Advertisement

ބޯހިޔާވެހިކަމުގެ ހާއްސަ އަހަރު ނުވި ކަމެއް މުއިއްޒުއަށް ބާކީ އޮތް ތިން އަހަރުން ނުކުރެވޭނެ: މަޓޭ

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުރޫފް ވާހަކަދައްކަވަނީ -- ފޮޓޯ: އެމްޑީޕީ


ބޯހިޔާވެހިކަމުގެ ހާއްސަ އަހަރު ނުވި ކަމެއް މުއިއްޒުއަށް ބާކީ އޮތް ތިން އަހަރުން ނުކުރެވޭނެ: މަޓޭ

މި އަހަރަކީ ބޯހިޔާވެހިކަމުގެ އަހަރު ކަމަށް މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، ބޯހިޔާވެހިކަމުގެ އެއްވެސް ކަމެއް ނުހިނގުމުން އެނގިގެންދަނީ ބާކީ އޮތް ތިން އަހަރުވެސް ބޯހިޔާވެހިކަން ފޯރުކޮށް ނުދެވޭނެކަން ކަމަށް ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު (މަޓޭ) މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޓޭ ވިދާޅުވީ މުއިއްޒުއަށް ދިވެހި އެއްވެސް ރައްޔިތަކަށް ބޯހިޔާވެހިކަން ފޯރުކޮށް ނުދެވޭނެކަން މަންޒަރުތަކުން ފެންނަމުންދާ ކަމަށެެވެ.

މިގޮތުން މި އަހަރަކީ ބޯހިޔާވެހިކަމުގެ ހާއްސަ އަހަރު ކަމަށް މުއިއްޒު ވިދާޅުވެ މި އަހަރު ތެރޭގައި ބޯހިޔާވެހިކަމުގެ އެއްވެސް ކަމެއް ނުވެ އޮތުމަކީ ވެރިކަމުގެ ބާކީ އޮތް ތިން އަހަރަކީވެސް ބޯހިޔާވެހިކަމުގެ ހާއްސަ އަހަރޭ ކިޔަސް ވާނެ ކަމެއް ނޫން ކަމަށް މަޓޭ ވިދާޅުވި އެވެ.

"މިއަދު ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ރައީސް މުއިއްޒަކަށް ދިވެހި އެއްވެސް ރައްޔިތަކަށް ބޯހިޔާވެހިކަމެއް ފޯރުކޮށެއް ނުދެވޭނެކަން. މިއަދާ ހަމައަށް އައިއިރު ފެންނަން ހުރި މަންޒަރަކީ އެއީ. މި އަހަރު ނިމި މިދަނީ ބޯހިޔާވެހިކަމުގެ ހާއްސަ އަހަރު،" މަަޓޭ ވިދާޅުވި އެވެ.

"ބޯހިޔާވެހިކަމުގެ ހާއްސަ އަހަރު ނުވި ކަމެއް ދެން ބާކީ އޮތް ތިން އަހަރުގައި އަނެއްކާވެސް އެއީ ބޯހިޔާވެހިކަމުގެ ހާއްސަ އަހަރޭ ކިޔައިގެން އުޅުނަސް އެހެން ކިޔަސްވެސް އެކަން ފޯރުކޮށެއް ނުދެވޭނެ."

މަޓޭ ވިދާޅުވީ ފުށިދިއްގަރުފަޅު 400 މިލިއަން ޑޮލަރަށް ހިއްކޭނެ ކަމަށް އެމްޓީސީސީން ބުނެފައި އޮއްވައި އެތަން 600 މިލިއަން ޑޮލަރަށް އެހެން ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދަނީ ވައްކަން ކުރުމުގެ ބޭނުމުގައި ކަމަށާއި އެތަނުން ދިވެހި ރައްޔިތުންނަށް ގޯއްޗެއް ވެސް ނުދެވޭނެ ކަމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 9، ގައި ހިންމަފުށި ރައްޔިތުންނާ ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ ގެދޮރު ބިނާކުރުމުގެ އެންމެ ގިނަ މަޝްރޫއު އެއް އަހަރު ތެރޭގައި ކުރިއަށް ގެންދެވޭ އަހަރަށް މި އަހަރު ވެގެންދާނެ ކަމަށެވެ.

"ގެދޮރު ބިނާކުރުމުގެ އެންމެ ގިނަ މަޝްރޫއުތައް އެއް އަހަރުގެ ތެރޭގައި ކުރިއަށް ގެންދެވޭ އަހަރަށް އިރާދަކުރެއްވިއްޔާ 2025 ވާނެ، އަޅުގަނޑުމެން ވާނީ ވަރަށް ގިނަ ރަށްރަށުގައި ގެދޮރުގެ މަޝްރޫއުތައް ހިންގުމަށް ވައުދުތަކެއް އިންތިހާބުގައި ވެފައި،" މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް މުއިއްޒު ވިދާޅުވި ގޮތަށް މި އަހަރު ބޯހިޔާވެހިކަމުގެ އެއްވެސް މަޝްރޫއެއް ކުރިއަށް ގެންދެވިފައެއް ނުވެ އެވެ. އެއްވެސް މަޝްރޫއެއްގެ އަމަލީ މަސައްކަތް ވެސް ފެށިފައެއް ނުވެ އެވެ.

މި ސަރުކާރުގެ އެންމެ ބޮޑު ވައުދު ކަމަށްވާ ބޯހިޔާވެހިކަމުގެ މަޝްރޫއުތައް އެދެވޭ ބާރު މިނުގައި ނުހިނގާތީ އެކަމާ ގުޅޭގޮތުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.