Advertisement

ކައުންސިލް މުވައްޒަފުންގެ މުސާރަތައް ކުޑަވެގެން ކަންބޮޑުވުން

މާލެ ސިޓީ ކައުންސިލުން ބޭއްވި އިވެންޓެއްގެ ތެރެއިން -- ފޮޓޯ: މާލެ ސިޓީ ކައުންސިލް


ކައުންސިލް މުވައްޒަފުންގެ މުސާރަތައް ކުޑަވެގެން ކަންބޮޑުވުން

ޕޭ ކޮމިޝަނުން ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުގެ ސަބަބުން އެ މުވައްޒަފުންގެ މުސާރަތައް ކުޑަވުމުގެ ސަބަބުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކައުންސިލް މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލުގެ ސަބަބުން މި ހިނގާ ޑިސެމްބަރު މަހުގެ މުސާރަ ޖަމާވިއިރު އެތައް މުވައްޒަފެއްގެ މުސާރަ ވަނީ ކުޑަވެފައި ކަމަށެވެ.

"ޕޭ ކޮމިޝަނުން މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުގެ ސަބަބުން، އެއްވެސް މުވައްޒަފަކަށް ލިބޭ ޖުމުލަ އާމްދަނީ މަދު ނުވާނެ ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަކުރާރުކޮށް ވިދާޅުވި ނަމަވެސް، 2025 ޑިސެމްބަރު މަހުގެ މުސާރަ ޖަމާވިއިރު، ގިނަ މުވައްޒަފުންނަށް ކުރިން ލިބެމުންދިޔަ ޖުމްލަ އާމްދަނީ ވަނީ ވަރަށް ބޮޑަށް މަދުވެފައި،" އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ މުސާރައަށް އެއްކޮށް ބަރޯސާވާ، ލިބޭއެއްޗަކުން ކިރިޔާ ދެކޮޅުޖެއްސޭ އާއިލާތަކަށް ކުރިން އެންގުމަކާ ނުލައި، ލިބެމުން އައި މުސާރައިން ބޮޑުބައެއް އުނިވުމަކީ އެފަދަ އާއިލާތަކުގެ މުޅި ދިރިއުޅުމަށް ގިނަ ދަތިތަކެއް ކުރިމަތި ވެގެންދާނެ ކަމެއް ކަމަށެވެ.

މިގޮތުން ކައުންސިލްތަކުގެ މުވައްޒަފުންނަށް ކުރިން ލިބެމުން އައި ޖުމްލަ އާމްދަނީ އިތުރު ކުރެވޭ ގޮތަށް، މުސާރައިގެ އޮނިގަނޑަށް ހެޔޮ ބަދަލެއް ގެނެއުމަށް ދައުލަތުގެ ކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކަށް އާޒިމް ވަނީ ގޮވާލައްވާފަ އެވެ.

މާލެ ސިޓީގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެންބަރު ސައިފް ފާތިހު އެކްސް ގައި ވިދާޅުވީ ޕޭހަމަނައިޒް ކުރުމުގެ ސަބަބުން މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނަނާނެ ކަމަށް މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެއީ ބޮޑު ދޮގެއް ކަމަށެވެ.

ސައިފް ވިދާޅުވީ އާ އަހަރާއި ސްކޫލްތައް ހުޅުވޭ ދުވަސްވަރުގެ އިތުރުން ރޯދަ މަސް ބޯމަތިވަމުން އަންނަ މި ދަނޑިވަޅުގައި ކައުންސިލް މުވައްޒަފުންނަށް ކުޑަ މުސާރައެއް ޖަމާވުމަކީ ލިބޭނެ ބޮޑު ގެއްލުމެއް ކަމަށެވެ.

މީގެއިތުރުން ކައުންސިލް މުވައްޒަފުންގެ މުސާރަ ކުޑަވެގެން ކަންބޮޑުވުން ފާޅުކޮށް ނެޝަނަލް ޕޭ ކޮމިޝަންގެ ރައީސް މޫސާ ޒަމީރަށް އެޑްރެސްކޮށް ޑިސެމްބަރު 22، ގައި މާލެ ސިޓީ ކައުންސިލުން ފޮނުވި ސިޓީއަށް މިހާތަނަށް ޖަވާބު ލިބިފައިނުވާކަން ވެސް ސައިފް ފާހަގަކުރެއްވި އެވެ.

ކައުންސިލްގައި ހިމެނޭ މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާގެ ގޮތުގައި އަސާސީ މުސާރައިގެ 10 ޕަސަންޓާ ހަމައަށް ކެޕްކޮށް، އަދި ޑިރެކްޓަރުން ފެށިގެން މަތީ މަގާމުތަކުގައި ތިބޭ މުވައްޒަފުންނަށް އިތުރު ގަޑި އާއި ބަންދު ދުވަސްތަކުގެ ފައިސާ ނުލިބޭގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

މުސާރަ އާއި އެލަވަންސްތަކަށް އައި ބަދަލުގެ ތެރެއިން އިތުރުގަޑީގެ ގޮތުގައި އެންމެ ގިނަވެގެން ދެވެނީ މުސާރައިގެ 10 ޕަސަންޓުކަމުން، އެ ކުޑަވެގެން ކައުންސިލުގެ މުހިންމު މުނިސިޕަލް ހިދުމަތްތައް ދިނުމަށް މުވައްޒަފުން އިތުރުގަޑީގައި މަސައްކަތް ކުރުމަށް އުޒުވެރިވަމުންދާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.