about 2 hours 0
about 2 hours 0
ޕެރިސް (ފެބްރުއަރީ 13) - ސުޕަ ލީގުގެ ކަންކަން ހުއްޓާލައި، ރެއާލް މެޑްރިޑުން ނިންމި ނިންމުމަށް ޕީއެސްޖީ އަދި ޔޫރަޕިއަން ކްލަބް އެސޯސިއޭޝަން (އީސީއޭ)ގެ ރައީސް، ގަތަރުގެ ނާސިރު އަލް ހެލައިފީ މަރުހަބާ ކިޔައިފި އެވެ.
މީގެ ފަސް ވަރަކަށް އަހަރު ކުރިން، ރެއާލާއި ޔޫރަޕްގެ ވަރުގަދަ ގިނަ ކްލަބްތަކުން އެކުވެ، ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާ އިން ބޭރުން، ގިނަ ކްލަބްތަކެއް ހިމެނޭހެން، ޔޫރަޕިއަން ސުޕަ ލީގެއް ބާއްވަން އިއުލާނުކޮށް މަސައްކަތް ފެށި އެވެ. އޭގެ ފަހުން، މި ވީ މުއްދަތުގައި، ޔޫރަޕިއަން ސުޕަ ލީގުގެ މަސައްކަތްތަކާ ގުޅޭ މައްސަލަތަކެއް ކޯޓު މަރުހަލާގައި ވެސް ކުރިއަށްދިޔައިރު، އެ މަސައްކަތް ހުއްޓާނުލައި، ކުރިއަށްގެންދަން ބާރު އަޅަމުން އައީ ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އެވެ.
އެކަމަކު، ޕެރޭޒް އިސްވެވަޑައިގެން، ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން އާއި ހެލައިފީއާ އެކު، ބޭއްވި ބައްދަލުވުންތަކަށް ފަހު، ޔޫރަޕިއަން ސުޕަ ލީގުގެ ކަންކަން އެއްކޮށް ވަނީ މަޑުޖައްސާލައިފަ އެވެ.
މި ކަމާ ގުޅޭތުން، ހެލައިފީ ވިދާޅުވީ، މީގެއިން ހުރިހާ މޮޅެއް ލިބިފައިވަނީ ވަކި ބަޔަކަށް ނޫން ކަމަށާއި މިއީ، ޔޫރަޕްގެ ފުޓްބޯޅަ ރަނގަޅަށް ކުރިއަށްދިއުމަށް ބަލާއިރު، ޔުއެފާ އާއި ރެއާލުން އެކުގައި ގުޅިގެން ނިންމި ވަރަށް މުހިންމު ނިންމުމެއް ކަމަށެވެ.
"އެއްވެސް މީހަކަށް މީގެއިން ބަޔަކު ބަލިވެއްޖެ ކަމަށް ދޭހަވާނަމަ އެއީ ގޯހެއް. މުހިންމު ކަމަކީ މީގެއިން އެންމެނަށް ފައިދާ، ޔޫރަޕްގެ ފުޓްބޯޅަ އަށް ރަނގަޅު ކުރިމަގަކަށް ދޮރުތަކެއް ހުޅުވިގެންދާނެ. އެއީ، ސަޕޯޓަރުންނަށް އެންމެ މުހިންމުވާނެ ކަމަކީ،" ހެލައިފީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ޔޫރަޕްގެ ފުޓްބޯޅަ އަށް ފައިދާވާނެ ގިނަ އިންވެސްޓްމަންޓްތަކެއް ފެނިގެންދާނެ ކަމަށެވެ.
Comment