Advertisement

ޓެރަރިޒަމްގެ ތިން ދައުވާއެއް ސާބިތުވެ ހޫދު 23 އަހަރަށް ޖަލަށް


ޓެރަރިޒަމްގެ ތިން ދައުވާއެއް ސާބިތުވެ ހޫދު 23 އަހަރަށް ޖަލަށް

ޔޫރަޕުގެ ދެ ގައުމެއްގެ އިދާރާއަކާއި އެމެރިކާގެ އެފްބީއައިއާ ގުޅިގެން 2022 ވަނަ އަހަރު ފުލުހުން ހައްޔަރުކުރި ވ. ދެލްވައްތަ، ހޫދު މުހައްމަދު ޒާހިރު (އައިސިސް ހޫދު) ގެ މައްޗަށް އުފުލާފައިވާ ތިން ދައުވާއެއް ސާބިތުވެ 23 އަހަރަށް ޖަލަށް ލާން މިއަދު ހުކުމްކޮށްފި އެވެ.

ހޫދުގެ މައްޗަށް ޓެރަރިސްޓް ޖަމައާތެއްގެ މެންބަރަކަށްވުމުގެ ކުށުގައި އުފުލި ދައުވާ ސާބިތުވެ 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގައި އުފުލި ދައުވާ ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ.

މީގެއިތުރުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގައި އުފުލި ދައުވާ ސާބިތުވުމުން ތިން އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ.

ހޫދު ހައްޔަރު ކޮށްފައިވަނީ ވިލިމާލޭގައި ފުލުހުން ހިންގި އެންޓި ޓެރަރިޒަމްގެ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. ޔޫރަޕުގެ ބައެއް ގައުމުތަކުގެ އިސްވެރިންގެ ފުރާނައަށް ނުރައްކާވާ ފަދަ ހަމަލާ ދިނުމަށް ގޮވާލައި އެފަދަ ކަންކަން ކުރުމަށް ހިތްވަރު ދީފައިވާ ކަމަށް އޭނާއަށް ތުހުމަތު ކުރި އެވެ.

އޭނާ 2015 ވަނަ އަހަރުން ފެށިގެން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެކި ނަންނަމުގައި އެކައުންޓްތައް ހަދައިގެން، އައިއެސް އަށް ތާއީދުކޮށް އެ ޖަމާއަތުގެ ޕްރޮޕެގެންޑާ ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވަމުން ދިޔަ ކަމަށް ފުލުހުން އޭރު ބުންޏެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހިއްސާކުރި މެސެޖެއްގައި ހޫދު ސިފަކުރީ އައިއެސްގެ ޕްރޮޕަގެންޑާ ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހެއްގެ ގޮތުގަ އެވެ. އަދި، މިފަދަ ލިޔުންތައް ތައްޔާރުކޮށް، ތަރުޖަމާކުރުމާއި، ދައުރުކުރުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރި ކަމަށް އެ އޮފީހުން ބުނެފައި ވެ އެވެ.

ވިލިމާލޭގައި އުމުރުން 14 އަހަރުގެ ކުޑަކުއްޖަކު ގޭންގް ރޭޕް ކުރި މައްސަލައެއްގައި ހައްޔަރުކުރި ހަ މީހުންގެ ތެރޭގައި ހޫދު ހިމެނެ އެވެ. ނަމަވެސް އެ މައްސަލައިގައި އޭނާގެ މައްޗަށް އެފަހަރު އުފުލި ދައުވާ ސާބިތެއް ނުވެ އެވެ.

އެޑިޓަރުގެ ނޯޓު


ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ފަހުން ލިބުނު މައުލޫމާތާއެކީ ހަބަރު އަދާހަމަ ކުރެވިފައި.