3 ޖަނަވަރީ 2026 - 22:00 2
ލީވާން އަލީ ނާސިރު
3 ޖަނަވަރީ 2026 - 22:00 2
މިދިޔަ އަހަރު ނިމުނުއިރު ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގައި 74،048 މެންބަރުން ތިބިއިރު، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގައި ތިބީ 43،784 މެންބަރުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.
އީސީން މިދިޔަ އަހަރު ސިޔާސީ ޕާޓީތަކުގައި ތިބި މެންބަރުންގެ އަދަދުތައް ހާމަކުރި ލިސްޓުގައި 10،000 މެންބަރުން ހަމަވަނީ ދަފްތަރުގައި ތިބި ނުވަ ޕާޓީގެ ތެރެއިން ޕީއެންސީ އާއި އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ އެކަންޏެވެ. ޖޭޕީގައި މިދިޔަ އަހަރުގެ ނިޔަލަށް 12،343 މެންބަރުން ތިއްބެވެ.
ޕީއެންސީއަށް ގިނަ މެންބަރުންތަކެއް މިދިޔަ އަހަރު ވައްދާފައިވާއިރު، އެ ޕާޓީއަށް ބައެއް މީހުން ވަގަށް ވައްދާ މައްސަލަ އޮތީ ފެންމަތިވެފަ އެވެ. އެގޮތުން އެފަދަ ގިނަ މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅައިގެން ދަނީ ތަހުގީގު ވެސް ކުރަމުންނެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ތިބި މެންބަރުންނާއި އަޅާކިޔާއިރު ޕީއެންސީއަށް އަހަރުގެ ބާކީ ދުވަސްތަކުގެ ތެރޭގައި 5،383 މެންބަރުން ވަނީ އިތުރުވެފަ އެވެ. އެ މުއްދަތުގައި އެމްޑީޕީއަށް އިތުރުވީ 19 މެންބަރުންނެވެ.
އެ މުއްދަތުގެ ތެރޭގައި އެންމެ ގިނަ ބަޔަކު ވަކިވެފައިވަނީ ޖޭޕީންނެވެ. އެގޮތުން ޕާޓީން ޖުމްލަ 1،113 މެންބަރުން ވަނީ ވަކިވެފަ އެވެ. ދެވަނައަށް އެންމެ ގިނަ މެންބަރުން ވަކިވީ 703 މެންބަރުންނާއެކު އެންއެންޕީންނެވެ. ތިންވަނައަށް އެންމެ ގިނަ މެންބަރުން ވަކިވީ 595 މެންބަރުންނާއެކު ޑިމޮކްރެޓްސްއިންނެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 2024 ވަނަ އަހަރު ނިމުނުއިރު 68،968 މެންބަރުންނާއެކު އޮތީ ޕީއެންސީ އެވެ. ޕީއެންސީއާ ޖެހިގެން 43،142 މެންބަރުންނާއެކު އޮތީ އެމްޑީޕީ އެވެ. ތިންވަނައިގައި 13،826 މެންބަރުންނާއެކު ޖޭޕީ އޮތްއިރު، އޭރު ދަފްތަރުގައި އޮތް ޕީޕީއެމްގައި 12،174 މެންބަރުން ތިއްބެވެ.
މީގެއިތުރުން 2024 ވަނަ އަހަރު ނިމުނުއިރު އެމްޑީއޭގައި 9،210 މެންބަރުން ތިބިއިރު، އަދާލަތުގައި ތިބީ 9،049 މެންބަރުންނެވެ. ޑިމޮކްރެޓްސްގައި އެ މުއްދަތުގައި 3،667 މެންބަރުން ތިބިއިރު، އޭރު ދަފްތަރުގައި އޮތް އެމްޓީޑީގައި 2،359 މެންބަރުން އަދި ޕީއެންއެފްގައި 2،822 މެންބަރުން ތިއްބެވެ.
Comment