about 2 hours 0
އަމަން ހަލީމް
ާމާލޭ ވިޔަފާރި ބަނދަރުގައި ކޮންޓެއިނަރުތައް ބަހައްޓާފައި: މާލޭ ބަނދަރާއި ހުޅުމާލޭ ބަނދަރާއި ކުޅުދުއްފުށި ޕޯޓު އޮޕަރޭޓުކުރަނީ އެމްޕީއެލްއިން --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
about 2 hours 0
ވިޔަފާރި ބަނދުތައް އޮޕަރޭޓު ކުރާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް މިދިޔަ އަހަރު ލިބުނު އާމްދަނީ އޭގެ ކުރީ އަހަރަށް ވުރެ އިތުރުވީ ނަމަވެސް، އެ ކުންފުނީގެ ސާފު ފައިދާ ދަށްވެފައިވާ ކަމަށް އެ ކުންފުނީގެ އޮޑިޓު ރިޕޯޓުން ދައްކައިފި އެވެ.
އެމްޕީއެލްގެ މިދިޔަ އަހަރުގެ ރިޕޯޓުން ދައްކާ ގޮތުގައި އެ އަހަރު އެ ކުންފުންޏަށް 860 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. އަދި އެހެނިހެން އާމްދަނީގެ ގޮތުގައި 152.3 މިލިއަން ރުފިޔާ ލިބުނެވެ. މިދިޔަ އަހަރު ލިބުނު އާމްދަނީއަކީ އޭގެ ކުރީ އަހަރަށް ވުރެ 67 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ނަމަވެސް އެހެނިހެން އާމްދަނީގެ ގޮތުގައި ލިބުނު އަދަދު އޭގެ ކުރީ އަހަރަށް ވުރެ 54.6 މިލިއަން ރުފިޔާ މަދެވެ.
އާމްދަނީ އިތުރުވީ ނަމަވެސް މުވައްޒަފުންގެ ހަރަދާއި އެހެނިހެން ހިންގުމުގެ ހަރަދުތައް އިތުރުވުމާ ގުޅިގެން ހިންގުމުގެ ހަރަދުތައް ކެނޑުމަށް ފަހު ބާކީވީ އަދަދު ވަނީ 80.7 މިލިއަން ރުފިޔާ މި ވަނީ 20 މިލިއަނަށް ވެއްޓިފަ އެވެ.
އެމްޕީއެލްއަށް މިދިޔަ އަހަރު ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި ލިބުނީ 38.8 މިލިއަން ރުފިޔާ އެވެ. އަދި ޓެކުހަށް 10.9 މިލިއަން ރުފިޔާ ދައްކާފައި، އެ ކުންފުންޏަށް ސާފު ފައިދާވީ 27.8 މިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރު ފައިދާވި 49.4 މިލިއަން ރުފިޔާއިން ބޮޑު ވެއްޓުމެކެވެ.
އޮޑިޓު ރިޕޯޓުން ފާހަގަވާ ގޮތުގައި ކެޕިޓަލް ވާކްސް އިން ޕްރޮގްރެސްއަށް ކުރާ ހަރަދު ވަނީ 20 މިލިއަނުން 237 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. ނަމަވެސް މި އިތުރުވުން އައީ ސީދާ ކޮން ކަމަކަށް ހަރަދުކޮށްގެން ކަމެއް ސާފެއް ނުވި އެވެ.
އެމްޕީއެލްއިން ވަނީ މިދިޔަ އަހަރުގެ ތެރޭގައި މޯލްޑިވްސް އިސްލާމިކް ބޭންކުން 33 މިލިއަން ރުފިޔާގެ ލޯނެއް ނަގާފަ އެވެ. މިއީ ވާކިން ކެޕިޓަލްގެ ބޭނުންތަކަށް އެ ކުންފުނިން ނެގި ލޯނެކެވެ.
މިދިޔަ އަހަރުގެ ތެރޭގައި ޑިިވިޑެންޑުގެ ގޮތުގައި އެމްޕީއެލްއިން ސަރުކާރަށް ލިބުނީ 10 މިލިއަން ރުފިޔާ އެވެ. އަދި، އެ އަހަރުގެ ތެރޭގައި ފިނޭންސް މިނިސްޓްރީއަށް ނުދައްކައިވާ ޑިވިޑެންޑުގެ ތެރެއިން، އެމްޕީއެލް ހިޔާ ޕްރޮޖެކްޓުގެ އެޕާޓުމަންޓުތަކުގެ އަގު ހެޔޮކޮށްގެން ލިބުނު ގެއްލުމުގެ ބަދަލާއި ދޫގަސް ޕްރޮޖެކްޓަށް ލިބެން ޖެހޭ 50 މިލިއަން ކެނޑުމުން، ނުދައްކައިވާ ޑިވިޑެންޑު ވަނީ 196.8 މިލިއަނުން 96.6 މިލިއަނަށް ތިރިވެފަ އެވެ.
އެމްޕީއެލްގެ ފައިދާ ދަށް ވިޔަސް، ކުންފުނީގެ މާލީ ހާލަތު ރަނގަޅެވެ. އެ ކުންފުންޏަށް އާމްދަނީ ލިބޭ ގިނަ ދާއިރާތަކުން އާމްދަނީ އިތުރުވެފައިވާއިރު، ޖުމްލަ މުދަލުގެ އަގު ވަނީ 2.2 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިހެން ނަމަވެސް، ތިލަފުށީގައި ޕޯޓު ތަރައްގީކުރަން ގަތް 2.1 މިލިއަން އަކަފޫޓުގެ ބިމަށް ދައްކަން ޖެހޭ ފައިސާއާއެކީ ލަޔަބިލިޓީ ވަނީ އިތުރުވެފަ އެވެ.
Comment