Advertisement

ހުޅުމާލެ ފޭސް ތިނެއްގެ 75 ޕަސެންޓު ހިއްކާ ނިމިއްޖެ ކަމަށް އެމްއޭސީއެލް އިން ބުނެފި

ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް ހިއްކާފައިވާ ބިމުގެ ބައެއް --- ފޮޓޯ: އެމްއޭސީއެލް


ހުޅުމާލެ ފޭސް ތިނެއްގެ 75 ޕަސެންޓު ހިއްކާ ނިމިއްޖެ ކަމަށް އެމްއޭސީއެލް އިން ބުނެފި

މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ނިމިދިޔަ ސަރުކާރުން ހިންގި 'ބިންވެރިޔާ' ސްކީމުގެ ދަށުން ގޯތި ކަނޑައަޅާފައިވާ ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް، މެދުކެނޑުމަކަށްފަހު މިދިޔަ މަހު އަލުން ފަށައި، ހިއްކަން ޖެހޭ ޖުމްލަ ބިމުގެ 75 އިންސައްތަ ނިމިފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެފިއެވެ.

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ކުރަނީ އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ މެރިން އެންޑް އިންޓަގްރޭޓަޑް އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް އިންނެވެ.

މަސައްކަތް ހުއްޓިފައި އޮންނަތާ އަހަރެއްހާ ދުވަސް ފަހުން، ނޮވެމްބަރު 10 ގައި އަލުން މަސައްކަތް ފެށިއިރު، ފޭސް 3 ގެ ގޮތުގައި ހުޅުމާލެ ފަޅުން ހިއްކަން ކަނޑައަޅާފައިވާ ޖުމްލަ 63 ހެކްޓަރުގެ ތެރެއިން ކުރިން ހިއްކިފައި އޮތީ 24 ހެކްޓަރެވެ. ނަމަވެސް، މިދިޔަ ދޮޅު މަހެއްހާ ދުވަހު ދެ ޑްރެޖަރުން ބޭނުންކޮށްގެން ކުރި މަސައްކަތުން، މިހާރު ޖުމްލަ 47 ހެކްޓަރު ހިއްކާ ނިމިފައިވާ ކަމަށް އެމްއޭސީއެލް އިން އިއްޔެ ހާމަކުރިއެވެ. މިއީ މުޅި މަޝްރޫއުގެ 75 ޕަސެންޓެވެ.

ފޭސް 3 ހިއްކުމަށް އެ ސަރަހައްދަށް ކުނި އަޅަމުންދިޔަ މައްސަލައެއް މި ފަހުން ވަނީ ފެންމަތިވެފައެވެ. އެކަމާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެފަދަ ކަމެއް ހިނގާފައި ނުވާ ކަމަށެވެ. ނަމަވެސް، މި ނޫހުގެ ނޫސްވެރިން އެ ސަރަހައްދަށް ގޮސް ބެލިއިރު، ބިން ހިއްކަން ކުނި އަޅަމުންދިޔަކަން ފާހަގަކުރެވުނެވެ. އެ ހަބަރު ވީޑިއޯއާއެކު އާންމުކުރުމުން، ރައީސް އޮފީހުގެ އެންގުމަށް އެ ސަރަހައްދުގައި ހުރި ކުނިތައް މިހާރު ވަނީ ނަގާފައެވެ.

ހުޅުމާލެ ފޭސް 3 ހިއްކާ ނިންމުމަށް މުއިއްޒު އެންމެ ފަހުން ދެއްވި ތާރީހަކީ މިއަހަރުގެ ޖުލައި މަހެވެ. އެމަނިކުފާނު އެ ތާރީހު ދެއްވީ މިއަހަރުގެ ރިޔާސީ ބަޔާނުގައެވެ. މަސައްކަތް އަލުން ފެށި ނަމަވެސް، މުޅި މަޝްރޫއު އެއްކޮށް ނިންމާލެވޭނެ ތާރީހެއް ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.

މިހާރު ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ ހުޅުމާލޭގެ މާސްޓާ ޕްލޭނަށް ބޮޑު ބަދަލުތަކެއް ގެނައުމަށްފަހުއެވެ. އެގޮތުން، މަޝްރޫއު ފެށިއިރު ފޭސް 2 އާއި ފޭސް 3 ވަކިން އޮންނަ ގޮތަށް ކޯރު ކަނޑާފައި އޮތް އޮތުން ބަދަލުކޮށް، މިހާރު ހިއްކަމުންދަނީ ދެ ފިޔަވަހި ގުޅުވާލައިގެންނެވެ. މީގެ ސަބަބުން ފޭސް 2 ގެ ފަރުކޮޅުފުއްޓާއި ފޭސް 3 މިހާރު ވަނީ އެއްފަސްވެފައެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކަން ފުރަތަމަ ފެށީ ސެޕްޓެމްބަރު 22، 2023 ގައެވެ. އޭގެ ފަހުން އައި މެދުކެނޑުމަކަށްފަހު، މި ސަރުކާރުން މިދިޔަ ޖެނުއަރީ މަހުވެސް މަސައްކަތް ފެށިއެވެ. ނަމަވެސް ތަފާތު ސަބަބުތަކާހުރެ މަސައްކަތް އަނެއްކާވެސް މަޑުޖެހިފައި އޮތުމަށްފަހު، އެޗްޑީސީން މާސްޓާ ޕްލޭނަށް ބަދަލު ގެނައީ މިދިޔަ މެއި މަހުއެވެ.