Advertisement

ހުޅުމާލެ ފޭސް ތިނެއް ހިއްކާލީ ފަޅު ތެރޭ އޮތް ބާޖަކާ ވެސް އެކީ

ހުޅުމާލެ ފޭސް ތިނެއް ހިއްކިއިރު އެއްގަންވި ބާޖު ފެންނަ ފޮޓޯ --- ފޮޓޯ: އެމްއޭސީއެލް


ހުޅުމާލެ ފޭސް ތިނެއް ހިއްކާލީ ފަޅު ތެރޭ އޮތް ބާޖަކާ ވެސް އެކީ

މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ނިމިދިޔަ ސަރުކާރުން ހިންގި 'ބިންވެރިޔާ' ސްކީމުގެ ދަށުން ގޯތި ކަނޑައަޅާފައިވާ ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތުގެ ތެރެއިން ހުޅުމާލެ ފަޅު ތެރޭ އޮތް ބާޖަކާއެކު ހިއްކާފައިވާކަން ފޮޓޯތަކުން ދައްކައިފި އެވެ.

މަސައްކަތް ހުއްޓިފައި އޮންނަތާ އަހަރެއް ފަހުން މިދިޔަ މަހު އެ މަޝްރޫއުގެ މަސައްކަތް އަލުން ފެށީ އެމްއޭސީއެލް އާއި ހަވާލުކޮށްގެންނެވެ. މަޝްރޫއުގެ އެންމެ ފަހުގެ އަޕްޑޭޓްތަކާއެކު އިއްޔެ އެ ކުންފުނިން ވަނީ ސޯޝަލް މީޑިއާގައި ފޮޓޯތަކެއް ހިއްސާކޮށްފަ އެވެ.

އެމްއޭސީއެލް އިން ހިއްސާކުރި ޑްރޯން ފޮޓޯތަކުން ފެންނަ ގޮތުގައި ފޭސް ތިނަކުން މިހާތަނަށް ހިއްކާފައިވާ ސަރަހައްދުގައި، ކުރިން ހުޅުމާލެ ފަޅު ތެރޭ އޮތް ބާޖެއް އެއްގަންވެފައި އެބައޮތެވެ. ދަބަރުޖަހައި ބައުވެފައި އޮތް އެ ބާޖު އެ ތަނުން ނަގަނީ ކިހިނެތްތޯ ބެލުމަށް އެމްއޭސީއެލް ގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް މިހާތަނަށް ކާމިޔާބުވާގޮތް ވަނީ ނުވެފަ އެވެ.

ސެޓްލައިޓު ފޮޓޯތަކުން ފެންނަ ގޮތުގައި މި ބާޖު މީގެ ކުރިން އޮތީ ފޭސް ތިނަކުން މީގެ އަހަރެއްހާ ދުވަސް ކުރިން ހިއްކި ސަރަހައްދަށް ގާތްކޮށްފަ އެވެ. އެއީ ކޮން ބައެއްގެ ބާޖެއް ކަމެއް ނޭނގެ އެވެ.

އެމްއޭސީއެލް އިން އިއްޔެ ބުނި ގޮތުގައި އަލުން މަސައްކަތް ފަށައި މިވީ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ހިއްކި ބިމާއެކު މިހާރު ވަނީ މަޝްރޫއުގެ ތެރެއިން ހިއްކަން ނިންމާފައިވާ ބިމުގެ 77 ޕަސެންޓު ހިއްކާފަ އެވެ. އެއީ 49 ހެކްޓަރެވެ.

ހުޅުމާލެ ފޭސް 3 ހިއްކާ ނިންމުމަށް މުއިއްޒު އެންމެ ފަހުން ދެއްވި ތާރީހަކީ މިއަހަރުގެ ޖުލައި މަހެވެ. އެމަނިކުފާނު އެ ތާރީހު ދެއްވީ މިއަހަރުގެ ރިޔާސީ ބަޔާނުގައެވެ. މަސައްކަތް އަލުން ފެށުމާއެކު، މުޅި މަޝްރޫއު އެއްކޮށް ނިންމާލެވޭނެ ތާރީހެއް ސަރުކާރުން މިހާރު ބުނަނީ ޖެނުއަރީ 20، އެވެ.

މިހާރު ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ ހުޅުމާލޭގެ މާސްޓާ ޕްލޭނަށް ބޮޑު ބަދަލުތަކެއް ގެނައުމަށްފަހު އެވެ. އެގޮތުން، މަޝްރޫއު ފެށިއިރު ފޭސް 2 އާއި ފޭސް 3 ވަކިން އޮންނަ ގޮތަށް ކޯރު ކަނޑާފައި އޮތް އޮތުން ބަދަލުކޮށް، މިހާރު ހިއްކަމުންދަނީ ދެ ފިޔަވަހި ގުޅުވާލައިގެންނެވެ. މީގެ ސަބަބުން ފޭސް 2 ގެ ފަރުކޮޅުފުއްޓާއި ފޭސް 3 މިހާރު ވަނީ އެއްފަސްވެފަ އެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކަން ފުރަތަމަ ފެށީ ސެޕްޓެމްބަރު 22، 2023 ގައެވެ. އޭގެ ފަހުން އައި މެދުކެނޑުމަކަށްފަހު، މި ސަރުކާރުން މިދިޔަ ޖެނުއަރީ މަހުވެސް މަސައްކަތް ފެށި އެވެ. ނަމަވެސް ތަފާތު ސަބަބުތަކާހުރެ މަސައްކަތް އަނެއްކާވެސް މަޑުޖެހިފައި އޮތުމަށްފަހު، އެޗްޑީސީން މާސްޓާ ޕްލޭނަށް ބަދަލު ގެނައީ މިދިޔަ މެއި މަހު އެވެ.