Advertisement

ލިވަޕޫލުން ލޯނަކަށް ރާމޯސް ގެނެވޭތޯ ބަލަނީ

about 2 hours 0


ލިވަޕޫލުން ލޯނަކަށް ރާމޯސް ގެނެވޭތޯ ބަލަނީ

about 2 hours 0

މޮނާކޯ (ޑިސެމްބަރު 29) - ޕީއެސްޖީ އަށް ކުޅެމުން އަންނަ ޕޯޗުގީސް ފޯވާޑް، ގޮންޒާލޯ ރާމޯސް ލޯން ޑީލެއްގައި ގެންނަން ލިވަޕޫލުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ލިވަޕޫލަށް ކުޅެމުން އަންނަ ސްވިޑެންގެ ފޯވާޑް، އަލެކްސަންޑަ އިސާކް، 26، ގެ ފައިގައި ރެނދުލައި ލިބުނު އަނިޔާގެ ސަބަބުން 3-4 މަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހިފަ އެވެ. އެހެންވެ، އަންނަ މަހުގެ ޓްރާންސްފާ މާކެޓްގައި ލިވަޕޫލުން އަންނަނީ ފޯވާޑެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

އެ ގޮތުން، ލިވަޕޫލުން ގެންނަން މަސައްކަތްް ކުރާ ފޯވާޑުންގެ ތެރޭގައި، ބޮރޫޝިއާ ޑޯޓްމަންޑްގެ ކަރީމް އަޑެޔޭމީ އާއި އެތުލެޓިކޯ މެޑްރިޑްގެ އަލެކްސަންޑަ ސޯލޯތު އަދި ރާމޯސް ހިމެނެ އެވެ.

މީގެ ތެރެއިން، ރާމޯސް، 24، އަކީ ލިވަޕޫލްގެ ކޯޗު އާނާ ސްލޮޓް ގެންނަން ބޭނުންވާ ފޯވާޑެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ، ރާމޯސް ބޭނުންކުރަމުން އަންނަނީ ބެންޗުން އަރާ ކުޅުންތެރިއެއްގެ ގޮތުގަ އެެވެ. އެ ގޮތުން، ފްރެންޗް ލީގުގެ 16 މެޗުގެ ތެރެއިން ރާމޯސް ފަށާފައިވަނީ އަށް މެޗުގަ އެވެ. އެ މެޗުތަކުގައި ޖެހިފައިވަނީ ހަތަރު ލަނޑެވެ.

އަންނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅޭ ޕޯޗުގަލް ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ހޯދުމަށް ރާމޯސް ގިނަ މެޗުތަކުގައި ކުޅެން ބޭނުންވާއިރު، ލިވަޕޫލްްގެ މި ފުރުސަތުގެ ބޭނުން ހިފަން އޭނާ ވިސްނަމުން އަންނަ ކަމަށް ޕޯޗުގީސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

މީގެ ދެ އަހަރު ކުރިން ބެންފީކާ ދޫކޮށް ރާމޯސް، ޕީއެސްޖީ އަށް ދިޔައީ ލޯނަކަށް، އެއް އަހަރަށް ފަހު 20 މިލިއަން ޑޮލަރަށް ދާއިމީ އެއްބަސްވުމަކަށް ބަދަލުވާ ގޮތަށެވެ. ޕީއެސްޖީއާ އެކު، ރާމޯސް ހަދާފައި އޮތް ކޮންޓްރެކްޓް އޮތީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ޕީއެސްޖީ އަށް ކުޅެދިން 109 މެޗުން ވަނީ 42 ލަނޑު ޖަހައިފަ އެވެ.