about 2 hours 0
ގައުމީ ފުޓްސަލް ޓީމުގެ ކޯޗު ފާރޫކް.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
about 2 hours 0
އަމާޒަކީ އަންނަ މަހު ތައިލެންޑުގައި ކުރިއަށްދާ ދެކުނު އޭޝިއާ ސަރަހަައްދުގެ ފުރަތަމަ ފުޓްސަލް މުބާރާތް، ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރުން ކަމަށާއި ރަނގަޅަށް ކަންކަން ގޮސްފިނަމަ، ރާއްޖޭގައި ފުޓްސަލް ޑިވެލޮޕްކުރެވޭނެ ކަމަށް ގައުމީ ފުޓްސަލް ޓީމުގެ ކޯޗު، އުޒްބެކިސްތާންގެ ފާރޫކް ޒަކީރޯވް ބުނެފި އެވެ.
ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ގައުމީ ފިރިހެން ފުޓްސަލް ޓީމުން ޕްރެކްޓިސްތައް ފަށާފައިވާއިރު، ޕްރެކްޓިސް ކުރިއަށްގެންދިޔައީ، ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގަ އެވެ. އަދި، މިއަދު، ޓްރެއިނިން ކޭމްޕަކަށް ޗައިނާ އަށް ފުރާއިރު، ތައިލެންޑުގައި ޖެނުއަރީ 13-26 އަށް ކުރިއަށްދާ މުބާރާތަށް ބެންކޮކަށް ދާނީ ޗައިނާ މަގުންނެވެ.
"އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި، އުޒްބެކިސްތާން ގައުމީ ޓީމުތަކުގައި މަސައްކަތްކޮށްފައިވާ ކޯޗު ފާރޫކް ބުނީ، ގައުމީ ފުޓްސަލް ޓީމާ އެކު އޭނާގެ އަމާޒަކީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރުން ކަމަށާއި ތައްޔާރީތައް ދަނީ ދުވަހެއް ދުވަހަކަށް ރަނގަޅުވަމުން ކަމަށެވެ.
"އަހަރެމެން ދެން އޮތް ކޭމްޕްގައި (ޗައިނާގައި( ތައްޔާރުވުމަށް މެޗުތަކެއް ކުޅޭނެ، ޗައިނާގެ ނެޝަނަލް ޓީމާ އެކުގައި ވެސް ކުޅޭނެ، އަހަންނަށް ހީވާ ގޮތުގައި މި ހުރިހާ ކަމަކަށް ފަހު މުބާރާތަށް އަހަރެމެން ތައްޔާރުވާނެ،" ފާރޫކް ބުންޏެވެ.
ރާއްޖޭން ވަނީ މީގެ ކުރިން އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިންގަައި ތިން ފަހަރެއްގެ މަތިން ކުޅުމުގެ އިތުރުން، ތައިލެންޑުގައި އިންވިޓޭޝަނަލް ކަޕެއް ވެސް ކުޅެފަ އެވެ. ފާރޫކް ބުނީ މުބާރާތްތަކުގައި ރާއްޖޭގެ ފުޓްސަލް ޓީމު ކުޅެފައި ހުރި ގޮތަށް ބަލާއިރު، ރަނގަޅު ކުރެވޭނެ ގިނަ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ.
"އަަހަރެންގެ އުންމީދަކީ ވެސް އެއީ. ކުޅުންތެރިންގެ ހުނަރުހުރި ލެވަލް ރަނގަޅު. އެކަމަކު އެ މީހުން އެބަ ބޭނުންވޭ ފުޓްސަލްއާ ބެހޭ ރަނގަޅު މައުލޫމާތު އެއީ އަސްލު ފުޓްސަލް ތަފާތުވާނެ. ދެން، އަހަރެމެންގެ ދެ މަހެއްހާ ދުވަހުގެ ތައްޔާރީތަކާއި މުބާާރާތަށް (ސާފް ޗެމްޕިއަންޝިޕަށް) ފަހު ފުޓްސަލް ޑިވެލޮޕްވާނެ ރާއްޖޭގައި،" ފާރޫކް ބުންޏެވެ.
ގައުމީ ފުޓްސަލް ޓީމުގެ ކޯޗު ފާރޫކް ޓީމުގެ ކުޅުންތެރިންނަށް ބުނެދެނީ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
މިއީ، ސާފްގައި ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް ކަމަށްވާއިރު، ގިނަ ޓީމުތަކުގެ ލެވަލް މި ވަގުތަށް ބަލާއިރު، ދާދި ހަމަހަމަވާނެ ކަމަށް ފާރޫކް ގަބޫލުކުރެ އެވެ. އެ ގޮތުން، ކޮންމެ ޓީމެއް ވެސް މުބާރާތަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން ތައްޔާރުވާނެކަން ވެސް އެނގޭ ކަމަށާއި ސާފްގެ ފުޓްސަލް ލެވަލް އެނގޭނީ މި މުބާރާތަށް ފަހު ކަމަށް ފާރޫކް ވަނީ ބުނެފަ އެވެ.
"އަހަންނަށް އެނގޭ އިންޑިއާ އާއި ބަންގްލަދޭޝްް، ދެން އަހަރެމެން ވެސް ކޮލިފިކޭޝަންގައި ކުޅުނު (އޭޝިއަން ކަޕް ކޮލިފައިންގައި). އެހެން ޓީމުތައް މި ގާތްގަނޑަކަށް މި ފެށީ މި ގޮތަށް ފުޓްސަލް ކުޅެން. އަހަންނަށް ފެންނަ ގޮތުގައި މި ހުރިހާ ޓީމެއް ވެސް ތައްޔާރުވާނެ ސާފް މުބާރާތަށް. މި މުބާރާތަށް ފަހު، އެނގޭނެ ކޮން ޓީމެއްކަން އެންމެ ވަރުގަދައީ. އަހަންނަށް ފެންނަ ގޮތުގައި ކޮލިފިކޭޝަން ފެނުނު ޓީމުތައް ވަރުގަދަކަން،" ފާރޫކް ބުންޏެވެ.
އުޒްބެކިސްތާންގައި އެންމެ މަތީ ލެވަލްގައި އަދި ގައުމީ ޓީމުގައި ވެސް ގިނަ އަހަރުތަކެއް ކުޅެފައިވާ ފާރޫކް ބުނެފައިވަނީ، ފުޓްސަލް އާއި މިނީ ފުޓްބޯޅަ އަކީ ތަފާތު ދެ ކުޅިވަރެއް ކަމަށާއި ރާއްޖޭގައި ރަނގަޅަށް ފުޓްސަލް ޑިވެލޮޕްކުރާނަަމަ، އިންޑޯ އެއް އަޅައިގެން ކުޅެވޭނެ ގޮތެއް ހޯދައި، ލޯކަލް ކޯޗުންނަށް ވެސް ފުޓްސަލްގެ ކަންކަން އިތުރަށް ދަސްކޮށްދީ ތަރައްގީ ކުރަން ޖެހޭނެ ކަަމަށެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ސަރަހައްދުގެ ހަތް ޓީމުން ވާދަކުރާއިރު، މުބާރާތް ކުރިއަށްދަނީ ލީގު ފޯމެޓަށެވެ. ރާއްޖޭން ކުޅޭ ފުރަތަަމަ މެޗުގައި ޖެނުއަރީ 14 ވަނަ ދުވަހު ޕާކިސްތާނާ ބައްދަލުކުރާނެ އެވެ. ދެ ވަަަނަ މެޗުގައި ޖެނުއަރީ 16 ވަނަ ދުވަހު ބަންގްލަދޭޝާ ކުޅުމަށް ފަހު، ތިން ވަނަ މެޗުގައި ޖެނުއަރީ 20 ވަނަ ދުވަހު، އިންޑިއާއާ ކުޅޭނެ އެވެ. އަދި، ހަތަރު ވަނަ މެޗުގައި ޖެނުއަރީ 22 ވަނަ ދުވަހު ނޭޕާލާ ކުޅުމަށް ފަހު، ފަސް ވަނަ މެޗުގައި ޖެނުއަރީ 24 ވަނަ ދުވަހު، ބޫޓާނާ ކުޅުމަށް ފަހު، މުބާރާތުގައި ރާއްޖޭން ފަހު މެޗުގައި، ޖެނުއަރީ 26 ވަަނަ ދުވަހު ބައްދަލުކުރާނީ، ސްރީ ލަންކާއާ އެވެ.
ޗައިނާ ކޭމްޕަށް ފަހު، މިހާރު އޮތް ގައުމީ ފުޓްސަލް ސްކޮޑު 14 ކުޅުންތެރިންނަށް ކުޑަކުރާނެ އެވެ.
Comment