about 1 hour 0
ގައުމީ ފުޓްސަލް ޓީމުގެ ޕްރެކްޓިހުގެ ތެރެއިން ޝާއްޕެ: ޝާއްޕެ އަށް އަލުން ވަނީ ގައުމީ ސްކޮޑުން ފުރުސަތު ލިބިފައި.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
about 1 hour 0
އަންނަ މަހުގެ ތައިލެންޑުގައި ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ސްކޮޑު ނެގުމުގެ ދެ ވަނަ މަރުހަލާގައި އެކުލަވާލި 18 ކުޅުންތެރިންގެ ސްކޮޑުން ހުސެއިން ޝަރީފް (އޮންލީ)، އަބްދުﷲ ޖުނައިދު (ޖޭންނޭ)، އަލީ ހައިޝަމް (ޗުމްޕު)، މުހައްމަދު އިސާްމް (ޝަންޓެ)، އަބްދުﷲ ޝާފިއު (ޝާއްޕެ) އަދި އަހުމަދު ހަމީދު (އައްމަޑޭ) އަށް ފުރުސަތު ލިބިއްޖެ އެެވެ.
މި ކުޅުންތެރިންނަކީ، އެންމެ ފަހުން އޮތް އޭޝިއަން ކަޕް ކޮލިފައިން އަށް ނެގި ގައުމީ ފުޓްސަލް ޓީމުގެ ސްކޮޑުގައި ނުހިމެނޭ ކުޅުންތެރިންނެވެ. މީގެ ތެރެއިން، ޖޭންނޭ އަކީ ގައުމީ ފުޓްސަލް ޓީމަށް އޭނާ ކުޅެމުން އަންނަ ބުރު ސްޕޯޓްސް ކްލަބުން ރިލީސްކޮށްފައިވާ ކުޅުންތެރިއެކެެވެ.
އުޒްބެކިސްތާންގެ ކޯޗު ފާރޫކް ޒަކިރޯވްގެ ބެލުމުގެ ދަށުން ގައުމީ ފުޓްސަލް ޓީމުން އެންމެ ފުރަތަމަ ޕްރެކްޓިސް ފެށީ 40 އަށް ވުރެން ގިނަ ކުޅުންތެރިންގެ މައްޗަށް އެކުލަވާލި ޕްރިލިމިނަރީ ސްކޮޑަކުންނެވެ. އޭގެ ފަހުން، އެ ސްކޮޑު ވަނީ 25 ކުޅުންތެރިންނަށް ކުޑަކޮށްފަ އެވެ. އަދި، މިހާރު ސްކޮޑު، 18 ކުޅުންތެރިންނަށް ކުޑަކުރުމަށް ފަހު، މި މަހު ފަހުކޮޅުގައި، ޗައިނާ އަށް ޓްރެއިނިން ކޭމްޕަކަށް ދާނީ، 17 ކުޅުންތެރިން ކަމަށް އެފްއޭއެމް އިން ވަނީ ބުނެފަ އެވެ.
އެ ގޮތުން، މި ފަހަރު ނެގި 18 ކުޅުންތެރިންގެ ސްކޮޑުގައި ހަތަރު ކީިޕަރުން ހިމެނެ އެވެ. އެއީ، މުހައްމަދު ލުފްސާން (ޕަފް)، އިބްރާހިމް ނާޖިހު (ހޭޓް)، އަބްދުﷲ ޒިމާމް އަދި ޒައިދާން އަހުމަދު (އަސޫ) އެވެ. ދެން ހިމެނޭ ކުޅުންތެރިންނަށް ބަލާއިރު، އޭޝިއަން ކަޕްގެ ސްކޮޑުގައި ހިމެނުނު، މުހައްމަދު އިމްރާން (އިންމި)، އިޝާން އިބްރާހިމް (ސައްޓު)، ހުޒައިފަތު ރަޝީދު (ހުޒޭ)، އަލީ ޝިޔާހު (ޝިޔަޅޭ)، އަލީ ޝަމާލް އަބްދުﷲ (ޝަންމު)، އަހުމަދު ރާހިލް ރަޝީދު (ރާއްކޮ)، ހަސަން ސުހައިލް (ސޮކޭ)، އަދި އިސްމާއިލް ވަޖީހު (ވައްޖެ) އަށް ވަނީ ސްކޮޑުން ފުރުސަތު ދީފަ އެވެ.
އޭޝިއަން ކަޕްގައި ކުޅުނު ކުޅުންތެރިންނަށް ބަލާއިރު، މި ފަަހަރުގެ ސްކޮޑުގައި ނުހިމެނެނީ، މުހައްމަދު ފާސިރު (ފާއްޓެ)، އަޔާޒް އަހުމަދު (އަޔާ)، އަލީ ހާފިޒު (ހާއްޕެ)، ސާމިން މުހައްމަދު ނަސީރު އަދި އަބްދުﷲ ނާސިހު އެވެ.
ޖެނުއަރީ 13-26 އަށް ތައިލެންޑުގެ ނޮންތަންބުރީގައި ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ސަރަހައްދުގެ ހަތް ޓީމުން ވާދަކުރާއިރު، މުބާރާތް ކުރިއަށްދަނީ ލީގު ފޯމެޓަށެވެ. ރާއްޖޭން ކުޅޭ ފުރަތަަމަ މެޗުގައި ޖެނުއަރީ 14 ވަނަ ދުވަހު ޕާކިސްތާނާ ބައްދަލުކުރާނެ އެވެ. ދެ ވަަަނަ މެޗުގައި ޖެނުއަރީ 16 ވަނަ ދުވަހު ބަންގްލަދޭޝާ ކުޅުމަށް ފަހު، ތިން ވަނަ މެޗުގައި ޖެނުއަރީ 20 ވަނަ ދުވަހު، އިންޑިއާއާ ކުޅޭނެ އެވެ. އަދި، ހަތަރު ވަނަ މެޗުގައި ޖެނުއަރީ 22 ވަނަ ދުވަހު ނޭޕާލާ ކުޅުމަށް ފަހު، ފަސް ވަނަ މެޗުގައި ޖެނުއަރީ 24 ވަނަ ދުވަހު، ބޫޓާނާ ކުޅުމަށް ފަހު، މުބާރާތުގައި ރާއްޖޭން ފަހު މެޗުގައި، ޖެނުއަރީ 26 ވަަނަ ދުވަހު ބައްދަލުކުރާނީ، ސްރީ ލަންކާއާ އެވެ.
Comment