about 12 hours 0
ބަންގްލަދޭޝްގެ ކުޅަދާނަ އުުކުންތެރިޔާ، މުސްތަފިޒުރް ރަހްމާން.
about 12 hours 0
ނިއު ދިއްލީ، އިންޑިއާ (ޖެނުއަރީ 3) - ދުނިޔޭގެ އެންމެ ވަރުގަދަ ފްރެންޗައިސް ކްރިކެޓް ލީގު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ކުރިއަށް އޮތް ސީޒަނަށް ކަލްކަތާ ނައިޓް ރައިޑާސް (ކޭކޭއާރް) އިން ގަތް، ބަންގްލަދޭޝްގެ މުސްތަފިޒުރް ރަހްމާން، އެ ޓީމުން ބާކީ ކުރަން އިންޑިއާގެ ކްރިކެޓް ބޯޑު، ބީސީސީއައި އިން އަންގައިފި އެވެ.
ބަންގްލަދޭޝް ގައުމީ ޓީމަށް 2015 ވަނަ އަހަރު މުސްތަފިޒުރް އެންމެ ފުރަތަމަ މެޗެއް ކުޅެފައިވަނީ، 2015 ވަނަ އަހަރު އިންޑިއާއާ ދެކޮޅަށެވެ. އޭނާ ފާއިތުވި މިދިޔަ އަހަރުތަކުގައި ގަވާއިދުން އައިޕީއެލްގައި ކުޅެމުންނެވެ.
އެ ގޮތުން، ކުރިއަށް އޮތް އައިޕީއެލް ސީޒަނަށް، މިދިޔަ މަހުގެ އޯކްޝަނުގައި، ކޭކޭއާރް އިން މުސްތަފިޒުރް ގަތީ އެއް ލައްކަ ޑޮލަރު ދީފަ އެވެ. އެކަމަކު، ބީސީސީއައި އިން އެންގުމުން ކޭކޭއާރް އިން ވަނީ މުސްތަފިޒުރް ޓީމުން ބާކީކޮށްފަ އެވެ.
މުސްތަފިޒުރް ޓީމުން އުނިކުރަން ކޭކޭއާރް އަަށް ބީސީސީއައި މެދުވެރިކޮށް އެންގީ އިންޑިއާގެ ސަރުކާރުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެއީ، ބަންގްލަދޭޝް އާއި އިންޑިއާގައި މި ވަގުތު ހިންދޫ ދީނުގެ މީހުންނާއި މުސްލިމުންގެ މެދުގައި، ހިނގަމުން އަންނަ ހަމަނުޖެހުންތަކާ ދިމާކޮށް، މުސްތަފިޒުރްއާ ދެކޮޅަށް އިންޑިއާގެ ސިޔާސީ ފަރާތްތަކުން ޝުއޫރުފާޅުކުރަން ފެށުމުންނެވެ. އަދި، ކަލްކަތާގެ އެއް ހިއްސާދާރު، މަޝްހޫރު ފިލްމީ ތަރި، ޝާރުކް ހާން އަށް ވެސް ވަނީ ކޭކޭއާރް އިން މުސްތަފިޒުރް ގެންނަން ނިންމުމުން ފާޑުކިޔުން އަމާޒުވެފަ އެވެ.
އައިޕީއެލްގައި 2016 އިން ފެށިގެން ކުޅެމުން އަންނަ މުސްތަފިޒުރް ވަނީ، އެ ލީގުގައި މީގެ ކުރިން، ސަންރައިޒާސް ހައިދަރުއާބާދު، މުމްބައި އިންޑިއަންސް (އެމްއައި)، ރާޖަސްތާން ރޯޔަލްސް، ދިއްލީ ކެޕިޓަލްސް އަދި ޗެންނާއި ސުޕަ ކިންގްސް (ސީއެސްކޭ) އަށް ވެސް ކުޅެފަ އެވެ.
ހިންދޫ އާއި މުސްލިމް ކޮމިއުނިޓީ މެދުގައި، ބަންގްލަދޭޝް އާއި އިންޑިއާގައި ހަމަނުޖެހުން ބޮޑުވެފައިވާއިރު، އަންނަ މަހު، ޓީ20 ކްރިކެޓް ވޯލްޑް ކަޕްގައި ބަންގްލަދޭޝް އިން އިންޑިއާގައި ކުޅޭނެ އެވެ.
އަދި، މި އަހަރު ތެރޭ، އިންޑިއާގެ އޯޑީއައި ޓީމާއި ޓީ20 ޓީމުން ބަންގްލަދޭޝްގައި ޓުއާ އެއް ކުރިއަށްގެންދަން ވަނީ ހަމަޖެހިފަ އެވެ.
Comment