަލްސާތަކަކީ ހާއްސަ ޖަލްސާތަކެއް ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައި ވާއިރު، އެފަދަ ޖަލްސާއެއް ބޭއްވުމަށް މެންބަރުންގެ ތިންބައިކުޅަ އެއްބައި މެންބަރުން ސަބަބު ބަޔާންކޮށް ސޮއިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅައިފިނަމަ، 14 ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަންޖެހޭނެ ކަމަށް ގަވާއިދުގައި ލިޔުމުގެ މައިގަނޑު ބޭނުމަކީ، ދައުރުން ބޭރުން ޖަލްސާއެއް ބާއްވަނީ އެފަދަ ކުއްލި، އަދި ހާއްސަ ކަންކަމުގައި ކަމަށް ވެފައި، މަޖިލީހުގެ ރައީސް ހިތުހުރި މުއްދަތެއްގެ ތެރޭގައި އެ ޖަލްސާ ބޭއްވުމުގެ އިހުތިޔާރު ނުދިނުމަށެވެ.
އޭގެ މާނައަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޗުއްޓީގައި ނުވަތަ އަމިއްލަ ބޭނުންތަކުގައި ރާއްޖޭން ބޭރާއި ރަށްރަށުގައި ތިއްބަވަނިކޮށް 24 ގަޑިއިރުގެ ނޯޓިހެއް ވެސް ދިނުމެއް ނެތި ކުއްލިއަކަށް ޖަލްސާ ބޭއްވުމެއް ނޫނެވެ.
ގާނޫނުއަސާސީގެ 88 ވަނަ މާއްދާގައި އޮތީ، ރައްޔިތުން ފުރިހަމައަށް ތަމްސީލުވާނޭ، އަދި އެބައިމީހުންގެ "ފުރިހަމަ ބައިވެރިވުން" ލިބޭނޭ ގޮތަށް ޖަލްސާތައް ބޭއްވުމަށެވެ. އެހެންވެ، އެކަށީގެންވާ ނޯޓިހެއް ދިނުމެއް ނެތި ޖަލްސާއެއް ނުބޭއްވޭނެ އެވެ. 24 ގަޑިއިރުގެ ވަގުތެއް ވެސް ނެތް ނޯޓިހަކީ އެކަށީގެންވާ ފުރުސަތެއް ނޫނެވެ.
މުއިއްޒުގެ މުށުތެރޭގައި އޮތް ޕީއެންސީގެ މަޖިލީހުން "ގާނޫނީ އިހުތިޔާރު"ގެ ބޭނުން ހިފަމުން މިދަނީ ހިތުހުރި ގޮތަކަށެވެ. ގައުމުގެ މުސްތަގުބަލާ ގުޅޭ ބޮޑެތި ނިންމުންތައް ނިންމާއިރު، މެންބަރުންނަށް އެކަށީގެންވާ ވަގުތު ނުދީ ޖަލްސާތައް ކުރިއަށް ގެންދިއުމަކީ މަޖިލީހުގެ ރައީސްގެ އިހުތިޔާރު ނަހަމަ ގޮތުގައި ބޭނުންކުރުމެވެ.
"މިގޮތަށް މި ޖަލްސާ ބޭއްވުމުގެ ބާރެއް ރައްޔިތުންގެ މަޖިލީހުގެ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިބިދީފައެއް ނުވޭ،" ޝަމްހީދު އިއްޔެ ޖަލްސާގައި ވިދާޅުވިއެވެ.
އޭނާ ތުހުމަތުކުރެއްވި ގޮތުގައި މިއީ ގާނޫނުއަސާސީ "ފުނޑާލައި"، ހުދުމުހުތާރު މިސްރާބަކަށް ގައުމު ގެންދަން މަސައްކަތެކެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލީހުގެ ޗުއްޓީ ތެރޭގައި ކުއްލި ގޮތަކަށް ޖަލްސާތައް ބާއްވަމުންދަނީ އެކަށީގެންވާ ނޯޓިސްއެއް ދިނުމަކާ ނުލައި، ޤާނޫނުއަސާސީގެ 83 ވަނަ މާއްދާއާއި 88 ވަނަ މާއްދާގެ އިމުން ބޭރުން ކަމަށެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުން ގަބޫލުކުރާ ގޮތުގައި މި ޖަލްސާތަކުގެ ބޭނުމަކީ ގާނޫނުއަސާސީއަށް ގެންނަން ބޭނުންވާ ބަދަލުތަކެއް، އެއްވެސް މަޝްވަރާއެއް ނެތި އަވަސްއަރުވާލައިގެން ފާސްކުރުމެވެ.
މިއަދު ފެންނަމުން މިދަނީ ޕީއެންސީގެ "ސުޕަ މެޖޯރިޓީ" ގެ ބޭނުން ހިފައިގެން، މަޖިލީހުގެ ރިޔާސަތުން އިދިކޮޅު އަޑުތައް ކަނޑުވާލައި، ގައުމުގެ އެންމެ މުހިންމު ގާނޫނުތަކަށް ބަދަލު ގެންނަ މަންޒަރެވެ. އެންމެ ދުވަހެއްގެ ފުރުސަތު ވެސް މެންބަރުންނަށް ނުދިނުމަކީ އިހުތިޔާރުގެ "ނަހަމަ" ބޭނުން ކަމުގައި ނޫނީ ނުވާނެއެވެ.
މަޖިލީހުގެ ރިޔާސަތަކީ ހަމައެކަނި ސަރުކާރުގެ އެޖެންޑާ ކުރިއަށް ނެރޭ މެޝިނަކަށް ވެއްޖެ ނަމަ ދެން ފެންނާނީ މިފަދަ ހުތުރު، ހުދުމުހުތާރު ނިންމުންތަކެވެ. ގާނޫނުގެ ރޫހަށް، ގާނޫނުތަކަށް ބެލުމެއް ނެތި މުއިއްޒު ބޭނުންވާ ކަންކަން ނިންމާ މަޖިލީހެއްގެ ގޮތުގައެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment