14 ފެބުރުވަރީ 2026 - 11:10 0
14 ފެބުރުވަރީ 2026 - 11:10 0
ޕެރިސް (ފެބްރުއަރީ 14) - ފްރެންޗް ލީގުގައި ރޭ ރެން އަތުން 3-1 އިން ބަލިވެ، ޕީއެސްޖީ އަށް ލީގު ތާވަލުގެ އެއް ވަނަ ގެއްލުމުގެ ބިރު ބޮޑުވެއްޖެ އެވެ.
މި ވަގުތަށް ބަލާއިރު، ފްރެންޗް ލީގުގެ އެއް ވަނައިގައި އޮތީ 22 މެޗުން 51 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލޯންސް އަށް ވަނީ 21 މެޗުން 49 ޕޮއިންޓް ލިބިފަ އެވެ. މިރޭ ޕެރިސް އެފްސީ ދަނޑުގައި ލޯންސް މޮޅުވެއްޖެނަމަ، އެ ޓީމަށް އެއް ވަނަ އަށް އެރޭނެ އެވެ.
ރެން ދަނޑުގައި ރޭ ކުޅުނު މެޗުގައި، ޕީއެސްޖީ އަށް ލީޑުނަގައިދޭން ޑެޒެއާ ޑޫއޭ އާއި އޮސްމާން ޑެމްބެލޭ ފޮނުވާލި ހަމަލާތައް ގޯލަކަށް ހަދައެއްނުލެވުނެވެ. ޖޯޑަން ގައުމީ ޓީމުގެ ފޯވާޑް، މޫސާ އަލް-ޓަމާރީ ވަނީ 34 ވަނަ މިނިޓްގައި ގޯލުގެ ތިރީ ކަނަށް ބޯޅަ ވައްދާލައިގެން އެ ޓީމަށް ލީޑުނަގައިދީފަ އެވެ. އަދި، މެޗުގެ 69 ވަނަ މިނިޓްގައި، އެސްޓެބާން ލެޕޯލް ބޮލުން ޖެހި ގޯލުން ރެން އިން ލީޑުފުޅާކުރި އެވެ.
މެޗުގައި ރެން އިން ލީޑުފުޅާކުރިތާ ދެ މިނިޓް ފަހުން، އޮސްމާން ޑެމްބެލޭ ވަނީ ޕީއެސްޖީ އަށް ލަނޑެއް ޖަހައިދީ ފަރަގުކުޑަކޮށްފަ އެވެ. އެކަމަކު، އޭގެ 10 މިނިޓް ފަހުން، މެޗުގެ 81 ވަނަ މިނިޓްގައި، ރެންގެ ބްރީލް އެމްބޯލޯ ވަނީ ގޯލު ޖަހައި، އެ ޓީމަށް މެޗުގެ ތިން ޕޮއިންޓް ހޯދައިދީފަ އެވެ.
ލީގުގެ ފަސް ވަނައިގައި ރެން އޮތީ 22 މެޗުން 34 ޕޮއިންޓް ހޯދައިގެންނެވެ.
Comment