about 5 hours 2
ލީވާން އަލީ ނާސިރު
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: ޝާފިއު / އަދަދު
about 5 hours 2
ސިވިލް ސާވިސްގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ ހެދުން އެޅުމުގެ އުސޫލަށް ސަރުކާރުން ގެނައި ބަދަލުތަކަކީ، ވަކި ދާއިރާއެއްގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ ފަރުދީ މިނިވަން ކަމަށް ހުރަސް އެޅުން ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.
އެމްޑީޕީން ބުނީ އަންހެން މުވައްޒަފުންގެ ހެދުން އެޅުމުގެ އުސޫލަށް ގެނައި ބަދަލަކީ ފަރުދީ މިނިވަންކަމަށް ހުރަސް އެޅުމުގެ އިތުރުން ޒާތީ މިނިވަންކަން ހަނިކުރުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށެވެ.
"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދޭ ހަމަހަމަކަމާއި، ތަފާތުނުކުރުމާއި، އަދި ފަރުދީ މިނިވަންކަން ރައްކާތެރިކުރުމުގެ ހައްގަށް މިއުސޫލުތަކުގެ ސަބަބުން ސީދާ ހުރަސްއެޅޭ،" އެ ޕާޓީން ބުންޏެވެ.
އެމްޑީޕީން ބުނީ ދައުލަތުގެ މުއައްސަސާތަކަކީ މުވައްޒަފުންގެ ހައްގުތައް ހިމާޔަތްކުރަންޖެހޭ ތަންތަންކަމުގައިވީ ނަމަވެސް، ސަރުކާރުން ގެންނަ ބަދަލުތަކުން ފެންނަނީ ބާރުގެ ބޭނުންކޮށްގެން އަންހެނުންގެ "އެޕިއަރެންސް" މޮނިޓާ ކުރުމަށް މަސައްކަތް ކުރާ ތަން ކަމަށެވެ.
އަންހެން މުވައްޒަފުންގެ ހެދުމުގެ ދިގުމިނާއި އިސްތަށިގަނޑުގެ ކުލައަކީ އެ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭނެ މިންގަނޑުތަކެއް ނޫން ކަމަށާއި އެއީ ޕްރޮފެޝަނަލިޒަމްގެ ނަމުގައި، އަންހެނުންނާ ދެކޮޅަށް ހިންގާ ތަފާތުކުރުމެއް ކަމަށް އެ ޕާޓީން ފާހަގަކުރި އެވެ.
"ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި، މިނިވަން މުއައްސަސާތަކާއި، އަދި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް މި ފަދަ އުސޫލެއް ނުހިންގައި، ހަމަ އެކަނި ސިވިލް ސަރވިސްއަށް ނިސްބަތްވާ އަންހެން މުވައްޒަފުންގެ މައްޗަށް މި ފަދަ އުސޫލެއް ތަންފީޒުކުރުމުން، މިއީ މުވައްޒަފުންގެ އަހްލާގާ ގުޅޭ އުސޫލެއް ނޫންކަމާއި، ރަސްމީކޮށް ތަފާތުކުރުމުގެ ސިޔާސަތެއްކަން އެނގިގެންދޭ،" އެ ޕާޓީން ބުންޏެވެ.
އެމްޑީޕީން ބުނީ އަހްލާގު ނެގެހެއްޓުމުގެ ޒިންމާ އަންހެނުންގެ ބޮލުގައި އަޅުވައި، މުޖުތަމައުގެ އަހްލާގީ މިންގަނޑު ހިފެހެއްޓުމަކީ ހަމައެކަނި އަންހެނުންގެ ހެދުން އެޅުމާ ގުޅިފައިވާ ކަމެއްގެ ގޮތުގައި ދެއްކުމަކީ، އަންހެނުންނަށް ކުރެވޭ ވަރަށް ބޮޑު އިހާނެތިކަމެއް ކަމަށެވެ.
އެ ފަދަ ސިޔާސަތުތަކުގެ ސަބަބުން، މުއައްސަސާތަކުގެ ހިންގުމާއި ހިދުމަތްތަކަށް ދޭންޖެހޭ ސަމާލުކަން ކުޑަވެ، މަސައްކަތުގެ މާހައުލަކީ އަންހެނުންނަށް ނުތަނަވަސްކަން އޮންނަތަނަކަށް ބަދަލުވެގެންދިއުމުގެ ބިރު އެބަ އޮތް ކަމަށް އެ ޕާޓީން ބުންޏެވެ.
މީގެ އިތުރުން އެ ޕާޓީން ބުނީ މި ފަދަ ހަރުކަށި އުސޫލުތަކުގެ ބޭނުމަކީ، އަންހެނުންގެ ހެދުން އެޅުމާއި ސިފައަށް ބަލައި، ވަޒީފާގެ ކުރިއެރުން ނުދިނުމާއި ނުވަތަ އަދަބު ދިނުންފަދަ ކަންކަން ކުރަން ފެށުން ކަމަށެވެ. އަދި އެއީ އަންހެނުން ވަޒީފާގެ މާހައުލުން އެކަހެރިކޮށް، ގައުމު ހިންގުމުގެ ދާއިރާއިން ބޭރުކޮށްލުމަށް ޓަކައި ނިޒާމީ ގޮތެއްގައި ފަށައިފައިވާ ނުރައްކާތެރި މަސައްކަތެއް ކަމަށް އެ ޕާޓީ އިން ބުނެ އެވެ.
އެމްޑީޕީން ވަނީ އަންހެން މުވައްޒަފުން ހެދުން އަޅަން ޖެހޭ ގުޅޭ ގޮތުން ސިވިލް ސާވިސް އިން ހެދި އާ އުސޫލު އުވާލުމަށް ގޮވާލައިފަ އެވެ. އޭގެ އިތުރުން އަންހެނުންގެ ކަރާމާތް ގެއްލޭފަދަ ކަންކަމާއި، އެ ފަރާތްތަކުގެ ހައްގުތަކަށް އުނިކަމެއް އަތުވެދާނެފަދަ އެއްވެސް ކަމެއް ނުކުރުމަށް މުއައްސަސާތަކަށް އެމްޑީޕީން ގޮވާލި އެވެ.
ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުން ލާ ހެދުމުގެ ދިގުމިން ހުންނަންޖެހޭ ވަރު ސިވިލް ސާވިސް އިން ކަނޑައެޅި މިދިޔަ ހަފުތާގަ އެވެ. އަލަށް ހެދި އުސޫލުގެ ދަށުން އަންހެން މުވައްޒަފުން އިސްތަށިގަނޑުގައި ފާޅުކަން ބޮޑު ކުލައެއް ޖައްސައި ޝޭޑުކޮށް ހައިލައިޓްކުރުން ވެސް މަނަލެވެ.
Comment