about 2 hours 0
ސާއިފް ޝިޔާދު
ޝުޖާއު އުސްމާން އަދި ރައޫފް. ދެ ބޭފުޅުން ވެސް އިސްތިއުފާ ދެއްވީ ސުލޫކީ މައްސަލަތަކެއް ސާބިތުވެ ވަކިކުރުމަށް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް
about 2 hours 0
ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވިއިރު، އެ މަގާމުތަކަށް 19 ބޭފުޅަކު ކުރިމަތިލައްވާފައިވާކަން އެނގިއްޖެ އެވެ.
ފަނޑިޔާރުކަމަށް ކުރިމަތިލާ ބޭފުޅުންގެ އިންޓަވިއުތައް ނިމުމުގެ ކުރިން މިހާރު ޖޭއެސްސީން ނަންތައް އިއުލާނެއް ނުކުރެ އެވެ.
ނަމަވެސް އިތުބާރު ހުރި މަސްދަރުތަކުން ކަށަވަރުވެފައިވާ ގޮތުގައި ހައިކޯޓުގެ ހުސްވެފައިވާ ދެ މަގާމަށް ހުށަހެޅުއްވި ބޭފުޅުންގެ ތެރޭގައި ހައި ކޯޓުގެ ކުރީގެ އިސް ގާޒީ ޝުޖާއު އުސްމާނު އާއި ޕީއެންސީގެ ޓިކެޓުގައި މަޖިލިސް އިންތިހަބުގައި ކެޔޮދޫ ދާއިރާއަށް ވާދަކުރެއްވި އަބްދުއްރައޫފު ހިމެނެ އެވެ.
ހައިކޯޓުގެ ބެންޗުން ދެ މަގާމު ހުސްވީ، ފަނޑިޔާރު މުހައްމަދު ނިޔާޒު ރިޓަޔާކުރެއްވުމާއި، ފަނޑިޔާރު މުހައްމަދު ފައިސަލް އިސްތިއުފާ ދެއްވުމުންނެވެ. މި ދެ ބޭފުޅުން ވެސް މަގާމުން ވަކިވެވަޑައިގަތީ ތުހުމަތު ކުރެވޭ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފަށާފައި ވަނިކޮށް ކަމަށް އަދަދު ނޫހަށް އެނގިފައިވެ އެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ދަށު ކޯޓުތަކުގެ ގާޒީންނާއި، މެޖިސްޓްރޭޓުންގެ އިތުރުން ތަޖުރިބާކާރު ގާނޫނީ ވަކީލުން ހިމެނެ އެވެ. ޖޭއެސްސީން އަދި ރަސްމީކޮށް ނަންތައް އިއުލާނު ނުކުރި ނަމަވެސް، މި މަރުހަލާގައި ކުރިމަތިލީ ފަރާތްތަކުގެ ފެންވަރު ބެލުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.
މި ބޭފުޅުންގެ ތެރެއިން ރައޫފު އާއި ޝުޖާއު ހައިކޯޓުގެ ފަނޑިޔާރުކަން ދޫކޮށްލެއްވީ ސުލޫކީ މައްސަލަތަކެއް ބަލައި މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމުމުންނެވެ.
ސުޕްރީމް ކޯޓަށް އައްޔަނުކުރުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2019 ވަ އަހަރު ފޮނުވި ނަންތަކުގެ ތެރޭގައި ވެސް ރައޫފްގެ ނަން ހިމެނުނެވެ. ނަމަވެސް އޭނާ އައްޔަނުކުރަން ޖޭއެސްސީން ލަފާ ނުދިނީ ތިން ޝަކުވާއެއް އޭނާއާ މެދު ހުށަހެޅުމުންނެވެ.
ރައޫފް ޕީޕިއެމްއަށް ސޮއިކުރުމަށްފަހު ފޯމު ހަވާލުކުރަނީ
އޭގެ ތެރެއިން އެއް ޝަކުވާއަކީ އެއީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ދޫކުރި ފްލެޓުތަކެއް ހާއްސަ އަގުތަކެއްގައި ގަތް މައްސަލަ އެވެ. އެ ކަމުގެ ބަދަލެއްގެ ގޮތުން އެ ކޯޓުގެ ގަޒިއްޔާއެއްގެ ހުކުމް ކުރުމަށް ނިންމެވި ކަމަށް ތުހުމަތުކޮށް ބެލި އެ ސުލޫކީ މައްސަލަ ސާބިތުވާ ކަމަށް ޖޭއެސްސީން ކަނޑައެޅި އެވެ. އެ ފްލެޓުތައް ފަނޑިޔާރުންނަށް ހާއްސަ އަގެއްގައި ވިއްކިއިރު ހައުސިން މިނިސްޓަރަކަށް ހުންނެވީ މިހާރު ރައީސް މުހައްމަދު މުއިއްޒު އެވެ.
ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސަކަން ވެސް ރައޫފް އިސްތިއުފާ ދެއްވީ އެ މައްސަލަ މަޖިލީހަށް ފޮނުވާފައި ވަނިކޮށް މެއި 31، 2022 ގަ އެވެ. މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ސެޕްޓެމްބަރު 21، 2023 ގައި އޭނާ ޕީޕީއެމްއަށް ވެސް ސޮއިކުރެއްވި އެވެ.
މެޖިސްޓްރޭޓްކަން ކުރެއްވުމަށް ފަހު ޝުޖާއު އުސްމާން މަސައްކަތް ކުރެއްވީ ކްރިމިނަލް ކޯޓުގަ އެވެ. އެ ދުވަސްވަރު ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި 2013 ވަނަ އަހަރު އެކުލަވާލި ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަން ކުރެއްވި މުހައްމަދު ނާޒިމްގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ބެލި ފަނޑިޔާރުންގެ ބެންޗުގައި ޝުޖާއު އުސްމާން ހިމެނެ އެވެ. އެ ދެ ބޭފުޅުންގެ މައްޗަށް ވެސް ދައުވާ ސާބިތުވެ ޖަލަށްލުމަށް ހުކުމް ކުރި އެވެ.
މި ޝަރީއަތްތަކަކީ އަވަސް އަރުވާލައިގެން ހިންގި ޣައިރު ގާނޫނީ ޝަރީއަތްތަކެއް ކަމަށް ރާއްޖެ އާއި ރާއްޖޭން ބޭރުގެ ގިނަ ބަޔަކު އޭރު ބުނަމުންދިޔަ އެވެ. މާޗު 2015 ގައި އެ ޝަރީއަތްތައް ނިންމުމަށް ފަހު ހަމަ އެ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޝުޖާއު އުސްމާން ހައި ކޯޓަށް "ޕްރޮމޯޓް" ވި އެވެ. އެއީ ދެ ބޭފުޅުންގެ މައްޗަށް ހުކުމް ކުރުމުން އޭރު އޮތް ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުން ދިން ހަދިޔާއެއް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރި އެވެ.
އެއަށްފަހު އައްޑޫ ސިޓީގައި ގާއިމުކުރި ހައި ކޯޓުގެ ދެކުނު ގޮފީގައި މަސައްކަތް ކުރެއްވުމަށް ފަހު ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށް އޭނާ އައްޔަނުކުރީ އޮގަސްޓު 2018، ގަ އެވެ. އޭނާގެ އެތައް މައްސަލައެއް ޖޭއެސްސީން ބެލި އެވެ.
ޝުޖާއު އުސްމާން ޔާމީންގެ ކެމްޕޭން ދަތުރެއްގައި ވަޑައިގަތުމުން ސަފުގެ އެންމެ ކުރީގައި ހުންނަވައި ސަލާމް ކުރައްވަނީ
އޭގެ ތެރޭގައި 2018 ވަނަ އަހަރު ބޭއްވި އިންތިހާބުގެ ކެމްޕޭނުގައި ގއ. ގެމަނަފުއްޓަށް ނުރަސްމީ ދަތުރެއްކޮށް، ޔާމީނަށް ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރެއްވުމާއި، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި މީހެއްގެ އާއިލާއާ ބައްދަލުކޮށް، ވޯޓު ދީފިނަމަ އޭނާ މިނިވަން ކުރަން މަޝްވަރާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް ހިމެނެ އެވެ.
އެ މައްސަލަތައް ބަލައި އޭނާ ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ވެސް ފޮނުވި އެވެ. އެ މައްސަލަ ފޮނުވާފައި އޮއްވައި އިންސާފު ގާއިމުކުރެވެން ނެތް ކަމަށް ވިދާޅުވެ އެ މަގާމުން ޝުޖާއު އުސްމާން އިސްތިއުފާ ދެއްވީ އޮގަސްޓު 17، 2020 ގަ އެވެ.
މަގާމުން އިސްތިއުފާ ދެއްވިތާ ދެ ހަފުތާ ނުވަނީސް އޭރު އިދިކޮޅުގައި އޮތް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަބްދުއްރަހީމް އަބްދުالله ފުލުހަށް ހާޒިރު ކުރި ދުވަހު ވަކީލެއްގެ ގޮތުގައި ޝުޖާއު އުސްމާން އަބްދުއްރަހީމް އާއެކު ވަޑައިގަތެވެ.
Comment