about 2 hours 0
ލީވާން އަލީ ނާސިރު
ރަސްމާލެ ހިއްކަމުންދާ ސަރަހައްދު މުއިއްޒު އާއި ސަރުކާރުގެ ވެރިން ބައްލަވަލަނީ. -- ފޮޓޯ: ރައީސް އޮފީސް
about 2 hours 0
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަކީ މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެންމެ ބޮޑަށް ވައްކަން ކޮށްދޭ މަރުކަޒަށް ވެފައިވާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފިއެވެ.
ރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ގުޅިގެން ރައީސް މުއިއްޒަށް ބޭނުންވާ ވައްކަންތައް ކޮށްދެމުންދާ ކަމަށެވެ. އެގޮތުން ފުށިދިއްގަރުފަޅުގައި ތަރައްގީކުރާ ރަސްމާލެ ހިއްކުމުގެ ބިޔަ މަޝްރޫއު ކުރިއަށް ގެންދަނީ ކޮރަޕްޝަނުގެ ތެރެއިން ކަމަށް އެ މަނިކުފާނު ތުހުމަތު ކުރެއްވިއެވެ.
ރައީސް ޔާމީން ފާހަގަކުރެއްވި ގޮތުގައި، ރަސްމާލެ ހިއްކުމަށް ބޭނުންކުރާ ކޮންމެ ކޮޑި މީޓަރަކަށް އެމެރިކާގެ ދެ ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަގަމުންދެއެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުނުކޮށް، އެމްއޭސީއެލްއިން އަލަށް އުފެއްދި ކުންފުންޏަކާ ހަވާލުކުރީ ރާއްޖޭގެ ކުންފުންޏަކުން އެ މަސައްކަތް ކުރާނަމަ މިފަދަ ވައްކަންތައް ކުރަން ދަތިވާނެތީ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
"ހިޔާލަށް ގެންނަވާ ކިތައް ކޮޑި މީޓަރުތޯ އެތަން ހިއްކަން ޖެހޭނީ. ކޮންމެ ކޮޑި މީޓަރަކުން އެ ދާންވާ ދިމާއަކަށް ދެ ޑޮލަރު، އެމެރިކާގެ ދެ ޑޮލަރު އެބަދޭ،" ޔާމީން ވިދާޅުވިއެވެ.
"އެތަނުގައި [އެމްއޭސީއެލްގައި] ސީއީއޯއަކަށް އެހުރި ޝަރީފު އާއި އޭނާގެ އަޚަހަށް އެހުރި ޒަމީރު، ފިނޭންސް މިނިސްޓަރު މި ދެ މީހުން މިހުރިހާ ވައްކަންތަކެއް ކޮންދެނީ މިހާރު މުއިއްޒުއަށް."
ފުށިދިއްގަރު ފަޅު ހިއްކުމުގެ އީއައިއޭ ރިޕޯޓުގައިވާ ގޮތުން، 1,009 ހެކްޓަރުގެ ބިން ހިއްކުމަށް 41.2 މިލިއަން ކޮޑިމީޓަރުގެ ވެލި ބޭނުންވެއެވެ. މިއީ އޮލިމްޕިކް ސައިޒުގެ 16,500 ސްވިމިން ޕޫލް ފުރާލެވޭހާ ބޮޑު މިންވަރެކެވެ.
ޔާމީން ވަނީ މިހާ ބޮޑު މަޝްރޫއަކުން ކޮންމެ ކޮޑި މީޓަރަކުން ދެ ޑޮލަރު ނަގަމުންދާ ކަމަށް ވިދާޅުވެ، މިއީ އެމްއޭސީއެލް ތެރެއިން ހިންގާ ބޮޑު "ސަކަރާތެއް" ކަމަށް ސިފަކުރައްވާފައެވެ.
Comment